ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް އެހެން ނަމަވެސް ވަކި ގަވަނިން ބޯޑެއްގެ ދަށުން ހިނގަމުން އައި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އެންވާރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި ސެކްޝަނަކަށް ބަދަލު ކުރަން ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ. އެ އެޖެންސީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމަށް ބަދަލު ކުރުމަށް ފަހު ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓު ހެދުމާ ގުޅޭ ގަވައިދަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މި ނިންމުންތަކާ ގުޅިގެން ތިމާވެށީގެ އެކްޓިވިސްޓުންނާ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފަށައިފަ އެވެ. އެގޮތުން ސަރުކާރުން އީޕީއޭގެ ބާރުތައް ހަނި ކުރާ ކަމާއި އެ އެޖްންސީއަކީ "ދަތް ނެތް" އިދާރާއަކަށް ހަދަނީ ކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ.
މި ތުހުމަތުތައް އެންމެ ބޮޑަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އައި ނަމަވެސް ކުރީ ސަރުކާރުތަކުގައި އަމަލު ކުރި ގޮތަށް ބަލާއިރު އީޕީއޭގެ "ދަތް ފަޅުވަން" އެއްވެސް ބަޔަކު ބޭނުން ނުވާ ކަން އެނގެ އެވެ.
ގެނެސްގެން މި އުޅެނީ ކޮން ބަދަލެއް؟
ސަރުކާރުން އިއްޔެ ގެޒެޓު ކުރި ގަވާއިދުގައި ވަނީ އީޕީއޭ އިން ކުރާ ގިނަ މަސައްކަތްތަކަށް މިނިސްޓަރަށް ބާރު ފޯރުވޭ ގޮތަށް ހަދައިފަ އެވެ. އެގޮތުން ސަރުކާރުން އިސްކަން ދޭ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް އީއައިއޭ ރިޕޯޓު އަވަސް ކުރުމުގެ ބާރު ވެސް މިނިސްޓަރަށް ލިބެ އެވެ. އޭގެ ގިނަ ބާރުތައް މި ވެރިކަން ނިމެންދެން ސަރުކާރުގައި އޮންނަ ގޮތަށް ހެދުމަށް ވެސް ގަވާއިދުގައި ވަނީ ހިމަނައިފަ އެވެ.
އެ އިސްލާހުގައިވާ ގޮތުން:
- ތަރައްގީގެ މަސައްކަތް ފެއްޓުމުގެ ކުރިން އީއައިއޭ ހޯދުމަށް އެދިޔާރު، މިނިސްޓްރީ އަށް ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކަށް ހުށަހަޅަން ޖެހެ އެވެ.
- ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ހޯދުމަށް ހުށަހެޅުމާ ހަމައަށް ނިންމަންޖެހޭ މަރުހަލާތައް ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އަދި އެއްވެސް ލަސްކަމެއް ނާންނަ ގޮތަށް ނިންމަން ވާނެ އެވެ.
- ހާއްސަ އިސްކަމެއް ދޭ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ކަނޑައަޅަން ވަނީ ވަޒީރުންގެ މަޖިލީޙުން ނުވަތަ ވަޒީރުންގެ މަޖިލީޙުގެ ކޮމިޓީއަކުން އެ މަޝްރޫއަކީ ހާއްސަ އިސްކަމެއް ދޭން ޖެހޭ ގައުމީ ތަރައްގީގެ މަޝްރޫއެއް ކަމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކެވެ.
- (ހާއްސަ އިސްކަމެއް ދިނުމާ ގުޅޭ) މާއްދާތަކަށް އަމަލު ކުރާނީ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.
އޭގެ އިތުރުން ހާޢްސަ އިސްކަމެއް ދީގެން ހިންގާ މަޝްރޫއުތަކުގެ އީއައިއޭ ހުށާހެޅުންތައް ކުރިޔަށް ގެންދާނެ ގޮތް ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށާއި މިނިސްޓަރު ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އީއައިއޭ ރިޕޯޓާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް އެ ގަވައިދަށް އިތުރު ކުރި އިސްލާހެއްގައި ބުނެފައިވެ އެވެ.
ބާރުތައް ދޫކޮށްލަން އެމްޑީޕީން ވެސް ބޭނުން ނުވި!
ސަރުކާރުން އީޕީއޭ އެންވާރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމާއި އާ ގަވާއިދަށް ގެނައި އިސްލާހުތަކާއެކު އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވާން ފެށީ އެމްޑީޕީގެ އިސް ބޭފުޅުންގެ ފަރާތުންނެވެ. އެގޮތުން އެ މައްސަލާގައި ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެންވާރަމަންޓް މިނިސްޓަރު ޝައުނާ ވެސް އެ މައްސަލާގައި ސަރުކާރަށް ފާޑު ވިދާޅުވެ ޓުވީޓު ކުރެއްވި އެވެ.
