މޫސާ ރަޝީދު

ރަޔަޓު ގިޔަރުގައި ފުލުހުން އެ ތިބީ ޝީލްޑުތަކުން މަޖީދީ މަގު ބައްދާލައިގެންނެވެ. ފުލުހުންނާ ކުރިމަތިލައިގެން އެންމެ ކުރީގައި އެ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެމްޑީޕީގެ ބިޔަ "ލަޝްކަރާ" އެކު މާލެ ތެރެއަށް ހިނގައިގަންނަން ފުރުސަތު ލިބިވަޑައިނުގަތުމުން މަޑު ކޮށްލައިގެންނެވެ.

އެންމެ ފަހުން އިބޫ ސީދާ ފުލުހުންނާ މުހާތަބު ކުރައްވައި ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ފުލުހުންނަށް ހަނދާން ކޮށްދެއްވީ ގާނޫނުއަސާސީން އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާ ކަމެވެ.

"އަޅުގަނޑުމެން މިއަދު މިތަނަށް އެއްވެ މިތިބީ ސުލްހަވެރިކަމާއެކީ...ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ލިބިދޭ ހައްގެއް މިއީ...އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވާ. ގާނޫނުއަސާސީ އާ ހިލާފުވެވަޑައިނުގަންނަވާ،" އިބޫ ވިދާޅުވި އެވެ.

އެ ވާހަކަ އަށް ފަހު އިބޫ އާއި އެމްޑީޕީގެ ލީޑާޝިޕުން ފުލުހުންގެ ޝީލްޑުތައް ކައިރީ ބިންމަތީ އިށީނެވެ.

އެ މަންޒަރު ޝޯޝަލް މީޑިއާގައި ވަރަށް ވައިރަލްވި އެވެ. ކުރީގެ ރައީސަކު އެފަދަ ގޮތަކަށް ކުރީ ސަފުގައި ހުންެވުމާއި މަގުމަތީ އިށީނުން ތަފާތު ކަމަކަށްވި އެވެ.

އެކަމަކު "މިހާރު" ނޫހުގެ ނިޝާން އަލީ ނެގި އެ ފޮޓޯގަނޑުން އަސްލު ފެންނަނީ ސިޔާސީ މީހުންގެ ހަގީގީ ކުލަވަރެވެ. މާ ދުރު ނޫން މާޒީއެއްގައި އެއްވެ އުޅުމުގެ އެ ހައްގު "ލޫޓުވައިލި" ގޮތާއި ބާރު އޮވެ އެ ހައްގު އަލުން ހޯދއިދޭން ދެކޮޅު ހެދި މަންޒަރެވެ.

އިބޫ އެ ވިދާޅުވަނީ ތެދުފުޅެކެވެ. ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާއި އިދާރާތަކުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމެކެވެ.

ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބުނަނީ؛

"ދުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ."

ރޭ މާލޭގައި ކުރިޔަށް ދިޔައީ ސުލްހަވެރި އެއްވުމެއް ނޫން ކަމަށް ބުނެ ސަރުކާރުގެ އެކްޓިވިސްޓުން ދައްކާ ބަހުސަށް ވަނުމުގެ ބޭނުމެއް ނެތެވެ. ހަގީގަތަކީ 2008 ވަނަ އަހަރުގެ ފަހުން ގާނޫނުއަސާސީގެ އެ މާއްދާގެ ބޭނުން ހިފައިގެން ހުރިހާ ޕާޓީއެއް މާލޭގައި މުޒާހަރާ ކުރި އެވެ.

އެކަން ބަދަލުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެމްޑީޕީން މަގުމަތިން ކުރާ ޕްރޭޝަރު ބޮޑުވެ "ދެވަނަ މޭޑޭ އެއް" އަޔަ ނުދިނުމަށް ގާނޫނަކުން އެ ހައްގު ހަނި ކުރި އެވެ. އެގޮތުން ސުލްހަވެރިކަމާއެކީ އެއްވެ އުޅުމުގެ ގާނޫނު ބަދަލުކޮށް ޕީޕީއެމްގެ ސަރުކާރުން ލިޔުނީ ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅައި ތަންތަނުގައި އެކަނި ކަމަށެވެ. އެއަށް ފަހު އެތަނަކީ ކާނިވާ ކަމަށް ކަނޑައެޅި އެވެ.

އެ ބަދަލާއެކީ ފުލުހުންނަށް އެމްޑީޕީގެ މަގުމަތީ ހަރަކާތް ހުއްޓުވަމުގެ ގާނޫނީ ހުއްޖަތެއް ލިބުނެވެ. އަދި އޭގެ ފަހުން މުޒާހަރާތައް ހުއްޓުވާ ޕެޕާ ސްޕްރޭ ޖަހައި ކޮންމެ ފަހަރަކު ފުލުހުން ނެރެ ދައްކަނީ އެ މާއްދާގެ ވާހަކަ އެވެ.

އެކަމަކު އެމްޑީޕީ ވެރިކަމަށް އައީ އެކަން ގޯސްވެ ބަދަލު ކުރަން ވައުދުވެގެންނެވެ. އެއީ ގާނޫނުއަސާސީ އާ ހިލާފު މާއްދާއެއް ކަމަށް އޭރު ވެސް ބުންޏެވެ. އެއްވެ އުޅުމުގެ ހައްގު އެގޮތަށް ހަނި ނުކުރެވޭނެ ކަމަށް ދިޔައީ ގޮވާލަމުންނެވެ.

