ޓިކްޓޮކްގައި "ހަނިފަރު ބޭ" ޖަހާ ސާޗްކޮށްލާށެވެ. އެތައް ސަތޭކަ ވީޑިއޯއެއް ކުރިމަތިން ފެންނަން ހުންނާނެ އެވެ. އެ އަޖައިބެއްހާ ރީތިކަމަކުގެ ތެރޭ އަޝޯހުވެގެން ނަގާފައިވާ ވީޑިއޯތަކުން ވެސް ތަނުގެ މަޝްހޫރުކަން އެ އޮތީ ފެންނާށެވެ. އެއީ ދުނިޔޭގެ ނިސްބަތުން ވެސް މަގުބޫލުކަމުގެ އެންމެ ކުރީ ސަފުގައި އޮތް ތަނެކެވެ. ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްސްގައި ހިމެނޭ ތަނެކެވެ. 

އެކަމަކު, އެންމަޑި އާއި ފެހުރީގެ މި ބޮޑު ހަޒާނާ މި ވަގުތު އޮތީ 'އަންޑާ އެޓޭކް'ގަ އެވެ. އެތަނަށް ލިބިދާނެ ބޮޑެތި ގެއްލުންތަކާ މެދު ތިމާވެއްޓަށް ލޯބިކުރާ އެންމެން މި ތިބީ ކަންބޮޑުވެފަ އެވެ. ތަރައްގީގެ މަޝްރޫއަކަށް ޓަކައި ގުދުރަތުގެ މި އަޖައިބަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ވެދާނެ ކަމުގެ ނުތަނަވަސްކަން އެހާ ބޮޑެވެ. 

ހަނިފަރު ބޭ

  • 2009 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ސަރަަހައްދެއް އަދި އެ ތަން ރައްކާތެރިކޮށް ދަމަހައްޓަން ހާއްސަ ގަވައިދެއް ހަދާފައިވޭ
  • ހަނިފަރު ސަރަހައްދަކީ ކަނޑުގެ ދިރުންތަކުން މުއްސަނދި ސަރަހައްދެއް 
  • މި ސަރަހައްދުގައި އޮއި ދައުރުވަނީ އެހެން ސަރަހައްދުތަކާ ތަފާތު އަދި ހާއްސަގޮތަކަށް 
  • ހުޅަނގު މޫސުމުގައި މި ސަރަހައްދުގައި އޮއި ދައުރުވާގޮތުގެ ސަބަބުން ފެހުރިހި އަދި މަންޓާ މި ސަރަހައްދަށް ކާނާ ހޯދުމަށް ގިނަ އަދަދަކަށް ޖަމާވޭ އަދި ވިހައި އާލާވުމަށް މަންޓާ މި ސަރަހައްދަށް އެއްވޭ 
  • މި ދިރުންތަކަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކެއްކަމުން, މި ސަރަހައްދަކީ ބ. އަތޮޅަށާއި ރާއްޖެއަށް, އަދި މުޅި ދުނިޔެއަށްވެސް ގުދުރަތީގޮތުން މުހިންމު ސަރަހައްދެއް
  • މި ސަރަހައްދަކީ މިފަދަ ބޮޑެތި ދިރުންތައް އެއްވާ ތަނެއްކަމުން ޓޫރިޒަމް އެކި ހަރަކާތްތަކަށާއި ރިކްރިއޭޝަނަލް ޑައިވިންގްއަށްވެސް މުހިންމު ސަރަހައްދެއް 
  • މި ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ ތަންތަނާއި, ކިރުދޫންޏާއި, ކުރަނގި އަދި މާރަނގަ ނިދަން އަރާ ތަންތަން ހުރޭ 
  • ބޮޑުމިނުގައި 529.00 ހެކްޓަރުގެ ސަރަަހައްދެއް

ދޮންފަނު ބިން ހިއްކުން; 

ހަނިފަރު ބޭއާ އެއް ކިލޯ މީޓަރު ދިރުގައި އޮތް ބ. ދޮންފަނު ފަޅު ހިއްކަން އެ ރަށަށް 13 ހެކްޓަރުގެ ބިން އިތުރު ކުރުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާން ކުރައްވައިފަ އެވެ. 

