މޫސާ ރަޝީދު

ސަމާސާ ވާހަކައެއް ނޫނެވެ. މި ދައްކަނީ ވެރިކަމުގައި ހުންނަވަނިކޮށް "ބޭރު ބަޔަކު" ދިން ފަސް މިލިއަން ޑޮލަރުގެ ހަދިޔާއެއް ގައުމުގެ ރައީސް ބަލައިގަތް ވާހަކަ އެވެ. އެއީ 77.1 މިލިއަން ދިވެހި ރުފިޔާ އެވެ. އެ ފައިސާ ގެނައީ ޖެޓެއް ސީދާ އެއާޕޯޓަށެވެ. ފައިސާ ބަލާ ފޮނުވީ ނައިބު ރައީސް އާއި ފިޝަރީޒް މިނިސްޓަރެވެ.

އެހެން ގައުމެއްގައި ނަމަ މިއީ ތަހުގީގީ އިދާރާތަކުން އަރައިގަނެ އޭގެ ފުނަށް ފީނާނެ ބޮޑު މައްސަލައަކަށް ވާނެ އެވެ. އެކަމަކު މިއީ ރާއްޖެ އެވެ. މިކަން ހާމަވީކީ ތަހުގީގަކުން ނޫނެވެ. މިއީ ރައީސް އަބްދުﷲ ޔާމީން އަމިއްލަ ދޫފުޅުން އިއުތިރާފްވެ އަބަދުވެސް ދައްކާ ވާހަކަފުޅެކެވެ. އަދި އެ ފައިސާ އެމަނިކުފާނަށް ލިބުނު ގޮތާއި ގެއްލުނު ގޮތާއި އަދި އެ ނުލިބިގެން ކުރައްވާ ޝަކުވާ ދޭތެރެ ދޭތެރެއިން ދައްކަވަ އެވެ.

ޔާމީނަށް މިއީ "ސިޔާސީ ފައިސާ" އެވެ. އެމަނިކުފާނުގެ ބަހުރުވައިން ނަމަ އެއީ "ހަލާލު ފައިސާއެއްތޯ" އެއްވެސް ބަޔަކު ނުބަލަ އެވެ. އޮތީ ހަމައެކަނި ޔާމީން ވިދާޅުވާ އެއްޗެކެވެ. އެއީ ފަސް މިލިއަން ޑޮލަރަކީ ބޭރު ފަރާތަކުން އެމަނިކުފާނަށް ދެއްވި ހަދިޔާއެކެވެ. އެ މީހުންނަކީ ރާއްޖެ އަށް އިންވެސްޓު ކޮށްގެން ތިބި ބައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ. އެކަމަކު އެއީ ކޮން ބައެއް ކަމެއް ވިދާޅުވާން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ. އެކަން ވެފައި އޮންނަނީ ޔާމީންގެ އެންމެ ބޮޑު އެއް ސިއްރަށެވެ.

5 މިލިއަންގެ ތެރެއިން އަތަށް އެރީ 1 މިލިއަން ޑޮލަރު

މި ވާހަކަ ރައީސް ޔާމީން އެންމެ ފަރަތަމަ ދެއްކެވީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް، އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ ފަހު އަޑުއެހުމުގަ އެވެ. އެއީ ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާވި އެއް މިލިއަން ޑޮލަރު، އޭސީސީގެ އެކްސްކުރޯ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެމަނިކުފާނުގެ އެ ސޭވިން އެކައުންޓަކަށް ޖަމާކޮށް އޭގެ މަންފާ ހޯދި މައްސަލައެވެ.

އެ ޝަރީއަތުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ފުރަތަމަ ފަހަރަށް ވަނީ ފަސް މިލިއަން ޑޮލަރުގެ ހަދިޔާގެ ވާހަކަ ދައްކަވައިފަ އެވެ. ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު އިންނެވި ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ހަމައަށް ވެސް އެ ފަސް މިލިއަން ޑޮލަރު ހުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުގަ އެވެ.

"އެއް މިލިއަން ޑޮލަރެއް ވެސް ނޫން އަޅުގަނޑުގެ އަދީބުގެ އަތުގައި ހުންނާނީ، ސިޔާސީ ގޮތުން ފަސް މިލިއަން ޑޮލަރު އަޅުގަނޑަށް ލިބުނު، އެއާ ހަވާލުވާން ދިޔާއީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި އަދީބު، އެހެންވެ އެ ފައިސާ އަޅުގަނޑު ބޭނުންވީ، ދައުލަތުގެ ފައިސާ ދޭކަށް އަޅުގަނޑު ނުބުނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ލޯންޗުގައި ގޮވި ހާދިސާ އަށް ފަހު އެ ފައިސާ ހޯދަން ޔާމީން އަދީބަށް ގުޅުއްވި އެވެ. ގުޅުއްވުމުން އެ ފައިސާ ހުންނާނީ އިންވެސްޓު ކޮށްފަ އޭ އަދީބު ވިދާޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ. އެއަށް ފަހު އޭގެން އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާ ކުރި އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި އެންމެ ފުރަތަމަ ޔާމީން ޖަލަށް ލީ އެ ޗެކްގެ މައްސަލައިގަ އެވެ. ދައުލަތުން ގަބޫލު ކުރާ ގޮތުގައި ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބުނު ފައިސާ އެވެ.

