މުޅި ދައުލަތް ބޭޒާރުވެ ބޮޑެތި ހިޔާނާތް ފަޅާއަރާ މައްސަލަތަކަށް އިތުރުވި ސަފުހާއެކެވެ. މިފަހަރު އެ ސަފުހާގައި އޮތީ "ޝުޖާ ފައިލްސް" ގެ ނަމެވެ.

ސޯޝަލް މީޑިއާގައި ހިނގާ ސިއްރު އެކައުންޓް "ހަސަން ކުރުސީ" މިދިޔަ ހޮނިހިރު ދުވަހު ލީކު ކޮށްލީ ވައްކަމާއި ހިޔާނާތުގެ ވާހަކަ "އެންމެ ބާރަށް" ދައްކާ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު އާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރު ކުރި ރިޕޯޓެއް ކަމަށް ބުނާ ލިޔުމެކެވެ.

ޝުޖާއުގެ ހިއްސާ އޮންނަ ވިޔަފާރިތަކުން ޝައްކު އުފެދޭ ގޮތަކަށް ދައުލަތުން އެތައް މިލިއަން ރުފިޔާ ހޯދައި އެޕާޓްމަންޓުތައް ގަނެ ބަޔަކު "ހެޕީ" ކޮށްދޭ ގޮތުގެ ގިނަ ތަފްސީލްތަކެއް އެ ލިޔުންތަކުން ވަނީ ހާމަވެފަ އެވެ.

އާންމުވި ރިޕޯޓުގެ ފޮޓޯއެއް--

އެއީ ސައްހަ ރިޕޯޓެއްތޯ ނުވަތަ ނޫންތޯ އަދި އެއްވެސް އިދާރާއަކުން ނުބުނެ އެވެ. އެކަމަކު އެއީ އަސްލެއް ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ނިންމައިފި އެވެ. އެއީ އެ މައްސަލަ ފެންމަތިވުމާއެކު ކަމާ ގުޅުން ހުރި އިދާރާތަކުން އިއްޔެ އަމަލު ކުރި ގޮތުންނެވެ.

އެގޮތުން އެފަދަ މައްސަލައެއް ހިނގައިގެން އުޅޭ ކަން މިއަދާ ހަމައަށް ވެސް ނުބުނެ ތިބުމަށް ފަހު އެ ލިޔުން ލީކުވުމާއެކު ފުލުހުން އިއްޔެ ވަނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް އިއްޔެ ކުއްލިއަކަށް މަގާމުން ވަކި ކުރި އެވެ.

އެ މައްސަލަ ރައްދުވާ ޝުޖާއު ވެސް "އެކްސް"ގައި ލިޔުނު ދިގު ޕޯސްޓުގައި އެ ރިޕޯޓުގެ "ސައްހަ ކަން ނޭނގޭ" ކަމަށާއި އަދި އޭގައި "ހަގީގަތް އޮޅޭ ގޮތަށް" ވާހަކަ ހުރި ކަމަށް ވިދާޅުވި ނަމަވެސް ބޮޑެތި ތުހުމަތުތަކަށް މުތުލަގަށް އިންކާރެއް ވެސް ނުކުރެ އެވެ. އޭގެ ބަދަލުގައި ޝުޖާއު ދެއްކެވީ ކުންފުނީގެ ކާމިޔާބު ކަމާއި އެފަދަ ޕްރޮޖެކްޓުތައް އަބަދުވެސް އެ ކުންފުންޏަށް ލިބޭ ގޮތުގެ ވާހަކަ އެވެ.

ތުހުމަތެއް: ހުވާ ކުރުމުގެ ރަސްމިއްޔާތުން ޝުޖާއު އަށް 13 މިލިއަން

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އެއް މައްސަލައަކީ ކުރުކޮށް ބުނާ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ހަފްލާ ބާއްވަން ދައުލަތުން ކުރި ހަރަދުން ޝުޖާއު އަށް "ކަޓެއް" ލިބުނު ގޮތާއި އޭގެން އެޕާޓްމަންޓްތަކެއް ގޮތް ގޮތެވެ.

ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އެތަނުގައި ރައްޔިތުންގެ މަޖިލިސް ފަދަ ސްޓްރަކްޗާއެއް ހެދުމަށް 22.9 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓު ހަވާލު ކުރީ ސިފައިންގެ ކުންފުނި ސިވެކް އަށެވެ. ސަބަބަކީ މާލިއްޔަތު ގާނޫނުގައިވާ ގޮތުން ނަމަ ދައުލަތުގެ ބަޖެޓުން ފަސް މިލިއަނަށް ވުރެ ގިނައިން ހަރަދުވާނަމަ އެ ޕްރޮޖެކްޓެއް ބިޑް ކުރަން ޖެހޭނެ އެވެ.

ނަމަވެސް ސިވެކް އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓުކޮށް 22 މިލިއަންގެ ތެރެއިން 19.7 މިލިއަން ރުފިޔާ ތިން ކުންފުންޏަކަށް ޖަމާކުރި އެވެ. އެއީ ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސަށް 13 މިލިއަން، ޑީޖީ ހޯލްޑިންސަށް 4.2 މިލިއަން އަދި ކުއިކް ޝުއާއަށް 2.3 މިލިއަނެވެ.

ޝުޖާއުގެ ކުންފުންޏަށް ލިބުނު ފައިސާގެ ތެރެއިން 8 މިލިއަން ރުފިޔާ ބޭނުން ކުރީ ހުޅުމާލޭގައި އިމާރާތް ކުރާ ލަގްޒަރީ ދެ އެޕާޓްމަންޓް އެ ކުންފުނީގެ ހިއްސާދާރުންނާށް ގަތުމަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން ކޮންމެ އެޕާޓްމަންޓެއްގެ ޖުމްލަ އަގަކީ 20 މިލިއަނެވެ. އޮފިޝަލް އިވެންޓްސް އިން ވަނީ އެ ފައިސާ އިން އެޕާޓްމަންޓް އިމާރާތް ކުރާ ރެއިންބޯ ކުންފުންޏަށް އެޑްވާންސްކޮށް ދައްކަން ޖެހޭ ކޮމިޓްމަންޓް ފީ ދައްކައިފަ އެވެ.

އޮފިޝަލް އިވެންޓްސްގެ 50 ޕަސެންޓް ހިއްސާދާރަކީ ޝުޖާއު އެވެ. އަދި ކުއިކް ޝުއާ އަކީ ޝުޖާއު އާ އާއިލީ ގޮތުން ގުޅުން އޮންނަ މުހައްމަދު ނާފިޒުގެ ނަންމަތީ އޮތް ކުންފުންޏެކެވެ. ނާފިޒަކީ މި ސަރުކާރުގެ ޑެޕިއުޓީ މިނސްޓަރެކެވެ.

ވެރިކަމުގަ އާއި މޭޔަރުކަމުގައި އެތައް މަޝްރޫއެއް

އެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް ޝުޖާއު އާ ގުޅުން ހުރި ކުންފުނިތަކަށް ގިނަ މަޝްރޫއުތަކެއް ހަވާލު ކުރި އެވެ. އެގިތުން ނޮވެމްބަރު 2، 2022 އިން ފެށިގެން ނޮވެމްބަރު 7، 2023 އާ ދެމެދު ކުއިކް ޝުއާ އަށް މާލެ ސިޓީ ކައުންސިލުން 10.5 މިލިއަން ރުފިޔާ ދީފައިވެ އެވެ.

އޭގެ އިތުރުން ޕީއެންސީ ސަރުކާރު އައުމަށް ފަހު ޑިސެމްބަރު 2023 އާއި ޖެނުއަރީ 2024 އާ ދެމެދުގައި ވެސް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮފިޝަލް އިވެންޓްސަށް ސަރުކާރުގެ އެކި ކުންފުނިތަކުން ޖަމާކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ވެމްކޯ، އެޗްޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯ ވެސް ހިމެނެ އެވެ.

