އަންނަ ހޮނިހިރު ދުވަހު ފަހުގެ ތާރީހެއްގައި ބާއްވާ ދެވަނަ ރިފަރަންޑަމް އޮންނާނެ އެވެ. އެއީ އައްޑޫ ސިޓީގެ ރަށްތައް މިހާރު އޮތް ގޮތަށް އެއް ކައުންސިލެއްގެ ދަށުގައި ބާއްވާނީތޯ ނުވަތަ ވަކިވަކި ކައުންސިލްތަކެއް އުފައްދާނީތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ.

މިކަން އެއް ބަޔަކު ސިފަ ކުރަނީ އައްޑޫ ބައިބައި ކުރުމެވެ. ޑިވައިޑް އެންޑް ރޫލް ކުރަން އުޅުމެވެ. ތަރައްގީ ހުއްޓުވުމެއްގެ ގޮތުގަ އެވެ.

ނަމަވެސް އެކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނަނީ އައްޑޫ އަށް ބޭނުންވާ ތަރައްގީ އަންނަން އޮތީ އެގޮތަށެވެ. ވަކިވަކި ރަށްތައް ވެސް ތަރައްގީވުމުގެ ފުރުސަތު އޮންނާނެ އެވެ.

ރިފަރަންޑަމްގެ ވާހަކަ ފެށުނީ ކިހިނެތް؟

އައްޑޫ އަތޮޅުގެ ރަށްތަކަށް ވަކިވަކި ކައުންސިލްތަކެއް ހަދާ ވާހަކަ އެންމެ ފުރަތަމަ އެހާ ބޮޑަށް ދެކެވެން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕޮޑްކާސްޓް ޝޯގެ ތެރެއިންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫ އެއް ސިޓީ ކައުންސިލެއްގެ ގޮތުގައި މިހާރު އުފެދިފައި އޮތް ގޮތާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެމަނިކުފާނާ ހަމައަށް ވަނީ އައިސްފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރެއްވި ދަތުރުފުޅުގައި ވެސް އައްޑޫ ރައްޔިތުންގެ ފަރާތުން އެ މައްސަލަ އައިސްފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެސްދެއްވަން ވައުދުވެވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫމީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނިގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫމީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް" ރައީސް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރަން އައްޑޫގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ ކައުންސިލް އިންތިހާބުގެ ކުރިން އެ ވޯޓުގެ ކަންކަން ނިންމަން ވެސް ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއަށް ފަހު އޮކްޓޯބަރު 5، 2025 ގައި ރައީސް ވަނީ އެ ރިފަރަންޑަމް ނަގަން ރަސްމީކޮށް ނިންމަވައިފަ އެވެ.

ކެބިނެޓުން ނިންމީ ފޭދު އާއި ހުޅުދޫ އަދި މީދު އަށް ރަށު ކައުންސިލް އުފެއްދުމާ މެދު އެ ތިން ރަށުގެ މީހުންނަށް ފެންނަ ގޮތް ބަަލަން ވޯޓު ނެގުމަށެވެ. ވޯޓު ނަގާނީ ފޭދު އަށް ވަކި ކައުންސިލެއް ވަކިން އުފެއްދުމާ އެކު، ހުޅުދު އާއި މީދޫ އެއް ކައުންސިލުން ހިންގަން އައްޑޫ ހުޅުމީދޫ ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށެވެ.

ނަމަވެސް ފަހުން އެ ގޮތް ބަދަލު ކުރެއްވި އެވެ. އޮކްޓޯބަރު 12، 2025 ގައި ނެރުއްވި ގަރާރުގައި ރިފަރަންޑަމްގެ ސުވާލު ބަދަލު ކޮށްފައި ވަނީ ހުޅުދޫ އާއި މީދޫ އަދި ފޭދޫގައި ވަކި ތިން ކައުންސިލެއް އުފައްދަން ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށެވެ.

