އޮޓަމެޓިކް ޓެލާ މެޝިން، ނުވަތަ އޭޓީއެމްއެއް ރާއްޖޭގައި ފުރަތަމަ ބަހައްޓާފައިވަނީ 2000 ވަނަ އަހަރު އެވެ. އާސަސްކަފަށް އަލިވިލުނުގެ ތަނުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުޅުއްވައި ދެއްވި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ވެގެން ދިޔައީ ދިވެހިން އޭރު ކޮންމެވެސް ބޭނުންވެ ނަމަވެސް ނުލިބި އޮތް މުހިންމު ހިދުމަތަކަށެވެ. މާލޭގައި ފުރަަތަމަ ބެހެއްޓި ފަސް އޭޓީއެމްއާއެކު އިހަކަށް ދުވަހާ ޖެހެންދެން މުޅިރާއްޖޭގައި ހުރީ ގާތްގަނޑަކަށް 200 އޭޓީއެމް އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދުނާމާ ފޮތުގައި ލިޔެ އޭޓީއެމް ބަހައްޓަން ފެށުމާއެކު އޭޓީއެމްގެ އަދަދު އިތުރު ވަނީ އިތުރުވެފަ އެވެ. އަދި މި ސަރުކާރުން މިހާރު ހިފާފައިވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމްއެއް ބަހައްޓާށެވެ. އެ އަމާޒަށް އޭޓީއެމް ބަހައްޓަމުން ދިޔަނަމަވެސް ދުނިޔެ ދަނީ އޭޓީއެމްއާ ދުރަަށެވެ. އަދި ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ. މި މަސައްކަތް ހަލުވިކޮށްފައިވާއިރު ކުރިމަގުގައި ގިނަ އޭޓީއެމްތައް ބޭނުން ނުކުރެވޭ ރައްޔިތުން ބޭނުން ނުވާ "ބޫތު" ތަކަށް ވެގެން ދާ މަންޒަރު ފެނުން ވަރަށް ގާތެވެ.
މި މަންޒަރު ރާއްޖޭގެ މާލީ ދާއިރާ އާއި ފިންޓެކް ދާއިރާއިން ދަނީ ހަލުވިކަމާއެކު ފެންނަމުންނެވެ. މީގެ ހެއްކަކީ އޭޓީއެމް ބަހައްޓާ ބީއެމްއެލްގެ ކަސްޓަމަރުން ކުރާ މާލީ މުއާމަލާތްތައް ހަލުވިކަމާއެކު "ޖިޑިޓަލް" ވަމުން ދިއުމުމެވެ. މިދިޔަ ހަ އެއްކަ އަހަރު ފަހުން މިހާރު ބޭންކުން ހިންގާ މުއާމާތްތަކުގެ 99 ޕަސެންޓް ކުރަނީ އޮންލައިން ޒަރިއްޔާތަކުންނެވެ. މިދިޔަ އަހަރަށް ބަލާއިރު ބީއެމްއެލް އޮންލައިން ޒަރިއްޔާތައް މެދުވެރިކޮށް 220 މިލިއަނަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވެ އެވެ. އަދި މި މުއާމަލާތްތަކުގެ އަދަދު 540 ބިލިއަނަށްވުރެ މައްޗެވެ. އަދި ގައުމީ ބޭންކުގެ އަމާޒު ހުރީ ވެސް ޑިޖިޓަލް ބޭންކިން ހިދުމަތްތައް ވަރުގަދަ ކުރުމަށެވެ. ބޭންކުން ދޭ އޭޓީއެމް ނޫން އެހެން ހިދުމަތްކަށް އޮތް ޝައުގުވެރިކަން އިތުރު ކުރުމަށެވެ. މި މަސައްކަތާއެކު ނަތީޖާ ފެންނަނީ ތަފާސް ހިސާބުތަކުންނެވެ.
ބޭންކް ހިދުމަތުގެ ތަފާސް ހިސާބެއް
އޭޓީއެމް ޓްރާންސެކްޝަން - 4 މިލިއަން (40 ބިލިއަން ރުފިޔާ)
ޕީއޯއެސް މެޝިން ޓްރާންސެކްޝަން - 55 މިލިއަން (20 ބިލިއަން ރުފިޔާ)
ކާޑު ޓްރާންސެކްޝަން - 87 މިލިއަން ( 95 ބިލިއަން ރުފިޔާ)
މިހެން މިކަން އޮއްވައި ސަރުކާރުން "ދަނޑިމާރު އަޅައިގެން" އޭޓީއެމް ތަކެއް ގައުމީ ބޭންކުން ހުޅުވިނަމަވެސް ކަސްޓަމަރުންނަށް ކުރިމަގުގައި ވާނެ އިތުރު މޮޅެއް ނެތެވެ. ސަރުކާރުގެ މި އަމަލު "ހެޔޮކުރަން" ބޭންކު އުޅުނަސް މިކަމުން ބޭންކް އަށް ލިބޭނެ މޮޅެއް އޮންނާނެކަމަކަށް ތަޖުރިބާކާރުން ވެސް އެއްބަހެއް އެވެ. ސަބަބަކީ ދުނިޔެ ހަލުވި ބަދަލުވުމުގެ ހަލުވިރާޅުގެ ބާނިތައް ރާއްޖެ އަށް ޖަހަމުން ދިއުމެވެ.