އެހެން ނަމަވެސް އެމްޑީޕީން ފާޑު ކިޔަން ފެށުމާއެކު ތިމާވެށީގެ ބައެއް އެކްޓިވިސްޓުންނާއި ސަރުކާރުގެ އެކްޓިވިސްޓުން ވެސް އަނބުރާ ފާޑު ކިޔަން ފެށީ އެމްޑީޕީ އަށެވެ. ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި ވެސް އީޕީއޭ މިނިވަން ކުރުމުގެ ވައުދު އޮތީ ފުއްދާފައިނުވާތީ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އީޕީއޭ އަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އީޕީއޭ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމުގެ ވާހަކަ 2018 ގެ ކެމްޕެއިންގެ ތެރޭގައި ވަރަށް ބޮޑަށް ދެކެވުނެވެ. އަދި ވެރިކަމަށް އައުމަށް ފަހު ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގައި 2020 ވަނަ އަހަރުގެ ނިޔަލަށް އެ ވައުދު ފުއްދަން ނިންމައި ހިމެނި އެވެ.
ނަމަވެސް އެ މުއްދަތު ފަހަނަ އަޅައި ދިޔަ އިރު ވެސް އެކަމެއް ނުކުރައްވަ އެވެ. އަދި އެ ސަބަބު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން އެންވާރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝައުނާ ވިދާޅުވީ މިހެންނެވެ؛
"ވެރިކަން ހިންގަ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަން އަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމެއް ނޫން ކަން ގަބޫލު ކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި އިއްޔެ އެންމެ ބޮޑަށް ވައިރަލްވި އެއް ވީޑިއޯއަކީ ވެސް ޝައުނާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މިހެން ވިދާޅުވި ވީޑިއޯ އެވެ.
އީޕީއޭގެ ކޮންޓްރޯލް ބޭނުންވަނީ ކީއްވެ؟
ކޮންމެ ސަރުކާރަކުން ވެސް އީއައިއޭ ކޮންޓްރޯލް ކުރަން ބޭނުންވަނީ ކީއްވެގެންތޯ އެ ދާއިރާގެ ބައެއް ބޭފުޅުންނާ "ސިޓިޒެން" އިން ސުވާލު ކުރުމުން ވިދާޅުވީ އެއީ ސަރުކާރުން ހިންގާ މަޝްރޫއުތައް ބޭނުންވާ ގޮތަށް ކުރިޔަށް ގެންދިޔުމާއި އަވަސް އަރުވާލައިގެން ގެންދިޔުމެވެ.
މިހާރު ރާއްޖޭގެ ގިނަ އެއާޕޯޓުތަކާއި ބޮޑެތި މަޝްރޫއުތަކަކީ އީއައިއޭ ރިޕޯޓު ހަދަން ހަވާލު ކުރުމަށް ފަހު ނުނިމެނީސް ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތަކެކެވެ. އެގޮތަށް މަޝްރޫއުތައް ފެށުމުން އީއައިއޭ ރިޕޯޓާ ހިލާފުވެ ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތައް ވެ އެވެ. މިއީ އެ މަސައްކަތް ކުރާ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ މައްސަލަތަކެކެވެ.
"މިސާލަކަށް ފަޅެއް ހިއްކުމުގެ ކުރިން ހަދާ އީއައިއޭގައި ފާހަގަ ކަުރެވިފައި އޮވެދަނެ އެތަނަކީ ވަރަށް ކޮރަލް ކަވާ ގިނަ ތަނެއް ކަން. އެހެންވެ އެ ރީލޮކޭޓް ކުރަން އޮވެދާނެ ހައްލަކަށް ދީފަ. އެއްވެސް ސަރުކާރަކުން އެކަންކަމަށް މާ ބޮޑު ސަމާލު ކަމެއް ދޭކަށް ބޭނުމެއް ނުވޭ. ބޭނުން ވަނީ ވީހާވެސް އަވަހަށް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތަން ރައްޔިތުންނަށް ފެންނަން." ތިމާވެށީގެ ޖަމިއްޔާއެއްގައި މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވި އެވެ.
އީއައިއޭ އަކީ މިނިވަން މުއައްސަސާއެއް ނަމަ ސަރުކާރުން އެފަދަ ކަމެއް ކުރާ ނަމަ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އަދި ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރު ބޭނުންވާ ސްޕީޑުގައި ވެސް ކުރިޔަށް ގެންދަން ދަތި ވާނެ އެވެ.
"ތިމާޥެއްޓަށް ކުރާނެ އަސަރުތައް ބެލުމަށް ވުރެ ސަރުކާރުތަކަށް މުހިންމީ އަވަހަށް މަޝްރޫއު ހިންގުން. އެއީ ރާއްޖެ ފަދަ ގައުމެއްގައި ސިޔާސީ ވެރިން ގެންގުޅުން ރަނގަޅު މައިންޑް ސެޓެއް ނޫން."