ސޯޝަލް މީޑިއާގައި ލީކު ކޮށްލައިގެން މި އުޅެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޖޫން 5، 2014 އިން އޮކްޓޯބަރު 1، 2014 އަށް އެސްއެމްއެސް އާއި ވައިބާ އިން ކޮށްފައިވާ މެސެޖުތަކެކެވެ. އެއީ ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލާގައި އަދީބު ހައްޔަރު ކުރުމާ ހަމައަށް އޭނާ އާރާއި ބާރުގައި ހޭދަ ކުރެއްވި ހަތަރު އަހަރުގެ ތެރެއިން އެންމެ ހަތަރު މަހެވެ.
ނަމަވެސް އެ ކުރު މުއްދަތުގައި ކުރެވުނު މެސެޖުތަކުން އެކަނިވެސް ސިޔާސީ އެތައް ބަޔަކު ބޭނި ބޭޒާރު ވެއްޖެ އެވެ. އެ ހަޑީގައި ނުޖެހޭ ޕާޓީއެއް ނެތެވެ. އަދީބުގެ ފައިސާ އާއި "އެހީ" ނުފޯރާ ސިޔާސީ މީހެއް މަދެވެ. ވަކިވަކި މީހުންނަށް މިލިއަނުން ފައިސާ ހަރަދު ކޮށްލި އިރު އެއީ ކިހިނެތް ހޯދި މުއްސަދި ކަމެއްތޯ ބަލައިލި މީހެއް ނެތެވެ.
އެކަމަކު އަދީބް ފައިލްސް އިން ލީކުވި މެސެޖުތަކުން ހާމަވި ކަންކަމަށް ވުރެ ހައިރާންވާން ޖެހެނީ އެ މައުލޫމާތުތައް ދައުލަތުގެ ތަހުގީގީ އިދާރާތަކާއި ސިޔާސީ މީހުންގެ އަތު ތެރޭ ހޭކޭތާ ގާތްގަނޑަކަށް 10 އަހަރުވި އިރު އެ މައްސަލަތައް ބަލާނެ ބަޔަކު ނުވުމެވެ. އެ މުއްދަތު ތެރޭގައި އެމްޑީޕީ އަދި ޑީއާރްޕީ ފިކުރު (ޕީއެންސީ) ވެރިކަން ކޮށްފި އެވެ. އެ ހުރިހާ ރައީސުން އަތަށް މި ފައިލް އެރި ނަމަވެސް އަޅާ ނުލުމުން އެ ދެނީ ބޮޑު މެސެޖެކެވެ.
އެމްޑީޕީގެ ވެރިކަމުގައި އެ މައުލޫމާތުތައް ހިމެނޭ ޕެންޑްރައިވް އަކާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ބައިވެރިންގެ ލިސްޓެއް ގެންގުޅުނެވެ. އެއިން އެއްވެސް އެއްޗެއްގެ އަސްލު ބޭރެއް ނުކުރެ އެވެ. މީހަކަށް އަދަބެއް ނުލިބެ އެވެ. ފުރިހަމަ ތަހުގީގެއް ނުހިންގަ އެވެ. އެސެޓެއް ރިކަވާ ނުވެ އެވެ. ވެރިކަން ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް ހިޔާނާތުގެ މުގުލުގައި ހުރި އަދީބާއި އޭނާގެ ބައިވެރިން މިނިވަން ކުރި އެވެ.
އެއަށް ފަހު މި އައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެވެ. އެމަނިކުފާނު ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ސީދާ ގޮތުން ބައިވެރިވެފައިވާ އަދި އެ ހުރިހާ ހަޑިއެއްގެ އަޑީގައި ތިއްބެވި ފަރާތްތައް ގޮވައިގެންނެވެ. މިހާރު ސަރުކާރުގެ ކެބިނެޓާއި މަޖިލީހާއި ވުޒާރާތަކުގައި އެ މީހުން އެބަތިއްބެވެ. އެ މީހުން ބޭޒާރުވެ ހަގީގަތް ހާމަވިޔަސް އެއްވެސް މައްސަލައެއް ތަހުގީގު ކުރުމުގެ ވިސްނުމެއް ނެތެވެ.

