މޫސާ ރަޝީދު

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ އަށް ހާއްސަކޮށް ބެއްވި ހިޔާލު ހޯދުމުގެ ވޯޓާއެކު އެ ސިޓީ ބައިބައި ވެއްޖެ އެވެ. އެއް އިދާރީ ދާއިރާއެއްގެ ގޮތުގައި އޮތް އެ އަތޮޅުގައި މިހާރު ތިން އިދާރީ ދާއިރާއެއް އޮންނާނެ އެވެ. މުޅިން އަލަށް ހުޅުދޫ ކައުންސިލަކާއި މީދޫ ކައުންސިލެއް ވަނީ އުފެދިފަ އެވެ.

މި ބޮޑު ނިންމުން އެއް ބަޔަކަށް ވެގެން ދިޔައީ ވަރަށް ހިތްދަތި ކަމަކަށެވެ. ބައިބައިވެ ލިބުނު ނިކަމެތި ކަމަކަށެވެ.

ނަމަވެސް އަނެއް ބަޔަކަށް މިއީ ބޮޑު އުފަލެކެވެ. މިނިވަންވުމެވެ. އެކަމުގެ އުފަލުގައި ހަވާ އަރުވަން ވެސް ވަނީ ނިންމައިފަ އެވެ.

މި ތާރީހީ ވޯޓުން ފެނިގެން ދިޔައީ ހަމައެކަނި އައްޑޫގެ އިދާރީ ދާއިރާތައް ބެހިގެން ދިޔަ ގޮތެއް ނޫނެވެ. މި ނަތީޖާތަކުން ތަފާތު އެކި ވާހަކަ ކިޔައިދީ ސިޔާސީ އެތައް ކަމެއް ހާމަވެގެން ދިޔަ އެވެ.

އިންތިހާބުގެ ނަތީޖާ

އައްޑޫގެ ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ އާންމު ކޮށްފަ އެވެ. މިއީ ވަކިވަކި ރަށްރަށާއި ކުރި ސުވާލުތަކާއި އެ ރަށްރަށުން ވޯޓު ދިން ގޮތުގެ ތަފްސީލެވެ؛

އައްޑޫ އަތޮޅު މީދޫ އަށް ހާއްސަ ކުރެވިގެން، އައްޑޫ އަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭތަ؟

ފެންނަ ކަމަށް ވޯޓު ދިނީ 847 މީހުން - 85.47 ޕަސެންޓް

ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުން - 14.53 ޕަސެންޓް

  • ސައްހަ ވޯޓު: 991
  • ބާތިލް ވޯޓު: 17
  • ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 2347
  • ވޯޓުގައި ބައިވެރިވީ: 42.95 ޕަސެންޓް

އައްޑޫ އަތޮޅު ހުޅުދޫ އަށް ހާއްސަ ކުރެވިގެން، އައްޑޫ އަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތަ؟

ފެންނަ ކަމަށް ވޯޓު ދިނީ 723 މީހުން - 68.73 ޕަސެންޓް

ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުން - 31.27 ޕަސެންޓް

  • ސައްހަ ވޯޓު: 1052
  • ބާތިލް ވޯޓު: 17
  • ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 2874
  • ވޯޓުގައި ބައިވެރިވީ: 37.20 ޕަސެންޓް

އައްޑޫ އަތޮޅު ފޭދޫ އަށް ހާއްސަ ކުރެވިގެން، އައްޑޫ އަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭތަ؟

ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުން - 25.67 ޕަސެންޓް

ނުފެންނަ ކަމަށް ވޯޓު ދިނީ 1784 މީހުން - 74.33 ޕަސެންޓް

  • ސައްހަ ވޯޓު: 2400
  • ބާތިލް ވޯޓު: 36
  • ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު: 4355
  • ވޯޓުގައި ބައިވެރިވީ: 55.94 ޕަސެންޓް

ދެބައިވީ މަދު ބައެއްގެ ވޯޓުން

އައްޑޫ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އެ ސިޓީގެ "ގިނަ ރައްޔިތުންތަކެއް" އެކަމަށް އެދޭތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަން އެންމެ ބޮޑަށް ބޭނުންވެފައި ހުރީ ވޯޓުގެ ނަތިޖާ އިން ވެސް ފެންނަ ގޮތުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނެވެ.

