މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަކީ ކޮންމެ ދައުރެއްގެ ތެރޭގައި ކުރިފަޅައިގެން އަންނަ ބަހުސެކެވެ. އާންމު ގޮތެއްގައި އިގްތިސާދީ ވާހަކަތަކުގެ ތެރެއިން ނުވަތަ މެންބަރަކު އަމިއްލަ އަށް ޝަކުވާ ކޮށްގެން އެ ބަހުސް ތަޅުމުގައި ފެށެ އެވެ. އަދި އެ ބަހުސް ނިމޭނީ އެ މެންބަރުން އިންތިހާބު ކުރާ ރައްޔިތުން ސޯޝަލް މީޑިއާގައި އެ މައްސަލާގައި ފާޑުކިޔާ އަޑު ގަދަވެގެންނެވެ.

މި ދައުރު ތެރޭގައި ވެސް އަނެއްކާ އޮތީ އެ ބަހުސް ފެށިފަ އެވެ. އެ ވާހަކަ ދެކެވުނީ މިދިޔަ އަންގާރަ ދުވަހު އާންމު ކޮމިޓީގެ ބައްދަލުވުމެއްގައި އަލިފުށި ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާން މުސާރަ ކުޑަވެގެން ޝަކުވާ ކުރުމުންނެވެ. އަދި އޭނާގެ އެ ޝަކުވާ އަށް ތިމަރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ރިޔާޒު ވެސް ތާއީދު ކުރެއްވި އެވެ.

"އާންމު ރައްޔިތުން ދެކޭ ގޮތުގައި މަޖިލިސް މެންބަރުންގެ މުސާރައަކީ 100،000ރ. ނުވަތަ 85،000ރ. ހަގީގަތަކީ އަޅުގަނޑުމެންގެ މުސާރައަކީ 42،500ރ. ހާޒިރު ނުވެ ސަލާމުގައި ހުންނަ ދުވަހެއް ވިއްޔާ މަޖިލީހުގެ މުސާރަ އެބަލިބިލައްވާ އެކަމު ކޮމިޓީ އެލަވަންސެއް ނުލިބޭ. އެކަމަށް ރިއާޔަތް ކުރައްވައި ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެކަން ފާހަގަކޮށްލަން." އަބްދުލްލަތީފް އަބްދުއްރަހުމާން ވިދާޅުވި އެވެ.

އެ މެންބަރުން ދައްކަވާ މައިގަނޑު ހުއްޖަތަކީ މާލޭގައި ދިރިއުޅެން ޖެހުމެވެ. ލިވިން އެލަވަންސް އަކަސް 20،000ރ. ލިބޭ އިރު މާލޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގު 24،000 އިން މަތީގައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ މަސް ނިމޭ އިރު އަތުގައި އެއްވެސް އެއްޗެއް ނޯންނަ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކަކީ ކޮބާ؟

އެ މެންބަރުން ދެއްކެވި ވާހަކަ ފެކްޓް-ޗެކް ކުރާ ނަމަ އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެބައޮތެވެ. ނަމަވެސް އެ ވާހަކަ ދައްކަވާފައި އެ ވަނީ މެންބަރުންނަށް ލިބިވަޑައިގަންނަވާނެ މުސާރައިގެ އަދަދު އޮޅޭ ގޮތަށެވެ.

މެންބަރު އަބްދުލްލަތީފް އަބްދުއްރަހުމާން ފާހަގަ ކުރެއްވި 42،500ރ. އަކީ މަޖިލީހުގެ އާންމު މެންބަރުންގެ ބޭސިކް ސެލަރީ އެވެ. އޭގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 20،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތުގައި ބައިވެރިވަމުން އަންނަ ނިސްބަތުން އިތުރު 20،000ރ. ގެ އެލަވަންސެއް އެ މެންބަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.

މަޖިލީހުގެ މަސައްކަތްތައް ތަރުތީބު ކޮށްފައި އޮންނަ ގޮތަށް ބަލާއިރު އާންމު ގޮތެއްގައި ޖަލްސާ އޮންނަނީ ކޮންމެ ހަފްތާއެއްގެ ތިން ދުވަހު އެވެ. މެންބަރުން ކުރަން ޖެހޭ ގިނަ މަސައްކަތްތައް އޮންނަނީ ކޮމިޓީތަކުގަ އެވެ. އެހެންވެ މެންބަރުން ތިއްބަވާ ކޮމިޓީއެއް ތާވަލު ކޮށްފި ނަމަ ކޮންމެ މެންބަރަކު ވެސް ކޮމިޓީ ރޫމް އަށް ވަޑައިގަތުމަށް ފަހު ފޮތުގައި ސޮއި ކުރައްވަ އެވެ. އެހާ ހިސާބުން ކޮމިޓީ އެލަވަންސް ލިބިވަޑައިގަންނަވާނެ އެވެ.