މި ސިޔާސީ ހަގީގަތާއި އަދީބް ފައިލްސްގެ ފަހަތުގައި ފޮރުވިފައި ހުރި ވާހަކަތައް ގުޅުވައިލުމަށް މުހިންމު ދެ ސުވާލަކަށް ޖަވާބު ލިބެން ޖެހެ އެވެ.
އަދީބުގެ ފޯނުގެ ޗެޓްލޮގްތައް ބޭރުވެގެން މިހާ ހިސާބަށް އައީ ކިހިނެތް ހެއްޔެވެ؟ އެ މައުލޫމާތުތައް ބޭނުން ކޮށްގެން މީހަކަށް ފިޔަވަޅު ނާޅާ އޮތީ ކީއްވެ ހެއްޔެވެ؟
އެ ދެ ސުވާލުގެ ޖަވާބު ހޯދަން ސެޕްޓެމްބަރު 28، 2015 އާ ހަމައަށް ޖެހިލާނަމެވެ. އެއީ މުޅި ދުނިޔޭގެ ފަލަ ސުރުހީތަކަށް އެރި ބޮޑު ކޫ އެއް ގެންނަން ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ދުވަހެވެ. ސިޔާސީ ދެ މިތުރުން ކަމަށްވާއި އަދީބާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެންމެ ވަރުގަދަ ދެ ހަތުރުންނަށް ވި ދުވަހެވެ.
ދެ ފޯނާއި ލެޕްޓޮޕް: ޗައިނާއިން ސިންގަޕޫރުން ލަންޑަނަށް!
ފިނިފެންމާ ލޯންޗު ގޮއްވާލި އަޑަށް ވުރެ ބާރަށް އެ ދުވަހު މުޅި މާލެ ތެރޭ ދައްކަން ފެށީ އޭގެ ފަހަތުގައި އަދީބުގެ އަތެއް ވާނެ ވާހަކަ އެވެ. އެ ހަމަލާ ދިނީ އަދީބު ކަން ހަމަ އެ ވަގުތު "އިލްހާމްވި" ކަމަށް ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ. ހުރިހާ ދިމާލަކުން ގޮސް ހެކިތައް ގުޅެނީ ސިޔާސީ ގޮތުން އާދަޔާ ހިލާފަށް އަވަހަށް ބާރުގަދަ ވަމުން އައި ޒުވާން އަދީބާ ދިމާލަކަށެވެ.
އެ މަންޒަރާއި އަޑުތައް އަދީބަށް ވެސް ވަރަށް ސާފުކޮށް ފެންނަން ފެށި އެވެ. އަވަސް އަރުވާލާފައި އެ ހަމަލާ ކުށްވެރިކުރަން ޕީޕީއެމް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ހުރިހާ ތުހުމަތެއް އިންކާރު ކުރެއްވި އެވެ.
އެހެން ނަމަވެސް އަދީބުގެ ރޭވުންތައް ހޯދައި އޭނާ ތިރި ކުރަން ޔާމީން ހަވާލު ކުރެއްވީ އުމަރު ނަސީރާ އެވެ. ފިނިފެންމާ ލޯންޗުގެ ތަހުގީގެއް ހިންގަން ރިޔާސީ ކޮމިޝަނެއް އެކުލަވާލައި ކޯ ޗެއާ އަކަށް އުމަރު އައްޔަން ކުރެއްވި އެވެ. އަދި މުޅި މައްސަލަ އަދީބާ ގުޅޭ ގޮތް ހޯދައި އަދީބު ހައްޔަރު ކުރުމުގެ މަސައްކަތް އުމަރު ފެއްޓެވި އެވެ.
އެ ވަގުތު އަދީބު ހުންނެވީ އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް ޗައިނާގަ އެވެ.

އަދީބު ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދަން އުމަރު އުޅުއްވާ ވާހަކަ އަދީބުގެ ކަންފަތާ ހަމައަށް އޭނާގެ ޕޭރޯލްގައި އުޅުއްވާ އެތައް ބަޔަކު ގެނަ އެވެ. މާލެ އަރާ ތަނާހެން ހައްޔަރު ކުރާނެ ފުލުހުންނާއި ކްރިމިނަލް ކޯޓުގެ އެންމެ މަތިން ވެސް އަދީބަށް ކަށަވަރު ކޮށްދިނެވެ.
