މީގެ ކުރިން ރާއްޖޭގައި ވޯޓުލުމުގެ ކަންކަން ހިނގަނީ މުޅިން އެހެން ގޮތަކަށެވެ. ރައިސުލްޖުމްހޫރިއްޔާ ކަމަށް އަންނާނެ ބޭފުޅެއް ފުރަތަމަ ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއަށް ފަހު ރައްޔިތުންގެ ކައިރީ އަހަނީ ފެންނަ ނުފެންނަ ވޯޓަކަށެވެ. މީހުންގެ ބައިވެރިވުން ކުޑަ އަދި ނަތީޖާ އާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭތީ އެތައް ބައެއްގެ ކަންބޮޑުވުން އޮތެވެ.
އެ ގޮތް ބަދަލުކޮށް އާ އިންތިހާބީ ނިޒާމެއް ގެނައިތާ 17 އަހަރު ފަހުން އެ ނިޒާމް ގެނައި ފަރާތްތަކާއި އެހެން ގިނަ ބޭފުޅުން ވެސް މިހާރު ދައްކަނީ ނިޒާމް ބަދަލު ކުރާ ވާހަކަ އެވެ. އޭގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާ އެއް ބަދަލަކީ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމެއް ގެނައުމެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ މަސައްކަތް ކުރައްވަން ގަސްތު ކުރައްވާ ކަމަށެވެ.
"އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް ވިދާޅުވި އެވެ.
އެ ހިޔާލުފުޅު ހާމަ ކުރެއްވި ފަހުން ސަރުކާރުން ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދިޔުމާ ގުޅޭ ބިލެއް ވެސް މަޖިލީހަށް ފޮނުވައިފަ އެވެ. އަދި އެޓާނީ ޖެނަރަލް އޮފީހުން އެކަމާ ގުޅޭ ދިރާސާތައް ވެސް ހަދަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ޕްރިފެރެންޝަލް ވޯޓު، ކުރުކޮށް
ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ ފަސްޓް ޕާސްޓް ތަ ޕޯސްޓް ނިޒާމެވެ. އެއީ އެންމެ ގިނަ ވޯޓު ލިބޭ މީހާ ކާމިޔާބު ކުރާ ވަރަށް ސިމްޕަލް ނިޒާމެކެވެ.
ޕްރިފެރެންޝަލް ވޯޓިން ނުވަތަ ރޭންކް ޗޮއިސް ވޯޓިންގައި ކެންޑިޑޭޓުންގެ ކައިރީ ހެޔޮ ފާހަގައެއް ޖެހުމުގެ ބަދަލުގައި އެ މީހާ ތާއީދު ކުރާ ގޮތަކަށް ކެންޑިޑޭޓުން ވަނަތަކަށް ހޮވަން ޖެހެ އެވެ. އެންމެ ބޮޑަށް ވެރިކަމަށް ގެންނަން ބޭނުންވާ ކެންޑިޑޭޓެއް ކައިރީ 1 އަދި އޭނާ ނުހޮވިއްޖެ ނަމަ ވެރިކަމަށް ގެންނަން ބޭނުންވާ ކެންޑިޑޭޓެއް ކައިރީ 2 މިގޮތަށް ގޮސް ނަމްބަރުން ރޭންކު ކުރާނީ އެވެ.
މީހުންގެ ފުރަތަމަ ޗޮއިސް އަކަށްވީ ކެންޑިޑޭޓަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިއްޖެ ނަމަ އޭނާ އިންތިހާބު ކާމިޔާބުވީ އެވެ. އެ ޕަސެންޓޭޖް ހަމަ ނުވެއްޖެ ނަމަ އެންމެ ފުލުގައި އޮތް މީހާ ކަޓުވާލުމަށް ފަހު އޭނާގެ ވޯޓުތައް ދެން ހުރި ކެންޑިޑޭޓުންނަށް ބަހާލާނީ އެވެ. އަދި އެގޮތަށް 50 ޕަސެންޓު ހަމަވަންދެން ވޯޓުތައް ބަހަމުން ގެންދާނީ އެވެ.
