މިދިޔަ ބުދަ ދުވަހު މަޖިލީހުން އާންމު ކުރި މާލީ ބަޔާންތަކެއް ނޫނެވެ. އެއީ އެތައް ދުވަހެއް ވަންދެން އާންމުންގެ ތެރޭގައި ދެކެވުނު ރިޝްވަތާއި ހިޔާނާތުގެ ތުހުމަތުތަކަށް މެންބަރުން ދެއްވި "އިއުތިރާފުގެ ބަޔާނެކެވެ." އެކަމަކު އޭގެ ވެސް ބޮޑުބައި އޮތީ ފޮރުވައިފަ އެވެ. މެންބަރުން އަމިއްލަ އަށް ލިޔުނު ގަވާއިދުތަކުންނާއި ނިޒާމުގެ ތެރެއިން ގެއްލުވާލައިފަ އެވެ.
މެންބަރުން މާލީ ބަޔާން ހުށަހެޅުމަކީ ނަމެއްގައި ކުރަން އޮންނަ ކަމެއް ނޫނެވެ. ގާނޫނުއަސާސީގެ 76 ވަނަ މާއްދާގައި އެކަން މަޖުބޫރު ކޮށްފައި އޮތް އެއް ބޭނުމަކީ އެ މަގާމާއި ބާރާއި ނުފޫޒު ބޭނުން ކޮށްގެން ނުހައްގު މުއްސަނދިކަން ހޯދިތޯ ބެލުމެވެ. މެންބަރުންގެ އެކައުންޓުތަކުން ފައިސާ ދައުރުވި ގޮތާއި ލިބުނު އާމްދަނީ އާއި އެ ހިސާބުތައް ދިމާވޭތޯ ބެލުމެވެ. މިނިވަން މުއައްސަސާތަކާއި އާންމުން ވެސް އެކަމަށް ފާރަވެރިވުމެވެ.
ނަމަވެސް މާލީ ބަޔާންތައް އާންމުވުމުގެ މާ ކުރިން މެންބަރުންނަށް ބޮޑެތި ތުހުމަތުތަކެއް އޮތީ އަމާޒުވެފަ އެވެ. މެންބަރުންނަށް ކޮންމެ މަހަކު 50،000ރ. ޕީއެންސީ އޮފީހުން ލިބޭ ކަމާއި ސިޔާސީ މަގާމްތަކާއި އެހެނިހެން ވަޒީފާތައް ވިއްކި ކަމުގެ ތުހުމަތު އޮތެވެ. ސަރުކާރު މެންބަރުން ކޮންޓްރޯލް ކުރަން ބައެއް މެންބަރުންގެ ލޯނުތައް ދައްކައި ދިނުމާއި ބައެއް ލޯނުތައް ހަމަޖައްސައިދިނުން ފަދަ އެތައް ހަދިޔާއެއް ދިން ކަމުގެ ތުހުމަތު އޮތެވެ. މާލީ ބަޔާނުން އެ ތުހުމަތުތަކަށް އިތުރު ބާރެއް ލިބެ އެވެ.
މާލީ ބަޔާނުން ހާމަވި ބައެއް ކަންކަން:
- މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ހަދިޔާގެ ގޮތުގައި އަހަރެއް ތެރޭ 958،982ރ.
- ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު އަށް ހަދިޔާގެ ގޮތުގައި ލިބުނީ ހުޅުމާލެއިން 3.5 މިލިއަން ރުފިޔާގެ ރޯހައުސެއް
- މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް ހަދިޔާގެ ގޮތުގައި 43،000 ޑޮލަރާއި އާއި 880،000ރ.
- މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު އަށް ކުލީގެ ގޮތުގައި 3.2 މިލިއަން ރުފިޔާ
- ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒަށް އަހަރެއް ތެރޭ ކުލީގެ ގޮތުގައި 10 މިލިއަން ރުފިޔާ.
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން އިސްލާމިކް ބޭންކަށް ނުދައްކާ ފަސް މިލިއަންގެ ލޯނު އެއްފަހަރާ ދެއްކި. އެ ފައިސާ ހޯދި ގޮތެއް ނެތް
މީގެ އިތުރުން ބައެއް މެންބަރުންގެ މާލީ ބަޔާންތަކުގައި ނުފެންނަ ކަންކަމާއި ދެކޮޅު ނުހެހޭ ވާހަކަތައް ވެސް ހުއްޓެވެ. އެތައް ވިޔަފާރިއެއް ކުރާ ބައެއް މެންބަރުން ކުންފުނީގެ ވާހަކަތަކާއި އެ އާމްދަނީގެ ވާހަކައެއް ނެތެވެ. ބައެއް މެންބަރުންގެ އަތުގައި ސައިކަލެއް ވެސް އޮތް ކަމަކަށް ނުވި އެވެ. އަނެއްބައި މެންބަރުންގެ އެކައުންޓުގައި 500ރ. ވެސް ނެތެވެ.
