މޫސާ ރަޝީދު

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި މަހު 8 ގައި ވަނީ ރިޓަޔާ ކުރައްވައިފަ އެވެ. އެކަމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި އެވެ.

އެ މުއްދަތު އިއްޔެ އަށް ހަމަވި އިރު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

އެއީ ރާއްޖޭގައި މި ފަހުން ހިނގި ބޮޑެތި ސިޔާސީ މައްސަލަތަކުގެ ތެރެއިން ނަން މަޝްހޫރުވި ބޭފުޅުންނެވެ.

އަބްދުﷲ ގާޒީ

އަބްދުﷲ ގާޒީގެ ނަމުން މަޝްހޫރުވެފައިވާ އަބްދުﷲ މުހައްމަދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތް އެއް ސަބަބެވެ.

އެއީ ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފަށް ސިފައިން ލައްވާ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކާއި އެއްވުންތަކަށް ފަހު އެވެ. އަދި ނަޝީދުގެ އިސްތިއުފާ ދެއްވުމުން އެ ދުވަހު އެންމެ ފުރަތަމަ ހިނގި އެއް ކަމަކީ ގިރިފުށީގައި ބަންދުކޮށްފައި ހުންނެވި އަބްދުﷲ ގާޒީ މިނިވަން ކުރުމެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރީ އޭރުގެ ސަރުކާރާއި އިދިކޮޅު ސިޔާސީ ކުށްވެރިން ގާނޫނާއި ހިލާފަށް މިނިވަން ކުރާ ކަމުގެ ތުހުމަތުގަ އެވެ. އޭގެ އިތުރުން މުޖުތަމައަށް ނުރައްކާވާ ފަދަ ޖިނާއީ ކުށްވެރިން ހަމައެއް ލަމައެއް ނެތި މިނިވަންކޮށް ދޫކުރަމުންދާ ކަމަށް ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރި އެވެ.

އަބްދުﷲ ގާޒީގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި ފުލުހުންނަށް ކޯޓު އަމުރު ނެރެ ނުދިނުމާއި މަތީ ކޯޓުތަކުގެ ނިންމުންތަކަށް އިހުތިރާމް ނުކުރުމާއި މައްސަލަތައް ގަސްތުގައި ލަސްކުރާ ކަމުގެ ތުހުމަތު ވެސް އޭރު އޮތެވެ. އޭރުގެ ސިޔާސީ ބައެއް ބޭފުޅުން ސިފަ ކުރެއްވީ "މުޅި ޖުޑިޝާރީ އަބްދުﷲ ގާޒީގެ މުށުތެރޭ" އޮތް ކަމަށެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ނަޝީދަށް ފަހުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި ކުށް ސާބިތުވި އެވެ.

ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރުގެ ރައީސް އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ ޝަރީއާ ކުއްލިއްޔާގެ ލެކްޗަރާއެއްގެ މަގާމުގަ އެވެ. ފަނޑިޔާރު ޣަނީ ވަނީ 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރައްވައިފަ އެވެ.

ހައި ކޯޓުގައި އެހާ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަަށް އައްޔަންކޮށްފައި ވަނީ ޖޫން 28، 2018 ގަ އެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ނެރުނު މަޝްހޫރު "އެކެއް ފެބުރުއަރީ" އަމުރާ އެކު ދެ ފަނޑިޔާރެއް ހައްޔަރުކުރުމުން އެ މަގާމު ހުސްވުމުންނެވެ.

ނަމަވެސް, ސުޕްރީމް ކޯޓުގައި ޣަނީގެ ދައުރު ކުރެ އެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ ޑިސެމްބަރު 4، 2019 ގަ އެވެ. ޣަނީ ސުޕްރީމް ކޯޓުން ވަކިކުރަން ނިންމީ އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗުން ގާނޫނުއަސާސީ އާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ފަހު އޭގެ ތެރޭގައި ޣަނީގެ ބައިވެރިވުން ވެސް އޮތް ކަން ސާބިތުވެގެންނެވެ. އޭނާ މަޖިލީހުން ވަކިކުރަން ނިންމި ނިންމުމުގައި ތިން ކަމެއް ޣަނީގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ.

ފަނޑިޔާރު ޝުޖާއު އުސްމާން

ޝުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތަކެއްގެ ޝަރީއަތް ހިންގެވި ފަނޑިޔާރެކެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި އޭނާ ހިމެނިވަޑައިގެންނެވި އެވެ. އެ މައްސަލައިގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ހުކުމެއް އިއްވި ފަހުން ސުޖާއު އުސްމާން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި އެވެ.

ހައި ކޯޓަށް އައްޔަން ކުރުމާ އެކު އައްޑޫގައި ގާއިމުކުރި ހައި ކޯޓުގެ ދެކުނު ގޮއްޕަށް އޭނާ ބަދަލުކުރި އެވެ. ނަމަވެސް, އިންޒާރުތަކެއް ލިބުނު ކަމަށް ވިދާޅުވެ, އައްޑޫ ދޫކުރައްވާ ސުޖާއު މާލެ ވަޑައިގަތެވެ. އެއާ އެކު ހައި ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓުނެވެ. ސުޖާއު ފަހުން އަނެއްކާވެސް އައްޑޫ އަށް ވަޑައިނުގެންނެވި އެވެ. އޭގެ ފަހުން މާލޭ ހައި ކޯޓުގައި ސުޖާއު މަސައްކަތް ކުރައްވަން ފައްޓަވައި 2018 ވަނަ އަހަރު ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހަމަޖެއްސެވި އެވެ. އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އޭރު ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ އެކު އެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު ސުޖާއުގެ ގިނަ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށި އެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް އޭރުގެ ރައީސް ޔާމީނަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި މައްސަލައެއް ހިމެނެ އެވެ. އެ މައްސަލަތައް ބަލައި އޭނާ ވަކިކުރަން ނިންމާފައިވަނިކޮށް ފަނޑިޔާރުގެ މަގާމުން ސުޖާއު އިސްތިއުފާ ދެއްވި އެވެ.

އޭގެ ފަހުން އޭނާ ވަނީ ޕީޕީއެމްއާ ގުޅޭ ބައެއް ޝަރީއަތްތަކުގައި ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.