"މީޑިއާ ކޮންޓްރޯލް" ބިލަށް ހިޔާލު ހޯދަން މިހާތަނަށް ބޭއްވި ކޮމިޓީ ބައްދަލުވުންތަކުގައި މަޖިލިސް މެންބަރުން ބަހެއް ވިދާޅުނުވެ ތިއްބެވުމަކީ އާ މަންޒަރެއް ނޫނެވެ. އެ ދައްކައި ދެނީ ސަރުކާރުން ބިލު ދިފާއު ކުރާހާ ހިނދަކު އެހެން ބަޔަކު ދައްކާ އެއްވެސް ވާހަކައެއްގެ ބުރަދަނެއް ނެތެވެ. ބިލުގައި ހިމަނާނީ ވެސް އަދި އުނި ކުރާނީ ވެސް ސަރުކާރުން ލިޔެފައި ފޮނުވާ މާއްދާތަކެކެވެ. ދިރާސާ ކުރުމުގެ ނަމުގައި މަޖިލީހުގެ ކޮމިޓީތަކުގައި އަބަދުވެސް ކުރާ މަސައްކަތަކީ ރަބާ ސްޓޭމްޕެއް ޖެހުމެވެ.
އެއީ ހަމައެކަނި މި ސަރުކާރުގެ ހާލަތެއް ނޫނެވެ. މީޑިއާގެ ހައްގުތައް ހަނިވާ ގޮތަށް މަޖިލީހަށް ބިލެއް ހުށާހެޅި ކޮންމެ ފަހަރަކު ފެނުނީ އެ މަންޒަރެވެ. ޕްރެޝާ ބޮޑުވެގެން ނޫސްވެރިން މަޖިލީހުގެ ކޮމިޓީ އަށް ގެންގޮސް ހިޔާލު ހޯދަ އެވެ. ނަމަވެސް އެ ހިޔާލުތައް ވެގެން ދަނީ ބޭކާރު ވާހަކައަކަށެވެ. ބިލު ފާސްވެގެން އަންނަނީ ސަރުކާރު ބޭނުންވާ ގޮތަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ކަންކަން ހިނގީ އެގޮތަށެވެ. އަދި މި ސަރުކާރުގެ އަމަލުތައް ވެސް ހުރީ ވަކި ދޫދޭ ގޮތަކަށް ނޫނެވެ.
2016: އަބުރުގެ ބިލަށް ހޯދި ހިޔާލު
މި ސަރުކާރެކޭ އެއްގޮތަށް ޔާމީންގެ ވެރިކަމުގައި ވެސް ނޫސްވެރިކަމާ ދެކޮޅަށް ފެށި "ހަނގުރާމަ" އަށް ދިން ނަމަކީ އަބުރު ރައްކާތެރި ކުރުމެވެ.
އޭރު ވެސް އެ ބިލު ހުށަހެޅީ ސަރުކާރު ފަރާތަކުން ނޫނެވެ. މީޑިއާ އާ ގުޅޭ އެއްވެސް ބެކްގްރައުންޑެއް ނެތް އުނގޫފާރު ދާއިރާގެ ޕީޕީއެމް މެންބަރު ޖައުފަރު ދާއޫދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ.
އެ ބިލުގައިވާ މީޑިއާތައް 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާ އާ ހަމައަށް ޖޫރިމަނާ ކުރެވެ އެވެ. ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވެ އެވެ. ލިޔާ އެއްޗެއްގެ ސަބަބުން ޖިިނާއީ މައްސަލައެއް ތަހުގީގު ކުރެވެން އެވެ. މީޑިއާތައް ބަންދުކޮށް ނޫސްވެރިން ޖަލަށް ވެސް ލެވިދާނެ އެވެ.

އެކަމާ ދެކޮޅަށް ނޫސްވެރިން މަގުމައްޗަށް ނުކުތުމުން ސަރުކާރުން ގޮވާލީ ކޮމިޓީ މަރުހަލާގެ މަޝްވަރާއަށެވެ. ވަކިވަކި މީޑިއާތައް ކޮމިޓީ އަށް ގެނެސް ހިޔާލު ހޯދަން އޭރު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ނިންމި އެވެ.