އޭގެ އިތުރުން އެ ވޯޓުގައި ސަރުކާރުން އެއްވެސް ސްޓޭންޑެއް ނުގަން ވެސް ވަނީ ނިންމައިފަ އެވެ.

"ސިޓީ" އުވާލައި ވަކިވަކި ކައުންސިލް ބޭނުންވަނީ ކީއްވެ؟

މި ބަދަލު ގެންނަން އެންމެ ބޮޑަށް ވަކާލާތު ކުރަނީ ހުޅުދޫ މީދޫގެ ފަރާތުންނެވެ. ސަބަބަކީ އެއީ އައްޑޫގައި ވަކިން އޮންނަ ރަށެވެ. އެހެންވެ އެ ރަށަށް އެވަރަށް އަޅާ ނުލުމާއި ހިދުމަތްތައް ހޯދަން އުނދަގޫވާ ކަމުގެ ޝަކުވާތައް އަބަދުވެސް އޮވެ އެވެ. އައްޑޫ ސިޓީ ކައުންސިލްގައި އިންނަވަނީ ހުޅުދޫ ތަމްސީލް ކުރާ އެންމެ ކައުންސިލް މެންބަރެކެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" ނޫހުން ރޭ ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުމީދޫގެ މެންބަރެއްގެ ގޮތުން މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގައި މަސައްކަތް ކުރެއްވި އަލީ މުހައްމަދު ވިދާޅުވި ގޮތުގައި ރަށުގެ މާލީ ކަންކަން މިނިވަން ކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ.

"8 މޭލު ކަނޑެއް ހުރަސް ކޮށްފަ ތަކުލީފު އުފުލަން ޖެހޭ. 187 ރަށެއް އޮތް އިރު ހުރިހާ ރަށެއްގައި ކައުންސިލް އުފެދިގެން ދިޔައީ އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ ރަށެއްގެ ދަރަޖައިން އަވަށެއްގެ ދަރަޖަ. އަޅުގަނޑުމެންގެ އެޑް މިނިސްޓްރޭޓިވް ސްޓްރަކްޗާ އެއްކޮށް ބަދަލުވެގެން ދިޔައީ ކައުންސިލްގެ ސެކްރެޓޭރިއޭޓަށް،" އަލީ ވިދާޅުވި އެވެ.

"މިހާރު" އައްޑޫ ބަހުސްގައި ހުޅުމީދޫގެ ކުރީގެ މެންބަރު އަލީ މުހައްމަދު ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝަން އަލީ | މިހާރު

އަލީ ވިދާޅުވި ގޮތުގައި މިއީ މިއަދު ފެށިގެން އުޅޭ ވާހަކައެއް ނޫނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހުޅުދޫ މީދޫ އަށް ވަކިން އިދާރީ އަދި މާލީ ބާރުވެރިކަން ބޭނުންވާ ކަމަށް ބުނެ 1500 އަށް ވުރެ ގިނަ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބަދަލު ގެނެސްފި ނަމަ މިހާރު އައްޑޫ އަށް ލިބޭ ބަޖެޓަށް ވުރެ 68 މިލިއަން ރުފިޔާ އިތުރަށް އައްޑޫ އަށް ލިބޭނެ އެވެ. އެޑްމިނިސްޓްރޭޝަން އަށް ލިބޭ މުއައްޒަފުންގެ އަދަދު ވެސް ދެ ގުނަ އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފައިސާ ވަންނަނީ އައްޑޫ ކޮންމެ ރައްޔިތުންގެ ޖީބަށް ގޭގެއަށް." އަލީ ވިދާޅުވި އެވެ.