އެހެން ނަމަވެސް ނަތީޖާ އިން ފެންނަ އަނެއް މަންޒަރަކީ މިކަން އެންމެ ބޮޑަށް ބޭނުންވި އެ ދެ ރަށުގެ ގިނަ މީހުން ވޯޓުގައި ބައިވެރިވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތުމެވެ. ހުޅުދޫން ވޯޓުގައި ބައިވެރިވީ 37 ޕަސެންޓު މީހުންނެވެ. މީދޫން ބައިވެރިވީ 42 ޕަސެންޓެވެ.

ދެ ރަށުން ދެބައިކުޅަ އެއްބަޔަށް ވުރެ މަދު މީހުން ނުކުތުމުގެ އިތުރުން ހުޅުދޫން 31 ޕަސެންޓު އަދި މީދޫން 14 ޕަސެންޓު މީހުން ވޯޓުލީ އެ ބަދަލު ގެންނަން ނުފެންނަ ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ބެހޭ ގާނޫނު އޮތް ގޮތުން އަދި ރާއްޖޭގައި އާންމު އެހެން އިންތިހާބުތަކެކޭ އެއްފަދައިން މި އިންތިހާބުގައި ވެސް އޮންނަނީ ފަސްޓް-ޕާސްޓް-ދަ-ޕޯސްޓް އުސޫލެވެ. އެންމެ ގިނައިން ވޯޓު ހޯދާ ފަޅިއެއް ކާމިޔާބު ކުރާނެ އެވެ. ކިތަންމެ މަދު ބަޔަކު ބައިވެރިވި ވޯޓެއް ނަމަވެސް އިންތިހާބު ސައްހަ ވާނެ އެވެ.

ނަމަވެސް ނަތީޖާ އެގޮތަށް އޮތުމުން ބައެއް މީހުން ވަނީ މިއީ ވަކި ބަޔަކު ބޭނުންވެގެން ނުވަތަ އެހެން މަގްސަދެއް އޮވެގެން ސަރުކާރުން ބޭއްވި އިންތިހާބެއް ގޮތުގައި ސިފަ ކޮށްފަ އެވެ.

ފޭދޫން ޖަވާބު ދިނީ އެންމެ ސުވާލަކަށް ނޫން!

ފޭދޫ ވޯޓު ކަރުދާހުގައި ވެސް އޮތީ ހަމަ އެއް ސުވާލެވެ. އެއީ ފޭދޫ އަށް ހާއްސަ ކުރެވިގެން ފޭދޫ އަތޮޅު ކައުންސިލް ހަދަން ފެނޭތޯ އެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ބައެއް މީހުން ދެކޭ ގޮތުގައި ފޭދޫން ޖަވާބު ދިނީ ހަމައެކަނި އެ ސުވާލަކަށް ނޫނެވެ. އެ ރަށު މީހުން ނުކުމެ ސަރުކާރާ މެދު އޮތް ހިތްހަމަ ނުޖެހުން ވެސް މި ވޯޓުގެ ނަތީޖާ އިން ދެއްކި އެވެ.

އެހެން ބުނާ ސަބަބަކީ ފޭދޫގައި ދިޔައީ ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) ބޮޑު ކެމްޕެއިނެއް ކުރައްވަމުންނެވެ. އެ ދެ ބޭފުޅުން ހުއްޓާ ނުލާ ގެންދިޔައީ އައްޑޫ ކައުންސިލުން ފޭދޫ ވަކިވާން ޖެހޭ ސަބަބުތައް އެ ރަށު ރައްޔިތުންނަށް ކިޔައި ދެމުންނެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ އިތުރުން ބައެއް އެހެން ފަރާތްތަކުން ވެސް ތިބީ އެކަމާ ދެކޮޅަށެވެ. އިހުސާން އަދި އައިބީ ކުރަމުން ދިޔަ ކެމްޕެއިން ފެއިލް ކޮށްލުމަށެވެ. އަދި ސަރުކާރާއި ޕީއެންސީގެ އެފަދަ މަގާމެއްގައި ހުންނަވައިގެން އެގޮތަށް ކެމްޕެއިން ކުރެއްވުމަކީ ސީދާ ސަރުކާރުން އައްޑޫ ބައިބައި ކުރަން ބޭނުންވުން ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ނަތީޖާއަކަށްވީ ފޭދޫގެ 55 ޕަސެންޓަށް ވުރެ ގިނަ މީހުން ނުކުމެ އެ ރަށް ވަކިވިޔަ ނުދީ ބޭއްވުމެވެ. އަދި އެއީ ސަރުކާރަށް ވެސް ދިން ވަރުގަދަ މެސެޖެއް ކަމާއި އެ ދާއިރާގެ މެންބަރާއި މިނިސްޓަރުގެ ވިސްނުމަކީ އަދި ދާއިރާ ރައްޔިތުންގެ ވިސްނުމެއް ނޫން ކަން ދައްކައިދިނުން ކަމަށް ވެސް އައްޑޫގެ ބައެއް މީހުން ބުންޏެވެ.

