މޫސާ ރަޝީދު

މާލޭ ކަފިހި ހުރަހުން ހުރަސް ކުރި އަންހެނެއް ގައިގައި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު ދުވަސްތަކެއް ވަންދެން ކޮންމެ ކަފިހި ހުރަހެއް ކައިރީ ފުލުހަކު ބެހެއްޓި އެވެ. އެއީ 2019 ވަނަ އަހަރުގެ ކުރީކޮޅެވެ. ފުލުހުން އެގޮތަށް ތިބެ މީހުން ހުއްޓުވައި ފިޔަވަޅު އަޅަން ފެށުމުން މަހެއްހާ ދުވަސް ތެރޭ އެކްސިޑެންޓުތައް ވަރަށް ބޮޑަށް މަދުވި އެވެ. އަދި ވެހިކަލް ދުއްވާ މީހުން އަމިއްލަ އަށް ވެސް ކަފިހި ހުރަސްތަކަށް މަޑުކުރަން ފެށި އެވެ.

އެކަމަކު ދުވަސްތަކަކަށް ފަހު ކަފިހި ހުރަސްތަކުން ކުލަ ފޮހެވޭ ހެން އެތަންތަނުން ފުލުހުން ވެސް ގެއްލިއްޖެ އެވެ. ގަވާއިދާ ހިލާފަށް ދުއްވާ މީހުންނަށް ފިޔަވަޅު ނޭޅި އެ މައްސަލަތައް ބޮޑުވި އެވެ. މަގު ހުރަސް ކުރާ މީހުންނަށް ކަފިހި ހުރަހެއް ނުފެނެ އެވެ. އަދި ދެކޮޅު ނުބަލައި މަރަށް ފުރާނަ އަށް ހުރަސް ކުރާ މީހުން ގިނަވި އެވެ. އަނެއްކާވެސް ކަންކަން ބޮއްސުން ލާން ފެށި އެވެ.

މިދިޔަ އަހަރު އެފަދަ ދުވަސްވަރެއް ދިޔަ އެވެ. ސެޕްޓެމްބަރު މަހު ތެރޭގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ ދެ ދުވަހެއްގެ ތެރޭގައި ދެ ޒުވާނަކު މަރުވި އެވެ. އަދި އިތުރު މީހެއްގެ ހާލު ސީރިޔަސްވެ ވެންޓިލޭޓަރަށް ލި އެވެ.

އެ މައްސަލާގައި އާންމުންގެ ޝަކުވާ ބޮޑުވުން އަނެއްކާވެސް ފުލުހުން މަގުތަކަށް ނުކުތެވެ. އަދި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ނިންމެވީ ކޮންމެ ފަސް މިނެޓުން ފުލުހަކު ފެންނަ ގޮތަށް މަގުމަތީ ފޯރުމެރުމަށެވެ. އަދި އެއީ ދުވަސްކޮޅަކަށް ހިންގާ އޮޕަރޭޝަނަކަށް ހެދުމުގެ ބަދަލުގައި ދާއިމަށް އެގޮތަށް ފުލުހުންގެ މަސައްކަތްތައް ތަރުތީބު ކުރުމަށެވެ.

އެކަން ތަންފީޒު ކުރަން ފެށުމުން އެކްސިޑެންޓުވުމާއި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވި ކަމަށް އޭރު ބުނީ ފުލުހުން އަމިއްލަ އަށް ނެރުނު ތަފާސްހިސާބުތަކުންނެވެ. ނަމަވެސް އަނެއްކާވެސް ދުވަސްތަކެއް ފަހުން މަގުތަކުން ފުލުހުން ގެއްލުނެވެ. ގަޑިއިރެއް ދުއްވިޔަސް ފުލުހަކު ލޮލުކޮޅަށް ވެސް ނުފެނެ އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖެއް މަރުވުމުން އަނެއްކާވެސް މާލޭ މަގުތަކަށް ފުލުހުން ގިނަ ވާން ފަށައިފި އެވެ. ޗެކްޕޮއިންޓުތައް ގިނަ ވެއްޖެ އެވެ. އެއާޕޯޓް ޓްރެފިކް ލައިޓާ ހައިވޭ އަދި ހުޅުމާލޭގައި ވެސް ފުލުހުން ފޯރި މަރަން ފަށައިފި އެވެ.

"ހުރިހާ ވެސް މައްސަލައަކީ މިއީ. ފުލުހުންނަށް މަގުމަތި ބަލަހައްޓަން ހަނދާން ވަނީ ހައެއްކަ މީހުން މަރުވީމަ." މި މައްސަލާގައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި މީހަކު ބުންޏެވެ.

މި މައްސަލާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވާން ވަނީ ފަށައިފަ އެވެ. ނަމަވެސް ބައެއް މީޙުން ދެކޭ ގޮތުގައި ކޮންމެ އާންމު ރައްޔިތެއް ނުވަތަ ވެހިކަލެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓޭނެ އެވެ. އެއީ ގާނޫނު ތަންފީޒު ކުރެވޭނެ ގޮތެއް ނޫނެވެ. ފަރުދީ ޒިންމާ ވެސް އޮންނަން ޖެހެ އެވެ.

