މޫސާ ރަޝީދު

މީގެ އަހަރެއް ކުރިން ނަމަ މި މައްސަލާގައި ދައްކަން އޮންނާނީ އެންމެ ވަހަކައެކެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ތެރޭގައި ބާރާއި ނުފޫޒު ގަދަ އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގެ ވާހަކަ އެކަންޏެވެ.

އެކަމަކު މިހާ ހިސާބަށް އައުމުން "ޝުޖާއު ފައިލްސް" އާ ހަމައިން އެކަނި މައްސަލަ ނިންމާ ނުލެވޭނެ އެވެ. ރާއްޖޭގެ ސެންޓްރަލް ބޭންކް، އެމްއެމްއޭ އިން މި ވަރުގެ ބޮޑު ކޮރަޕްޝަނެއް ފްލެގް ކުރިތާ އަހަރަކާއި ފަސް މަސް ވީއިރު އެކަން ފަޅާ އަރަންދެން ދައުލަތުގެ މުއައްސަސާތަކަށް އެއީ "ނުހިނގާ" ކަމެކެވެ. އެހެންވެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުން ސަރުކާރުގެ އެ ނުފޫޒު ދައުލަތުގެ ތަހުގީގީ މުއައްސަސާތަކުގެ ތެރެއަށް ވެސް ވަނީ އެވެ. މީގެ ކުރިން ވެސް ކަން ހިނގާފައި އޮތީ އެހެންނެވެ.

ޝުޖާއު ފައިލްސްގެ ވާހަކަ ދައްކާ ނިމި މީހުން ހަނދާން ނެތޭ ހިސާބަށް ކަންކަން ދާއިރު ވެސް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ސަރުކާރުން ވެސް މި މައްސަލާގައި ޖަވާބު ދޭން ޖެހޭ މުހިންމު ސުވާލުތަކެއް އެބަ ހުއްޓެވެ. އަދި ސުވާލު އުފެދޭ ފަދަ ގޮތަކަށް އެތައް ކަމެއް ކޮށްފައި އެބަހުއްޓެވެ. ނަމަވެސް މިއަދާ ހަމައަށް އަދިވެސް ތިބީ ހަނެވެ.

ފުރަތަމަ ސުވާލު: ރައީސަށް އިންޓެލް ލިބުނުތަ؟

ޝުޖާއު ފައިލްސްގެ އިންޓެލް ރިޕޯޓު އެމްއެމްއޭ އިން ތައްޔާރު ކުރީ މާޗު 28، 2024 ގަ އެވެ. އެ ރިޕޯޓު ލީކުވީ އޭގެ 17 މަސް ފަހުންނެވެ. އެހެން ނަމަވެސް އެ ރިޕޯޓު ލީކުވުމާއެކު ޝުޖާއު ހިމެނޭ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީން އޭނާ ބޭރު ކުރި އެވެ.

އޭގެ ބަދަލުގައި އޭނާ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގެ ޗެއާގެ މަގާމު ދީފި އެވެ. އެވަރުގެ ބޮޑު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ އިރު އޭނާ އަދިވެސް ހުރީ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

އެ "ފިޔަވަޅު" އެޅުމުން އުފެދޭ ފުރަތަމަ ސުވާލަކީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުން ޝުޖާއު ބޮޑު "ކަޓެއް" ނަގައި ލަގްޒަރީ އެޕާޓްމަންޓުތައް ގަތް ކަމުގެ މައުލޫމާތު ރައީސަށް އެނގިވަޑައިގަންނަވާތޯ އެވެ. އެ ސުވާލު އުފައްދަން ޖެހެނީ ރައީސް މުއިއްޒު އަކީ ޕީއެންސީގެ ވެސް ރައީސެވެ. އަދި ޝުޖާއު އަކީ ރައީސް އާ ވަރަށް އަރިސް އަދި ފެށުނީއްސުރެ އެމަނިކުފާނު ދިފާއު ކުރައްވަމުން ގެންދަވާ މެންބަރެކެވެ.

