މޫސާ ރަޝީދު

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ވަރަށް އެކްޓިވް މެންބަރެއް ކަމަށްވާ އައިޝަތު ޝިމަންގެ ފޯނު އަތުލިތާ 24 ގަޑިއިރު ތެރޭ އޭނާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކު ކުރީ ފުލުހުންތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށް ބުނާކަށް ނޭނގެ އެވެ. އެކަން ބަލަން ޖެހޭނީ ޕްރޮފެޝަނަލް ސްޓޭންޑަޑާއި އިންޓަގްރިޓީ ކޮމިޝަންގެ ވަރުގަދަ ތަހުގީގަކުންނެވެ.

އެކަމަކު ޔަގީން ކަށަވަރުވާ އެއް ކަމެއް އެބައޮތެވެ;

އެ ފޯނުން ފޮޓޯއެއް ލީކުވި މައްސަލާގައި ފުލުހުން ނެރުނު ބަޔާނުގައި އޮތީ މީހަކު ގަބޫލުކުރާނެ ވާހަކަތަކެއް ނޫނެވެ. އަދި ގަބޫލު ކުރަން ހެޔޮވާ ވަރުގެ ވާހަކަތަކެއް ވެސް ނޫނެވެ.

ފުލުހުން ބުނި ގޮތުގައި، އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެވޭ "އެއްވެސް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތެއް ނޯންނާނެ" އެވެ. އަދި ފުލުހުންގެ ހިދުމަތުގެ ތަހުގީގުތައް ކުރިޔަށް ގެންދަނީ "ޕްރޮފެޝަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން" ކަމަށާއި އެ ހިދުމަތުގެ މަސައްކަތުގައި " އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ" ކަމަށް ބުނެފައިވެ އެވެ.

ފުލުހުންނަށް އެފަދަ އިބާރާތްތަކެއް ބޭނުން ކުރަން ކެރުމަކީ އެ މުއައްސަސާ ވެއްޓިފައި އޮތް ދަށު ދަރަޖަ ދައްކުވައިދޭ ކަމެކެވެ. އާންމުންނަށް ރަނގަޅަށް އެނގޭ އަދި ލޮލަށް ފެންނަން ހުރި ކަންކަން ވެސް އޮޅުވާލަން މަސައްކަތް ކުރުމެވެ.

ފުލުހުން އަމަލު ކުރަނީ އުސޫލުތަކާ އެއްގޮތައް ކަން ގަބޫލު ކުރަނީ ކާކު ހެއްޔެވެ؟ މިހާތަނަށް ފުލުހުންގެ ފަރާތުން ފެނިފައި އޮތީ އެ ބުނާ ފަދަ ޕްރޮފެޝަނަލް ކަމާއި އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރާ ހަމަތަކުން މަސައްކަތް ކުރާ ތަން ހެއްޔެވެ؟

ފުލުހުން މި ކްލެއިމް ކުރާ ޕްރޮފެޝަނަލް މިންގަނޑާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރާ މިންވަރު މި ފަހުން ލީކުވި "އަދީބް ފައިލްސް" އިން އެ އޮތީ ފެންނާށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި ފުލުހުންގެ ބައެއް އިސް ވެރިން ދައްކާފައި ހުރި ވާހަކަތަކުގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ރާވަމުން ދިޔަ ހުރިހާ ހަރަކާތްތަކުގެ މައުލޫމާތުތައް ސީދާ ޕީޕީއެމް އަށް ދިޔައީ ރިޕޯޓު ކުރަމުންނެވެ. އަދި އެމްޑީޕީގެ ހަރަކާތްތަކަށް ހުރަސް އަޅަން ގާނޫނުން ބޭރުން ދިޔައީ ކަންކަން ރާވަމުންނެވެ. ސައިބަ އެޓޭކުތައް ދޭނެ ގޮތްގޮތާއި ސެބަޓާޖް ކުރާނެ ގޮތްތައް ރޭވި އެވެ. ސޯޝަލް މީޑިއާ ކެމްޕެއިނެއް ކުރިޔަސް އަދި މަގުމަތީ މުޒާހަރާއެއް ކުރިޔަސް ގާނޫނުން ބޭރުން އެކަންކަން ހުއްޓުވަން އުޅުނު ކަން އޮތީ ފަޅާ އަރައިފަ އެވެ.

