ރާއްޖެއިން ޒަމާނުއްސުރެ ޕޯސްޓްޕޯޓަމް ހެދުމަށް ފުލުހުން އެދެނީ އިންޑިއާގެ އެހީ އެވެ. ޝައްކު އުފެދޭ ގޮތަކަށް މީހަކު މަރުވެގެން ނުވަތަ އެ ނޫން ސަބަބަކާ ހެދި ވިޔަސް އޮޓޮޕްސީ ޕްރޮސީޖާއެއް ހަދަން ޖެހޭ ކަމަށް ފުލުހުންނަށް ފެނިއްޖެ ހާލަތެއްގައި އެ ހަށިގަނޑެއް ވަގުތުން ބޭރަށް ފޮނުވަން ޖެހެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ސިޓިޒެން" އިން ފުލުހުންގެ ފަރާތުން ހޯދި ތަފާސްހިސާބުތަކުން އެނގުނު ގޮތުގައި މިދިޔަ 10 އަހަރުގެ ތެރޭގައި ޕޯސްޓްމޯޓަމް ހަދަން 1.7 މިލިއަން ރުފިޔާ ފުލުހުން ވަނީ ހަރަދު ކޮށްފަ އެވެ. އެއީ ދަތުރުތަކާއި އެހެނިހެން ހަރަދުތައް ނުލައި ދާ ހަރަދެވެ.
އެގޮތުން 2016 އިން ފެށިގެން 2018 އާ ދެމެދުގައި ހަތަރު މީހެއްގެ ޕޯސްޓްމޯޓަމް ހެދުމަށް 288،721ރ. ވަނީ ހަރަދު ކޮށްފަ އެވެ. އަދި 2019 އިން ފެށިގެން 2023 އާ ދެމެދުގައި 11 މީހެއްގެ ޕޯސްޓްމޯޓަމް ހަދަން 515،664.73ރ. ހަރަދު ކުރި އެވެ. އަދި މިދިޔަ އަހަރާއި މިއަހަރު އޮގަސްޓު މަހާ ހަމައަށް 14 މީހެއްގެ ޕޯސްޓްމޯޓަމް ހަދަން 936،927.66ރ. ހަރަދު ކުރި އެވެ.
މިއިން ކޮންމެ ފަހަރަކު ޕޯސްޓްމޯޓަމް ހަދާފައި ވަނީ އިންޑިއާގައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމް ނަހަދަނީ ކީއްވެ؟
އެނގިފައިވާ ގޮތުގައި ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގެ ގާބިލް ކަން އަދި މިހާތަނަށް ގާއިމް ކޮށްފައި ނުވެ އެވެ. ނަމަވެސް މީގެ ކުރިން އެކަން ކުރަން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ވަނީ ކުރެވިފަ އެވެ.
އެކަމާ ގުޅޭ ގޮތުން "ސިޓިޒެން" އިން ސުވާލު ކުރުމުން ކުރީގެ ސީޕީ މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި އަމިއްލަ އަށް ޕޯސްޓްމޯޓަމް ހެދުމުގެ ގާބިލް ކަން ހޯދުމަށް ފުލުހުން މީގެ ކުރިން އެ ދާއިރާ އަށް ކޮންމެވެސް ވަރަކަށް އިންވެސްޓު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ފޮރެންސިކް ޕެތޮލޮޖީގެ ދާއިރާ އިން ފުލުހަކު ސްޕެޝަލައިޒް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ ކޮންމެވެސް ވަރަކަށް ހިއުމަން ރިސޯސް އެބަހުރި. އެކަމަކު އިޝޫއަކީ ފެސިލިޓީތައް ނެތުން. އެކަން ކުރަން މަޝްވަރާ ކުރެވުނު ކުރިން." ހަމީދު ވިދާޅުވި އެވެ.
ޕޯސްޓްމޯޓަމް ހަދަން މިހާރު ބޭރަށް ފޮނުވަނީ ކޮންމެހެން ވެސް ކުރަން ކުރަން ޖެހިއްޖެ ހާލަތެއްގަ އެވެ. އެ ނޫން ނަގާނީ ހަމައެކަނި ސީޓީ ސްކޭން އެކެވެ.
ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި އެ މަސައްކަތް ކުރާނަމަ މޯޗަރީ މިހާރަށް ވުރެ ބޮޑު ވާން ޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗާ ވެސް ގާއިމް ކުރަން ޖެހޭނެ އެވެ. އަދި ކަމާ ގުޅޭ ދާއިރާ އިން އިތުރު ފުލުހުން ތަމްރީންކޮށް ހިއުމަން ރިސޯސް ވެސް ފުޅާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޯސްޓްމޯޓަމް އަށް ކުރި ހަރަދު
2016 - 2018
މާޗު 1، 2016 - 75،434.64
އޮކްޓޯބަރު 25، 2016 - 47،567.84
ޑިސެމްބަރު 1، 2016 - 75،434.64
މާޗު 6، 2018 - 90،284.10
2019 - 2025
މޭ 21، 2019 - 20،338.98
އޮކްޓޯބަރު 24، 2020 - 66،543.80
ފެބްރުއަރީ 15، 2021 - 42،404
ޖުލައި 5، 2021 - 22،863.80
ނޮވެމްބަރު 1، 2021 - 21،588
އޮގަސްޓު 11، 2022 - .58،873.56
އޮކްޓޯބަރު 08، 2022 - 58،873.56
އޮކްޓޯބަރު 31، 2022 - 64،177.11
ޑިސެމްބަރު 21، 2022 - 55،561.19
ޖެނުއަރީ 21، 2023 - 60،831.90
ޑިސެމްބަރު 11، 2023 - 43،604.83
2024 - 2025
މޭ 16، 2024 - 45،986.91
މޭ 29، 2024 - 45،983.36
ސެޕްޓެމްބަރު 3، 2024 - 46،326.15
ސެޕްޓެމްބަރު 12، 2024 - 46،326.15
ސެޕްޓެމްބަރު 25، 2024 - 73،753.86
އޮކްޓޯބަރު 6، 2024 - 65،920.50
ޑިސެމްބަރު 15، 2024 - 74،247.30
ޖެނުއަރީ 8، 2025 - 80،631.18
ފެބްރުއަރީ 9، 2025 - 80،662.02
މާޗު 2، 2025 - 74،416.30
މާޗު 23، 2025 - 94،833
އޭޕްރިލް 23، 2025 - 67،945.76
ޖުލައި 21، 2025 - 71،900.99
އޮގަސްޓު 6، 2025 - 67،944.18