އޭގެ ނަތީޖާއަކީ އިތުރު އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި ބާޢްވަން ޖެހޭނީ އިތުރު ގުނުންތަކެވެ. އަދި ކާމިޔާބު ކުރާނެ ކެންޑިޑޭޓެއް އެއްބުރުން ވޯޓު ލައިގެން ވެސް އެނގިގެން ދާނެ އެވެ.
ހަރަދުތައް ކުޑަ ވާނެތަ؟
އިލެކްޝަންސް ކޮމިޝަން (އީސީ)ން ހިއްސާ ކުރި ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު ރާޢްޖޭގައި އިންތިހާބުތަކަށް ބޮޑު ހަރަދެއް މިހާތަނަށް ދިޔައީ ކުރަމުންނެވެ. ހާއްސަކޮށް ދެވަނަ ބުރު ބޭއްވުމަށް ވެސް ގިނަ ހަރަދުތަކެއް ހިނގަ އެވެ. އެގޮތުން މީގެ ކުރިން ދެވަނަ ބުރުގެ އިންތިހާބުތައް ބާއްވަން ގާތްގަނޑަކަށް 13 މިލިއަނެއްހާ ރުފިޔާ ހަރަދުވެ އެވެ. އަދި އެންމެ ފަހުން ބޭއްވި އިންތިހާބުގައި ދެވަނަ ބުރުގެ ހަރަދުތައް 21 މިލިއަނަށް އަރައިގެން ދިޔަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހުނީ އީސީން ބުނި ގޮތުގައި އިދާރީ ކަންކަން ހަމަޖެއްސުމަށެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ދާ ސަބަބަކީ ހަރަދު ކުޑަ ކުރުން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނަނީ އެއީ ހަރަދު ކުޑަ ކަމެއް ނޫނެވެ. އެއީ އެފަދަ ނިޒާމަކަށް ބަދަލު ކުރުމަކީ ވެސް އިންތިހާ އަށް ހަރަދު ހިނގާނެ ކަމެއް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. އެގޮތުން؛
- ރިފެރެންޑަމް އަކަށް ދިޔުމަށް ކުރާ ބޮޑު ހަރަދު.
- އާ ނިޒާމަކަށް މީހުން އަހުލުވެރި ކުރުވަން ބޮޑު ކެމްޕެއިނެއް ކުރަން ހަރަދު ހިނގުން
- އިންތިހާބުގެ ޓްރެއިނިން އަށް ދާ ހަރަދު އާ ނިޒާމަކަށް ވާތީ އިތުރު ވާނެ ކަމަށް ބެލުން
- ވަރަށް ގިނަ ވަގުތު ވޯޓު ގުނުންތަކަށް ހޭދަ ވާތީ މުވައްޒަފުންނަށް ކުރާ ހަރަދު އެތައް ގުނައަކަށް އިތުރު ވާނެ ކަމަށް ގަބޫލު ކުރުން.
އެކަންކަމަށް ބަލާއިރު ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި ބައެއް ތަޖުރިބާކާރުން ވެސް ބުނަނީ ހަރަދު ކުޑަވާނެ ކަމަށް އެކަނި ބަލައިގެން ނިޒާމް ބަދަލުކުރަން އެއްގޮތަކަށް ވެސް ތާއީދު ނުކުރާ ކަމަށެެވ.
