މީގެ އަށް އަހަރު ކުރިން އިންޑީއާގެ ބައެއް ތިންކް ޓޭންކްތަކާއި ޑިޕްލޮމެޓުން ދައްކާ އެއް ވާހަކައެއް އޮވެ އެވެ. އެއީ އެ ގައުމުގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީގެ ފުރަތަމަ ދައުރުގެ ތެރޭގައި އެންމެ ބޮޑު އެއް ފޭލިއާއަކީ ހާރިޖީ ދާއިރާ އެވެ.
ސަބަބަކީ އިންޑިއާގެ މަސްލަހަތު ހިމާޔަތް ވާނެ ގޮތަށް އެ ގައުމުގެ ވަށައިގެން އޮތް ސްރީ ލަންކާ ނޭޕާލް އަދި ރާއްޖެ ފަދަ ގައުމުތަކާ އެންމެ އެކަށީގެންވާ ގޮތެއްގައި ގުޅުން ގާއިމް ނުކުރެވި އޮތުމެވެ. ދުވަހަކަށް ވުރެ ދުވަހެއް އިންޑިއާ ކަނޑަށް އަތްގަދަ ކުރަމުން އައި ޗައިނާ އާ އެ ގައުމުތައް މާ ކައިރިވެ އިންޑީއާ އަށް ވުރެ ގާތް ޕާޓްނަރަކަށް ވަމުން ދިޔުމެވެ.
މިއީ އިންޑީއާ އިން ގަބޫލު ކުރާ ގޮތުގައި އެ ގައުމުގެ "ބެކްޔާޑް" ގައި ހިނގައިގެން ވާނެ ކަމެއް ނޫނެވެ. އަދި ޓީވީތަކަށް އަރައި ވާހަކަ ދެއްކެވި ރިޓަޔަޑް ޖެނަރަލުން ވެސް ވަނީ މިލިޓަރީ އިންޓަވެންޝަނަކުން އެ ހާލަތު ބަދަލު ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކޮންސިޑާ ކުރަން އިންޑީއާ އިން ޖެހޭ ކަމަށް ބުނެފަ އެވެ.
ވަކި ކޮޅަކަށް ބުރަ ނުވެ އޮތް ރާއްޖޭގެ ހާރިޖީ ސިޔާސަތަށް މި ސްޕާކް އުފެދިގެން ދިޔަ ފުރަތަމަ މައްސަލައަކީ އިންޑިއާގެ ޖީއެމްއާރް އަތުން އެއާޕޯޓު އަތުލައި ފޮނުވާލުމެވެ. އަދި ފަހުން ވެރިކަމަށް ވަޑައިގަތީ އެކަމުގެ މުގުލުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނެވެ.

ޔާމީން ހުންނެވީކީ ޒަމާނުއްސުރެ އިންޑިއާ ބޭނުންވާ ގޮތަކަށް "ގުދުވެ" ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު "އަތް އެނބުރުމުގެ" ސިޔާސަތަށް ދީލާލައިގެނެއް ނޫނެވެ. އެ ގައުމާ މައްސަލަ ޖެހުނު ކޮންމެ ފަހަރަކު ކާޑާއި ހިލަވެލި ތާށި ކުރެ އެވެ. އެހީތައް ހުއްޓާލި އެވެ. ބަޖެޓް ސަޕޯޓަށް ފިއްތުންތައް ކުރިމަތި ކުރުވި އެވެ.
އޭގެ ބަދަލުގައި ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް ގޮތަށް އެމަނިކުފާނު "މޫނު އަނބުރާލެއްވީ" އިރަށެވެ. އަދި ރާއްޖޭގެ ޑިވަލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ގާތް ކުރީ ޖިއޯ ޕޮލިޓިކްސްގައި އިންޑިއާގެ ހަތުރެއް ކަމަށްވާ ޗައިނާ އެވެ.
ނަތީޖާއެއްގެ ގޮތުން ޔާމީންގެ ވެރިކަމުގައި އިންޑިއާ ފަސްޓް ޕޮލިސީއެއް ގާއިމް ކުރުން އެ ގައުމަށް މާ ބޮޑު ކަމަކަށް ނުވި އެވެ. އަދި ޔާމީން ދެ ފަހަރަށް އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ތަކުރާރުކޮށް ދައުވަތު އެރުވުމުން ވެސް މި ސަރަހައްދުގައި މޯދީ ވަޑައިނުގަންނަވާ އޮތް ހަމައެކަނި ގައުމަކަށްވީ ރާއްޖެ އެވެ. ރާއްޖެއިން އިންޑިއާ ދޫކޮށްލުމުން އިންޑިއާ ވެސް ރާއްޖެ ދޫކޮށްލީ އެވެ. އޭގެ ބަދަލުގައި ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި އިންޑިއާ ދެން "ބޭނިގަތީ" ރާއްޖޭގެ ސިޔާސީ އަދި ދާހިލީ ކަންކަމުގެ ތެރެއަށެވެ.