ރާއްޖެ މި އަވަސް ބަދަލަށް ގޮސް އޭޓީއެމްތަކަށް ވަންނާނެ މީހަކު ނުވެ އެ ދަބަރަވެ ބާދަގަނޑަށް ކިރުވަން ކަމުނުދާ އެއްޗަކަށްވާނެ ސަބަބުތައް ގިނަ އެވެ ؛ އެއް ސަބަބަކީ މަރުކަޒީ ބޭންކް އިން ގައުމީ ޕޭމަންޓް ސިސްޓަމަށް މިހާރު ގެންނަ ބަދަލާއެކު އަންނަ އަހަރު ގައުމީ ކިޔުއާރުކޯޑު ތައާރަފު ކުރުމެވެ. މި ބަދަލާއެކު އެމްއެމްއޭ އިން އަންދާޒާ ކުރަނީ ރޯޅިއެއްހެން ރާއްޖެ ޑިޖިޓަލް ވެގެން ދިއުމެވެ. މި ބަދަލާއެކު މާރުކޭޓު ގޮޅިއަށް ފައިސާ ދައްކާނީ ވެސް ޕާސްވޯޑެއް ޖަހަން ނުޖެހޭ ވައިބާ ކުރަން ނުޖެހޭ ކިއުއާރު ކޯޑުތަކެވެ. މި ކިއުއާރުކޯޑް ވެގެންދާނީ ފެރީ ޓިކެޓު ނެވޭނެ ކޯޑަކަށެވެ. މަސް މާރުކޭޓުން މަސް ގަނެ މަސް ކަނޑާ މީހާއަށް ފައިސާ ދެއްކޭނެ ކިއުއާރު ކޯޑަށެވެ. ދޯންޏަށް އަރުވާ މުދަލަށް ފައިސާ ދައްކާލަން ދޯނީގެ ހަޒާންދާރު ގެނެސް އެ ދުވަހުން ދިއްކޮއްލާނީ މި ކިއުއާރުކޯޑެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ މަސައްކަތައް އަގުދޭން ވެސް ބޭނުން ކުރާ މި ވަސީލަތެވެ. އެހެންވީއިރު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ބަހައްޓާ އޭޓީއެމްތައް ދިރާގުން ކުރިން ބޭނުންކުރި ފޯނު ބޫތުތަކަށް ވެގެންދާނެ އެވެ.

އެ ބޫތުތަކުގެ ބޭނުން ކެނޑިގެން ދިޔައީ ހަލުވިކަމާއެކު ކުރިއަރައިގެން އައި ފޯނުގެ ހިދުމަތާއެކުގަ އެވެ. ބޫތުގައި އިންނަ ނަރުގަނޑުލީ ފޯނުން ދިވެހިން ނެއްޓުނީ އަތުގެ މުށު ތެރެއަށް ލެވޭ ވަރުގެ ހެޔޮވަރު ފޯނުތައް އައުމުންނެވެ. މީގެ އިތުރުން ސަރުކާރުން މިހާރު ކުރިއަށް ގެންދާ "މޯލްޑިވްސް 2.0 " މަޝްރޫއުއަކީވެސް މި ބޫތުތައް ބާކިވާން އިތުރު ބާރަކަށްވާނެ ކަމެކެވެ. މި މަޝްރޫއުގައި ދެވަނަ އަށް އެންމެ އިސްކަމެއް ދީފައިވަނީ މާލީ މުއާމަލާތްތަ ޑިޖިޓަލް ކުރުމެވެ. އެހެންވީއިރު ސަރުކާރުގެ ސިޔާސަތާ ވެސް އޭޓީއެމް ބެހެއްޓުމާ ދެކޮޅު ދިމާނުވާކަން ފެންނަން މިއޮތީ އެވެ. އެއްކޮޅުން ޑިޖިޓަލް ކުރާއިރު އަނެއް ކޮޅުން މިކުރާ ކަމަކީ ދުނިޔެ ޑިޖިޓަލްވެ ނުފެންނަ، އަތް ނުލެވޭ ކްރިޕްޓޯ ކަރަންސީ އަށް ދާއިރު ދުނިޔެ އިން ދުރުވާ ޓެކްނޮލޮޖީގެ "ސްޓޯން އޭޖް" އާލާތްތައް ރާއްޖެ ގެނައުމެވެ.