އެހެންވެ އެފްއައިޔޫ ރައީސް އާ ހަމައަށް ދިޔަތޯ އެނގެން ޖެހެ އެވެ. އަދި އެ މައުލޫމާތު ލިބިފައިވާ ނަމަ މިހާތަނަށް ވެސް އެއްވެސް ފިޔަވަޅެއް ނާޅާ މަލިޔަތު ކޮމިޓީ ގަދަ މުހިންމު ކޮމިޓީތަކުގައި ޝުޖާއު އިނުމާއި އޭނާ އަށް އެއްވެސް ފިޔަވަޅެއް ނާޅާ އޮތީ ކީއްވެތޯ ޖަވާބު ދޭން ޖެހެ އެވެ.

އެ މައްސަލާގައި "ސިޓިޒެން" އާ ވާހަކަ ދެއްކެވި ފުލުހުންގެ ކުރީގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި ރައީސަށް އެ މައުލޫމާތު އެނގިވަޑައިނުގަތުމަކީ ވެސް މައްސަލަ އެކެވެ. ސަބަބަކީ އެފްއައިޔޫ އިން އެ ރިޕޯޓު ތައްޔާރު ކުރުމަށް ފަހު ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވި އެވެ. އަދި މުހިންމު އިންޓެލިޖެންސް މައުލޫމާތަކީ އަބަދުވެސް ބަރާބަރަށް ރައީސް އާ ހަމައަށް ގެންދާ ކަންކަމެވެ.

އެހެންވެ ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅަކު ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ބޭނުން ހިފައި ލަގްޒަރީ ފްލެޓުތައް ގަނެ މިވަރުގެ ބޮޑު ކަމެއް ހިންގުމުން ގައުމުގެ ވެރިޔާ އަށް އެކަން ނޭނގި އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ.

މައްސަލަ ފޮރުވައިގެން ތިބީ ކީއްވެ؟

ދެވަނަ ކަމަކީ މި މައްސަލާގައި ފުލުހުންނާއި "އެންޓި" - ކޮރަޕްޝަން ކޮމިޝަން އަމަލު ކުރި ގޮތެވެ. ފުލުހުންގެ އޮފިޝަލުން ބުނާ ގޮތުގައި މިދިޔަ އޭޕްރިލް މަހުން ފެށިގެން ފުލުހުން މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭސީސީން ބުނާ ގޮތުން ނަމަ ނޮވެމްބަރުން ފެށިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން މި ދެ މުއައްސަސާ އަމަލު ކުރާ ގޮތަށް ބަލާނަމަ ބޭނުންވާ ބައެއް މައްސަލަތަކުގައި ވަރަށް އަވަހަށް އިސްވެ މައުލޫމާތު ހާމަ ކުރެ އެވެ. އަދި ބައެއް މައްސަލަތައް ހުށަހެޅުނަސް އަދި ތަހުގީގު ރަނގަޅަށް ނުފަށަނީސް މައުލޫމާތު ދީފައި އެބަހުއްޓެވެ.

ނަމަވެސް ސަރުކާރަށް ތުހުމަތުވާ މި ބޮޑު މައްސަލާގައި ފުލުހުން އަދި އޭސީސީ ތިބީ ފިލަ އެވެ. އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަ ނުކުރެ އެވެ. އެކަހަލަ ކަމެއް އުޅޭ ކަމުގެ އިޝާރާތެއް ވެސް ނުކުރެ އެވެ. އެ މުއްދަތުގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުންތަކާއި އެފަދަ އެކި ހަރަކާތްތައް ބޭއްވި އިރު މި މައްސަލަ އޮތީ ބާއްވައިފަ އެވެ.