އެ އިނާޔަތްތައް ލިބިވަޑައިނުގަންނަވާނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސަށެވެ. އެހެން ނަމަވެސް ރައީސް އާއި ނައިބުގެ މުސާރަ އެހެން މެންބަރުންނަށް ވުރެ ބޮޑު ވާނެ އެވެ.

މަޖިލިސް ރައީސްގެ މުސާރަ

  • ބޭސިކް ސެލަރީ 53،125ރ.
  • ލިވިން އެލަވަންސް 20،000ރ.
  • ޖުމްލަ 73،125ރ.

މަޖިލިސް ނައިބު ރައީސްގެ މުސާރަ

  • ބޭސިކް ސެލަރީ 51،000ރ
  • ލިވިން އެލަވަންސް 20،000ރ
  • ޖުމްލަ 71،000ރ

އެހެންވެ ބަރާބަރަށް ކޮމިޓީތަކުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރަކަށް މަހެއްގެ މައްޗަށް 82،500ރ. ގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ. އެއީ މިހާރު ތިއްބެވި 93 މެންބަރުންގެ މުސާރަ އަށް އެކަނި މަހަކު 7.67 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކުގެ ސިއްހީ ކަންކަން ވެސް ބަލަހައްޓާ ދެނީ ދައުލަތުންނެވެ. އެގޮތުން އެލައިޑް އިންޝުއަރެންސުން ޕްރިމިއަމް ޕެކޭޖަށް ކޮންމެ މެންބަރަކަށް އަހަރަކު ދައުލަތުން 24،000ރ. ހަރަދު ކުރެ އެވެ. މިސާލަކަށް އާއިލާގައި ތިން ބޭފުޅުން ތިއްބަވާނަމަ ކޮންމެ ދަރިިއަކަށް 24،000ރ. އާއި އޭނާގެ އަނބިކަނބަލުންނަށް ވެސް 24،000ރ. އާ އެކު ދައުލަތުން ހަރަދު ކުރާނެ އެވެ.

ދެން އޮތީ ސަލާން ބުނާ އިރަށް މުސާރައިން ކަނޑާ ކަމުގެ ޝަކުވާ އެވެ. އެއީ ދައުލަތުގެ ކޮންމެ ވަޒީފާއެއްގައި ވެސް އޮންނަ ގޮތެވެ. އަދި އޮންނަން ވެސް ޖެހޭނެ ގޮތެވެ.

އެހެން މަގާމްތަކުގެ މުސާރަ މާ ބޮޑުތަ؟

މަޖިލިސް މެންބަރުން މުސާރަ ކުޑަ ކަމުގެ ޝަކުވާ ކުރާ އިރު ދައުލަތުގެ އެހެން ބާރުތަކާއި އިންތިހާބީ ބައެއް މަގާމްތަކުގެ މުސާރައިގެ އަދަދު ބަލައިލަން ޖެހެ އެވެ؛

ރައީސް އޮފީސް

  • ރައިސުލްޖުމްހޫރިއްޔާ 100،000ރ
  • ރައިސުލްޖުމްހޫރިއްޔާގެ ނައިބު 75،000ރ
  • ޗީފް އޮފް ސްޓާފް 66،000ރ.

ސުޕްރީމް ކޯޓު

  • އުއްތަމަ ފަނޑިޔާރު 74،125ރ.
  • ފަނޑިޔާރުން 80،300ރ.

ސިޓީ ކައުންސިލް

  • މޭޔަރު 47،500
  • ޑެޕިއުޓީ މޭޔަރު 35،000
  • ކައުންސިލަރުން 30،000

މި އަދަދުތަކަށް ބަލާއިރު ރައިސުލްޖުމްހޫރިއްޔާ އާ ޖަހިގެން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ އެއް ބަޔަކީ މަޖިލިސް މެންބަރުންނެވެ.

