މޫސާ ރަޝީދު

"އަޅުގަނޑުމެންގެ ލީޑަރުން އަތޮޅުތެރެ އަށް މިދަނީ ތިޔަ ބޭފުޅުން ހިތްހަމަ ޖައްސަދޭން، މައުލޫމާތު އެއްކުރަން."

"އަޅުގަނޑުމެންގެ ޕާޓީގެ މީހަކަށް ވަޒީފާ ނުލިބިއްޖެ އާ އޮންނަ އުސޫލުގެ ތެރެއިން އެ މީހަކަށް ވަޒީފާ ލިބޭނެ!"

މިއީ ޕީއެންސީގެ ހަރުގެ ޖަލްސާތަކުގައި އެންމެ ހަރު އަޑުން ވާހަކަ ދައްކަވާ އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އަލީ ޝުޖާއު ރޭ ވިދާޅުވި ވާހަކަ އެކެވެ.

ޕީއެންސީ މެންބަރަކަށް ވަޒީފާ ނުލިބިއްޖެ ނަމަ "އޮންނަ އުސޫލުގެ ތެރެއިން" އެ މީހަކަށް ވަޒީފާ ލިބޭނެ ކަމަށް ޝުޖާއު ވިދާޅުވި ނަމަވެސް ވަކި ޕާޓީއެއްގެ މެންބަރަކަށްވީތީ ވަޒީފާ ކަށަވަރު ވާނެ އެއްވެސް ގަވާއިދެއް ނުވަތަ އުސޫލެއް ވެސް ނޯންނާނެ އެވެ.

ނަމަވެސް އެއީ މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުން ވެސް ގެންގުޅޭ ސިޔާސީ އުކުޅެކެވެ. ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅުގައި ޝުޖާއު އެ ދެއްވި "އުފާވެރި ހަބަރު" ގޮސް ގުޅެނީ އިންތިހާބުތަކާ ދިމާކޮށް ކުންފުނިތަކުން ކުއްލިއަކަށް ހުސްވާ މަގާމްތަކާއި އިއުލާން ކުރާ އާ ވަޒީފާތަކާ އެވެ. . ކުއްލިއަކަށް ފަށައި ގަންނަ މަޝްރޫއުތަކާއި އެއަށް ބޭނުން ނުވާ ވަރަށް އުފައްދާ މަގާމްތަކަކެވެ.

"އެއީ ސަރުކާރު ހިންގާ ޕާޓީގެ ބާރާއި ނުފޫޒު ބޭނުން ކުރުން. މެންބަރުން އިތުރު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން. ވަކި ބަޔަކަށް ނާޖާއިޒް މަންފާ ހޯދައި ދިނުމަށް ކޮރަޕްޝަން ހިންގުން" އޮޑިޓް އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު "ސިޓިޒެން" އަށް ވިދާޅުވި އެވެ.

އިންތިހާބުތަކަށް ވަޒީފާ ދިނުމުގެ ތާރީހު

އިންތިހާބުތަކާ ދިމާކޮށް ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމާއި ކުންފުނިތަކަށް މީހުން "އުސޫލުން ބޭރުން" ވަޒީފާތަކަށް ވެއްދުމަކީ ސިޔާސީ ޕާޓީތައް އިދިކޮޅުގައި އޮންނަ އިރު ދައްކާ ވާޙަކަ އެކެވެ. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތް އިރު ފެނަކަ އިން މީހުންނަށް މިގޮތަށް ވަޒީފާ ދޭ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރުނެވެ.

އޭގެ ފަހުން ހެދި އޮޑިޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން ވެސް އަމަލު ކޮށްފައި ވަނީ އެގޮތަށެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް 1500 އެއްހާ ވަޒީފާ "ބަހާލާ" ކަމަށް އޮޑިޓް ރިޕޯޓުތަކުން ހާމަވި އެވެ.

އެގޮތުން 2023 ވަނަ އަހަރު އޭޕްރިލް އާއި ސެޕްޓެމްބަރު ދެމެދުގައި 1501 މީހުންނަށް ވަޒީފާ ދީފައިވެ އެވެ. އެއީ ރިޔާސީ އިންތިހާބު ބާއްވާ ތާރީހުތައް ރަސްމީކޮށް އިއުލާން ކުރުމާއި ކެމްޕެއިންތައް ފަށައިގެން ގޮސް އިންތިހާބު ބޭއްވި މުއްދަތާ ހަމައަށް ނެގި މުވައްޒަފުންގެ އަދަދެވެ.

