މަޖިލީހުގައި މިވަގުތު އޮތް "މީޑިއާ ކޮންޓްރޯލް ބިލް" އާ މެދު ކަންބޮޑުވާން ޖެހެނީ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން އެ ބިލު ފާސް ކުރަން ބޭނުންވާތީ އެވެ. އެހެން ނަމަވެސް އެ ބިލުގައި ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައި އޮތީ ޕީއެންސީއެއް ނޫނެވެ. ވަކި ޕާޓީއަކަށް ނުވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.
މިއީ ސަރުކާރުން މީޑިއާ ކޮންްޓްރޯލް ކުރުމަކަށް ނުވާނެ ކަމާއި ސަރުކާރާ ގުޅޭ ކަމެއް ނޫން ކަމަށް ދައްކާ އެންމެ ބޮޑު ހުއްޖަތަކީ ވެސް އެއީ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެކަން ސިފަ ކުރައްވަނީ އަމިއްލަ މެންބަރަކު އަމިއްލަ އަށް ކުރައްވާ މަސައްކަތެއްގެ ގޮތުގަ އެވެ.
މަޖިލީހުގެ ރެކޯޑުތައް ދައްކާ ގޮތުން ހަންނާނު މިއަދާ ހަމައަށް މަޖިލީހުގައި "އަމިއްލަ އަށް" ކުރައްވާފައި ވަނީ މީޑިއާ ރެގިއުލޭޓް ކުރުމުގެ މަސައްކަތެވެ. އެ ނޫން އެހެން ބިލެއް ނުވަތަ ރައްޔިތުންނާ ގުޅޭ އިސްލާހެއް ގަރާރެއް ނުވަތަ ކުއްލި މައްސަލައެއް ހުށަހަޅާފައި ނުވެ އެވެ. އަދި މިއިން ކަމަކާ ގުޅޭ ގޮތުން މިނިސްޓަރަކާ ސުވާލެއް ހުށަހަޅާފައި ނުވެ އެވެ.
އެހެންކަންކަމަށް މާ ބޮޑު ސަމާލު ކަމެއް ނުދެއްވި ނަމަވެސް މީޑިއާތައް އަމަލު ކުރާނެ ގޮތުގެ މިންގަނޑާއި މީޑިއާތަކުގެ ރެގިއުލޭޓަރީ ނިޒާމް އޮންނަންވީ ގޮތާއި ސުލޫކީ ކަންކަން އޮންނަންވީ ގޮތް ކަނޑައެޅުމަށް ހަންނާނު އެހާ ބޮޑަށް ޝައުގުވެރިވާ ސަބަބެއް އޮންނާނެ އެވެ. އޭނާއަކީ މީޑިއާ ދާއިރާގެ ބެކްގްރައުންޑެއް ހުރި ބޭފުޅެއްތޯ ނުވަތަ އެ ދާއިރާ އިން ކިޔަވައިގެން މީޑިއާގެ ހައްގުގައި ނުވަތަ މީޑިއާގެ މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަވާފައި ހުރި ބޭފުޅެއްތޯ ބަލައިލަން ޖެހެ އެވެ.
ވިޔަފާރި ކުރަމުން މަޖިލީހަށް!
ޕަބްލިކް ޑޮމެއިންތަކުން ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު ހަންނާނަކީ މީގެ ކުރިން ނޫސްވެރިކަމާއި އަދި މީޑިއާ ދާއިރާ އާ ގުޅޭ އެއްވެސް މަސައްކަތެއްގައި ހަރަކާތްތެރިވެ ނުވަތަ އެކަންކަމާ ވަކާލާތު ކުރެއްވި ބޭފުޅެއް ނޫނެވެ. ފެންނަން ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާއަކީ ވަރަށް ކުރީއްސުރެ ވިޔަފާރި ކުރުމުގައި އުޅުއްވި ބޭފުޅެކެވެ.
އެގޮތުން އޭނާގެ ހިއްސާ އޮތް އަދި މެނޭޖިން ޑައިރެކްޓަރު ކަން ކުރައްވާ ހަތް ކުންފުންޏެއް އޮވެ އެވެ. އެއީ؛
- އެންޓްރެކް ހޯލްޑިން
- ވެލް ލޭންޑް އިންވެސްޓްމަންޓް
- އެކްސްޕާޓް މޮޓޯ ސާވިސް
- މޯލްޑިވްސް ޕެޓްރޯލިއަމް ލިންކް
- ޝައިން ހޯމް ޕްރޮޕަޓީސް
- ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް
- ބޮޑުފިނޮޅު އިންވެސްޓްމަންޓް
މިއީ މެރީން، ފިއުލް ސަޕްލައި، ރިއަލް އެސްޓޭޓް، ޓްރެވަލް އެންޑް ޓޫރިޒަމް އަދި ރިސޯޓު ތަރައްގީ ކުރުން ފަދަ މަސައްކަތް ކުރާ ކުންފުނިތަކެކެވެ. މީޑިއާ އާ ގުޅުން ހުރި ދާއިރާއެއް ނޫނެވެ. އަދި މި ދާއިރާތަކުން ވޭތުވެދިޔަ އަހަރުތަކުގައި އޭނާ ދިޔައީ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެއަށް ފަހު ސީދާ އޭނާގެ ދެން ނިންމީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށެވެ. އެ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފޯމް ހުށަހަޅައިގެން އިންތިހާބުވި އެވެ.