މި ބަދަލު ކުއްލިއަކަށް ގެންނަނީ ކީއްވެ؟
ދެވަނަ ބުރު އުވާލުމުގެ ވާހަކަތަކަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ބަޔަކީ އެމްޑީޕީ އެވެ. އެ ޕާޓީން ގަބޫލު ކުރާ ގޮތުގައި ސަރުކާރުން ވޯޓާ ކުޅެން އުޅެނީ ނިޒާމް ގަޑުބަޑު ކުރުމަށެވެ. އަދި ދެވަނަ ބުރަށް އިންތިހާބު ވާނެ ގޮތަށް ނިޒާމް ބަދަލު ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި ސަރުކާރުން ގެންނަން އުޅޭ އިންތިހާބީ އިސްލާހަކީ ވޯޓުލާ މީހުންގެ އަޑު ހަނިކުރަން ދައްކާ ވާހަކަ އެކެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވަން ވާނީ ވޯޓުލާ އާބާދީގެ އަގުލަބިއްޔަތު ލިބި ސާފު މެންޑޭޓަކާއެކު ކަމަށް އޭނަ ވިދާޅުވި އެވެ.
"އިސްރާފުބޮޑު ބޭކާރު އެތަށް ހަރަދުތަކެއް [ސަރުކާރުން ކުރަމުންދާއިރު] ހަރަދު ކުޑަކުރުން ނަމުގައި ގެންނަން އުޅޭ މި އިސްލާހުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ވޯޓުލާ ނިޒާމަށް ބަދަލުގެންނަން މިހާރު ދައްކާ ވާހަކަތަކަކީ ވޯޓު ގުނުން އެތައް ބުރަކަށް ދަންމާލައި، ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވާލުމަށް ރާވާ ރޭވުމެކެވެ.
ޝާހިދު ދެކެވަޑައިގަންނަވާ ގޮތުގައި ވޯޓު ގުނަންވާނީ ވޯޓުލީ މަރުކަޒެއްގައި އެންމެންގެ ކުރިމަތީގަ އެވެ. އިންތިހާބުވާ ކެންޑިޑޭޓަކަށް ވޯޓުލީ މީހުންގެ ސާފު އަޣްލަބިއްޔަތު ލިބެންޖެހޭނެ އެވެ.
"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް. ކިތަންމެ މޮޅު ނަމެއްކިޔަސް އިހްލާސްތެރި ކަމުގެ ޒައްރެއްވެސް ނެތް. ނިޔަތަކީ ވޯޓު ފޮއްޓަށް އަތް ބޭނުން. ވޯޓު އޮޅުވާލުން،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގާނޫނުއަސާސީ އަކީ އެ ވަގުތަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކު މީހަކު ބޭނުންވެވަޑައިގަތުމުން ބޭނުންވާ ގޮތަކަށް ބަދަލު ގެނެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.
"އިތުރު ދައުރެއް ހޯދުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫން. ގާނޫނުއަސާސީއަކީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއި ހައްގު ކަށަވަރުކޮށްދޭ އެއްޗެއް،" ފައިސަލް ވިދާޅުވި އެވެ.
ކުރީގެ އެޓާނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވި ގޮތުގައި ޕްރެފެރެންޝަލް ވޯޓިންއަކުން އާންމު ރައްޔިތަކަށް ވާނެ އިތުރު މޮޅެއް ނެތެވެ. ރާއްޖޭގައި ސިޔާސީ ރާޒުވާ ކުޅިބައި ދުވަނީ ފޮރުވިފަވާ ކަޅު ފައިސާޔާ ފަސާދައިން މަންފާ ހޯދާ ބަޔަކު ބޭނުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އާންމު ރައްޔިތަކަށް އަތްފޯރާ ހިސާބެއްގެ ހިނގާ ކަންކަމެއް ނޫން ކަމަށް ސަވާދު ވިދާޅުވި އެވެ.
"ޕްރެފެރެންޝަލް ވޯޓިންގް ނިޒާމުގެ ވާހަކަ ދެއްކުމުގެ ކުރިން ފަނޑިޔާރުގެ މިނިވަންކުރަން ޖެހޭ، ބައިތުލްމާލުން ކުރި/ކުރާ ވައްކަން ހުއްޓުވާ ވަގުން ހައްޔަރުކުރަން ޖެހޭ، ދޮގާ ފަސާދަ ވިއްކާ މީހުނަށް ހާކިމުގެ މަގާމު ހަވާލުނުކުރުން." ސަވާދު ވިދާޅުވި އެވެ.