ކޮމިޓީ މަރުހަލާގައި މީޑިއާތަކުން ވަނީ ބިލުގައި ހުރި ބޮޑޭތި މައްސަލަތައް ފާހަގަކޮށް ބިލު ބޭރު ކޮށްލުމަށް ގޮވާލައިފަ އެވެ.
"މި ބިލު އަނބުރާ ގެންދިއުމަށްފަހުގައި އަލުން މި ބިލު މަދަނީ މިންގަނޑުގެ މި މައްސަލަ އަލުން ގާނޫނެއްގެ ދަށުން ވިއަސް ނުވަތަ މިހާރު އަމަލުކުރަމުން އަންނަ އަބުރު ގެއްލުމުން މަދަދު ނަގައި ދިނުމުގެ ގަވާއިދުގެ ދަށުން ވިއަސް މިއަށްވުރެ ތަންކޮޅެއް ހަރުދަނާ މިއަށްވުރެ ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން އެ ގަވާއިދެއް އަލުން ވުޖޫދު ވެގެން އައުން،" މިހާރު ނޫހުގެ ސީނިއާ އެސިސްޓަންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އެ ވާހަކަތައް ކަނުލައި އަޑުއެހުމަށް ފަހު ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ. ނަމަވެސް ބިލު ތަސްދީގުވެގެން އައީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުހޯދާ އެވެ.
އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ފާސް ކުރި ބިލުން އަބުރެއް ރައްކާތެރިއެއް ނުވި އެވެ. މަޖިލީހާއި ޕޯޑިއަމްތަކުގައި ސިޔާސީ ފަރާތްތަކުން ދިޔައީ މީހުންގެ އަބުރު ކަތިލަމުންނެވެ. ހަމައެކަނި ވީ ކަމަކީ މީޑިއާތައް ޖޫރިމަނާ ކުރުމާއި ކޮންޓްރޯލް ކުރުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބުމެވެ. އަދި ބިލު ތަސްދީގު ކުރިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމާއި މީޑިއާތައް ޖޫރިމަނާ ކުރުމާއި ނޫސްވެރިން ފުލުހަށް ހާޒިރު ވެސް ކުރި އެވެ.
2022: މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ބިލަށް ހޯދި ހިޔާލު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ހަވާލުވީ ނޫސްވެރިންގެ ވާހަކަ އަޑުއަހައި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭ ސަރުކާރެއްގެ ގޮތުގަ އެވެ. ވެރިކަމާ ހަވާލުވި ގޮތަށް އަބުރުގެ ބިލު އުވާލި އެވެ.
އެހެން ނަމަވެސް ވެރިކަމަށް ދުވަސްތަކެއް ފެނުނީ ހެއްކާ ބެހޭ ބޮޑު ބިލެއްގެ ތެރޭގައި ނޫސްވެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ފަދަ މާއްދާތަކެއް ހިމަނާފައި އޮތް ތަނެވެ. އެއީ އޮޅިގެން ހިމެނިފައި ހުރި ބައިތަކެއް ނޫން ކަން އެނގުނީ އެކަމާ ގުޅޭ ގޮތުން އެ ސަރުކާރުން ރިއެކްޓް ކުރި ގޮތުންނެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ނިންމީ ނޫސްވެރިން މަޖިލީހަށް ގެނެސްގެން އެ މައްސަލަ ހައްލު ކުރުމަށެވެ. އެގޮތުން ކޮމިޓީ އަށް ހާޒިރު ކުރުމުން ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭގެ ފަރާތުން ވަނީ އެ ބިލާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ފްރީޑަމް އޮފް މީޑިއާ އެންޑް ޖާނަލަިސްޓް ސޭފްޓީގެ ތަޖުރިބާކާރެއް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކޮމިޓީ އަށް ހުށަހަޅައިފަ އެވެ.