އެހެން ނަމަވެސް އަދީބު ހައްޔަރެއް ނުކުރެވޭނެ ކަން ވަރަށް އެކި ފަރާތްތަކުން ދިޔައީ އަދީބަށް ވިސްނައި ދެމުންނެވެ. ނުވަތަ އޭނާ ރާއްޖެ ނައިސް ފިލާފާނެތީ ސަރުކާރުން ގަސްތުގައި ރާވައިގެން ދިޔައީ އެ މައުލޫމާތު އެގޮތަށް އަދީބަށް ފީޑު ކުރަމުންނެވެ.
އެއީ އަދީބާ އެކީ ވަރަށް ގިނަ ބަޔަކު ތިބި ވާހަކަ އެވެ. މާލެއިން މަރުހަބާ ކިޔަން ޒުވާނުންތައް ދާނެ ވާހަކަ އެވެ. މަޖިލީހުގެ ގިނަ މެންބަރުން އަދިވެސް އަދީބާ އެކީ ތިބި ވާހަކަ އެވެ. ޔާމީން އިމްޕީޗް ކުރަން އެމްޑީޕީގެ މެންބަރުން ވެސް އޭނާ އާއެކު ތިބި ކަމެވެ. އަދި ކްރިމިނަލް ކޯޓުގެ ތެރެއިން ވެސް އެ އަމުރު ނުނެރެދޭނެ ކަމުގެ ޔަގީން ކަން އަދީބަށް ލިބުނެވެ.

ނަމަވެސް ވިސްނުން ބަހައްޓައިގެން އަދީބު ކުރެއްވި ކަމަކީ އެ ދަތުރުގައި އޭނާއާއެކު ދިޔަ ވަފާތެރިއަކަށް އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް ހަވާލު ކުރުމެވެ. އެއީ އެމްއެމްޕީއާރްސީގެ އިތުރުން ފިނިފެންމާ ލޯންޗު ގޮއްވާލުމުގެ ރޭވުންތަކާއި ހުރިހާ ހެކިތަކެއްގެ ކިތާބީ ހެއްކަކީ އެއީ އެވެ. އެ ނެތް ނަމަ އަދީބާ ދެކޮޅަށް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.
އެހެންވެ އަދީބުގެ އިންސްޓްރަކްޝަނަކަށްވީ ސިންގަޕޫރުގައި ޓްރާންސިޓު ކުރުމުން އެ ގައުމަށް ފޭބުމަށެވެ. އަދި މާލެއިން އަދީބު ހައްޔަރު ކޮށްފި ކަމުގެ ހަބަރު ލިބިއްޖެ ނަމަ އެ ފޯނުތަކާއި ލެޕްޓޮޕް ހިފައިގެން ލަންޑަނަށް ދިޔުމަށެވެ.
ކަން ދިމާވީ ވެސް އަދީބަށް ޝައްކު ކުރެވުނު ގޮތަށެވެ. ހުޅުލެ އެއާޕޯޓަށް ޖައްސައި ވެހިކަލަށް ސަލާމަތީ ހިދުމަތްތަކުގެ ވެހިކަލަށް އެރި އިރު ވެސް އަދީބަށް ހީވެފައި އޮތީ އޭނާ އަށް ސެކިއުރިޓީ ދެނީ ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން ހައްޔަރު އަމުރު އަދީބަށް ދެއްކި އެވެ. އޭނާ ދޫނިދޫ އަށް ގެންދާ ކަމަށް އެންގި އެވެ. އަދި ހައި ޓްރީޒަންގެ ކުށުގައި އަދީބު ހައްޔަރު ކުރި ކަމަށް އުމަރު ނަސީރު ޓުވީޓު ކުރެއްވި އެވެ.