ސަރުކާރާ އޮތީ ކޮން ގުޅުމެއް
ވަކި ސިޔަސީ ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރެއްވި ގިނަ ބަޔަކު ދެކެނީ ހަންނާނަކީ ޕީއެންސީގެ "ޕްރޮކްސީ" އެއް ގޮތުގަ އެވެ.
މަޖިލީހުގައި އޭނާ ކުރެއްވި މަސައްކަތްތަކާއި ވޯޓުލުމުގެ ޕެޓާން ހުރި ގޮތް ބަލާއިރު ރައްޔިތުންނާ ގުޅޭ މުހިންމު މަސައްކަތްތަކުގައި މާ ބޮޑު ބައިވެރިވުމެއް ނުވަތަ ޝައުގެއް ހުރި ކަމަކަށް ހިސާބުތަކުން ނުދައްކަ އެވެ. އަދި ދުވަހަކު ވެސް ޕީއެންސީގެ ވިޕާ ދެކޮޅު ހަދާފައި ނުވެ އެވެ. އޭގެ ބަދަލުގައި ގާނޫނުއަސާސީ އިސްލާހު ކުރި ދުވަސް ފަދަ ބޮޑެތި އަދި ޕްރެޝަރު ބޮޑު މައްސަލަތަކުގައި ހަންނާނު ހުންނެވީ ސަރުކާރު ފަޅީގަ އެވެ.
މަޖިލީހުގެ ތަޅުމުގައި ހަންނާނަކީ މާ ގިނައިން ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ. އެންމެ ބޮޑަށް ފާހަގަވީ އޭނާ މީޑިއާ ބިލަށް ވާހަކަ ދެއްކެވި ފަހަރުތަކުގައި އެކަންޏެވެ.
މި އަހަރުގެ ތެރޭގައި އޭނާ މަޖިލީހުގައި ވޯޓު ދެއްވި ގޮތަށް ބަލާއިރު ވެސް އެހެން މަސައްކަތްތަކުގައި ބައިވެރިވުން ވަރަށް ކުޑަކަން ފާހަގަވެ އެވެ. އެގޮތުން؛ \
- 21 ބިލެއްގެ މަސައްކަތް މި އަހަރު ހިނގި.
- 9 ބިލަކަށް ހަންނާނު ވޯޓު ނުދެއްވާ
- 4 ބިލެއްގެ ވޯޓަށް އެހި ދުވަހު ވަޑައިނުގަންނަވާ
- 2 ބިލެއްގެ ވޯޓަށް އެހި ދުވަހު ހުންނެވީ ސަލާމުގަ
އޭނާ މި އަހަރުގެ ތެރޭގައި ވޯޓު ލާން ފިތާލާފައި ވަނީ ހަ ފަހަރެވެ. އެ ހަ ފަހަރު ވެސް ވޯޓުލީ ސަރުކާރުން ހުށަހެޅި ގޮތަށް ތާއީދު ކުރުމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވެސް އޭނާގެ މަސައްކަތްތައް ހުންނެވީ ހަމަ އެގޮތަށެވެ.
ނާޒިމް ވިދާޅުވި ގޮތެއް
ވިޔަފާރީގައި އުޅުއްވުމަށް ފަހު މަޖިލީހަށް ވަޑައިގެން އަދި އޭގެ ފަހުން މަޖިލީހުގެ މަސައްކަތްތަކުގައި މާ ބޮޑު ޝައުގުވެރިކަމެއް ނުދައްކާ ހަންނާން ކުއްލި ގޮތަކަށް މީޑިއާ ރެގިއުލޭޓް ކުރަން ބޭނުންވީ ކީއްވެގެންތޯ ސުވާލު އުފެދެ އެވެ.