އޭގެ އަށް އަހަރު ފަހެވެ. ސަރުކާރުގައި މި ވަގުތު ތިއްބެވީ އޭރު ވެސް ވެރިކަމުގައި ތިއްބެވި ފަރާތްތަކެވެ. އަދި ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ދެއްކި މަންޒަރަކީ އޭރު އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަތް ގޮތެވެ. އަދި އެމްޑީޕީ ސަރުކާރުގައި ރަތް ރޮނގު ހުރަސް ކުރި ވާހަކަ އެވެ. އަދި ވިއްކި ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދަން ޖެހޭ ވާހަކަ އެވެ. އަދި އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތް ވަރު ކުޑަ ކުރުމެވެ. ސިފައިންތައް ބޭލުވުމެވެ. އެއް ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ.
ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ސަރުކާރުން ހާއްސަ މެހެމާނެއްގެ ގޮތުގައި ދައުވަތު ދެއްވީ އެ ތުހުމަތުތައް އަމާޒު ކުރެއްވި އިންޑިއާގެ ބޮޑު ވަޒީރަށެވެ.މުޅި މާލެ ތެރޭގައި އޮތީ އިންޑިއާގެ ދިދަތަކުން ފުރިފަ އެވެ. އެއާޕޯޓުގައި ޖެހީ މޯދީގެ ފޮޓޯގަނޑެވެ. ޑިފެންސް މިނިސްޓްރީ އިމާރާތް ހުޅުވައިދެއްވީ ވެސް ސަލާމަތަށް ނުރައްކަލެއް ކަމަށް ބުނި އިންޑިއާ އިންނެވެ.

މިނިވަންކަން ހޯދަން ގައުމީ ދިދަ ހިފައިގެން މަގުމަތީ މުޒާހަރާ ކުރި ފަރާތްތައް މިއަދު އިންޑިއާ ދިދަ ވިހުރުވަން ޖެހުނު ސަބަބުތައް ވަރަށް ގިނަ އެވެ. މިއީ ސަރުކާރަށް ނޭނގި އިއްތިފާގުން ވެފައި އޮތް ކަމެއް ނޫނެވެ. އަދި މި ފާޑު ކިޔުން އަމާޒު ނުވާނެ ކަމަށް ބަލައިގެން ކުރި ކަމެއް ވެސް ނޫނެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު މި ނެގި ކުއްލި ޔޫ ޓާން އަކީ ރާއްޖެ އަށް އެ ނޫން ގޮތެއް ނެތިގެން ކުރި ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ދެކެ އެވެ. އަދި ބޭނުން ނުވިޔަސް ހާރިޖީ ސިޔާސަތު ބޭނުންވާ ގޮތަކަށް ބައްޓަންކޮށް ވަކި ބަޔަކަށް ބަރޯސާ ނުވުމުގެ މިނިވަންކަން ނެތް ކަމުގެ ހެއްކެކެވެ.
ސަރުކާރުން މި ނެގީ ޔޫ-ޓާން އެއްތަ؟
މި ރިޕޯޓަށް ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ރާގު ހުރީ އެއްގޮތަކަށެވެ؛ މި ސަރުކާރު ވައުދުވީ އިންޑީއާ ސިފައިން "އައުޓް" ކުރުމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ކުރައްވައިފި އެވެ. އަދި ސަރުކާރުން ގެންގުޅުނީ ޕްރޯ މޯލްޑިވްސް ސިޔާސަތެކެވެ. އަބަދުވެސް ވަކި ކޮޅަކަށް ބުރަ ނުވެ އެއްވެސް ގައުމަކާ ދެކޮޅުވެރި ނުވާ ގޮތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމުގެ ވާހަކަތަކެކެވެ.
"ރައްޔިތުންގެ ލާބަޔާއި މަންފާ އަށް ޓާކައި އިންޑިއާ އާ ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު އަށް އެނގިވަޑައިގަތުމަކީ އެއީ އެމަނިކުފާނުގެ ވިސްނުންފުޅު ތޫނު ކަން. އަދި ވަކި ކޮޅަކަށް ބުރަ ނުވާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާ ކަން ސާބިތުވެގެން މިދަނީ." ރައީސް މުއިއްޒު އާ އަރިސް އަދި ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު "ސިޓިޒެން" އަށް ވިދާޅުވި އެވެ.
ތެދެކެވެ. ރައީސް މުއިއްޒު ދެއްކެވީ އިންޑިއާ ސިފައިން ބާލުވާ ވާހަކަ އެވެ. ވަކި ކޮޅަކަށް ނުޖެހޭނެ ވާހަކަ އެވެ. އަދި ޕްރޯ މޯލްޑިވްސް ސިޔާސަތުގެ ވާހަކަ އެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު އަމަލުތައް ބެހެއްޓެވީ އެގޮތަށް ނޫން ކަން އޮތީ ހާމަވެފަ އެވެ.
