ސަރުކާރުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗްއިން ރޭ އެ ކުރީ އެ ހޮސްޕިޓަލުން އެއްގޮތަކަށް ވެސް ކުރަން ޖެހޭ ކަމެއް ނޫނެވެ; ސިޔާސީ މައިދާނުގައި ދެކެވޭ ވާހަކަތަކަށް ރައްދުދީ, ފުލުހުންގެ ހިމާޔަތުގައި ބަސް ބުނެ, އެ ތަނަށް ފަރުވާއަށް އެދި ވަންނަ ބަލިމީހާގެ މައުލޫމާތުތައް އާންމުކުރުމަކީ ހޮސްޕިޓަލަކުން ހާއްސަކޮށް, ސަރުކާރު ހޮސްޕިޓަލަކުން ކައިރި ވެސް ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެއީ ސިޔާސީ ތަގައްޔަރުކަމަށް އިތުރުވި "އަ ނިއު ލޯ" އެކެވެ.

"ސަރުކާރު ނުވަތަ ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ސަރުކާރު ހޮސްޕިޓަލަކުން ފުލުހުން ދިފާއުކުރުމަކީ އެ ހޮސްޕިޓަލެއްގެ ދައުރެއް ނޫން. އަދި މިއީ ވަރަށް ބޮޑު މަސްލަހަތުގެ ފުށުއެރާ ކަމެއް. މިކަމުގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލި، ސިއްހީ މުއައްސަސާތަކުގެ ތައައްސުބަށް އުނިކަން އައިސް، ޒިންމާދާރުކުރުވުމާއި އިންސާނީ ހައްގުތައް ފަދަ ޑިމޮކްރެޓިކް އުސޫލުތަކަށް ބުރޫ އަރާ," މިކަމާ ކަންބޮޑުވާ ބޭފުޅަކު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ބަޔާނުގައި ފަސްފަހަތް: އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ބައިވެރިން މަޖީދީ މަގަށް ނުކުތުމާ އެކު ފުލުހުން ވަނީ އެމީހުންނަށް ހުރަސް އަޅައި, މުޒާހަރާ ހުއްޓުވައިފަ އެވެ. އެކަމުގެ ތެރޭގައި ގިނަ އަދަދަކަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފަ އެވެ. އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި މީހުންގެ ސީދާ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ބޭނުން ކުރި ކަމުގެ ޝަކުވާ އޮތްއިރު, ރޭގެ މުޒާހަރާގެ ތެރެއިން އެމްޑީޕީ ހުޅުމާލެ މެދުދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން އަށް ވަނީ ހާޓްއެޓޭކެއް ޖެހިފަ އެވެ.

ސެނެހިޔާ ހޮސްޕިޓަލުގައި އަވަސް ފަރުވާދިނުމަށް ފަހު, އައިޖީއެމްއެޗްއަށް ބަދަލުކޮށް އެ ތަނުގައި އައިސީޔޫގައި ފަރުވާދިނެވެ. ނަމަވެސް, އައިޖީއެމްއެޗް އިން ރޭ ނެރުނު ބަޔާނުގައި އޭނާގެ ހާލު ރަނގަޅު ވެއްޖެ ކަމަށާއި މިހާރު އޮތީ ސީސީޔޫގައި އެޑްމިޓްކޮށްފައި ކަމަށް ބުންޏެވެ. އެ ބަޔާނުގައި ދެން އެ ހޮސްޕިޓަލުން ބުނި ވާހަކައަކީ ޕެޕާ ސްޕްރޭގެ ސަބަބުން ހާޓްއެޓޭކެއް ނުޖެހޭނެ ކަމެވެ. ރަސްލާން އެ ހާލަތަށް ދިޔައީ ފުލުހުންގެ އެ އަމަލުން ނޫން ކަން ބުނެދޭން ފުލުހުންގެ ދިފާއީ ބާރަކަށް އައިޖީއެމްއެޗްވި އެވެ.

މިއީ މިހާތަނަށް އެ ހޮސްޕިޓަލުން އެއްވެސް އިރަކު އަމަލުކޮށްފައިވާ ގޮތެއް ނޫނެވެ. މިފަދަ ކަންކަމުގައި އާންމުކޮށް ހޮސްޕިޓަލުން ވާހަކަ ނުވެސް ދައްކަ އެވެ. މީގެ ކުރިން ވެސް ފުލުހުންގެ ފަރާތުން އެކި އަނިޔާތައް ލިބިގެން އެ ހޮސްޕިޓަލުގައި މީހުންނަށް ފަރުވާދީފައިވާއިރު ބަލި މީހާ "ބަހެއްގެ ދަށަށް އެއްލާލައި" ފުލުހުންގެ ހިމާޔަތުގައި ހޮސްޕިޓަލަކުން ނުނުކުމެވެ. ނުކުންނަން ޖެހޭ ސަބަބެއް ވެސް ނެތެވެ.