އެ ހަބަރު މީޑިއާގައި ފެތުރުމާއެކު އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް ހިފައިގެން އެ މީހާ ލަންޑަނަށް ފުރި އެވެ. އެއީ މި މައްސަލާގައި ސަރުކާރުން ހީނުކުރި ކަމެކެވެ. އަދީބުގެ ބާރާއި ނުފޫޒު އޮތް ވަރުން ދައުލަތާއި ކޯޓުތަކުގެ ތެރެއިން ވެސް އިންޓެލް ލިބި އެންމެ ބޮޑު ހެކި އަތުން ދޫވީ އެވެ.
ހިޔާނާތުގެ ބޮޑުންނާއެކީ ސިޔާސީ ހުތުރު ޑީލެއް!
ލަންޑަނުގައި އެ ދެ ފޯނާއި ލެޕްޓޮޕް އޮތީ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގަން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އިސް ފަރާތެއް ކަމުގައިވާ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އަދި ފައިސާ އުފުލަން އަދީބުގެ ޕާސަނަލް ޑްރައިވަރަކަށް އުޅުނު މުހައްމަދު ހުސައިން (އޮއިއްޓެ) އަތުގަ އެވެ. އެ ދެ މީހުން އިނގިރޭސިވިލާތުގައި ތިއްބާ ޔާމީންގެ ސަރުކާރުން އެ މީހުން އަނބުރާ ރާއްޖެ ގެންނަން އިންޓަޕޯލްގެ ރެޑް ނޯޓިސް ވެސް ނެރުނެވެ.
އެކަމުން ސަލާމަތް ވާން އެ މީހުން ބޭނުންވީ އިނގިރޭސިވިލާތުގެ އެސައިލަމް ހޯދުމަށެވެ. އަދި އިއްތިފާގުން އެ ވަގުތު ލަންޑަނުގައި އެސައިލަމް ހޯއްދަވައިގެން އެމްޑީޕީގެ ދެ ވެރިން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދު އާއި ޗެއާޕާސަނަކަށް ހުންނެވި އަލީ ވަހީދު އުޅުއްވި އެވެ.
މޮހޯ އަދި އޮއިއްޓެ އެމްޑީޕީގެ އޭރުގެ ވެރިންނާ ބައްދަލުކޮށް އިނގިރޭސި ސަރުކާރުގެ ހިމާޔަތް ހޯދައިދޭން އެހީތެރިވެދިނުމަށް އެދުނެވެ. އޭގެ ބަދަލުގައި އަދީބުގެ ފޯނާއި ލެޕްޓޮޕް ދިނުމަށް އެ މީހުން އެއްބަސްވި އެވެ. އެ ތަކެއްޗާ ހަވާލުވާން ވަޑައިގަތީ އަލީ ވަހީދެވެ. މީގެ ކުރިން އަލީ ވަހީދާއި ނަޝީދު ވެސް ވަނީ އަދީބުގެ ފޯނު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދީބުގެ ފޯނަކީ އެމްޑީޕީ އަށް ޔާމީންގެ ވެރިކަން ނިންމަން ލިބޭނެ އެންމެ ވަރުގަދަ ހަތިޔާރެވެ. ހިޔާނާތުގެ ބޮޑުންނާ އެ ޑީލް ހަދައި އެ މީހުންނަށް ހިމާޔަތް ފޯރު ކޮށްދިނުމަށް ފަހު އެ މައުލޫމާތުތައް ހޯދީ އެ ނިޔަތުގަ އެވެ. އެ ހުތުރު ޑީލްގެ ސަބަބުން އެންމެ ބޮޑު ހެކި ކޮމްޕްރަމައިޒްވީ އެވެ. އައަދީބް ފައިލްސްގެ ގާނޫނީ ބުރަދަން ގެއްލުނީ އެވެ.