އައްޑޫ ރަށްތައް ވަކިކޮށްލަން ވަކާލާތު ކުރައްވާ އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) އެ ބަހުސްގައި ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމުގެ އަސާސީ ހައްގެއް އައްޑޫއަކަށް ނުލިބެ އެވެ. ސަބަބަކީ އެހެން އަތޮޅުތަކުގައި ވަކިވަކި ރަށްތައް އާބާދީ ބޮޑުވެގެން ޝަރުތު ހަމަވެއްޖެ ނަމަ ސިޓީއަކަށް ވެވޭނެ ކަމަށާއި ނަމަވެސް އައްޑޫގެ ރަށްތަކަށް މިހާރު އޮތީ އެ ހައްގު ލިބޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ކުއްލިއަކަށް ސިޓީއަކަށް އިއުލާން ކޮށްލީ. ކޮށްލާފަ ދެން ހުރި ހުރިހާ ރަށްތައް އެއްކޮށްލީ. ދެން (އައްޑޫގެ) އެ ހުރިހާ ރަށްތަކެއް މި ބަދަލު ކޮށްލީ އަވަށަކަށް. އެހެންވެ ރަށްތަކުގެ ގާނޫނީ ހައިސިއްޔަތު ވެސް ދިޔައީ." ޝަރީފް ވިދާޅުވި އެވެ.

ބައިބައިވުމާ ދެކޮޅުވާ ސަބަބުތައް

މި މައްސަލަ އާ ގުޅިގެން އައްޑޫގެ ރައްޔިތެއް ކަމަށްވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އައްޑޫ ރައްޔިތުން ބައިބައިނުވެ ތިބެން ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގަ އެވެ. އެ ނޫން ނަމަ ތަރައްގީ ހުއްޓިދާނެ ކަމަށާއި މިހާރު ވެސް އޭގެ ކޮޅުމަތި ފެންނަމުންދާ ކަމަށް އޭނާ ވިދަޅުވި އެވެ.

ހަސަން ސައީދު ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއް ނުވަތަ އަތޮޅެއްގައި ވެސް އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއު ހިންގަނީ އައްޑު އަތޮޅުގަ އެވެ. އެއީ 1،000 ޓޫރިސްޓު އެނދު އުފެއްދުމުގެ މަސައްކަތެވެ. އެ މަސައްކަތް ކުރަނީ އެ އަތޮޅުގެ އެކިއެކި ޓޫރިޒަމް ޒޯންތަކުގައި އަތޮޅަށް ނިސްބަތްވާ 14 ފަރާތެއް ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްގެ ހައިސިއްޔަތުން ބޮޑެތި ކަންބޮޑުވުންތަކެއް ހަސަން ސައީދު ހިއްސާ ކުރެއްވި އެވެ. އެގޮތުން؛

  • އެ މަޝްރޫއަށް 200 މިލިއަން ރުފިޔާގެ ކޮންސެޝަން ލޯނެއް ހަމަޖެއްސުމަށް ސަރުކާރާއި ބޭންކާ އެކު ސޮއިކުރި ނަމަވެސް އެ ލޯނު ސަރުކާރުގެ ތެރެއިން މަޑުޖެހުން.
  • ސަވާހިލިއަކީ ފަތުރުވެރިންނަށް ހިދުމަތްދޭ އަދި ޕްރައިވެސީއާ އެކު އުޅެވޭ "ސާވިސް އައިލެންޑެއް" ގެ ގޮތުގައި ހަމަޖެއްސާނެ ކަމަށް ސަރުކާރުން ޔަގީންކަން ދިނަސް އެކަން ވެސް ހުއްޓިފައިވުން.
  • ޓޫރިޒަމް ޒޯނުގެ އިންފާރު ރޭނުމުގެ ކަންކަން ވެސް މެދުކެނޑުން
  • ސިޓީ ކައުންސިލުން ފޭދޫ ވަކިވެއްޖެ ނަމަ، ޓޫރިޒަމާ ގުޅިގެން ހަދާފައިވާ އެކި އެއްބަސްވުންތަކަށް ވެސް ބަދަލު އަންނާނެ. އެހެންވެ އިތުރު ވަގުތު އެކަމަށް ނެގުން
  • ބައިބައިވެ ޒުވާބުކޮށް، ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން ހަމަނުޖެހުން ބޮޑުވި ވަަރަކަށް އިންވެސްޓަރުން ފަސްޖެހޭ މިންވަރު އިތުރުވުން.