ކުރީ ސަރުކާރުން ފެނަކަ އަށް ގެއްލުންވާ ގޮތަށް ވޯޓަށް ވަޒީފާ ބެހި ކަމަށް ތުހުމަތު ކުރުމަށް ފަހު މި ސަރުކާރު ހަވާލުވި ގޮތަށް އެ ކުންފުނީގެ ވަގުތީ މުވައްޒަފުންގެ ގޮތުގައި ތިބި 1217 މީހަކު ވަކި ކުރި އެވެ.

އެހެން ނަމަވެސް އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ޖެހިގެން އައި އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާން ކުރި ދުވަސްވަރުން ފެށިގެން އިންތިހާބު ނިމެންދެން މި ސަރުކާރުން ވެސް ފެނަކަ އަށް އިތުރު 1468 މުވައްޒަފުން ވެއްދި އެވެ.

"...2024 ވަނަ އަހަރުގެ ތެރޭގައި އިތުރު އެއްވެސް ޕްރޮޖެކްޓެއް ފަށާފައި ނުވުމުން އިތުރު މުވައްޒަފުން ކުންފުންޏަށް ވައްދާފައި ވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާވުމުގެ ސަބަބުން އިތުރު މަސައްކަތްތަކެއް ހުރުމުން ކަމަށް ބެލެވެން ނެތް ކަމާއި އެހެންކަމުން އެ ދުވަސްވަރު ކުންފުންޏަށް އިތުރު މުވައްޒަފުން ވައްދާފައި ވަނީ ހަމައެކަނި އިތުރު ވަޒީފާތައް އުފައްދައި ގިނަ ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވެ އެވެ." އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އާ ސަގާފަތް: ވަޒީފާ ހޯދަން ޕާޓީ އޮފީހަށް

މިއީ މިހާރު ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. ވަޒީފާ ހޯދަން އުނދަގޫ ވާހަކަ އާއި ކިތަންމެ މަތިން ކޮލިފިކޭޝަންތައް ހުއްޓަސް ސަރުކާރުން އިއުލާން ކުރާ ވަޒީފާއަކަށް އިންޓަވިއުއަށް ވެސް ނުގުޅާ މައްސަލަ އެވެ. އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ "އެތެރެ އެތެރެއިން މީހަކު ބަލައިދީގެންނެވެ." ނޫނީ ޝުޖާއު ވިދާޅުވާ ގޮތަށް ވެރިކަން ކުރާ ޕާޓީގެ މެންބަރަކަށްވުމެވެ. އެއީ ވަޒީފާ ހޯދަން ޕާޓީގެ އޮފީހަށް ދިޔުމެވެ.

"ރާއްޖޭގައި ވަޒީފާ ނެތް އާބާދީގެ 35 ޕަސެންޓަކީ ޒުވާނުން. ޒުވާނުންނަށް ދައުލަތުގެ އިސް ވެރިން މި ދަސްކޮށްދޭ އެއްޗަކީ ވަޒީފާ ލިބޭނީ ސިޔާސީ ޕާޓީތަކުން ކަމަށް. މިއީ ގައުމެއް ހަލާކުވާ ގޮތެއް." ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކު "ސިޓިޒެން" އަށް ވިދާޅުވި އެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވައި އޭނާ ވިދާޅުވި ގޮތުގައި ވަޒީފާ ހޯދަން ސިޔާސީ މީޙުން ކައިރިން ސަލާން ޖެހުމުގެ ސަގާފަތް ދިރުވުމުގެ ނަތީޖާއަކީ ބަލިކަށި މުއައްސަސާތަކެއް އުފެދުމެވެ. ގާބިލް ނޫން މީހުން މަގާމްތަކުގައި ތިބުމެވެ. އަދި ދައުލަތުން ބޮޑެތި ބޭކާރު ހަރަދުތަކެއް ކުރުމާއި ހުނަރު ހުރި އަދި ގާބިލް މީހުން ރާއްޖޭގައި ވަޒީފާ އަދާ ނުކޮށް އެހެން ގައުމުތަކަށް ދިޔުމަށް ހިތްވަރު ލިބޭ ކަމެކެވެ.

"ގައުމިއްޔަތު ދިރުވަންޏާ ނުވަތަ ގައުމާ މެދު ވިސްނަންޏާ މިގޮތަށް އަމަލެއް ނުކުރާނެ. ކުރިން އެއީ ސިއްރުން ކުރާ ކަމެއް. މިހާރު ފާޅުގައި އެ ބުނަލަނީ.." އޭނާ ވިދާޅުވި އެވެ.