ސަރުކާރު އޮތީ ވަކިކޮޅަށް ބުރަވެފަތަ؟

ސަރުކާރުން މާ ކުރިން އޮތީ މި އިންތިހާބުގައި ވަކި ސްޓޭންޑެއް ނުނަގާނެ ކަމަށް އިއުލާން ކޮށްފަ އެވެ. ނަމަވެސް އެކަމާ މެދު ސުވާލު އުފެދުނީ އޭގެ ފަހުން ދިމާވި ކަންކަމާއި ދެކެވުނު ވާހަކަތަކާ ގުޅިގެންނެވެ.

އެއް ކަމަކީ އިހުސާން އާއި އައިބީ ފޭދޫގައި ކުރަމުން ދިޔަ ކެމްޕެއިންނެވެ. މިއީ އެތައް ބަޔަކު ވަރަށް ބޮޑަށް ފާޑުކީ ކަމެކެވެ. އިހުސާން އަކީ ކެބިނެޓުގައި އިންނަވާ ބޭފުޅަކަށް ވާއިރު އެގޮތަށް ކެމްޕެއިން ކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ދެކުނެވެ. އަނެއްކޮޅުން އައިބީ އަކީ ފޭދޫ ދާއިރާގެ މެންބަރު ކަމަށް ވާއިރު މި ވޯޓޫގައި ވަކި ކޮޅެއް ކުރިއެރުވުމަކީ ވެސް ރަނގަޅު ގޮތެއް ނޫން ކަމަށް ބައެއް މީހުން ބުންޏެވެ.

އޭގެ ތެރޭގައި އެ ދެ ބޭފުޅުންގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު ތޯރިގު އާއި ބައެއް އެހެން މެންބަރުންނާއި ޕީއެންސީގެ ސީނިއާ ބޭފުޅުން އުޅުއްވި އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ ކަން ގުޅުވީ ސަރުކާރުގެ ސްޓޭންޑާ އެވެ. ސަރުކާރުން ވަކި ސްޓޭންޑެން ނުނަގާނެ ކަން އިއުލާން ކޮށްފައި ވަނިކޮށް އެ ދެ ބޭފުޅުން އެގޮތަށް ކެމްޕެއިން ކުރަން ވެސް ނުދޭނެ ކަމަށާއި ނަމަވެސް އެ ފުރުސަތު ދެއްވީ ސަރުކާރުން ވެސް އެ ނަތީޖާ ހާސިލް ކުރަން ބޭނުންވާތީ ކަމަށް އިދިކޮޅު އެމްޑީޕީން ދިޔައީ ބުނަމުންނެވެ.

"މިއީ ޑިވައިޑް އެންޑް ރޫލް..އައްޑޫ ރޫޅާލާފަ ބާރުތައް ހޯދަން މި އުޅެނީ." އެ މައްސަލާގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި މީހަކު ބުންޏެވެ.

އަނެއް ކަމަކީ ވޯޓުގެ ދުވަސްވަރު މެންބަރު އައިބީގެ ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމެވެ. އެ އޯޑިއޯގައި ވޯޓާ ދިމާކޮށް ބޮޑެތި އާއިލާތަކަށް ވަޒީފާ ދޭ ވާހަކަތައް ދައްކަ އެވެ. އޭގެން ވެސް ސަރުކާރު އޮތް ގޮތް ހާމަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

ނަމަވެސް މި އަޑުތައް އެންމެ ގަދަވާން ފެށީ ވޯޓަށް ދެތިން ދުވަހަށް ވެފައި ވަނިކޮށް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސް ވަނީ ކުރުކޮށް ބުނާނަމަ އައްޑޫ ބައިބައިވެއްޖެ ނަމަ ވާނެ ފައިދާތައް ކިޔައިދީފަ އެވެ. ވަކިވަކި ރަށްރަށަށް ގްރާންޓުގެ ގޮތުގައި ލިބޭނެ އަދަދުތައް ވިދާޅުވި އެވެ.