"ބިމުގެ ޖާގަ ވަރަށްދަތި. އެހެންވީމާ، މި މަޝްރޫއާ އެކީގައި، ގާތްގަނޑަކަށް 13 ހެކްޓަރުގެ ބިން މި ހިއްކެނީ. 13 ހެކްޓަރުގެ ބިން އިތުރުވެގެންދިޔައީމަ، ތިޔަބޭފުޅުންގެ ބިމުގެ ދަތިކަމަށް، މި ރަށުގެ ފަޅުތެރެއިން ހައްލު ގެނެވެން އޮތް އެންމެ ބޮޑަކަށް، ހައްލު އެ ގެނެވުނީ," ދޮންފަނުގައި ހުންނަވާ މިދިޔަ އޮގަސްޓް މަހު ރައީސް ވިދާޅުވި އެވެ. 

ދޮންފަނަކީ ބިން ކުޑަ ރަށެކެވެ. ބޮޑުމިނުގައި ހުރީ 17.5 ހެކްޓަރެވެ. އެންމެ ފަހަށް ލިބެންހުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރަޖިސްޓްރީވެފައިވާ އާބާދީއަކީ 599 މީހުނެވެ. އޭގެ ތެރެއިން މިހާރު ރަށުގައި ދިރިއުޅޭ މީހުންގެ އަދަދަކީ 569 އެވެ.

އެ ރަށު ބިން ހިއްކައި ގޯތި ދޫކުރުމަކީ ރަށު ރައްޔިތުން ވަރަށް ބޮޑަށް ޑިމާންޑް ކުރަމުންދާ ކަމެކެވެ. 

އެކަމަކު, މި މަޝްރޫއުއާ އެކު ހަނިފަރު ބޭއަށް އެތައް ގެއްލުމެއް ވެދާނެ ކަމުގެ އިންޒާރާ އެކު ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށައިފަ އެވެ. ތިމާވެށީގެ އެކްޓިވިސްޓުން ބުނާ ގޮތުގައި ސަރަހައްދުގެ ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބުމުގެ އިތުރުން، އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ތަނަކަށް ވާތީ، އެ ސަރަހައްދަށް ލިބޭ ގެއްލުމުގެ އަސަރު ގައުމުގެ އިގުތިސާދަށް ވެސް ކުރާނެ އެވެ. 

2019 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ހަނިފަރު ބޭއަށް 8,000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރިއިރު, އެއްލައްކައަށް ވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. މި އަދަދު ފަހުގެ ތަފާސްހިސާބުތަކުގައި އެތައް ގުނައެއް އިތުރުވާނެ އެވެ. 

ދޮންފަނަށް ވެސް ހަނިފަރު ބޭއަކީ ވަރަށް ހާއްސަ ތަނެކެވެ. އެ ތަނުގެގެ ކަންކަން ކައުންސިލާ ހަވާލު ކުރުމަށް ވެސް މި ފަހުން ރައީސް އެ ރަށަށް ކުރެއްވި ދަތުރުގައި ކައުންސިލުން ވަނީ އެދިފަ އެވެ. 