ޔާމީން ވެސް ހިމެނޭ ހެން ރާއްޖޭގެ ކޮންމެ ރައީސަކު ވެރިކަމަށް އަންނަ ގޮތަށް ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރައްވާފައި އޮތީ އިންޑިއާ އަށެވެ. ރައީސް މުއިއްޒު އެ ދަތުރު ކުރެއްވީ ތުރުކީ އަށެވެ. އެއަށް ފަހު އިންޑީއާގެ އެންމެ ބޮޑު ވާދަވެރި ގައުމު ކަމަށްވާ ޗައިނާ އަށެވެ.

ޗައިނާ ދަތުރުފުޅު ނިންމަވާލުމަށް ފަހު ރާއްޖޭގެ ރައީސަކު ދުވަހަކު ވެސް ނުދެއްވާ ވަރުގެ ސްޓޭޓްމަންޓެއް ރައީސް މުއިއްޒު ދެއްވި އެވެ. ޑިޕްލޮމެޓިކް ލެންގްއޭޖް އެއްފަރާތުގައި ބާއްވާފައި ރައީސް މުއިއްޒު ސީދާ ގޮތެއްގައި އިންޑިއާ އަށް ގޮންޖެއްސެވި އެވެ. ކާޑާއި ބޭސްފަރުވާ އަށް އިންޑިއާ އަށް ބަރޯސާ ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖެ ކިތަންމެ ކުޑަޔަސް "ބުލީ ނުކުރެވޭނެ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ މި ސަރުކާރުގެ ސްޓޭންޑް ބަހާއި އަމަލުން ވެސް ވަރަށް ސާފެވެ. ވެރިކަމާ ހަވާލުވީ "އިންޑިއާ އައުޓް" ވިއްކައިގެންނެވެ. އަދި ވެރިކަމަށް އައުމަށް ފަހު ވެސް ގޮންޖަހާލައި ޓްރޭޑް އާއި އެހެން ކަންކަމުގައި ވެސް އިންޑިއާ އަށް ބަރޯސާވުމެއް ނެތެވެ.
ނަމަވެސް މިއަދު އެ ސްޓޭންޑް ބަދަލުވީތޯ ސިޔަސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކާ ސުވާލު ކުރުމުން އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން އިންޑީއާގެ ބޮޑު ވަޒީރަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދިނުމަކީ ޔޫ ޓާން އެއް ނެގުމަކަށް ނުވާނެ އެވެ. އަދި ގައުމެއްގެ ވެރިއަކު އަންނަ އިރު މަގުމަތީ ދިދަ ޖެހުމަކީ ވެސް ޔޫ ޓާން އެއް ނެގުމެއް ނޫނެވެ. އަދި ކްރެޑިޓް ފެސިލިޓީއެއްގައި ސޮއި ކުރުމަކީ ވެސް މައްސަލައެއް ނޫނެވެ.
މައްސަލައަކަށް ވާނީ އަދި ޔޫ ޓާން ނެގި ކަމަށް ވާނީ އޭރު އެންމެ ބޮޑަށް ވަކާލާތު ކުރި ހެލިކޮޕްޓަރުތަކާއި އިންޑިއާގެ އުޅަނދުތައް އޮޕަރޭޓް ކުރުމުގެ އެއްބަސްވުން އާ ކޮށްފި ނަމަ އެވެ.

"އެއްބަސްވުންތައް އާ ކޮށްފި ނަމަ އެއޮތީ ޔޫ ޓާންއެއް ނަގާފައި. އޭރަށް އެ ދެވެނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ހިނގި މަގުން." އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިހާރު ވެސް ކަންތައް ވެފަ އޮތީ އެގޮތަށެވެ. އިންޑިއާގެ އެ އުޅަނދުތައް އޮޕަރޭޓް ކުރުމުގެ މުއްދަތު ވަނީ މި އަހަރު ފެބްރުއަރީ އަށް ހަމަވެފަ އެވެ. ނަމަވެސް އެ އެއްބަސްވުންތައް އާ ކުރިތޯ ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ. ނަމަވެސް އަދިވެސް އުޅަނދުތައް އޮޕަރޭޓް ކުރެ އެވެ.