އޭގެ ފަހުން މޮހޯ އަދި އޭނާގެ ބައިވެރިން މިހާރު ވަނީ އެމްއެމްޕީއާރްސީގެ ގެއްލުނު ފައިސާ ބޭނުން ކޮށްގެން ލަންޑަނުގައި ދިރިއުޅުން އާރާސްތު ކުރަން ފަށައިފަ އެވެ. އާދައިގެ މީހަކަށް ނުގަނެވޭ ވަރުގެ ރިއަލް އެސްޓޭޓު ގަނެފި އެވެ. އެ ވިޔަފާރީގެ ތެރެއަށް ވަދެ މުއްސަނދި ވަނީ އެވެ. ހިޔާނާތުގެ ބޮޑުން "އުދުހެން" ދޫކޮށްލީ ހަމަ އެ ސިޔަސީ ލީޑަރުންނެވެ. ޑީލް ވިތު ދަ ޑެވިލް އަކުންނެވެ.
ފަރަޑޭ ފޮރެންސިކަށް ފޯނުތައް ލިބުނު ގޮތް
އަދީބު ފޯނުގައި ހުރި ޑޭޓާތައް އެކްސްޓްރެކްޓު ކުރުމުގެ މަސައްކަތް ކުރަން ނިންމެވީ އެ ވަގުތު ލަންޑަނުގައި ހުރި އެމްޑީޕީގެ ވެރިންނެވެ. އެ ދެ ފޯނު ހަވާލު ކުރެއްވީ ލަންޑަންގެ އެތީނާ އިންޓޭލިޖެންސްގެ ޑިރެކްޓަރަކަށް ހުންނެވި ސައިމަން އެޓްކިންސަން އާއެވެ.
އެޓްކިންސަން އެ ފޯނުތަކުގެ ޑޭޓާ އެކްސްޓްރެކްޓު ކުރަން ހަވާލު ކުރީ ފަރަޑޭ ފޮރެންސިކް އާއެވެ. އެ މީހުން އެ މަސައްކަތް ނެގީ އެތީނާ އިންޓޭލިޖެންސްގެ މަސައްކަތެއްގެ ގޮތުގަ އެވެ. މިހާރު ލީކުވެފައިވާ ފައިލްގެ ސަމަރީގައި ކޭސް ނޭމް އަކަށް އެތީނިއާ އިންޓެލިޖެންސް ލިޔެފައި ވަނީ އެހެންވެ އެވެ.
އައިފޯނުތަކުގެ ތަހުލީލު ކުރި އިނގިރޭސިވިލާތުގެ ފަރަޑޭ ފޮރެންސިކްސް ކުންފުނީގެ ޑިޖިޓަލް ފޮރެންސިކް އެގްޒަމިނާ މާކް އެންޑްރޫ ރިގްބީ މި މައްސަލާގައި ވިދާޅުވެފައިވާ ގޮތުގައި އެ ފޯނުތައް ފަރަޑޭ ފޮރެންސިކާ ހިސާބަށް ލިބުމާ ހިސާބުނު ވަގުތުން ފެށިގެން ހަވާލު ކުރުމާ ހަމައަށް އޭގެ ޗެއިން އޮފް ކަސްޓަޑީއެއް ހަދާފައި އޮންނާނެ އެވެ.

އެ ފޯނުތައް ލިބުނީ އެތީނާ އިންޓެލިޖެންސްގެ އެޓްކިންސަން ކިޔާ މީހެއްގެ އަތުން ކަމަށާއި އޭގެ އަސްލު ވެރިފަރާތެއް އޭނާއަކަށް ނޭނގޭ ކަމަށް ރިގްބީ ވިދާޅުވި އެވެ.
ރިގްބީ ވިދާޅުވި ގޮތުގައި އޭނާ ތިން ފޯނެއް ތަހުލީލުކުރި އެވެ. އޭގެ ތެރެއިން އެއް ފޯނު އޮތީ ހަލާކުވެފައި ކަމަށް އޭނާ ބުންޏެވެ. އަނެއް ދެ ފޯނުގެ ސިމް ކާޑާއި މެމޮރީ ކާޑްގެ އިތުރަށް އިންޓާނަލް ސްޓޯރޭޖް ރިކަވާކޮށް ހޯދި އެވެ. އެއީ ސައްހަ މައުލޫމާތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ގިނަ މައުލޫމާތުތައް ހުރީ ލީކުވެފައިވާ އެއިފޯން 5އެސްގަ އެވެ.