އައިޖީއެމްއެޗްގެ ބަޔާން ގާނޫނާހިލާފު!

އައިޖީއެމްއެޗްގެ ބަޔާނާ ގުޅިގެން ގާނޫނީ ވަކީލުން ވަނީ އެއީ ގާނޫނީ ކުށެއް ކަން އެ ހޮސްޕިޓަލަށް ހަނދާންކޮށްދީފަ އެވެ. މައި ހޮސްޕިޓަލުން ހިލާފުވީ ވަކީލުން ވިދާޅުވާ ގޮތުގައި ސިއްހީ ހިދުމަތުގެ ގާނޫނުގެ 40 ވަނަ މާއްދާއާ އެވެ.

އެ މާއްދާގައި އޮތީ މިހެނެވެ;

ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތުގެ ސިއްހީ ހާލަތާއި، އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާއާއި، އެނޫން ވެސް އޭނާގެ ސިއްހީ ހާލަތާއި އޭނާ ލިބިގަތް ހިދުމަތާ ގުޅުންހުރި އެންމެހައި މައުލޫމާތަކީ، ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މައުލޫމާތު ކަމަށެވެ.

އަދި ވަކި ހާލަތެއްގައި ފިޔަވައި އެހެން އެއްވެސް ހާލަތެއްގައި މި މާއްދާގެ އެފަދަ މައުލޫމާތެއް، އެއްވެސް ފަރާތަކުން ކަމާނުބެހޭ ފަރާތަކަށް ހާމަކޮށްގެންނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

ގާނޫނުގެ މާއްދާގައި ބުނާ ހާލަތްތައް:

  • ހިދުމަތް ލިބިގަންނަ ފަރާތުން ލިޔުމުން ހުއްދަ ދިނުމުން
  • ކޯޓު އަމުރަކުން އެންގުމުން
  • ގާނޫނަކުން ލިބިދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ މައުލޫމާތެއް، އެ ގާނޫނަކުން ފޯރުކޮށްދިނުމަށް ލާޒިމުކުރާ ފަރާތަކަށް ފޯރުކޮށްދިނުމުގެ ގޮތުން
  • މީހެއްގެ ޒިންމާ އަދާކުރުމަށް، ސިއްހީ ހިދުމަތްދޭ ތަނެއްގައިވާ އެއްވެސް ބަލިމީހަކާބެހޭ މައުލޫމާތެއް ނުވަތަ އޭނާއާ ގުޅޭގޮތުން ބަހައްޓާފައިވާ ރެކޯޑުތަކުގެ ތެރެއިން އެއްވެސް ރެކޯޑެއް ބަލަން ބޭނުންވެގެން އެފަރާތުން ލިޔުމުން އެ މައުލޫމާތު ހޯދަން އެދުމުން

ގާނޫނުގައިވާ ގޮތުން, މި މާއްދާއާ ހިލާފަށް އަމަލު ކުރުމަކީ ކުށެކެވެ; އަދަބަކީ 10,000 އާއި 100,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި ތަކުރާރުކޮށް މިކުށް ކޮށްފި ނަމަ ޖޫރިމަނާކުރުމުގެ އިތުރުން، އެ މީހަކު އެއް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާތައް:

ސަރުކާރުގެ ސިއްހީ ހިދުމަތުގެ މުސްތަގިއްލުކަން ގެއްލުން: ހޮސްޕިޓަލްތަކުން ފުލުހުން ދިފާއުކުރުމުން، އެ ތަންތަނުގެ މައިގަނޑު މަސްއޫލިއްޔަތު ކަމުގައިވާ ބަލިމީހުންގެ މަސްލަހަތު ހިމާޔަތް ކުރުމުގެ އެންމެ މާތް މަގުސަދަށް ހުރަސް އެޅެެ އެވެ.

އާންމުންގެ އިތުބާރު ގެއްލުން: ސިއްހީ މުއައްސަސާތަކުން ބަލިމީހުންގެ ބަދަލުގައި ފުލުހުން ދިފާއުކުރާ ތަން ފެނުމުން، އާންމުންގެ އިތުބާރު ގެއްލި، ބޭނުންވާ ފަރުވާ ހޯދުމަށް ފަސްޖެހޭނެ އެވެ.