އެ އުޅަނދުތައް ދުއްވަން ދިވެހި ސިފައިން ތަމްރީން ކުރުމާއި އިންޑީއާގެ ޑިފެންސް މިނިސްޓްރީގެ 100 ޕަސެންޓް ހިއްސާވާ ކުންފުނީގެ މުވައްޒަފުންތައް ވެސް ފޮނުވާލުމުގެ ވާހަކަ އެއްކޮށް ހުއްޓިއްޖެ އެވެ. އަދި މި ދަތުރުގެ ތެރެއިން ސޮއި ކުރި އެއްވެސް އެއްބަސްވުމެއްގައި އަލުން އެ އެއްބަސްވުންތައް އާ ކޮށްފި ނަމަ "ރަތް ރޮނގު" ހުރަސް ކުރީ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އަނބުރާ އިންޑީއާ ދިމާލަށް ދާން ޖެހުނީ ކީއްވެ؟
މި ހުރިހާ ވާހަކަތަކެއް ދެއްކުމަށް ފަހު ވެސް އިންޑިއާ ކޮޅަށް ސަރުކާރަށް ދާން ޖެހުނު ކަމަށް ތަޖުރިބާކާރުން ދެކޭ ދެ ތިން ސަބަބެއް އެބަހުއްޓެވެ. އެއް ކަމަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް "ވިސްނަ ދީފައި" ނުވަތަ އުންމީދު ކުރެއްވި ވަރަށް ޗައިނާ އާއި އަރަބި ގައުމުތަކުން އެހީތެރިކަން ނުލިބުމެވެ.
ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ރަސްމާލެ އާއި ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ޕިޗް ކުރެއްވި ނަމަވެސް އެއިން އެއްވެސް ކަމަކަށް އެ ގައުމުގެ ފެހި ސިގްނަލެއް ނުލިބެ އެވެ. މައިގަނޑު ސަބަބަކީ ބައެއް ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖެ މިއޮތީ ޔާމީން ދައުރުގައި އޮތް ހާލަތެއްގައެއް ނޫނެވެ. ގައުމުތަކަށް ލޯނު ދޭ ގައުމުތަކާއި މާލީ އިދާރާތަކުން ބަލާ ހަމަތަކާ ގާތަށް ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ނާދެ އެވެ.
"މިވަގުތު ރާއްޖެ އަށް ބޭރުގެ އެހީއެއް އެއްވެސް ބަޔަކު ނުދޭނެ. ސިޔާސީ މީޙުންނަށް މުސާރަ ދިނުމަށާއި ބޭކާރު ހަރަދު ކޮށްގެން ތަޅާ ބުރުވާކަށް އެހީ ނުވާނެ. ވަށައި ޖެހޭ މަޝްރޫއުތައް ހިންގައި ރޭޓިން ރަނގަޅު ކުރުމުގެ ކަންކަން އަދި އިންވެސްޓަރުންގެ އިތުބާރު ރާއްޖެ އަށް ހޯދިފައެއް ނެތް. މި ދަނޑިވަޅުގަ ހަމައެކަނި އެހީ ވާނީ ދަރަނި މަޅިއެއްގައި ޖައްސަން ބޭނުންވާނަމަ."

އަނެއްކޮޅުން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ކެމްޕެއިންގެ ތެރޭގައި "އަރަބިން ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެން" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަންވީ ދައްކާލި "ދަޅަ" އަކަށެވެ. މި ސަރުކާރު ހުވާ ކުރުމުގެ ރަސްމިއްޔާތާ ހިސާބުން ތުރުކީ އަށް ކުރެއްވި ދަތުރުފުޅާއި އެހެން އެތައް ކަމަކާ ހެދި "ރާއްޖެއިން ކައިގެން ތިބިތޯ ވެސް" ބަލަން ބޭނުން ނުވާ ވަރަށް ގުޅުން ގޯސްވި އެވެ. --- އެ ވާހަކަ ފަހުން ލިޔާނަމެވެ.
އެހެންވެ ޔާމީނާ ހިލާފަށް މުއިއްޒު އަށް މޫނު މެދު އިރުމައްޗަށް އަނބުރާލުމެއް ނުވަތަ ޑިވަލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ޗައިނާ ނެގުމުގެ ފުރުސަތެއް ނެތެވެ. އެ ހުރިހާ އޮޕްޝަންތަކެއް ގެއްލި މި ސަރުކާރުގެ އެންމެ ބޮޑު ފޭލިއާއަކަށް ވެފައި އޮތީ ހާރިޖީ ދާއިރާ އެވެ.
ދިއްލީ ކޮޅަށް ފަލިޖެހުން!
މި ސަރުކާރު ވެރިކަމާ ހަވާލުވީ ގިނަ ވައުދުތަކެއް ވެގެންނެވެ. ރަށްރަށުގައި ގިނަ އަދަދެއްގެ އުމްރާނީ މަޝްރޫއުތަކެއް ހިންގަން ޖެހެ އެވެ. ދައުލަތުން "ވެލްފެއާ ސްޓޭޓެއް ހެން" އެތައް ކަމެއް ރައްޔިތުންނަށް ހިލޭ ކޮށްދޭން ވައުދުވި އެވެ. ކުލިތައް ކުޑަ ކުރުމާއި ސަބްސިޑީތައް ބޮޑު ކުރަން ޖެހެ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކުރާކަށް ފައިސާއެއް ނެތެވެ. ދައުލަތް އޮތީ ބަނގުރޫޓުވާން ކައިރިވެފަ އެވެ.