"ޔާމީންގެ ފައިސާ އެބަހުއްޓޭ އަދީބު ވިދާޅުވި"

ޔާމީން މި ވާހަކަތައް ޝަރީއަތުގައި ވިދާޅުވި ފަހުން އެމަނިކުފާނުގެ އެންމެ އަރިހުގައި އޭރު ތިއްބެވި ޕީޕީއެމްގެ ލީޑާޝިޕުން ވެސް ވަނީ މި މައްސަލާގައި ވާހަކަ ދައްކަވައިފަ އެވެ. މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ 45 މެންބަރުންގެ ކުރިމަތީގައި އަދީބު ވަނީ ޔާމީންގެ ފަސް މިލިއަން ޑޮލަރު ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަލީމް ވިދާޅުވީ ޔާމީންގެ ފަރާތުން އެ 45 މެންބަރުން ހެކީގެ ގޮތުގައި ހުށަހެޅި ނަމަ އެ މެންބަރުން ހެކިބަސް ދެއްވާނެ ކަމަށެވެ. އަދި ޔާމީންގެ ފަރާތުން އެ މެންބަރުން ހެކީގެ ގޮތުގައި ހުށަހަޅުއްވައިފައި ނުވާތީ ހައިރާންވާ ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.

"އެމަނިކުފާނު ފައިސާއެއްގައި ޖެހިގެންނެއް ނޫން މިއުޅެނީކީ، އެއީ އެމަނިކުފާނުގެ ފައިސާ. އެއީ އެމަނިކުފާނުގެ ފައިސާކަން އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި 45 މެންބަރުންނަށް އެނގޭ، އަޅުގަނޑު ހައިރާންވީ އެ މެންބަރުން ރައީސް ޔާމީންގެ ހެކިންގެ ގޮތުގައި ހުށަ ނޭޅުމުން،" ސަލީމް ވިދާޅުވި އެވެ.

"ހުރިހާ މެންބަރުން ކުރިމަތީގައި އަދީބު ވިދާޅުވީ ރައީސް ޔާމީންގެ ފަސް މިލިއަން ޑޮލަރު އޭނާ އަތުގައި އެބަހުރި ކަމަށް ޕާޓީގެ އެކި ކަންކަމަށް ހަރަދުކުރަން، މެންބަރުންނަށް ހަރަދު ކުރަން ހުރި ފައިސާކަމަށް ވިދާޅުވި، އެ ފަސް މިލިއަން ޑޮލަރުން އެއް މިލިއަން ޑޮލަރު ލިބުނީ" ސަލީމް ވިދާޅުވި އެވެ.

"ފައިސާ ދިން ފަރާތެއް ބުނާކަށް ނުޖެހޭ"

މި ފަހުން "އަދަދު" އިން ޔާމީން އާ ކުރި އިންޓަވިއުގައި ވެސް ތަކުރާރުކޮށް ވަނީ މި ސުވާލު އަހައިފަ އެވެ. ފަސް މިލިއަން ޑޮލަރު ޔާމީނަށް ދިނީ ކޮން ފަރާތަކުން ތޯ އެވެ. ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން ދެއްވި ގިނަ އަދަދެއްގެ ފައިސާ ގެއްލުނު ވާހަކަތަކެއް ވެސް އަޑު އިވުނު ކަމަށާއި އެއީ އެ ފައިސާތޯ ވެސް ސުވާލު ކުރި އެވެ.

ނަމަވެސް ޔާމީން މިއިން އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވަ އެވެ. ޔާމީން ވިދާޅުވި ގޮތުގައި ސައުދީ ޕްރިންސް ކަމަށް ވިދާޅުވާ ވާހަކަތަކަކީ ސްޕެކިއުލޭޝަންތަކެކެވެ. އެމަނިކުފާނަށް ފައިސާ ދިނީ ދެވަނަ ދައުރަކަށް އިންތިހާބު ވާން ބޭނުންވާ ފަރާތްތަކަކުންނެވެ.

އެ ފަރާތްތަކުން މިހާރު ވެސް އެހީވޭތޯ ސުވަލު ކުރުމުން ވިދާޅުވީ "އެއީ ބަލަން ޖެހޭ ކަމެއް ނޫން ދެއްތޯ" އެވެ.