ޝުޖާ ފައިލްސް ލިބިފަ އޮތް ކަން ބުނަން މަޖުބޫރުވީ އެ ލީކުވެ އަނބުރާ ނުގެންދެވޭ ވަރަށް ހެކިތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

ޝުޖާއު ހާޒިރު ކުރިތަ؟

ފުލުހުންނާއި އޭސީސީން ހަގީގަތުގައި ވެސް ތަހުގީގެއް ކުރިތޯ ސުވާލު އުފެދޭ އަނެއް ސަބަބަކީ އެ މައްސަލަ ފަޅާ އެރުމުން ޝުޖާއު ނެރުއްވި ސްޓޭޓްމަންޓުގައި ވިދާޅުވެފައި ވަނީ އެ ރިޕޯޓުގެ ސައްހަކަމެއް ޔަގީން ނުވާ ކަމަށާއި އެއީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން އޭނާ އާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް އޭސީސީން ބުނި ގޮތުގައި މިދިޔަ ނޮވެމްބަރުން ފެށިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ގެންދަނީ އޭޕްރިލް އިން ފެށީގެން އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ މައްސަލަ އަށް އަހަރެއް ވާ އިރު އަދިވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ ޕްރައިމް ސަސްޕެކްޓް ފުލުސް އޮފީހަށް ހާޒިރު ކުރި ކަމަކަށް ޝުޖާއުގެ ވާހަކަތަކުން ނުބެލެވެ އެވެ.

ހާޒިރު ކުރިތޯ ނުވަތަ ސުވާލެއް ކޮށްލައި ޝުޖާއުގެ އެއްވެސް އެޕާޓްމަންޓުތަކެއް ނުވަތަ އޭނާގެ އެހެން ވެސް މުދަލެއް ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ހިންގި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ނުބުނެ އެވެ.

މުއައްސަސާތަކުގެ އިހުމާލު: އާ ކަމެއް ނޫން

ކޮރަޕްޝަންގެ މިފަދަ ބޮޑެތި ކޮންމެ މައްސަލައެއްގައި އަބަދުވެސް އެންމެ ފުރަތަމަ ބޭޒާރު ވާނީ ދައުލަތުގެ އެންމެ މުހިންމު އަދި ރައްޔިތުންގެ އިތުބާރު ބޭނުންވާ ފުލުހުންނާއި އޭސީސީ ފަދަ މުއައްސަސާތަކެވެ. މިފަދަ ކޮންމެ މައްސަލައެއް ކޮޅެއްގައި ޖެހޭ ނަމަ ފުލުހުންނާއި އޭސީސީ ތެރެއިން ހިޔާނާތުގެ އެތައް ކަމެއް ވެސް ހާމަވެ އެވެ.

އޭގެ އެންމެ ބޮޑު އެއް މިސާލަކީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތެވެ. އެކަން ވެސް ހިނގާ ކަން އެނގޭ ބަޔަކު ނެތެވެ. ނަމަވެސް ތަހުގީގު ނިމުނު އިރު އޭސީސީގެ މެންބަރުންނާއި ފުލުހުންގެ ވެރިން ވެސް އޮތީ އިހުމަލުވުމުގެ އިތުރުން އެ ހިޔާނާތުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފަ އެވެ.

ޝުޖާ ފައިލްސް އަށް ވެސް ވެގެން ދާނީ އެފަދަ ގޮތަކަށް ކަމަށް މިހާރު ގިނަ މީހުން ގަބޫލު ކުރެ އެވެ. ތަހުގީގު ކުރިޔަށްދާ މައްސަލައެއް ކަމަށް ބުނެ ފުލުހުން ވެސް އަދި އޭސީސީ ވެސް އެއްވެސް އެއްޗެއް ނުބުނެ ތިބޭނީ އެވެ. މި މައްސަލާގައި ރައީސް އޮފީހުގެ ބަހެއް ނުލިބޭނެ އެވެ. މުޅި މައްސަލަ ހަނދާން ނެތެންދެން ދައުލަތު މުއައްސަސާތައް ހަނު ހުންނާނީ އެވެ.

ދެން ވެސް ކޮރަޕްޝަން ނަގަ ނަގައިގެން ބަލާނީ އަންނަ ސަރުކާރަކުންނެވެ. އޭރަށް އެކަން ހަދާނީ ސިޔާސީ ކަމަކަށެވެ.