ނަމަވެސް އެމްޑީޕީ އަށް ސަރުކާރު ލިބި ބާރުވެރިކަމަށް އާދެވުމުން ފެނުނީ އެހެން މަންޒަރެކެވެ. ވައުދާ އެއްގޮތަށް އަބުރުގެ ބިލާއި ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް އޮތް ގާނޫނުތައް ބަދަލު ކުރި ނަމަވެސް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ޔާމީން ގެނައި އިސްލާހުތައް ބަދަލު ކުރަން ބޭނުން ނުވި އެވެ. ހަމަ އެގޮތަށް ބޭއްވި އެވެ.

އެ މައްސަލާގައި އެމްޑީޕީގެ އެތެރެއިންނާއި ބޭރުން އައި ޕްރެޝަރުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ (މިއަދު ފުލުހުން އެ ދޭ ފަދަ) ބީރު ކަންފަތެކެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އާއި މެންބަރުންގެ ފުލް ކޮންޓްރޯލް އޮތް ނަމަވެސް އެކަން ނުކުރެއްވި އެވެ. އަދި އެންމެ ފަހުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ މައްސަލަ ހުށަހެޅުމުން ވެސް ޕާކު ކޮށްފައި ބާއްވައި މަޖިލީހުގެ ތެރެއިން އެ ބިލު ގެއްލުވައިލި އެވެ.

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިދިޔައީ މިއަދު އިބޫ ރޭ އެ ވިދާޅުވި ގާނޫނުއަސާސީ އާ ހިލާފު މާއްދާތައް އެގޮތަށް ބާއްވައިގެންނެވެ.

މިއަދު ބާރުތައް ގެއްލި ރައްޔިތުންގެ އިސްކޮޅާ ހަމައަށް ތިރިވުމުން އަލުން އެ ދައްކަން ފެށީ އެއްވެ އުޅުމުގެ ހައްގުގެ ވާހަކަ އެވެ. ސިޔާސީ ކަންކަމާ މީހުން ފޫހިވެ ނިޔަތާ މެދު ސުވާލު އުފައްދަނީ މިހާ ހިސާބުންނެވެ. ބާރުގައި ދެމި އޮތްހާ ހިނދަކު އެ ގެއްލިދާނެ ފަދަ ގޮތަކަށް ހައްގެއް ވެސް ފުޅާ ނުކުރަން ބޭނުމެއް ނުވެ އެވެ. ބާރުތައް ގެއްލޭ ހިސާބުން އަލުން މަސައްކަތް ކުރަނީ އެ ވާހަކަތައް ދައްކައިގެން ވެރިކަމަށް އާދެވޭތޯ އެވެ.

މިއީ މިއަދުގެ ސިޔާސީ ބޮޑު ދެ ޕާޓީގެ ހާލަތެވެ. މާޒީގެ ކަންކަން ހަނދާނުގައި ނެތީތޯ ނުވަތަ ރައްޔިތުން ހަނދާން ނެތޭނެ ކަމަށް ހީކުރަނީތޯ ސުވާލު އުފެދެ އެވެ.

މި ކުލަވަރު ފެންނަނީ ހަމައެކަނި އެއްވެ އުޅުމުގެ ހައްގާ ހަމައިން ނޫނެވެ. ވައްކަމާއި ކޮރަޕްޝަންގެ މައްސަލާގައި ވެސް އިދިކޮޅުގައި ހުރެގެން ދައްކާ ވާހަކަ އާއި ވެރިކަމުގައި ހުރެގެން އަމަލު ކުރާ ގޮތް ހާސް ބައި ތަފާތެވެ.

ބާރުގައި އޮތް އިރު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނަރަލް އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި އެހެނިހެން މިނިވަން މުއައްސަސާތަކަށް މިނިވަންކަމާއެކު ދައުލަތަށް ފާރަވެރިވާން ފުރުސަތެއް ނުދިނެވެ. ބޮޑެތި ހިޔާނާތުގެ ވެރިންނާއެކީ އެއްބަސްވުންތައް ހަދައިގެން ދިޔައީ ލުއި ދެމުންނެވެ. މާފު ދީ މިނިވަން ކުރަމުންނެވެ.

މިއަދު ގައުމުގައި މި ހިނގާ ކަންކަމަކީ "ވަގުން ވަގުންނަށް ގޮވުން" ކަމުގައި ސޯޝަލް މީޑިއާގައި ޒުވާނުން ސިފަ ކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ގައުމުގެ ވެރިކަމާ ހަވާލުވާން ތައްޔާރަށް ތިއްބެވި ސިޔާސީ ވެރިން އަމަލު ކުރައްވާ ގޮތާއި ދައްކަވާ ވާހަކަތައް ސަމާލުވާން ޖެހެނީ މިހެންވެ އެވެ.

މާޒީގައި ހިނގި ކަންކަމާއި މިއަދު މިހާ ހިސާބަށް އައިސް މަގުމަތީ ހުއްޓި އިށީންނަން ޖެހުނު ސަބަބާ މެދު ވިސްނާ ފިކުރު ކުރަން ޖެހެ އެވެ.