ފަރަޑޭ އިން އެ ޑޭޓާތައް އެކްސްޓްރެކްޓު ކުރުމާއެކު އެމްޑީޕީގެ އިސް ފަރާތްތައް އެ މައުލޫމާތުތައް އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓަށް ދިނެވެ. ބޭނުމަކީ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޮޑު ޑޮކިއުމެންޓްރީއެއް ހަދައި ބޭރު ދުނިޔޭގައި ބޭޒާރު ކޮށްލުމެވެ. އަލްޖަޒީރާ އިން އެ މައުލޫމަތުތައް އެއްކޮށްގެން ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީ ހެދި އެވެ. އަދި އެ ޑޮކިއުމެންޓްރީ އަށް ނަޝީދާއި އަލީ ވަހީދު އިންޓަވިއު ދެއްވި އެވެ.
އެ ޑޮކިއުމެންޓްރީ އާ ބެހޭ ގޮތުން އަލްޖަޒީރާގައި ރިޕޯޓުތައް ތައްޔާރު ކުރި ވިލް ޖޯޑަން ލިޔެފައިވާ ގޮތުގައި މި ހުރިހާ ހެއްކެއް އަދީބާ ދެކޮޅަށް ލިބިފައި އޮތް ނަމަވެސް ނަޝީދު އަދިވެސް ގަބޫލު ކުރައްވަނީ އަދީބަކީ "ވިކްޓިމް" އެއް ކަމަށެވެ. އެއީ ރާއްޖޭގެ ނިޒާމް ފެއިލްވެފައި އޮތް ގޮތުގެ ވާހަކަ އާ ގުޅޭ ގޮތުން ވަކިން ލިޔުނު ރިޕޯޓެއްގައި އޭނާ އެކަން ހައިލައިޓް ކުރި އެވެ.
އެއަށް ފަހު އިނގިރޭސިވިލާތުގައި ހުންނަވައިގެން ޔާމީން ސަރުކާރާ ދެކޮޅަށް ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އިސްވެ ހުންނަވައިގެން ހެދި މޯލްޑިވްސް ޔުނައިޓަޑް އޮޕޮޒިޝަންގައި ވެސް އަދީބު ބައިވެރި ކުރި އެވެ. އަދީބު ޖަލުގައި ހުރުމުން އަދީބު ތަމްސީލް ކުރުމަށް ބައިވެރި ކުރީ އޭނާގެ އަނބިމީހާ ލިއުޝާ އެވެ.
ފުލުހުން ޑޭޓާތަކުގެ އަސްލު ހޯދީ 6 އަހަރު ފަހުން!
އެނގިފައިވާ ގޮތުގައި ޔާމީންގެ ވެރިކަން ބަދަލުވެގެން އައިއިރު ވެސް އަދީބުގެ ފޯނުގައި ހުރި މައުލޫމާތުތަކެއް ފުލުހުންގެ އަތަކަށް ނާރަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުމާއެކު އަދީބުގެ ފޯނުގެ ޑޭޓާތައް ހިމެނޭ ޕެންޑްރައިވް އެއް ފުލުހުންނަށް ލިބުނެވެ.
އެ މައުލޫމާތުތައް ބޭނުން ކުރަން އޭރުގެ ސަރުކާރުން ދެން ވެސް ބޭނުންވީ ހަމައެކަނި ޔާމީނާ ދެކޮޅަށެވެ. އެހެންވެ އަދީބު ހެއްކަކަށް ލައިގެން އެ ޕެންޑްރައިވް އިން ފެންނަން ހުރި ޗެޓްލޮގްތަކުގެ ވާހަކަތަކުގައި ބުރަދަނެއް ޖައްސަން މަސައްކަތް ކުރި އެވެ.
ނަމަވެސް ކޯޓެއްގައި ޗެއިން އޮފް ކަސްޓަޑީއެއް ނެތުމުން އެއީ ޝަރުއީ ކޯޓެއްގައި އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެ ބަދަލު ކުރި ކަމެއް އުނި އިތުރެއް ގެނައި ކަމެއް ސާފެއް ނުވާނެ އެވެ.