އެހާ ހިސާބުން މުހިންމު ސުވާލެއް ކޮށްލަން ޖެހެ އެވެ. އެ މާލީ ބަޔާންތަކުގައި ނުލިޔެ ސިއްރު ކޮށްފަ އޮތީ ކިހާ މިންވަރެއް ހެއްޔެވެ؟ އަދި މި ބޮޑެތި މައްސަލަތައް އެއްވެސް ވަރަކަށް ބެލޭނެ ހެއްޔެވެ؟
އާއިލާގެ އެކައުންޓުތައް ސިއްރު
މީގެ ކުރިން މާލީ ބަޔާންތަކަކީ ހަމައެކަނި މަޖިލީހަށް ހުށަހަޅާލައިގެން ނިންމާ ކަންކަމެވެ. އޭގައި ކޮންމެ ވާހަކައެއް އޮތަސް އެ ވާހަކައެއް އޮތަސް ރައްޔިތުންނަކަށް ތިލައެއް ނުވާނެ އެވެ. މުއައްސަސާއަކުން އަޅައެއް ވެސް ނުލާނެ އެވެ.
ނަމަވެސް އެކަމާ ގުޅިގެން ކޮރަޕްޝަނަށް އެތައް ދޮރުތަކެއް ހުޅުވިފައި އޮންނަ ކަމަށް ބޭރު ފަރާތްތަކާއި ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށް 2020 ވަނަ އަހަރު މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެނަ އެވެ. އެއީ މަޖިލިސް މެންބަރުންނާއި އެ މީހުންގެ އަނބި/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާންތައް ވެސް މަޖިލީހަށް ހުށަހަޅައި އެ ބަޔާންތައް މަޖިލީހުގެ ވެބްސައިޓުގައި އާންމު ކުރަން ޖެހެ އެވެ.
ނަމަވެސް ކުޑަ ދުވަސްކޮޅެއް ތެރޭގައި އަލުން އެ މާއްދާ އިސްލާހު ކޮށް އާއިލާ އެއްވެސް މެންބަރެއްގެ މާލީ ބަޔާންތައް އާންމުކުރަން ނުޖެހޭ ގޮތް ހެދި އެވެ.
އޭގެ ފަހުން އައި 20 ވަނަ މަޖިލީހުން ވެސް ނިންމީ އެ މާއްދާ އެގޮތަށް ބޭއްވުމަށެވެ. އެހެންވެ މިހާރު މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ރ) ގައި އޮންނަނީ؛
މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން، އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީޙުގެ ވެބްސައިޓުގައި ޝާއިއުކުރަން ވާނެ އެވެ.
ނަމަވެސް އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސިޔާސީ މަގާމްތަކުގައި ތިބި މީހުންނާއި އިންތިހާބުވެފައިވާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ވެސް މާލީ ބަޔާންތައް ހުށަހަޅައި އާންމު ކުރަން ޖެހެ އެވެ.
އެކަން އެހެން އޮންނަނީ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި އާންމުކޮށް ކޮރަޕްޝަނުން ހޯދާ ފައިސާ އަމިއްލަ އެކައުންޓުގައި ބެހެއްޓުމުގެ ބަދަލުގައި ގާތް މީހުންގެ އެކައުންޓުތަކުގައި ވެސް ދައުރު ކުރެ އެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގައި އާއިލާ މީހުންގެ އެކައުންޓުގެ މައުލޫމާތު ހާމަ ކުރަން ނުޖެހޭނަމަ އަސްލު މަންޒަރު ފޮރުވަން ވެސް ބޮޑެތި އަދަދުތަކުން އާއިލާގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އެބައޮތެވެ.
ބަޔާނުން "ރަން ވަޅެއް" ފެނުނަސް ނުބެލޭ
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މެންބަރުންގެ މާލީ ބަޔާންތައް މަޖިލީހަށް ލިބުމާއެކު އެ ބަޔާންތައް އޮޑިޓާ ޖެނަރަލް އޮފީހަށް ފޮނުވަ އެވެ. އެނގިފައިވާ ގޮތުގައި މާލީ ބަޔާންތައް ވެރިފައި ކުރުމާއި މައުލޫމާތު ދިމާވޭތޯ ބެލުމެއް ނުވަތަ މައްސަލަތަކެއް ހުރިތޯ ނުވަތަ ނެތްތޯ މަޖިލީހަކުން ނުބަލަ އެވެ.
މަޖިލީހުގެ ގަވާއިދުން ވެސް އެ ބާރެއް އެ އިދާރާއަށް ދީފައި ނެތެވެ. ހަމައެކަނި އޮތީ ބަލައިގަތުމާއި އެ ބަޔާންތައް އޮޑިޓާ ޖެނަރަލް އޮފީހަށް ފޮނުވާ ވާހަކަ އެވެ.