ރާއްޖެ އަށް އޮތް ހަމައެކަނި އޮޕްޝަނަކީ ބޭރުގެ އެހީ ހޯދުމެވެ. ނަމަވެސް ކުރީ ސަރުކާރާ ހިލާފަށް މި ސަރުކާޜު އޮތީ އިންޑިއާ އާ ޖެހިގަނެފަ އެވެ. އާމްދަނީ ހަމައެކަނި ވަންނަ ޓޫރިޒަމް ސެކްޓާ ވެސް "ބޮއިކޮޓް މޯލްޑިވްސް" ކެމްޕެއިނާ ހެދި އިންޑިއާ ފަތުރުވެރިން ދިޔައީ މަދުވަމުންނެވެ. އަނެއްކާ އަނެއްކޮޅުން ދިވެހިން ދިޔައީ އިޒްރޭލް ފަތުރުވެރިން އައުން މަނާ ކުރަން ގޮވާލަމުންނެވެ. އެއީ އެހެން މާކެޓްތަކުން ވެސް ޓޫޜިސްޓުންގެ އަދަދު ވެއްޓިގެން ދާނެ ކަމެއް ކަން ސަރުކާރަށް އެނގެ އެވެ.
މި ހުރިހާ ޕްރެޝަރުތައް ގަބޫލު ކުރުމަށް ފަހު ސަރުކާރުން ނިންމީ އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ބަސް އަހާށެވެ. ބޮޑެތި ލީކުތައް ހުރި އާސަންދަ ފަދަ ހިދުމަތްތައް ރިފޯމް ކުރުމަށެވެ. ތެލާއި ކަރަންޓަށް ދެމުން އަންނަ ސަބްސިޑީ އާ ކުޅުމަށެވެ. އެސްއޯއީ ތަކުގެ ތެރެއިން ލީކުވާ ބާގަނޑުތައް ބެއްދުމަށެވެ. އަދި ވާނަމަ ސިވިލް ސާވިސް ވެސް އިސްލާހު ކުރުމަށެވެ.
"މި ހުރިހާ ކަމަކާ ހެދި އޮތް ހަމައެކަނި ގޮތަކީ [އިންޑިއާގެ ވެރިރަށް] ދިއްލީ އާ ދިމާލަށް ބެލުން. އެއްވެސް ޕްރޮޖެކްޓެއް ނުހިންގާ އަހަރެއް ދުއްވާލި. އެގޮތަކަށް ސަރުކާރެއް ނުހިފެހެއްޓޭނެ. ދާއިރާތަކަށް ކަންކަން ނުވާނަމަ މަޖިލިސް ވެސް ގެއްލޭނެ." ސަރުކާރު ތެރޭ ކުރިން ހުންނެވި ޕީއެންސީގެ ބޭފުޅަކު ވިދާޅުވި އެވެ.
ރާއްޖޭގެ މި ޑެސްޕަރޭޓް ހަލަތު އިންޑީއާ އިން އޮތީ ބަލަހައްޓައިގެންނެވެ. އަދި އިންޑިއާ އިން އަމަލު ކުރީ މޯދީގެ ފުރަތަމަ ދައުރުގައި ހެދި ގޮތަށެއް ނޫނެވެ.
އޭގެ ބަދަލުގައި އިންޑިއާ އާއި ރާއްޖެ ދެމެދު އަލުން ގުޅުން ރަނގަޅު ކުރަން ފުރުސަތު ދިނެވެ. އެންމެ ގުޅުން ގޯސް އިރު ވެސް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ އެކްސްޕޯޓް ކޯޓާ ފަސް ޕަސެންޓު އިތުރު ކުރި އެވެ. އަދި އެހީތައް ވެސް 50 ޕަސެންޓު އިތުރަށް ދިނުމަށް ބަޖެޓު ކަނޑައެޅި އެވެ. މިއީ އެ ގައުމުގެ ނޫސްތަކުން ވެސް އޭރު ފާޑު ކީ މައްސަލައެކެވެ.
އެހެން ނަމަވެސް އިންޑިއާ އަދި ރާއްޖެއިން ވެސް މަޑުމަޑުން ދިޔައީ ގުޅުން އަނބުރާ އިއާދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ؛
ނޮވެމްބަރު 16، 2023 - ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ އާތު ސައިންސް މިނިސްޓަރު ކިރަން ރިޖޫ ރާއްޖެ ވަޑައިގެންނެވި އެވެ.