އޭރު ނޫސްވެރިންގެ ބުނަމުން ދިޔަ ވާހަކައަކީ މަސްދަރު ހާމަ ނުކުރުމުގެ ހައްގު ހަނި ކުރުމާ ދެކޮޅެއް ނޫނެވެ. އެހެން ނަމަވެސް ބިލުގައި ހަނި ކުރަން ޖެހޭ ހާލަތްތައް ހުރި ގޮތާ މެދު ކަންބޮޑުވާ ކަމަށް ނޫސްވެރިން ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ. އެގޮތުން ގައުމީ ސަލާމަތާ ބެހޭ ކަންކަން މާނަ ކުރުމާއި ބިލުގައި ހުރި ބައެއް އެހެން މާއްދާތައް ވެސް ހުރީ ވަރަށް ގޯސްކޮށް ކަމަށް ނޫސްވެރިން ބުންޏެވެ.
އެ ބައިތައް އިސްލާހު ކުރުމަށް އެދުމުން ކޮމިޓީގެ ބަހަކަށްވީ އެމްޑީޕީން ނޫސްވެރިންގެ އަޑު އަހާނެ ކަމެވެ. ނަމަވެސް ތަޅުމަށް ގެނެސް ފާސްކުރީ އެމްޖޭއޭ އާއި ނޫސްވެރިން ތަކުރާރުކޮށް ފާޅު ކުރަމުން ދިޔަ ކަންބޮޑުވުންތަކަށް ނުބަލަ އެވެ. އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް ސަރުކާރު ބޭނުންވާ ގޮތަށެވެ.
ނަމަވެސް ނިމިގެން ދިޔަ އިރު އެކަން ލޭބަލްވީ ނޫސްވެރިންގެ ހިޔާލާ މަޝްވަރާގައި ކުރި ކަމެއްގެ ގޮތުގަ އެވެ. ފަހުން އެ ކަންބޮޑުވުންތައް އަލުން ހައްލު ކުރާނެ ކަމަށް ވިދާޅުވުން ފިޔަވައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެކަން ޕާކު ކުރި ގޮތަށް މިއަދާ ހަމައަށް އައިއިރު މި އޮތީ ފަސޭހައިން މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭނެ ފަދަ ގޮތަކަށެވެ.
2025: މީޑިއާ ކޮންޓްރޯލް ބިލު
މިއީ ސަރުކާރުން ހުށަހެޅި ބިލެއް ނޫނެވެ. ބިލު ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.
ނަމަވެސް މުޅި ސަރުކާރު އޮތީ ބިލުގެ ދިފާއުގަ އެވެ. ބިލަށް ތާއީދުކޮށް މަޖިލީހުގައި ވާހަކަ ދެއްކެވީ ޕީއެންސީ މެންބަރުންނެވެ. ބަލައިގަތީ ޕީއެންސީގެ ވިޕްލައިން ނެރެގެންނެވެ. ބިލު ދިފާއުކޮށް ނޫސްވެރިންނާ ބައްދަލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނަރަލް އެވެ. އަދި މުޅި ސޯޝަލް މީޑިއާގައި ބިލު ފާސް ކުރަން ސަރުކާރުގެ ދިފާއުގައި މަސައްކަތް ކުރަނީ ވެސް ޕީއެންސީ އެކްޓިވިސްޓުންނެވެ. ހަންނާނު ހުރީ ހަނެވެ.

މި ބިލާ ގުޅޭ ގޮތުން އިއްޔެ 22 މީޑިއާއަކާ އެކު ބޭއްވި ބައްދަލުވުމުގައި ހުރިހާ ނޫސްވެރިން ވަނީ އެ ބިލާ ދެކޮޅު ހަދައިފަ އެވެ. ބޭރު ކުރަން ގޮވާލައިފަ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކޮމް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ވިސްނުން ވެސް ހުރީ އެގޮތަށެވެ.
ނަމަވެސް އެ މެންބަރުންގެ ވިސްނުމަކަށް އަދި ހިޔާލަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ބަހެއް ވިދާޅު ނުވެ މަޑުމަޑުން އިންނެވީ އެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި އަދިވެސް މެންބަރުން ގޮވާލުން އަންނަނީ އެ ބިލު ފާސް ކުރުމަށެވެ. ނޫސްވެރިން ދެއްކި ވާހަކައަށް ދެނީ ބީރު ކަންފަތެކެވެ.