މިއީ ވޯޓަށް ކުޑަތަން ވެފައި ވަނިކޮށް އިއުލާން ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟ ވޯޓުގެ ނަތީޖާ ނުކުތުމުން ވެސް އެ އަދަދުތައް ހާމަ ކުރުމުން އެއްވެސް ގެއްލުމެއް އެބައޮތް ހެއްޔެވެ؟ ސަރުކާރުން މި ވޯޓު ބޭއްވުމުގެ ނިޔަތާއި ވޯޓުގައި ވަކި ކޮޅަކަށް ބުރަވެފައި އޮތް ކަމަށް މީހުން ގަބޫލު ކުރި އެންމެ ބޮޑު ސަބަބަކީ އެ ސުވާލުތަކެވެ.

އައްޑޫ އަށް ދެން ވާނީ ކިހިނެތް؟

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ބާއްވައިގެން މި އިންތިހާބު ބޭއްވުމުގެ ބޭނުމަކީ އައްޑޫގެ އިދާރީ ދާއިރާތައް ވަކިވަކިން ބާއްވަން ފެނޭތޯ ބެލުމެވެ. އެގޮތަށް ބޭނުންވީ ހުޅުދޫ އަދި މީދޫ އެވެ. ދެން ފެންނާނީ އެ ބަދަލު އަންނަ ތަނެވެ.

ރައީސް ވިދާޅުވި ގޮތުން ނަމަ މިހާރު ލިބުނު ނަތީޖާއާއެކު ކުރިޔަށް އޮތް އަހަރަށް؛

  • ހުޅުދޫ ކައުންސިލަށް 13 ނުވަތަ 14 މިލިއަން ރުފިޔާގެ ގްރާންޓް
  • މީދޫ ކައުންސިލަށް 18 މިލިއަން ރުފިޔާގެ ގްރާންޓް

އޭގެ އިތުރުން އެ ދެ ރަށުގައި ކައުންސިލް ގާއިމް ކުރެވި މުވައްޒަފުންތަކެއް ނެގޭނެ އެވެ. އަދި އެ ދެ ރަށުގެ މީހުން އަމިއްލަ އަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ތަނަވަސްވާނެ އެވެ.

އައްޑޫގެ މި ވޯޓާއެކު ދެން ވާނީ ކިހިނެތްތޯ މަޝްރަހު ދިރާސާ ކުރައްވާ ބައެއް އެހެން ބޭފުޅުން ކައިރީ މި ސުވާލު ކޮށްލުމުން އެހެން ޖަވާބެއް ވެސް ލިބުނެވެ.

އެއީ ލޯކަލް ކައުންސިލް އިންތިހާބަށް ހުޅުދޫ އަދި މީދޫ ދާއިރާގެ ގޮނޑިތައް ޕީއެންސީ ކާމިޔާބު ކުރުމެވެ.

"އައްޑޫ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީ އަށް ލިބުމަކީ ނާދިރު ކަމެއް. އެކަމަކު މިހާރު ހުޅުދޫ އާއި މީދޫ ކައުންސިލްގެ މެޖޯރިޓީ ސީޓުތައް ނެގުމުގެ ފުރުސަތު އެބައޮތް." ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކައުންސިލް އިންތިހާބާ ދިމާކޮށް "ހުޅުދޫ ރައްޔިތުން ބޭނުންވި ގޮތަށް" އެކަންކަން ކޮށްދިން ވާހަކަ ދައްކާނެ އެވެ. އަދި ދެ ރަށު ކައުންސިލަށް ބޮޑެތި ވައުދުތައް ވެސް ވާނެ އެވެ.

"މި ވޯޓުން ސަރުކާރުން ނެރެން ބޭނުންވި ނަތީޖާ ފެންނާނީ އަންނަ އަހަރު ބާއްވާ އިންތިހާބު ތެރެއިން."