ބިލުގައި ހަންނާނުގެ ނަން ޖަހައި ސޮއި ކޮށްފައި އޮތް ނަމަވެސް "ސިޓިޒެން" އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެ ބިލުގެ ހުރިހާ މަސައްކަތްތަކެއް ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
ބައެއް މެންބަރުން "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރޭގައި ވެސް އަދި ޕީއެންސީ ތެރެއިން ވެސް އެންމެ ފުރަތަމަ ފަހަރު އަދި މިހާރު ވެސް ބިލު ލޮބީ ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ނާޒިމް އެވެ. އެ ބިލަކީ ނާޒިމް އަމިއްލަ އަށް ޑްރާފްޓު ކުރެއްވި ބިލެއް ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.
އެކަން ވެރިފައި ކުރެވޭ އަނެއް ގޮތަކީ "ސިޓިޒެން" އާ ވާހަކަ ދެއްކެވި ބައެއް ނޫސްވެރިން ވިދާޅުވި ގޮތުގައި ހަންނާން ބިލު ހުށަހެޅުމުގެ މާ ކުރިން ނާޒިމް ސީނިއާ ބައެއް ބޭފުޅުންނަށް ގުޅައިގެން އެފަދަ ބިލެއް އޮންނަންވީ ގޮތާއި މީޑިއާގެ ވިސްނުން ހުރި ގޮތް ހޯދަން މަސައްކަތް ކުރެއްވި އެވެ. އަދި ބައެއް ބޭފުޅުންނަށް ބިލު ހުށަހެޅުމުގެ އެއް ދުވަސް ކުރިން ގުޅައި ބިލު ހުށަހެޅި ވާހަކަ ވިދާޅުވި އެވެ.
"ބިލު މާދަމާ މަޖިލީހަށް ހުށަހަޅާނެ ކަމާށް ބުނީ. މަޖިލީހުގައި އޮތީ ހަންނާނު ހުށަހަޅާ ބިލެއްގެ ގޮތުގަ." ސީނިއާ ނޫސްވެރިއަކު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ބައެއް މެންބަރުން ދެކިވަޑައިގަންނަވާ ގޮތުގައި ނާޒިމް އެ މަސައްކަތް ކުރަން ފެއްޓެވީ އޭނާ އާ ގުޅޭ ޑޮކިއުމެންޓްރީއެއް ޗެނަލް-13 އިން ގެނެސްދިން ހިސާބުންނެވެ. އޭގެ ފަހުން އެ މަސައްކަތުގައި އުޅުއްވުމަށް ފަހު ފުރަތަމަ ބިލު ހުށަހެޅުމުން ޕްރެޝަރު ކުރިމަތިވެ ރައިސް ޑރ. މުހައްމަދު މުއިއްޒު "މީޑިއާ ރެގިއުލޭޓް ނުކުރާނެ" ކަމަށް ވިދާޅުވި ހިސާބުން އެ ވިސްނުން ދޫކޮށްލެއްވި އެވެ.
ނަމަވެސް އަލުން އެ މަސައްކަތް ފެއްޓެވި އިރު މުޅި ޕީއެންސީ ވެސް އަދި ސަރުކާރު ވެސް އޮތީ ބިލު ބެކް ކުރާ ގޮތަށް ތައްޔާރަށެވެ. އަދި މަޖިލީހަށް ހުށަހަޅައި ބަލައިގަނެ ކޮމިޓީ މަރުހަލާ އިން ބައެއް އިސްލާހުތައް ގެނައުމަށް ފަހު ވީހާ ވެސް އަވަހަށް ފާސް ކުރަން ނިންމި އެވެ. ނަމަވެސް އަނެއްކާވެސް މަޑު ޖެހިފައި ވަނީ މީޑިއާތަކުގެ ޕްރެޝަރާ ހެދި ކަމަށް މެންބަރަކު "ސިޓިޒެން" އަށް ވިދާޅުވި އެވެ.
މި ބިލަކީ ސަރުކާރުގެ އަތެއް އޮތް ކަމެއް ނޫން ކަމަށް ދެއްކި ނަމަވެސް ބިލުގައި އޮތް އެއްޗެއް ހަންނާނަށް ވުރެ ބޮޑަށް ސަރުކާރުގެ މެންބަރުންނަށް އެނގެ އެވެ. މުޅި ޕީއެންސީން ވަނީ ބިލު އެންޑޯޒް ކޮށްފަ އެވެ. އަދި ޑް އަދި އެ މެޖޯރިޓީން ބިލު ބަލައިގަންނަ ހިސާބުން އެއީ ސަރުކާރުގެ ބިލަކަށް ނުވާނެ ގޮތެއް ނޯންނާނެ އެވެ. ބިލުގައި ހަންނާނުގެ ނަން އޮތަސް ލައްގަނޑެއް ޖެހޭނީ ސަރުކާރުގަ އެވެ.