އަަތޮޅަށް ނިސްބަތްވާ ބަޔަކު އިސްވެ އަތޮޅުގެ ޓޫރިޒަމް ކުރިއަރުވަން ބޮޑެތި ގުރުބާނީތައް އެކަންކަމާ ގުޅިގެން ހައްލު ހޯދުމުގެ ބަދަލުގައި އަވަށާއި މީހުން ޖެހި ޒުވާބުކޮށް މާރަމާރީ ހިންގާ ހިސާބަށް ގެންދަން ޖެހިގެން މި އުޅެނީ ކޮން ކަމެއް ނުވެގެންތޯ؟ -- ހަސަން ސައީދު

އެކަމާ ގުޅޭ ގޮތުން "މިހާރު" ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު އަޒާން މަރުޒޫގް ވިދާޅުވި ގޮތުގައި އައްޑޫ އަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ވަރަށް ތަރައްގީ ނުވުމެވެ. ނަމަވެސް މިހާރު މި ގެންނަ ބަދަލާއެކު އެކަމަށް ހައްލެއް އާދޭތޯ އޭނާ ސުވާލު އުފެއްދި އެވެ.

އެކަން ކޮށްފި ނަމަ އައްޑޫ އަށް ސިޔާސީ ގޮތުން ލިބޭ ބާގެއިނިން ޕަވާ ގެއްލޭނެ ކަމަށް އަޒާން ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރެއް އަޔަސް ދެން ވަކިވަކި ރަށްރަށުން ވަކާލާތު ކުރާނީ ވަކިވަކި ކަންކަން ކުރަން އެއީ ރާއްޖޭގެ އެހެން އަތޮޅުތަކުން ވެސް ފެންނަ މަންޒަރު. ޖެހިޖެހިގެން ތިބޭ ރަށްތަކުގަ އެއާޕޯޓު އަޅަން އެ ޑިމާންޑް ކުރަނީ، ކޮންމެ ޕާޓީއެއް ވެރިކަމަށް އަޔަސް ދެން ޖެހޭނީ އެކަމަށް ކޭޓާ ކުރަން. މާދަމާ ހުޅުމީދޫން ބުނާނެ އެ މީހުންނަށް އެއާޕޯޓެއް އަޅަން ފޭދޫން ބުނާނެ ހިތަދޫ ހޮސްޕިޓަލަށް ދާކަށް ބޭނުމެއް ނޫނޭ ފޭދޫގައި ހޮސްޕިޓަލެއް އަޅާށޭ." އަޒާން ވިދާޅުވި އެވެ.

އޭގެ ސަބަބުން ބޮޑެތި މަޝްރޫއުތައް ހިންގަން ހުރި ލާރި ބައިބައި ކޮށްގެން ކުދިކުދި މަޝްރޫއުތައް ހިންގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެއް ސިޓީއެއްގެ ގޮތުގައި އޮތުމުން އައްޑޫ އަށް ބޮޑު ހޮސްޕިޓަލެއް ލިބި ބްރިޖެއް އެޅުމުގެ މަސައްކަތް ކުރުމާއި ކަންކަން ހިނގަމުން ދާ ކަމަށް އަޒާން ވިދާޅުވި އެވެ.

"ތެދެއް. ކޮންމެ ތަނަކުން ފަސް ހަ ކައުންސިލަރުންނަށް މުސާރަ ދެވޭނެ. ކައުންސިލްގެ އިދާރީ މުއައްޒަފުންނަށް ވަޒީފާ ލިބޭނެ. އެކަމަކު އެޔެއް ނޫން މި އެދޭ ތަރައްގީ އަކީ ހައެއްކަ އެޑްމިނިސްޓްރޭޓިވް ވަޒީފާއެއް ނޫން އަހަރުންނަށް ހައްގު މިންވަރަކީ،" އޭނާ ވިދާޅުވި އެވެ.