ދިވެހި ރައްޔިތުން އޭޓީއެމް ތެރެއަށް ވަދަން ސަރުކާރުން "ބިޔަ މަޝްރޫއު" އެއް ކުރިއަށް ގެންދާއިރު ދުނިޔެއިން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ދުނިޔޭގައި ފުރަތަމަ އޭޓީއެމް ބެހެއްޓީ މީގެ 58 އަހަރު ކުރިން އިނގިރޭސިވިލާތުގެ ބާކްލޭ ބޭންކުގަ އެވެ. އެ ތާރީހަކީ 27، ޖޫން 1967 ގަ އެވެ. ކާޑެއް ބޭނުންކޮށްގެން ފައިސާ ނެގޭނެ މި އީޖާދު ޖޯން ޝެފަރޑް-ބެރޮން އާއި އޭނާގެ ޓީމުން ކުރުންވީ ދުނިޔެ މިހާރު ދުރަށްދާ ޓެކްނޮލޮޖީގެ ފެށުމަށެވެ .މިއާއެކު ދުނިޔޭގައި މިހާރު 3.5 މިލިއަން އޭޓީއެމް މެޝިން އެބަހުއްޓެވެ. އެންމެ ގިނައިން އޭޓީއެމް ހުރީ އާބާދީ ބޮޑު ޗައިނާ އަދި އިންޑިއާ އާއި ރަޝިއާގަ އެވެ. އަދި އާބާދީގެ ނިސްބަތުން އޭޓީއެމް އެންމެ ގިނައިން ބޭނުން ކުރަނީ މަކާއޯގަ އެވެ. އެކަމަކު މަކާއޯގައިވެސް އަހަރުން އަހަރަށް އޭޓީއެމް ބޭނުން ކުރުން ދަނީ މަދުވަމުންނެވެ.
ތަފާސް ހިސާބުތަކުން ފެންނަ މަންޒަރަކީ މި ގައުމުތަކުގައި ވެސް އޭޓީއެމްއަށް އޮތް ބޭރުންތެރިކަން ކުޑަވަމުން ދިއުމެވެ. މި ގައުމުތަކުގެ އެންމެ އާދައިގެ މީހުންނާއި އެންމެ ރޫރަލް އޭރިއާތަކުގައި ވެސް ފައިސާގެ މުއާމަލާތް ކުރުމުގައި ޑިޖިޓަލް ވަސީލަތްތައް ދަނީ ބޭރުން ކުރުން ދަނީ އިތުރުވަމުންނެވެ. ރާއްޖެއާ އެންމެ ގާތުން އޮތް އިންޑިއާ އަށް ބަލާނަމަ އެ ގައުމުގެ ގައުމީ ޕޭމަންޓް ވިއުގަ (ޔޫޕީއައި) އައުމާއެކު ކިއުއާރުކޯޑުގެ މުއާމަލާތްްތައް އިތުރުވެ ބޭންކް ތަކުން ދަނީ އޭޓީއެމްތައް މަދު ކުރަމުންނެވެ. އެ ގައުމުގައި މަރުކަޒީ ބޭންކް ރިޒާވް ބޭންކް އޮފް އިންޑިއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2023 ގެ ސެޕްޓެމްބަރު މަހު މުޅި އިންޑިއާގައި 219,000 އޭޓީއެމް ހުއްޓެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ 215,000 އަށް މަދުވެފަ އެވެ. އަދި ހަލުވިކަމާއެކު އޭޓީއެމްގެ އަދަދު ދަނީ މަދުވަމުންނެވެ. މިކަންވުމުގައި މައިގަނޑު ސަބަބަކީ އޭޓީއެމް ހުރިނަމަވެސް އެ ބޭނުންކުރާ މީހުންގެ އަދަދު މަދުވެ އެއަށްކުރަން ޖެހޭ ހަރަދު އިތުރުވުމެވެ.
ރާއްޖޭގައި ވެސް ކުރިއަށް އޮތް އަހަރުތަކުގައި މި ސިނާރިއޯ ފެންނަން ފަށާނެ އެވެ. އޭޓީއެމް ބޭނުން ކުރާ މީހުންގެ އަދަދު މަދުވެ އެއަށް ގައުމީ ބޭންކް އިން ކުރަން ޖެހޭ ހަރަދު އިތުރުވެ އޭޓީއެމްއަށް ފައިސާ ފުރަން ރަށްރަަށް ބޭންކުގެ މުވައްޒަފުން ކުރާ "ބޭންކް ދަތުރު" އިތުރުވުމާއެކު ގިނަ އޭޓީއެމްތަކެއް ހުއްޓޭނެ އެވެ.