އެއީ ހަމަ އެ ބުނާ ޕްރޮފެޝަނަލް މިންގަނޑާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުން ހެއްޔެވެ؟

އެއަށް ވުރެ ވެސް ބިރުވެރި ކަންކަން އެންމެ ހަތަރު މަހުގެ އެ ޗެޓްލޮގްތަކުން ހާމަވި އެވެ. ފުލުހުންގެ ވެރިއަކު އަދީބު ކައިރިން މައުލޫމާތު ހޯދައިގެން ކުރީގެ ސީޕީ އަބްދުﷲ ރިޔާޒްގެ ސައިކަލު ރޯކޮށްލަން ދިޔައީ ރާވަމުންނެވެ. އޭނާ ގޭގެ ކުރިމައްޗަށް ބަޔަކު ފޮނުވައިގެން ޕްލޭޓް ނަމްބަރަކީ ކޮބާތޯ އަދީބު ކައިރިން އޮޅުން ފިލުވި އެވެ. އަދި އިރުކޮޅެއް ފަހުން "އެގްޒެކިއުޓަޑް" ކަމަށް އަދީބު ކައިރީ ބުންޏެވެ.

ކާރުތޯ ނުވަތަ ސައިކަލުތޯ އަދި ކުލަތޯ އަލިފާންތޯ އަދީބު އެހި އެވެ. ޖަވާބުގައި ފުލުހުންގެ ވެރިޔާ ވަނީ ސައިކަލުގައި ރޯ ކޮށްލީ ކަމަށް ބުނެފަ އެވެ.

މިކަން ސްޓޭޓް ސްޕޮންސާޑް ޓެރަރިޒަމް އަށް ނުވާނެ ގޮތެއް ނެތެވެ. އެކަމަކު މިއީ ހަމަ އެ ބުނާ ޕްރޮފެޝަނަލް މިންގަނޑާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުން ހެއްޔެވެ؟

ހަމަ އެގޮތަށް މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލައި މަރާލި ހާދިސާގައި ވެސް އަޑީގައި އެންމެން އިތުބާރު ކުރަން ޖެހޭ ދިވެހި ފުލުހުންގެ މުއައްސަސާގެ އަތް އޮތްކަން ވަނީ ފަޅާ އަރައިފަ އެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި އެ ކޮމިޝަނުން އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ހުލާސާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފުލުހުންގެ އިންޓެލް ދެ އޮފިސަރުން ދިޔައީ އޭ÷ްރިލް 24، 2014 އިން ފެށިގެން ރިލްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުންނެވެ. ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން ވެސް ދެ ފުލުހުން މަސައްކަތް ކުރި އެވެ.

މިއީ ހަމަ އެ ބުނާ ޕްރޮފެޝަނަލް މިންގަނޑާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުން ހެއްޔެވެ؟

ދެން ފުލުހުން ތަހުގީގަށް ހޯދާ މައުލޫމާތުތަކާއި ރައްކާ ކުރާ އެއްޗެހި ލީކު ނުވާނެ ކަމަށް އެ ބުނާ ވާހަކަ އެވެ.

ހަގީގަތަކީ ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ހިނގި ގާތްގަނޑަކަށް ބޮޑު ނުވަތަ ކޮންޓްރަވާޝަލް ނޫނީ ޕޮލިޓިކަލް ކޮންމެ މައްސަލައެއްގައި މީހުން ފުލުހުންނަށް ދީފައި ހުންނަ ބަޔާންތައް ނުވަތަ ފޮޓޯ އާއި ވީޑިއޯތައް ނުވަތަ އެހެނިހެން ވެސް ހެކިތައް ވަނީ ލީކުވެފަ އެވެ.