މި މައްސަލާގައި މީގެ ކުރިން ވެސް ނޫސްވެރިން ވަނީ ތަކުރާރުކޮށް ޔާމީން އާ ސުވާލު ކޮށްފަ އެވެ. އޭރު ވެސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ފައިސާ ދޭ ފަރާތްތަކުގެ ތަފްސީލް ހާމަ ކޮށްފި ނަމަ އެ ފަރާތުން އަލުން އެމަނިކުފާނަށް ފައިސާ ނުދޭނެ އެވެ.

އެމަނިކުފާނު ދައްކަވާ މައިގަނޑު ހުއްޖަތަކީ އެއީ ސިޔާސީ ފައިސާ އެވެ. އަދި ސިޔާސީ ފައިސާ އެހެން އެންމެނަށް ވެސް ލިބެ އެވެ.

"ބުނަން ނުޖެހޭ އެއްޗެއް ބުނާކަށް ނުޖެހޭނެ ނޫންތޯ، އެ ފަސް މިލިއަނުގެ މައްސަލައެއް އުޅޭ ކަމަށް ވަންޏާ އެއީ މައްސަލައެއް ކަމަށް ބުނާ މީހުން އެ ހޯދާނީ، އަޅުގަނޑު އެކަންޏެއް ނޫން ދެއްތޯ ސިޔާސީ ހުރިހާ އެންމެނަށް ފައިސާ ލިބޭ، އެ ފައިސާ ހޯދާ ގޮތް ބުނެދޭކަށް ނުޖެހޭނެ" އޮގަސްޓު 2022 ގައި ޔާމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ގާނޫނީ ގޮޅިއަކަށް ފެތޭ

އެކަމާ ގުޅޭ ގޮތުން "ސިޓިޒެން" އާ ވާހަކަ ދެއްކެވި ގާނޫނީ ބޭފުޅަކު ވިދާޅުވި ގޮތުގައި ފަސް މިލިއަން ޑޮލަރު ބަލައިގަތުމާއި ދެވަނަ ދައުރަކަށް އިންތިހާބުވުމަށް އެ ފައިސާ ބޭނުން ކުރާ ވާހަކަ އަދި އެ ފައިސާ ރާއްޖެ ގެނައި ގޮތަކީ ވެސް ގާނޫނީ ކުށަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

ފުރަތަމަ ކަމަކީ ޑިކްލެއާ ނުކޮށް ރާއްޖެ އަށް ނަގުދު ފައިސާ އެތެރެ ކުރެވޭނެ ވަކި އަދަދެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވެ އެވެ. މިގެ ކުރިން އެއީ 20،000 ޑޮލަރެވެ. އަދި 2021 ވަނަ އަހަރު ވަނީ އެ އަދަދު 10،000 ޑޮލަރަށް ވެސް ދަށް ކޮށްފަ އެވެ.

ނަމަވެސް ޔާމީން ވިދާޅުވާ ގޮތުގައި އެ ފައިސާ ގެނައީ ސީދާ އެއާޕޯޓަށެވެ. ބަލާ ވަޑައިގަތީ އަދީބާއި އޭރު ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޝައިނީ އެވެ. އެ ބޭފުޅުން އެ ފައިސާ ޑިކްލެއާ ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

އޭގެ އިތުރުން ޔާމީން އެ ވިދާޅުވާ ވާހަކަތައް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާ ވެސް ހިލާފުވެ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 7 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކުން ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިންތިހާބެއްގައި ވާދަކުރުމަށް ކެމްޕޭން ކުރުމަށްޓަކައި ބިދޭސީ ސަރުކާރަކުން ނުވަތަ ބިދޭސީ ޖަމާއަތަކުން ނުވަތަ ބިދޭސީ ފަރުދެއްގެ އަތުން ފައިސާ ހޯދުން.

އޭގެ އިތުރުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 70 ވަނަ މާއްދާގައި ބުނަނީ މިހެންނެވެ؛

އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި އަންނަނިވި ފަރާތްތަކުން ދޭ ފައިސާ ނުވަތަ ތަކެތި، އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ފަރާތުން އެހެން މީހަކުވިޔަސް ބޭނުންކޮށްގެން ނުވާނެއެވެ.

  • ބިދޭސީންނާއި، ބިދޭސީ ފަރާތްތަކާއި، ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.
  • ބިދޭސީ ސަރުކާރަކުން ނުވަތަ  ބިދޭސީ ޖަމާއަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި
  • ނަން ހާމަކުރުމަށް ބޭނުން ނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.

ކަން މިހެން އޮތް ނަމަވެސް ޔާމީން މިވާހަކަ ވިދާޅުވަމުން ގެންދަވާ ރާގުން އެއީ މާ ބޮޑު މައްސަލައަކަށް ނުހައްދަވަ އެވެ.