ދޮންފަނު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ގޮވާލައި ޕެޓިޝަނުގައި ބުނީ: 

  • ދޮންފަނުގެ ބިން ހިއްކަން ފެށުމުން އެ ސަރަހައްދުގައި އޮއިވަރު ދައުރުވާ ގޮތަށް ބަދަލު އައިސް، އެ ސަރަހައްދުގައި އުޅޭ ފެހުރިއްސާއި މަޑިތަކުގެ ކާނާގެ ނިޒާމަށް އަސަރުކުރާނެ އަދި އެ ސަރަހައްދުގެ މުރަކަތައް މަރުވެ، އެތަނުގައި އުޅޭ ދިރުންތަކުގެ ވެށި ހަލާކުވާނެ 
  •  ޕްރޮޖެކްޓުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ކަނޑުގެ ދިރުންތަކަށް ނޫން އެކަމކު މި ދިރުންތަކަށް ބަރޯސާވެ، އިގުތިސާދީ ނަފާ ހޯދާ އާންމުންނަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެ 

މި ޕެޓިޝަނުގައި މިހާރު ވެސް 3,000 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. 

އިކޯކެއާ މޯލްޑިވްސްގެ ޑިރެކްޓާ އޮފް އެޑްވޮކަސީ މައީދު ޒާހިރު ވިދާޅުވި ގޮތުގައި ދޮންފަނުގެ ރައްޔިތުންނާ  ދެކޮޅު ނުހަދަނީއެއް ނޫނެވެ. ވަކިވަކި ފަރުދުންނާއި އެމީހުންގެ ރަށާ ގުޅިފައިވާ އައިޑެންޓިޓީގެ އަގު ވަޒަންނުކުރަނީއެއް ވެސް ނޫނެވެ. އެކަމަކު, ދިވެހިންގެ ހައިސިއްޔަތުން މިހާރަށްވުރެ ފުންކޮށް ވިސްނައި، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މިކަމުގައި ވިސްނަންއެބަޖެހެ އެވެ. 

މައީދު ވިދާޅުވީ ކުރު މުއްދަތުގެ ފައިދާއަށް ވުރެ, ދޮންފަނު ބިން ހިއްކުމުގެ ލިބޭ ދާއިމީ ގެއްލުން ބޮޑުވާނެ ކަމަށެވެ. ތިމާވެއްޓަށް ލިބޭ އިންތިހާ ބޮޑު ގެއްލުމާ އެކު, ފަތުރުވެރިކަމުގެ އާމްދަނީއަށް އެތައް މިލިއަނެއް ގެއްލުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މަޝްރޫއު ފެށުނު ދުވަސްވަރަކީ އީޕީއޭ އުވާލައި އެތަން މިނިސްޓްރީގެ ދަށަށް ބަދަލު ވެސް ކުރި ދުވަސްވަރެވެ. ތިމާވެއްޓަށް ޔަގީނަށް ވެސް ގެއްލުންވާނެ މަޝްރޫއުއާ ގުޅޭ ގޮތުން އީޕީއޭއިން ހެދި އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

"މަޝްރޫއުގެ އީއައިއޭ ކޮބާ؟" މައީދު ސުވާލު ކުރެއްވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ހަނިފަރު ބޭއަކީ އެންމަޑި އާއި ފެހުރި ޖަމާވާ ދުނިޔޭގެ އެންމެ ބޮޑު އެއް ފީޑިން އެގްރިގޭޝަން ސައިޓެވެ. އެތަނުގެ އޮއެވަރަށް އެއްވެސް ބަދަލެއް ގެނައުމަކީ ޕްލެންކްޓަން ބްލޫމްސް އަށް ސީދާ އަސަރު ކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން, އެއްމަޑި އާއި ފެހުރިތައް ޖަމާވާ މި އަދާޔާހިލާފު މަންޒިލު ހަލާކުވެގެންދާ ގޮތަށް ދޮންފަނުގެ ބިން ހިއްކުމާ މެދު ވިސްނަން ޖެހެ އެވެ. މިކަމުން ލިބިދާނެ ގެއްލުމަކީ ފަހުން އިޔާދަކުރެވޭނެ ކަމެއް ނޫނެވެ. މަޑިތަކާއި ފެހުރިތައް ފައްސާލައިގެން ހިއްކާ ބިމަކުން ކުރާނެ މާބޮޑު މަންފާއެއް ނޯންނާނެ އެވެ.