އާންމުން ދެކެނީ ކިހިނެތް؟

މަޖިލިސް މެންބަރުންގެ މުސާރަ ބޮޑު ކުރަން ޖެހޭތޯ ސޯޝަލް މީޑިއާގައި ބަހުސް ކުރާ އިރު ގިނަ ބަޔަކު އާންމު ގޮތެއްގައި އެކަމަށް ތާއީދެއް ނުކުރެ އެވެ. އެކަމަށް ތާއީދުކޮށް ކިރިޔާ ވެސް ވާހަކަ ދައްކަވަނީ މަޖިލީހުގައި އެވަގުތު ތިއްބަވާ ބައެއް މެންބަރުންނެވެ.

މި މައްސަލާގައި މީހުންގެ ހިޔާލު ހޯދުމަށް ބައެއް ޕޯލްތައް ވެސް ނަގަ އެވެ. އެގޮތުން މިދިޔަ އަހަރު "އަދަދު" ނޫހުން ނެގި ޕޯލްއެއްގައި ދައްކާ ގޮތުގައި ގިނަ މީހުން ގަބޫލު ކުރަނީ މަޖިލިސް މެންބަރުންގެ މުސާރަ 40،000ރ. އަށް ކުޑަ ކުރަން ޖެހެ އެވެ.

އެ ޕޯލަށް 24 ގަޑީރުގެ ތެރޭގައި 677 މީހަކު ވޯޓުލި އިރު އޭގެ ތެރެއިން 44.5 ޕަސެންޓު މީހުން ބުނީ މެންބަރުންގެ މުސާރަ 40،000ރ. އަށް ކުޑަ ކުރަން ޖެހެ އެވެ. އަދި 36 ޕަސެންޓު މީހުން ބުނީ މުސާރަ 40،000ރ. އާއި 60،000ރ. އާ ދެމެދުގައި ބަހައްޓަން ޖެހެ އެވެ. އަދި މުސާރަ 60،000ރ. އާއި 80،000ރ. އާ ދެމެދު ބެހެއްޓުމަށް ވޯޓު ދީފައިވަނީ އެންމެ އަށް ޕަސެންޓު މީހުންނެވެ.

އާންމުން މިކަމާ ދެކޮޅުވާ ސަބަބުތައް:

ރައްޔިތުން ތާއީދު ކޮށްގެން ވޯޓު ދީ އިންތިހާބު ކުރާ މެންބަރުންގެ މުސާރަ ބޮޑު ކުރަން އާންމުން އެހާ ބޮޑަށް ދެކޮޅު ހަދާ ސަބަބުތައް ވަރަށް ގިނަ އެވެ. ސޯޝަލް މީޑިއާގައި މި މައްސަލަ ފެންމަތިވާ ކޮންމެ ފަހަރަކު އެކި މީހުން އެކި ސަބަބު ދައްކަ އެވެ. އޭގެ ތެރޭގައި؛

  1. އެހެން ދާއިރާތަކާ އަޅާ ކިޔާލުން

މަޖިލިސް މެންބަރުންނަށް 80،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭ އިރު އެ މެންބަރުން ނުކުމެ ޝަކުވާ ކުރުމުން އެއާއެކީ ޝަކުވާތައް ހިފައިގެން ނުކުންނަނީ ގިނަ ދުވަހު ކިޔައިގެން އެއަށް ވުރެ ބުރަކޮށް މަސައްކަތް ކުރާ ދާއިރާތަކުގެ ބޭފުޅުންނެވެ. އޭގެ އެއް މިސާލަކީ ޓީޗަރުންނެވެ.

ޓީޗަރުންނަކީ މުޅި ގައުމުގެ އެންމެ މުހިންމު މީހުން ކަމަށް ސިޔާސީ ބޭފުޅުން ޕޯޑިއަމްތަކުގައި ވިދާޅުވި ނަމަވެސް ޓީޗަރުންގެ މުސާރައިން އެކަން ނުދައްކާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ބައެއް އެހެން ބޭފުޅުންގެ އެވަރޭޖް މުސާރަތައް އުޅެނީ؛

  • ޓީޗަރުން - 16،961ރ.
  • ސީނިއާ ޓީޗަރުން - 18،200ރ.
  • ޕްރިންސިޕަލް - 26،181ރ.

މިއީ ކުރީ ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑު ކުރި ފަހުން ހުރި ބައެއް އަދަދުތަކެވެ. އެހެން ނަމަވެސް މިހާރު ވެސް ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ބޭފުޅުންގެ މުސާރަ އިންތިހާބީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނާ ގާތް ވެސް ނުކުރެ އެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު މުސާރައިގެ ޝަކުވާ ހިފައިގެން ނުކުންނަނީ މެންބަރުންނެވެ.