ޑިސެމްބަރު 1، 2023 - ކޮޕް-28 ސަމިޓުގެ ހަވާސާ ތެރެއިން ރައީސް މުއިއްޒު އާއި މޯދީ ބައްދަލު ކުރެއްވި އެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުވުމަށް ރައީސް އެދިވަޑައިގަތެވެ.
ޖެނުއަރީ 18، 2024 - އެކު ބޭއްވި ޔުގަންޑާގައި ބޭއްވި އެންއޭއެމް ސަމިޓުގައި ރާއްޖެ އިންޑިއާ ދެމެދު ގުޅުން އަލުން އިއާދަކުރުމާ ގުޅޭ ސީރިޔަސް ވާހަކަތަކެއް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އަދި ފޮރިން މިނިސްޓަރުގެ އިސް ބޭފުޅުންނާއެކު ބޭއްވި އެވެ.
މެއި 9، 2024 - ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިންޑިއާ އަށް ދަތުރު ކުރެއްވި އެވެ. އަދި އިގްތިސާދީ އެހީތަކަށް އެ ގައުމުގެ ފަރާތުން އެދުނެވެ.
ޖޫން 9، 2024 - މޯދީ ތިން ވަނަ ދައުރަކަށް އިންތިހާބުވުމުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
އޮގަސްޓް 9، 2024 - ރައީސް މުއިއްޒު އިންޑީއާ އަށް ރަސްމީ ދަތުރުފުޅެއް ވަޑައިގަތުމުގެ ކުރިން ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް ޖައިޝަންކަރު ރާއްޖެ ވަޑައިގަތެވެ.
އޮކްޓޯބަރު 6، 2024 - ރައީސް މުއިއްޒު އިންޑިއާ އަށް ރަސްމީ ދަތުރުފުޅު ކުރެއްވި އެވެ.
ޖެނުއަރީ 2، 2025 - ދެ ގައުމު ދެމެދު ވެވޭ އެއްބަސްވުންތައް އިތުރަށް މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ޖެނުއަރީ 7، 2025 - ދެ ގައުމުގެ ދެމެދު ވެވޭ އެއްބަސްވުންތައް އިތުރަށް މަޝްވަރާ ކުރުމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ފެބްރުއަރީ 16، 2025 - ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިންޑީއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
ފެބްރުއަރީ 16، 2025 - އޮމާންގައި ބޭއްވި އިންޑިއަން އޯޝަން ސަމިޓުގެ ހަވާސާ ތެރެއިން ޖައިޝަންކަރާއި އަބްދުﷲ ހަލީލް ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ގެންދާނެ މިސްރާބާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ފެބްރުއަރީ 21، 2025 - ސިއްހީ ދާއިރާ އިން މަސައްކަތް ކުރެވޭނދާއިރާތައް މަޝްވަރާ ކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިންޑީއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.
މާޗު 16، 2025 - އަބްދުﷲ ހަލީލް އިންޑިއާ އަށް ދަތުރެއް ކުރެއްވި އެވެ.
މޭ 25، 2025 - ދެވަނަ ހައިލެވަލް ކޯ ގްރޫޕް ބައްދަލުވުމަށް ހަލީލް އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ޖުލައި 25، 2025 - މޯޑީ ރާއްޖެ ވަޑައިގެންނެވި އެވެ.
މި ނެގޯޝިއޭޝަންގެ ތެރެއިން އިންޑިއާ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފި އެވެ. އިންޑިއާ އަށް ރާޢްޖެއިން ދައްކަން ޖެހޭ ބޮޑު ދަރަނި ވެސް ކޮންމެ ފަހަރަކު މަޝްވަރާތަކަށް ފަހު އެއް އަހަރަށް ފަސްކޮށްދެ އެވެ. އޭގެ ބަދަލުގައި ރާއްޖެ އަށް ނެގޯޝިއޭޓިން ޓޭބަލް އަށް ގެނެވޭނެ މާ ބޮޑު އެއްޗެއް ނޯވެ އެވެ. ހަމައެކަނި އޮތް އެއްޗަކީ އިންޑިއާ ބުނާ ގޮތް ހަދައިގެން އެ ގައުމަށް ބޯލެނބުމެވެ. އިންޑިއާގެ މަސްލަހަތު ހިމާޔަތް ކޮށްދިނުމެވެ. ސެކިއުރިޓީ އަދި ޑިފެންސް ކޯޕަރޭޝަންތައް އިތުރުކޮށް ވަރުގަދަ ކުރުމެވެ. މިއީ އިންޑިއާ އިން ފޮރުވައިގެން އުޅޭ ވާހަކަތަކެއް ނޫނެވެ.