އިންސާނީ ހައްގުތަކަށް އުނިކަން އައުން: ފުލުހުންގެ "އަނިޔާވެރިކަން" ފޮރުވުމުގައި ހޮސްޕިޓަލްތަކުން ބައިވެރިވުމުން، އިންސާނީ ހައްގުތަކަށް އުނިކަން އައިސް، އަނިޔާގެ ޝިކާރައަކަށްވީ މީހުންނަށް އިންސާފު ލިބުމަށް ހުރަސްއެޅޭނެ އެވެ.

ޑިމޮކްރެޓިކް އުސޫލުތައް ބަލިކަށިވުން: ދައުލަތުގެ މުއައްސަސާތަކުން އެއްބަޔަކު އަނެއްބަޔަކު ދިފާއުކުރުމުން، ޒިންމާދާރުކުރުވުމާއި ހާމަކަން ބޮޑު ވެރިކަމުގެ އުސޫލުތަކަށް ބުރޫ އަރަ އެވެ.

ގައުމުގެ މަސްލަހަތަށް ވެސް ގެއްލުން: ގިނަ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ އެއްބަސްވުންތަކުން ސިއްހީ މުއައްސަސާތަކަށް ލާޒިމްކުރަނީ ބަލިމީހުންގެ ސިއްރު ހިފެހެއްޓުމާއި އަނިޔާކުރުމުގައި ނުވަތަ އަނިޔާވެރިއަމަލުތަކުގައި ބައިވެރިނުވުމެވެ. ސަރުކާރު ހޮސްޕިޓަލްތަކުން އަނިޔާވެރިކަން ފޮރުވުމުގައި ބައިވެރިވުމުން، އެ ގައުމަކުން މި މުއާހަދާތަކާ ހިލާފުވެ، ބައިނަލްއަގްވާމީ ހައިބަތަށް އުނިކަން އާދެ އެވެ.

ސިއްހީ ދާއިރާގެ އަހްލާގީ މިންގަނޑުތަކަށް އުނިކަން އައުން: ޑޮކްޓަރުންނާއި ނަރުހުންނަށް އެމީހުންގެ ފަންނީ އަހްލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރަން މަޖުބޫރުވެދާނެ އެވެ.

އަނިޔާވެރިކަމަށް އަދަބު ނުލިބުން: ޑިމޮކްރަސީއެއް ހިންގުމަށްޓަކައި، ބާރުގެ ނަހަމަ ބޭނުންކުރާ މުއައްސަސާތައް ޒިންމާދާރުކުރުވަންޖެހެ އެވެ. ސަރުކާރު ހޮސްޕިޓަލަކުން ފުލުހުން ދިފާއުކުރުމުން، ދައުލަތުގެ ފަރާތްތަކަކީ ގާނޫނަށްވުރެ މަތީގައިވާ ބައެއްކަމުގެ މެސެޖު އާންމުންނަށްދެ އެވެ. މިކަމުގެ ސަބަބުން ފުލުހުންގެ ނުރަނގަޅު އަމަލުތައް އާންމުވެ، ހަގީގީ އިސްލާހަށް ހުރަސްއެޅެ އެވެ.

ސަރުކާރު ހޮސްޕިޓަލްތަކާއި ފުލުހުންނަކީ ދެ ދައުލަތުގެ މުއައްސަސާއެވެ; އެ ދެ މުއައްސަސާގެ މޯރަލް ޒިންމާތައް ވެސް ތަފާތެވެ.
ސަރުކާރު ހޮސްޕިޓަލްތަކުގެ މައިގަނޑު މަގުސަދަކީ ބަލިމީހުންނަށް ފަރުވާދީ، އެމީހުންގެ ސިއްހަތު ރަނގަޅުކުރުމެވެ. މި މުއައްސަސާތަކުން ބަލިމީހުންގެ ސިއްރު ހިފަހައްޓައި، އެމީހުންނަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް މަސައްކަތްކުރަންޖެހެ އެވެ.

އަނެއްކޮޅުން، ފުލުހުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ގާނޫނު ތަންފީޒުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. މީގެ ތެރޭގައި ކުށްކުރާ މީހުން ހޯދައި، ހައްޔަރުކޮށް، ތަހުގީގުކުރުން ހިމެނެ އެވެ. މި ދެ މުއައްސަސާގެ މަސްއޫލިއްޔަތުތައް ތަފާތުވުމުގެ ސަބަބުން، ބައެއް ހާލަތްތަކުގައި މަސްލަހަތުގެ ފުށުއެރުން އުފެދިދާނެ އެވެ.