އެކަމާ ގުޅޭ ގޮތުން އެންޑްރޫ ރިގްބީ ވިދާޅުވެފައިވާ ގޮތުގައި އޭނާ އެ ޑޭޓާތައް އެކްސްޓްރެކްޓު ކުރި ނަމަވެސް އެ ފޯނުތަކުގެ އޮރިޖިނަަލް ޑޭޓާ ޑަމްޕްތައް ސައިމަން އެޓްކިންސަން އަށް ނުދެ އެވެ.
އޮރިޖިނަލް ޑޭޓާ ޑަމްޕުތައް ހޯދަން ދިވެހި ފުލުހުން އެދުނު ކަމަށާއި އެހެންވެ ފުލުހުންނާ ހަވާލު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ އެ ޑޭޓާތައް އެކްސްޓްރެކްޓު ކުރިތާ ހަ އަހަރު ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 2020 ވަނަ އަހަރެވެ.

އެ ޑޭޓާތައް ހުރި ނަމަވެސް އިބޫގެ ވެރިކަމުގައި އޮތީ އަދީބަށް ލުއި ގޮތެވެ. އޭނާ ގެއަށް ބަދަލު ކުރި އެވެ. އަމީން އެވެނިއުގެ ލަގްޒަރީ ފްލެޓުގައި ގެންގުޅުނުެވެ. ބޭނުން ކަމެއް ކުރަން ފުރުސަތު ދެއްވި އެވެ. އަދި އެމްއެމްޕީއާރްސީ ފައިސާތައް ދޮވުނު މީހުންނަށް އޮތް ރެޑް ނޯޓީސް އުވާލި އެވެ. އަދީބު ބޭނުންވި ކަމެއް ސަރުކާރުގެ ތެރެއިން ހަމަޖެހިގެން ދިޔަ އެވެ.
އެ ހުރިހާ ކަމަށް ފަހު ވެރިކަން ނިމެން ހަތަރު ދުވަހަށް ވެފައި ވަނިކޮށް އަދީބު މިނިވަން ކުރި އެވެ. އޭނާގެ ޕާޓްނާ އިން ކްރައިމް، އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް މިނިވަން ކުރި އެވެ.
އޭގެ އެއް ސަބަބެއްގެ ގޮތުގައި އިތުބާރު ހުރި ބައެއް ފަރާތްތަކުން ބުނަނީ އަދީބުގެ ފޯނުގައި އެމްޑީޕީ އާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ވެސް ހުރުމެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ވަޒީރު ކަން ކޮށްފައިވާ ފަރާތްތައް ވެސް ލައްކައިން ރުފިޔާ ހޯދަން އެދިފައި ހުރުމެވެ. އަދި މަޖިލީހުގެ ތެރެއިން އަދީބު ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް އެމްޑީޕީ އާއެކީ ހެދި ޑީލުތައް ފަޅާ އަރުވާލަފާނެތީ އެވެ.
އޭރު އަދީބު ބާރުގައި ހުންނެވި އިރު އަދީބު ނައިބު ރައީސް އަކަށް އައްޔަންވީ އެމްޑީޕީ މެންބަރުންގެ ވެސް ވޯޓުންނެވެ. އަދި ރާޢްޖޭގައި ބޭރު މީޙުންނަށް 99 އަހަރަށް ބިން މިލްކު ކުރެވޭ ގޮތް ހެދުނީ ވެސް އެމްޑީޕީ މެންބަރުންގެ ވޯޓުންނެވެ. މި ހުރިހާ އެންމެނާ ޑީލް ހެދުމުގައި ޔާމީންގެ ފަރާތުން އުޅުއްވީ ސީދާ އަދީބެވެ. އޭރު އެމްޑީޕީގެ ޕާލިެމންޓްރީ ގްރޫޕްގެ ލީޑަރަކީ ފަހުން ވެރިކަމުގައި ހުންނެވި އިބޫ އެވެ.
ހެކިތައް ކަފުން ކުރުން!