2. މެންބަރުން މަސައްކަތެއް ނުކުރާ

މިއީ މުސާރަ ބޮޑު ކުރާ ވާހަކައާއެކު އަންނަ ދެވަނަ ޝަކުވާ އެވެ. މަޖިލިސް މެންބަރުންނަށް މުސާރަ ކުޑަވެގެން އުޅެނީ ކޮން މަސައްކަތެއް ކުރާތީ އެވެ.

މި ވާހަކަ މިހެން ދެއްކި ނަމަވެސް މަޖިލީހުގައި ވަރަށް ބުރަކޮށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ މެންބަރުން މަދުން ނަމަވެސް އެބަތިއްބެވެ. މި ދައުރުގެ ތެރޭގައި ވެސް އެފަދަ މެންބަރުން އެބަތިއްބެވެ.

ނަމަވެސް ގިނައީ ޖަލްސާތަކުގައި ބައިވެރިވެލާ ކޮމިޓީގެ ފޮތުގައި ސޮއިކޮށްލަން އަންނަ މެންބަރުންނެވެ. ފަސް އަހަރުގެ ދައުރެއް ނިމޭ އިރު ވާހަކަ ނުދައްކާ މެންބަރުން ތިބެ އެވެ. ސަރުކާރުން ފޮނުވާ ބިލެއް ފޮނުވި ގޮތަކަށް ވޯޓު ދީގެން އެކަނި ތިބޭ މެންބަރުން ވަރަށް ގިނަ އެވެ. ރަނގަޅު ބަހުސެއް ދީރާސާތަކެއް ހަދައި ރައްޔިތުންނާ ގުޅޭ މައްސަލަތައް ހުށަހެޅުމާއި ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ހޯދުމާއި ވަކާލާތު ކުރާ މެންބަރުން ވަރަށް މަދެވެ.

3. މިވަގުތަށް ނުވެ އޮތީ އެކަންތަ؟

ހާއްސަކޮށް މި ދުވަސްވަރު މި ސުވާލު މީހުން ކުރެ އެވެ. އެއީ ގައުމުގެ އިގްތިސާދީ ހާލަތު އެހާ ދަށްވުމާއި ހަރަދު ކުޑަ ކުރަން ޖެހޭ ކަމާއި ރައްޔިތުން "ގަރުދިޔަ އާއި ބަތް" ކާން ޖެހޭ ވާހަކަ އެންމެ ބޮޑަށް ދައްކަނީ ވެސް ސިޔާސީ ފަރާތްތަކެވެ. އެހެން ނަމަވެސް ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ނެގުމާއި ހަރަދު ކުޑަ ކުރަން ނޫޅުމާއި ދެކޮޅު ނުޖެހޭ ކަންކަން ކޮށްގެން ދައުލަތުގެ ހަރަދުަ ބޮޑުވާ މައްސަލާގައި މީޙުންގެ ކަންބޮޑުވުން އެހާ ބޮޑަވެ.

އެ ދެމެދަށް މި އަންނަނީ މަޖިލިސް މެންބަރުންގެ މުސާރާ ބޮޑު ކުރާ ވާހަކަ އެވެ. އެ ކަން ރައްޔިތުން ބަލައިނުގަންނަ އެއް ސަބަބަކީ އެއީ އެވެ.

މި ހުރިހާ ބަހުސެއް ގޮސް ނިމިގެން އަންނަނީ ހަމަ އެންމެ މައްސަލައަކާ އެވެ. ރައްޔިތުންގެ މަޖިލިސް މެންބަރުން ހޮވަނީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ކުރުމަށެވެ. ނަމަވެސް ފަސް އަހަރު ދައުރެއް ނިމިގެން ދާއިރު ރައްޔިތުންގެ މައްސަލަތައް އޮންނަނީ ހައްލު ނުވެ ކުރިން ވެސް އޮތް ހިސާބުގަ އެވެ. އެކަމަކު ހުސް އަތާ މަޖިލީހަށް ވަތް މެންބަރުން އެތަނުން ނުކުންނަނީ މަހުޖަނުންނަށްވެ ވިޔަފާރިތައް ފަށައި އެޕާޓްމަންޓުތައް ގަނެގެންނެވެ. އެކަމަކު އަބަދުވެސް އޮންނަ ޝަކުވާއަކީ މުސާރަ ކުޑަ ކަމުގެ ވާހަކަ އެވެ.