ދެ ކުންފުންޏަށް ވަތް ފައިސާގެ އަދަދުތައް

ޝުޖާއުގެ ދިފާއު:

މި މައްސަލާގައި ޝޫޖާއު އޭނާ އަދި އޭނާގެ ކުންފުނީގެ ދިފާއުގައި ވަނީ ވާހަކަ ދައްކައިފަ އެވެ. ޝުޖާއު ވިދާޅުވި ގޮތުގައި ބޮޑެތި ޕްރޮޖެކްޓުތައް އަބަދުވެސް އެ ކުންފުނިން ކާމިޔާބު ކުރެ އެވެ. ހުރިހާ ސަރުކާރެއްގައި ވެސް އެކަން ކުރެ އެވެ. އަދި އެކަން ވަނީ ކުންފުނީގެ ތަޖުރިބާ އާއި މަސައްކަތަށް ބަލައިފަ އެވެ. ތަހުގީގު ކުރަން ޖެހޭ ވަރުގެ ކަމެއް ހިންގާފައި ނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ތިރީގައި އެވަނީ އޭނާ ދިފާއު ލިޔުއްވި ގޮތެއްވެ؛


އަޅުގަނޑާއި އަދި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސް އާއި ގުޅުވާ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ދަންނަވަމެވެ.

ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން އަޅުގަނޑަށް ނޭނގެއެވެ. ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީއެވެ. އެއީ ޞައްޚަ ލިޔުމެއް ނަމަ އެއީ އެމަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަޤީޤަތް އޮޅުވާލައި އަޅުގަނޑުގެ ޙިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްޞަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ.

އަޅުގަނޑުމެންގެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން މާތްاللهގެ ވާގިފުޅާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. ރައީސް ޔާމީން، ރައީސް ޞާލިހް އަދި ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުޞޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބު ކަމާއެކު ހިންގާފައެވެ.

އަދި މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑުތަނުން ރަނގަޅުވީމަކަމީ ފެންނަން އޮތް ހަޤީގަތެކެވެ. އެކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް އަދި ދިވެހި ކޮންމެ ރައްޔިތަކަށްވެސް މިނިވަންކަމާއެކު ވިޔަފާރިކޮށްއުޅުމަށް ލިބިދޭ ޙައްޤުގެތެރެއިން އިރާދަކުރެއްވިއްޔާ ވިޔަފާރި ފުޅާކޮށް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުގެ އުންމީދެކެވެ.

އަަޅުގަނޑާއި އަޅުގަނޑު ޙިއްޞާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭގޮތުން މިއަދާ ހަމައަށްވެސް އަދި ދުވަހަކުވެސް އެއްވެސް އިދާރާއަކުން އެއްވެސްކަމެއް ސާފުކޮށް އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ. އަދި އިންޝާالله ބަލަންޖެހޭ މައްސަލައެއް ނުވެސް އޮންނާނެއެވެ. އަދި އެއްވެސް މައްސަލައެއް ބަލަން އޮތްނަމަ ކަމާބެހޭ އިދާރާތަކުން ތަހުޤީގުކުރަންވާނެއެވެ. މިފަދަ ހަޤީޤަތެއްނެތް ކަންކަމުގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައަކުން އަޅުގަނޑު ކުރާ ސިޔާސީ މަސައްކަތް ހުއްޓޭނެ ކަމަށް ދެކުމަކީ މޮޔަ ކަމެއް ކަމުގައި ދަންނަވަމެވެ.


މި ބޮޑު ތުހުމަތު ކުރިޔަށް އޮތް ދުވަސްތަކުގައި ނިއުޅެމުން ދާނެ އެވެ. ސަރުކާރާއި ޕީއެންސީގެ މެންބަރުން ދިފާއުގައި ނުކުންނާނެ އެވެ. ފުލުހުން ވެސް އެންމެ ފަހުން ބަހެއް ބުނާނެ އެވެ.

މިފަދަ "ހިޔާނާތައް" ފަޅާއަރާ ކޮންމެ ފަހަރަކު މުޅި ދައުލަތް ބޭޒާރުވެ ނިޒާމަށް ކިލަނބުވެ ހަރާބުވެފަ އޮތް ވަރު ރައްޔިތުންނަށް ފެނުނަސް މާ ބޮޑު ފިޔަވަޅުތަކެއް ނުފެންނާނެ އެވެ. ރައްޔިތުން ބަލަން ތިބެންވީ އެވެ.