އެންމެ ފަހުން ސަރުކާރުން އިންޑިއާ ހެލޮކޮޕްޓަރުތައް ފޮނުވައިލުމުގެ ބަދަލުގައި ޓެކްނީޝަނުން ބަހައްޓަން އެއްބަސްވީ އެވެ. އުތުރު ތިލަފަޅު އެއްބަސްވުންތަކާއި ހައިޑްރޮގްރަފީ އެއްބަސްވުންތަކުގައި އަތް ނުލައި ބާއްވަން ޖެހުނެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރުން އަދިވެސް އޮތީ އިންޑިއާ އަތުގަ އެވެ.
އަދި އެންމެ ފަހުން ޖަހާލި މޮހޮރަކީ ސަރުކާރު ކިތަންމެ ބޮޑު ލަދެއްގައި ބެދެން ޖެހުނަސް މިނިވަން ދުވަހުގެ ހާޢްސަ މެހެމާނަކަށް މޯދީ އަށް ދައުވަތު ދެއްވުމެވެ. އެ ހުރިހާ ކަމެއްގެ ބަދަލުގައި ދެތިން ކުދި އެއްބަސްވުންތަކާއި ސަރުކާރުން މަޝްރޫއު ހިންގަން 500 މިލިއަން ޑޮލަރުގެ ލޯނެއް ދިނީ އެވެ.
ރާއްޖެ އަށް ގޯސްކޮށް ކުރެވުނީ ކޮން ކަމެއް؟
ކޮންމެ ގައުމެއްގެ ވެސް މިނިވަންކަން ގެއްލެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އެ ގައުމެއްގެ އަމިއްލަ އިގްތިސާދީ ފުދުންތެރިކަން ނެތުމެވެ. މި ސަރުކާރު ހަވާލުވި އިރު ރާޢްޖެ ވެސް އޮތީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ. އެއްވެސް މަޝްރޫއެއް ނުހިންގާ ރާއްޖޭގެ ދަރަނި ހަމައަކަށް އެޅުވުމާއި އިސްރާފު ކުޑަ ކުރުމާއި ރިފޯމްގެ ބޮޑެތި ފިޔަވަޅުތައް އަޅަން މަޖުބޫރުވެފަ އެވެ. އެކަންކަން އެގޮތަށް ނުކޮށްފި ނަމަ ރާޢްޖެ ބަނގުރޫޓޫ ވާނެ އެވެ. ލަންކާ އޮތް ހާލަތަށް ވުރެ ގޯސް ވާނެ އެވެ. މި ވާހަކަ ދައްކަނީ އިދިކޮޅު ފަރާތްތަކެއް ނޫނެވެ. ގަރުދިޔަ އާއި ބަތް ކާން ޖެހޭ ހާލަތުގެ ވާހަކަ ސަރުކާރުގެ ވެރިން ވިއްކަން ޖެހުނީ ވެސް އެހެންވެ އެވެ.
އެހެން ނަމަވެސް އެ ރިފޯމް އެޖެންޑާ ތަކާ ކުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އާސަންދަ ހިދުމަތުން އިސްރާފު ކަނޑާލަން ޖެހެ އެވެ. ކަރަންޓާއި ތެލަށް ދެމުން އަންނަ ސަބްސިޑީތަކާ ކުޅެން ޖެހެ އެވެ. ސިވިލް ސާވަންޓުގެ އަދަދު މަދު ކުރުމާއި ސަރުކާރު ކުންފުނިތަކުން ރިފޯމް ކުރުން ފަދަ ރައްޔިތުންނަށް ސީދާ އަސަރު ކުރާނެ އެތައް ކަމަކާ ކުޅެން ޖެހެ އެވެ. އިތުރު ގޮތެއް ނެތެވެ. އަދި ސަރުކާޜުން ނިންމީ ވެސް މި އަހަރުގެ ތެރޭގައި ރިފޯމް އެޖެންޑާގެ ބޮޑު ޕްލޭނެއް ހަދައިގެން މި ކަންކަން ކުރުމެވެ.

ނަމަވެސް ލަންކާ ހާލުގައި ޖެހުމުން ހަވާލުވި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ މި ފަހުން އަލްޖަޒީރާގައި ވިދާޅުވި ފަދައިން ގައުމު އެ ހާލުގައި އޮތުމަށް ފަހު ހަމަ އަކަށް އަޅުވަން ފިޔަވަޅުތައް އެޅުމަށް ފަހު އަލުން ވެރިކަން ކުރަން ވިސްނުމަކީ މޮޔަ ކަމެކެވެ. އެއީ އެ ފިޔަވަޅަކީ ރައްޔިތުން ހިތް ހަމަ ނުޖެހުނަސް ގައުމުގެ ލާބަ އާއި މަންފާ އަށް އަޅަން ޖެހޭ ފިޔަވަޅުތަކަށަށް ވާތީ އެވެ.
