އިންތިހާބެއް ބޯމަތިވަމުން އަންނަ ހިނދު މިއީ ކޮންމެ ސިޔާސީ ޖަލްސާއަކާއި ކެންޑިޑޭޓުންގެ ލަވަތަކުން އިވޭނެ ބަސްތަކެކެވެ. ކެމްޕޭނު ޝިއާރުތަކާއި އިންތިޚާބީ މެނިފެސްޓޯތަކުގައި ބޮޑު އަކުރުން ލިޔެފައި ހުންނަ ބަސްތަކެކެވެ. ހެޔޮ ވެރިކަމެވެ. އިނގިރޭސި ބަހުން ކިޔާ ”ގުޑް ގަވަނަންސް“ (މާނައީ: ހެޔޮ ހިންގުން) ވެރިކަމަކާ ގުޅުވާލާފައި، ރައްޔިތުންގެ ހިތްތަކާއި ވޯޓު ދަމައިގަތުމަށް ބޭނުންކުރާ ބަސްތަކެކެވެ.
އެކަމަކު އެހާ ގިނައިން ގުގުމާ މި ބަސްތަކުގެ މަފްހޫމަކީ ކޮބާކަމެއް އެމީހުންނެއް އަހަރެމެންނަކަށް ކިޔައެއް ނުދެއެވެ. ”ހެޔޮ ވެރިކަމެއް ކޮށްދޭނަމޭ“ ބުނާ ބުނުމުގެ މާނައަކީ ކޮބާހެއްޔެވެ؟ މިކަމާ މެދު ވިސްނާ ގިނަ ބަޔަކު އުޅޭހެނެއް ވެސް ހިއެއް ނުވެއެވެ. އެއަށް ވުރެ، ކެންޑިޑޭޓުންނަށާއި ވެރީންނަށް އަހަރެމެންގެ އިތުބާރު މާ ބޮޑީއެވެ. އެމީހުންނާ މެދު މާ ބޮޑެތި އުންމީދު ވެސް ކުރެވެނީއެވެ. ވާނީ ވެސް އެހެން ނޫންތޯއެވެ. އެންމެ ކުރީއްސުރެ ދިވެހިރާއްޖޭގައި އޮންނަނީ ”ވެރިމީހާ ވެރިކަން ކޮށްދޭނޭ، ރައްޔިތުން ޝުކުރުވެރިވެގެން ތިބޭށޭ“ ބުނުމުން ކިޔަމަންވާ ސަގާފަތެކެވެ. ބާރުވެރިކަމަށް ގޮންޖަހާ މީހާ ޖަލުގައި ބަންދުކޮށް އިނދަޖައްސާލާ ސަގާފަތެކެވެ.
މި ގޮތްގަނޑު މީގެ ވިއްސަކަށް އަހަރު ކުރިން ބަދަލުވާން ފެށި އިރު ވެސް، މި ވާ ގޮތެއް ގިނަ ބަޔަކަށް ނޭނގެއެވެ. ކޮންމެވެސް ބަދަލެއް އަންނަމުންދާ ވާހަކަތައް އިވެއެވެ. ހަގީގަތަކީ، ބަދަލުވީ ތޮށިގަނޑެވެ. ރަނގަޅަށް އެތެރެ ނުފެންނާތީ، ވަމުންދާ ގޮތެއް ނޭނގެއެވެ. ބައެއް ފަހަރު އިހުނަށް ވުރެ ގޯސްވާހެން ވެސް ހީވެއެވެ. މިނިވަން އިންތިހާބުތައް ބާއްވަން ފެށި ފަހުން މި ރާއްޖޭގައި އެއްވެސް ވެރިއަކު ދެވަނަ ދައުރަކަށް ހޮވިފައި ނުވާކަމުން ދޭހަވަނީ، ވައުދުގައި ބުނި ”ހެޔޮ ވެރިކަން“ ރައްޔިތުންނަށް އިހުސާސް ނުވާކަން ނޫންބާވައެވެ؟
އެންމެ ރަނގަޅެވެ. ރައްޔިތުންގެ ހައިސިއްޔަތުން، އަދި ވޯޓުލާން ތިބޭ މީހުންގެ ހައިސިއްޔަތުން، އަހަރެމެން އަމިއްލައަށް ވެސް ”ހެޔޮ ވެރިކަން“ މިއީ ކޮން އެއްޗެއްކަން ހޯދާ ބަލައިލަން އެބަ ޖެހެއެވެ. ވެރިކަމެއް، މުއައްސަސާއެއް، މުޖުތަމައެއް ނުވަތަ މުވައްޒަފުން ގެންގުޅޭ ކުޑަވަރެއްގެ އަމިއްލަ އޮފީހެއް ކަމުގައި ވިޔަސް، ހެޔޮކޮށް ހިންގެނީ އެ ހިންގުމެއް ނުވަތަ ”ގަވަނަންސް“ އެއްގައި ކޮން ކަހަލަ ސިފަތަކެއް ހިމެނިގެންތޯ ބަލައިލަމާ ހެއްޔެވެ.
އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔުނެސްކެޕް) އިން ބުނާ ގޮތުގައި، ގުޑް ގަވަނަންސް ނުވަތަ ”ހެޔޮ ހިންގުމެއް“ގައި (މި ލިޔުމުގެ ކޮންޓެކްސްޓްގައި ނަމަ ”ހެޔޮ ވެރިކަމެއް“ގައި) މައިގަނޑު އަށް ސިފައެއް ހިމެނެން ޖެހެއެވެ. ރައްޔިތުންގެ ބައިވެރިވުމާއި، ގާނޫނުގެ ބާރު ދެމެހެއްޓުމާއި، ދެފުށް ފެނުމާއި، އިޖާބަދިނުމާއި، އެންމެންގެ މަސްލަހަތު އިސްކުރުމާއި، އެންމެންނަށް ހަމަހަމަކަމާއި ފުރުސަތު ދިނުމާއި، ހެޔޮގޮތުގައި ގައުމުގެ ވަސީލަތްތައް ބޭނުންކޮށް އެއިން ރަނގަޅު ނަތީޖާ ނެރުމާއި، އަދި ޒިންމާދާރުވުމާއި ޒިންމާދާރުކުރުވުމެވެ.
ވިސްނާލައްވާށެވެ. އަހަރެމެން ކައިރިއަށް ވޯޓު ހޯދަން އަންނަ މީހުން، އަހަރެމެންގެ ނަމުގައި ބޮޑެތި ކަންކަން ކޮށްލާ އިރު ހޭ ވެސް އަހާލާ ހެއްޔެވެ؟ އަހަރެމެންގެ ހިޔާލު ނުހޯދާ އެކިއެކި މަޝްރޫއުތަކަށް އަހަރެމެންގެ ފައިސާ ތަޅައި ބުރުވާލާ އިރު، އެންމެ ކުޑަމިނުން މިއީ ކަލޭމެން ބޭނުންވާ ކަމެއްހޭ އަހާނުލާ ނޫންތޯއެވެ؟ ދިމާވާހާ ބަޔަކަށް މަޝްރޫއު ހިންގަން ފައިސާ ހަވާލުކޮށް ނަގާ އިރު، ޓްރާންސްޕޭރެންސީ އޮތް ތަނެއް ނޭނގެއެވެ. ނުވި ތަނުގައި، ހިޔާނާތް ހިންގާ ”ވެރިޔާ" އަށް ދޭ އަދަބަކީ މުސާރަ ހިނގާ ގޮތަށް ގޭގައި މަޑުކޮށްލުމެވެ. ރައްޔިތުން ރުޅިގަދަވެގެން ހަޅޭތްފަޅޭއް ޖެހުމުން ވަޒީފާއިން ވަކިކޮށްފައި ޖެހިގެން އަންނަ ދުވަހު ލަނީ އެއަށް ވުރެ ބޮޑު މަގާމަކަށެވެ. ގާނޫނުގެ ބާރު ވެސް ނުހިނގާ ތަނުގައި ޒިންމާދާރުކުރެވޭނެ ގޮތެއް ވެސް ނޯވެއެވެ.
އެހެންވީމާ ހެޔޮ ވެރިކަން ކޮބާހެއްޔެވެ؟ މެނިފެސްޓޯތަކުގައި ރީތި ޝިއާރެއްގެ ގޮތުގައި މި ބަސްތައް ލިޔެ، ”ހިންގުމުގެ ނިޒާމު އިސްލާހު ކުރުން“ ފަދަ ލަނޑުދަނޑިތައް ޖަހައި، ތަފްސީލަކަށް ވެސް ނުފުދޭ ”ތަފްސީލު“ތަކާއެކު އެކްޝަން ޕްލޭން ހެދިޔަސް، ހަގީގަތުގައި މިއީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ގެންގުޅޭ އަނދުންދަޅަކަށް ނޫނީ ނުވޭ ނޫންތޯއެވެ.
އެހެންކަމުން މިހާރު އަހަރެމެން ރައްޔިތުން ވެސް ހުށިޔާރު ވާން ވެއްޖެއެވެ. ހާއްސަކޮށް ޒުވާނުންނެވެ. ސިޔާސީ މީހުން ދައްކާ ކޮންމެ ކޮންމެ ވާހަކައެއް މުތުލަގަށް ބަލައިގަތުން ހުއްޓާލައި، އޭގެ އިސްތިލާހާ މެދު ސުވާލުކުރަން ފަށަން ވެއްޖެއެވެ. ޒިންމާދާރު ކުރުވޭނީ އެގޮތަށެވެ. ހަގީގީ ބާރު އޮތީ، ގާނޫނުއަސާސީ ބުނާ ގޮތަށް، ރައްޔިތުންގެ ކިބައިގައިކަން އެވެރީންނަށް ވެސް ވިސްނޭނީ އޭރުންނެވެ. ހެޔޮ ވެރިކަމޭ ކިޔައި އޮޅުވާލަން ގެންގުޅޭ އަނދުންދަޅު އަތުލަން ހިނގާށެވެ. އަދި ހަގީގީ ހެޔޮ ވެރިކަމުގެ ނިޒާމެއްގައި ރައްޔިތުންގެ ދައުރު، އަހަރެމެން އިސްވެ ދައްކަން ހިނގާށެވެ.