ފިލްމީ ތަރި އާމިނަތު ރިޝްފާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް އޭނާގެ ޒާތީ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކުވި އެވެ. އެ މައްސަލާގައި އޭނާ ފުލުހުންނަށް އެ ތުހުމަތު ކުރުމުން ވެސް މިފަދަ ބަޔާނެއް ނެރެ އެކަން ދޮގު ކުރި އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މައްސަލާގައި ވިކްޓިމުން ފުލުހުންނަށް ދީފައި ހުރި ބަޔާންތައް ވެސް ލީކުވި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދު ހަށިގަނޑުގެ ފޮޓޯތައް އެ ސީންގެ ތެރެއިން ލީކުވި އެވެ.

އެއް ޖިންސުން ގުޅުން ހިންގަމުން ދިޔަ އަލަމްގިރި މައްސަލާގައި ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ލީކު ކުރީ ފުލުހުން ކަމަށް އޭރު ތުހުމަތު އޮތެވެ. އަދި އެ މައްސަލާގައި ތަހުގީގަށް ނެގި ހުރިހާ ބަޔާންތަކެއް ވެސް ލީކުވި އެވެ. އަދި ބަޔާންތައް ލީކުވި މައްސަލަ އަށް އެއްބަސްވެ އެކަންކަން ބަލާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިފަދަ އެތައް މައްސަލައެއްގައި ފުލުހުންގެ ތަހުގީގަށް ނަގާ ތަކެތި އޮތީ ލީކުވެފަ އެވެ.

ފުލުހުންގެ މުއައްސަސާ އެތެރެ ކޮރަޕްޓު ވެފައި އޮތް ވަރު އެންމެނަށް އެނގެ އެވެ. އެއީ ސިއްރެއް ނޫނެވެ. ނުވަތަ ތުންތުން މަތިން ދެކެވޭ ވާހަކައެއް ވެސް ނޫނެވެ. ކަންކަމުގެ ހަގީގަތް ހާމަވެ ބޭޒާރުވެފައިވާ ތަނެކެވެ.

އެވަރުގެ މުއައްސަސާއަކުން ކުއްލިއަކަށް މަގުމަތިން ފޯނު "ޖަހައިގަންނަން" އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. ކުށްވެރިއަކަސް އަދި ކުށެއް ނުކުރާ މީހެއް ވެސް ފުލުހުންގެ އަތަށް އެ މީހާގެ ޒާތީ ހުރިހާ މައުލޫމާތެއް އޮންނަ ފޯނު ދޭކަށް ބޭނުމެއް ނުވާނެ އެވެ. އެއީ ދުރު މުސްތަގުބަލުގައި އޭނާ އަށް ސިޔާސީ މީހުން ގެއްލުންދޭން ބޭނުން ކުރާނެ ހަތިޔާރަކަށް ވެސް ވުމުގެ ބިރު އޮތް ކަން މީހުން ގަބޫލު ކުރެ އެވެ.

ގައުމެއްގައި ފުލުހުންގެ މުއައްސަސާއަކީ ހުރިހާ ރައްޔިތުން ވެސް އިތުބާރު ކުރަން ޖެހޭ ތަނެކެވެ. އެ މީހުންނަށް އިހްތިރާމް ވެސް ކުރަން ޖެހެ އެވެ. ފުލުހުން ކޮރަޕްޓު ވެއްޖެ ނަމަ އަދި ބޮޑެތި ޖަރީމާތަކުގެ އަޑީގައި ފުލުހުން ތިބޭ ނަމަ ރައްޔިތުން ހިމާޔަތް ހޯދަން ދަނީ ވަކި ކޮންތަނަކަށް ހެއްޔެވެ؟

އެކަމަކު މިއީ މިއަދު މި ގައުމުގެ ހާލަތެވެ. މީހަކަށް ގާނޫނަކަށް ބެލުމެއް ނެތެވެ. ރައްޔިތަކަށް އެއްވެސް ރައްކާތެރި ކަމެއް ވެސް ފުލުހުންގެ ތެރެއިން ނެތެވެ. ޕްރޮޓެކްޓް އެންޑް ސާވް ލިޔެގެން ތިއްބަސް ހިދުމަތް ކުރަނީ އަދި ރައްކާތެރި ކުރަނީ ވެސް އެ އިރެއްގައި ބާރުގައި ތިބޭ ބައެއްގެ ހައްގުތަކެވެ.