ނަމަވެސް ރާޢްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ވުމާއި ހާލަތު ނުބަލައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ އިތުރުން ދެވަނަ ދައުރެއް ވެސް ކާމިޔާބު ކުރުމުގެ ވިސްނުން ގެންގުޅެމުން އެ ފިޔަވަޅުތައް އެޅުމަކީ ނުވާނެ ކަމެކެވެ. ތެލާއި ފެނާ އެއް ނުވާނެ ފަދައިން އެ ދެ ކަންކަން އެއްފަހަރާ ނުކުރެވޭނެ އެވެ. މިކަން ސަރުކާރުގެ ވަރަށް އިސް ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގެން އެ ވާހަކަ ދައްކަވަ އެވެ.
އެހެންވެ ސަރުކާރުން ނިންމީ ރިފޯމް އެޖެންޑާތައް ބޮލާލައި ޖެހުމަށެވެ. އަދި ރިފޯމް އެޖެންޑާ އާގެން ކުރިޔަށް ނުދާން ނިންމި އެވެ. އޭގެ ބަދަލުގައި އޮތީ އަނެއްކާވެސް ބަނދަރާއި މަގު ހެދުން ފަދަ ވައުދުތައް ވުމަށް ފަހު އެކަންކަން ކުރަން އިންޑިއާ ފަދަ ގައުމުތަކަށް އެހީއަށް ސަލާން ޖެހުމެވެ.
ރިފޯމް އެޖެންޑާ ނުކުރުމުގެ އިތުރުން ސަރުކާރުން 2000 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ނަގައި އެ މީހުންނަށް ބޮޑެތި އަދަދުތަކުން މުސާރަ ދެ އެވެ. މިހާރު އެ އަދަދުތައް ކުޑަ ކުރަން ސަރުކާޜުން ކުންފުނިތަކަށް ގިނަ ބަޔަކު ބަދަލު ކުރި ކަމުގެ ތުހުމަތު އެބައޮތެވެ. އަދިވެސް ވަރަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބި ކަމަށް ތުހުމަތު ކުރެވެ އެވެ.
އޭގެ އިތުރުން ބޭރަށް ދާ މީހުންނަށް ދޭ ޑޮލަރުގެ އަދަދު އިތުރު ކުރުމާއި އިނާޔަތްތައް ބޮޑު ކުރުމާއި ރާއްޖޭގެ ހުރިހާ ރަށެއްގެ މަގު ހެދުން ފަދަ ވައުދުތައް ވުން އަދިވެސް ނުހުއްޓެ އެވެ. މިކަންކަން ފުއްދޭނެ ގޮތެއް ސަރުކާރުގައި ނެތް ނަމަވެސް އޮތް ހަމައެކަނި ގޮތަކީ އިންޑިއާ ފަދަ ގައުމުތަކުން ސަލާން ޖެހުމެވެ.
މިގޮތަށް ހިސާބު ޖަހާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލު ކުރެއްވި ގޮތާއި ރައީސް މުއއިްޒުގެ ފޯމިއުލާ އެއްވެސް ތަފާތެއް ނެތެވެ. ބަރޯސާ ވާން ޖެހެނީ އިންޑިއާ އިން އަންނާނެ ފަތުރުވެރިންނަށެވެ. އިންޑިއާ އިން ދޭ ލޯނުތަކާއި ބަޖެޓް ސަޕޯޓަށެވެ. އަދި އިންޑީއާގެ އެކްސްޕޯޓް ކޯޓާތަކާއި އެ ގައުމުން ހިލޭ ކޮށްދޭނެ ކަންކަމށެވެ.
އޭގެ ބަދަލުގައި ރައީސް އިބޫގެ ވެރިކަމުގައި ވީ ގޮތަށް ދޫކޮށްލަން މި ޖެހެނީ ގައުމުގެ މިނިވަންކަމުން ބައެކެވެ. މިކަން ގޮސްފައި އޮތް ވަރު ސަރުކާރާއި އިންޑިއާ ދެމެދު ހަދާ އެއްބަސްވުންތައް އާންމު ކުރުމުން އެނގިގެން ދާނެ އެވެ. އެ އެއްބަސްވުންތައް ފޮރުވަން ނިންމައިފި ނަމައެއީ ވެސް ރަތް ރޮނގު ހުރަސް ކުރި ކަމުގެ އިންޒާރެކެވެ.
ކޮންމެއަކަސް ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަ ކުރި ނަމަވެސް ހަގީގަތަކީ މިއަދުގެ މި އޮތީ އިނގިރޭސީންގެ ހިމާޔަތުން މިނިވަންވެ ދަރަނީގެ އަޅުވެތިކަމަށް ވެއްޓިފަ އެވެ. އެއް ގައުމަކަށް ބަރޯސާ ނުވާނެ ކަމާއި ބުލީ ނުކުރެވޭނެ ކަމުގެ ވަރުގަދަ ބަސްތަކެއް ވިދާޅުވި ނަމަވެސް ބޭނުންވާ ގޮތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުގެ މިނިވަންކަން ނެތެވެ.