"އާންމުންގެ ފަރުދީ ޒިންމާ އޮންނަން ޖެހޭ. ބާރަށް ދުއްވައިގެން ނުވާނެ. އުމުރު ނުފުރޭ އިރު ވެހިކަލް ދުއްވަން ދީގެން ނުވާނެ. ހުރަސް ކުރާ މީޙުން ހުރަސް ކުރަން ޖެހޭނީ ވެހިކަލް އަށް މަޑުކުރެވޭ ވަރަށް ވަގުތު ދީފަ." އެކްސްގައި މީހަކު ހިޔާލު ފާޅު ކުރި އެވެ.

މި ހާދިސާ އާ ގުޅިގެން އާންމު އުސޫލުން ދުވަސްތަކެއް ވަންދެން ސޯޝަލް މީޑިއާގައި އޮންނާނީ މި ބަހުސް އެވެ. ގޯހީ ދުއްވާ މީހާތޯ ނުވަތަ ހިނގާފައި ދިޔަ މީހާތޯ އެވެ.

ނަމަވެސް ހަގީގަތުގައި މީގެ އެންމެ ބޮޑު އެއް މައްސަލައަކީ ގަވާއިދުތައް ތަންފީޒު ނުކުރުމެވެ. މިހާތަނަށް ވެސް ނަތީޖާ ފެނިފައި ވަނީ ހަރުކަށި ކަމާއެކު ފިޔަވަޅު އަޅައިގެންނެވެ. އެކަމާ ގުޅޭ ވަސީލަތްތައް އިތުރު ކުރުމެވެ.

މިހާރު މަގުތަކަށް ނުކުމެ ތިބި ފުލުހުން ވެސް މި ދުވަސްވަރު މިގޮތަށް އަމަލުކުރަމުން ދިޔަ ނަމަވެސް ވާނީ ކިހާ ދުވަހެއްތޯ ސުވާލު އުފެދެ އެވެ. މީގެ ކުރިން ވެސް މިގޮތަށް ދުވަސްތަކެއް ވަންދެން ފުލުހުން މަގުމައްޗަށް ނެރޭނެ އެވެ. ކުޑަކޮށް ހަމައަކަށް އެޅެން ފެށުމުން ފުލުހުން މަގުމަތިން ގެއްލޭނެ އެވެ. ނުރައްކާތެރި އެކްސީޑެންޓުތަކާއި މަރުވި ކުއްޖާ މަތިން މީހުން ހަނދާން ނެތޭނެ އެވެ.

"ގިނަ އެކްސިޑެންޓްތަކަކީ ގާނޫނާއި ގަވާއިދުތައް ތަންފީޒު ނުކޮށް ބޭނުން ގޮތަކަށް މަގުތަކުގައި ދުއްވުމާއި ޕާކު ކުރުމާއި ހިނގާފައި އުޅުމަށް ދޫކޮށްލުމުގެ ނަތީޖާ. އަދި ފަސް އަހަރު ފަހުން އެކްސްިޑެންޓުތަކުގައި ދުއްވާލަކު މީހަކު މަރުވާ ތަން ފެނުން އެކަށީގެންވޭ. ވޯޓެއް ގެއްލި ވެރިކަން ނުލިބިދާނެތީ ގާނޫނު ތަންފީޒު ކުރަން ކެރޭ ވެރިއަކު ނެތް." ފޭސްބުކްގައި ހިޔާލު ފާޅު ކުރި މީހަކު ބުންޏެވެ.

ހަ މަސް ތެރޭ 1101 އެކްސިޑެންޓް

ފުލުހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ޖެނުއަރީން ފެށީގެން ޖޫން އާ ހަމައަށް ހާހަކަށް ވުރެ ގިނަ އެކްސިޑެންޓު ވަނީ ރިޕޯޓު ކޮށްފަ އެވެ. އެގޮތުން؛

  • ޖެނުއަރީ - 151
  • ފެބްރުއަރީ - 215
  • މާޗު - 187
  • އޭޕްރިލް - 161
  • މޭ - 207
  • ޖޫން - 180

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްތަކުން 121 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި 61 މީހަކަށް ވަނީ ސީރިޔަސް އަނިޔާތަކެއް ލިބުނެވެ.

ބްރިޖާއި ހައިވޭގައި ހިނގާފައި ވަނީ 190 އެކްސިޑޭންޓޭކެވެ. އަދި ބަކީ 911 އެކްސިޑެންޓު ހިނގީ މާލެ ތެރޭގަ އެވެ. އޭގެ ތެރެއިން 745 އެކްސިޑެންޓެ ހިނގީ ދުވާލު އެވެ. އަދި ރޭގަނޑު ގަޑީގައި 356 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ މައުލޫމާތުތަކުން ދައްކަ އެވެ.

މީގެ އިތުރުން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ. އެ އުޅަނދުތައް ޖެހިގެން 295 އެކްސިޑެންޓު ސައިކަލާއި ސައިކަލު ޖެހިގެން 267 އެކްސިޑެންޓު ހިނގާފައިވެ އެވެ.