އޮޑިޓާ ޖެނަރަލް އޮފީހުން 2020 ވަނަ އަހަރު މާލީ ބަޔާންތަކާ ގުޅޭ ހަރުކަށި އުސޫލެއް އެކުލަވައިލި އެވެ. އެ އުސޫލު ބުނާ ގޮތުން މައުލޫމާތު ދިމާ ނުވާނަމަ ނުވަތަ ބަޔާނުގައި ދޮގެއް ހަދައިފި ނަމަ ފުލުހަށް ފޮނުވައި ބޮޑު ތަހުގީގެއް ކުރެވޭނެ އެވެ.
ނަމަވެސް އެ އުސޫލު އޮތީ މަޖިލިސް މެންބަރުންނަށް ހިނގާ ގޮތަކަށް ނޫނެވެ. އެ އުސޫލަށް އަމަލު ކުރަން ޖެހޭ ސިޔާސީ ފަރާތްތަކާއި މުއައްސަސާތަކުގެ ތެރޭގައި މަޖިލިސް މެންބަރުންނެއް ނެތެވެ. އެހެންވެ މެންބަރުންގެ މާލީ ބަޔާނުގައި "ރަން ވަޅެއް" އޮތަސް އެކަން ބަލާކަށް ކޮންމެހެއް ލާޒިމެއް ނޫނެވެ.
މަޖިލީހުން އޮޑިޓް އޮފީހަށް ފޮނުވާ މާލީ ބަޔާންތަކަށް ވަނީ ވެސް އެހެންނެވެ. އެ ބަޔާންތައް ގޮސް އޮޑިޓް އޮފީހުގެ އީމެއިލް ތެރޭގައި ޕާކު ވަނީ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޮޑިޓާ ޖެނަރަލް އޮފީހުގެ ލީގަލް ކައުންސިލް މުހައްމަދު ނަސީމް "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގައި އެގޮތަށް ބަޔާން ކުރާތީ އެ އިދާރާ އިން މާލީ ބަޔާންތައް އޮޑިޓާ ޖެނަރަލް އޮފީހަށް ފޮނުވަ އެވެ.
"މާލީ ބަޔާންތައް މި އޮފީހަށް ފޮނުވަން ގަވާއިދުގައި ކަނޑައަޅާފައި ވީނަމަވެސް އެކަމުގައި މި އޮފީހުން އަމަލުކުރަންޖެހޭ ވަކިގޮތެއް އެ ގަވާއިދުގައި ކަނޑައަޅާފައި ނުވޭ." އޭނާ ވިދާޅުވި އެވެ.
"އޮޑިޓާ ޖެނަރަލްގެ އޮފީހަކީ ގާނޫނުއަސާސީ އާއި ގާނޫނުގައި ކަނޑައަޅާފައިވާ އޮޑިޓާ ޖެނަރަލްގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުރަންޖެހޭ މަސައްކަތް ރާވައި ހިންގައި ބަލަހައްޓާ އޮފީހެއް. މިއޮފީހުން އޮޑިޓްކުރަނީ ގާނޫނުއަސާސީ އާއި ގާނޫނުގައި އޮޑިޓާ ޖެނަރަލް އޮޑިޓްކުރަން ކަނޑައަޅާފައިވާ ތަންތަނާއި ކަންކަން އޮޑިޓްކުރުމުގެ މަސައްކަތް."
މައްސަލައަކީ މިނިވަން މުއައްސަސާއަކަށް އެފަދަ ކަމެއް ފާހަގަވެގެން ނުވަތަ އިސް ނަގައިގެން ވެސް ތުހުމަތުތައް ބަލަން ޖެހޭނީ މަގާމް ގެއްލި އެ މަސައްކަތް ވެސް ނާކާމިޔާބު ވާނެ ކަން އެނގިތިބެ އެވެ. މެންބަރުންގެ މައްސަލައެއް ބަލާނަމަ އެ މެންބަރުން މަޑަކުން ނުތިބޭނެ އެވެ. އެއީ ވަކި ސަރުކާރެއްގައި ހިނގާ ކަމެއް ނޫނެވެ.
ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހަދާފައި ހުރި ހުރިހާ ނިޒާމެއް އޮތީ މި ގޮތަށް ފޫ އަޅައިފަ އެވެ. ނުވަތަ އެ ލިޔުނު މީހުން ގަސްތުގައި ފޫ އަޅުވާލައިފަ އެވެ. މެންބަރުން ލިޔުނު ގަވާއިދުގައި އޮތީ އަސްލު މަންޒަރު ފޮރުވޭ ގޮތަށެވެ.