މިހާރު ލީކު ވެގެން މި އުޅެނީ އަދީބު ފޯނުގައި ހުރި ހުރިހާ މައުލޫމާތެއް ނޫނެވެ. ވަރަށް ބޮޑު ބައި އުނި ކޮށްގެން އުފައްދާފައި އޮތް ފައިލް އެކެވެ. އެއަށް ވުރެ ގިނަ ވާހަކަތައް ހުރި ކަމާއި ބައެއް ކަންކަން ޑިލީޓު ކޮށްފައި ހުރި ކަން އޮރިޖިނަލް ޑޭޓާ ޑަމްޕް އަތަށް އެރި ފަރާތްތައް ކަށަވަރު ކޮށްދެ އެވެ.
އެހެން ނަމަވެސް ހަގީގަތަކީ މިއަދު އަދީބުގެ ފޯނުން ފެންނަން ހުރި މައުލޫމާތެއް ނުވަތަ އެ ލެޕްޓޮޕާއި އަދީބުގެ އީމެއިލްގައި ހުރި ވާޙަކަތަކަކީ ޝަރުއީ ކޯޓެއްގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ. އެ އަދިވެސް ސިޔާސީ ބައެއް ވެރިންގެ އަތުގައި އެބަހުއްޓެވެ. އަދި ނުފޫޒު ގަދަ އެހެން ފަރާތްތައް ވެސް ގެންގުޅެ އެވެ.
ސިޔާސީ އެންމެންގެ ހަޑި އެ ޑޭޓާތަކުގައި ހުރުމުން އެމްޑީޕީ އަދި ޕީއެންސީން ވެސް ވަނީ އޭގައި އަތް ނުލާން ނިންމައިފަ އެވެ. އެ ތަހުގީގެއް ނުކުރާނެ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތް ވެސް އޮންނާނީ އެގޮތަށެވެ. ތިން ބިލިއަން ރުފިޔާ ހިޔާނާތުގެ ލައްގަނޑު އުމުރަށް ޖެހުނު ވާހަކަ މިއަދުގެ ސިޔާސީ ވެރިން ނުދައްކާނެ އެވެ.
އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ކަފުން ކޮށްފައި ހުރި އެ ހެކިތައް ކޮނެ ކޮނެގެން ބައިބައިޔަށް ލީކު ކުރެ އެވެ. ދެން ވެސް ކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަން ބޭނުން ކުރާނީ ސިޔާސީ މީހުން ސިޔާސީ ފައިދާ ނެގުމަށެވެ. އެންމެ ފުރަތަމަ ދުވަހު މޮހޯމެންގެ އަތުން އެ މައުލޫމާތު ހޯދައިގެން ވެސް ބޭނުން ކުރި މަގްސަދުގަ އެވެ. ދެން ވެސް ބޭނުން ކުރާނީ އެގޮތަށެވެ.
ކޮންމެ ފަސް އަހަރުން އެއް ފަހަރު ވައްކަމޭ ކިޔައިގެން ރައްޔިތުން ލޮލުގައި އަޅުވަނީ އަނދުން ގަނޑެކެވެ. ހިޔާނާތުގެ ވާހަކަ ދައްކަނީ ވެރިކަން ހޯދުމަށެވެ. ވެރިކަމަށް އައުމަށް ފަހު އެމްއެމްޕީއާރްސީ ވަރުގެ އެތައް ހިޔާނާތެއް ހިންގަ އެވެ. ކަން ދިމާވި ގޮތުން އެމްއެމްޕީއާރްސީގެ ފައިލްތައް ބޭރުވީ އެވެ.
ނޯޓް: މި ރިޕޯޓަށް މައުލޫމާތު ހޯދާފައި ވަނީ މި މައްސަލައިގެ ތަހުގީގާއި އެ ފައިލްތައް ހޯދުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކާއި ކަމުގެ މައުލޫމާތު ވަރަށް ކައިރިން އެނގޭ ފަރާތްތަކާ ވާހަކަ ދައްކައިގެންނެވެ. އެކަމުގެ ހެކިތައް ހޯދައި ބަލައިގެންނެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ރިޕޯޓަށް މައުލޫމާތު ދެއްވި ފަރާތްތަކުން ނަން ޖެހަން އުޒުރުވެރިވެ އެވެ.