މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ރާއްޖޭން ރީތި ފްލޯޓިން ސިޓީއެއް އަޅާ ވާހަކަ ދޭތެރެއަކުން ބޭރުގެ މީޑިއާތަކުގެ ސުރުހީ އަށް އަރަ އެވެ. ފަޅު ތެރޭގައި ކުލަ ގަދަ ގެތަކާއެކު ފްލޯޓްވާ ބޮޑު ސިޓީއެއްގެ ކުރެހުންތަކާއި މޮޅެތި ވީޑިއޯތަކާ އެކު އެ ވާހަކަ ދައްކާތާ 15 އަހަރު ވެއްޖެ އެވެ. އަދިވެސް ދައްކަނީ ހަމަ އެ ފޮޓޯތަކާއި ކުރެހުންތަކެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެއަށް ފަހު އެ މަނިކުފާނުގެ ވެރިކަން ނިމުނު ގޮތަށް އެ މަޝްރޫއުގެ ވެސް ހަބަރެއް ނުވި އެވެ. އޭގެ ފަހުން ދެން އިވުނީ ޑަޗް ޑޮކްލޭންޑްސް ކުންފުންޏަށް ދީފައި އޮތް ފަޅެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވިއްކާލި ވާހަކަ އެވެ.
މަޝްރޫއު އެއްވެސް ގޮތަކަށް ނުހިނގާ އޮތުމަށް ފަހު އަލުން އެމްޑީޕީގެ ވެރިކަމެއް އައުމާއެކު އެ މަޝްރޫއު އާ ނަމަކާއި އާ ޑިޒައިން އަކާއެކީ އިފްތިތާހު ކުރި އެވެ. ނަމަވެސް, އެ ވެރިކަމުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަން ވާދަވެރިކަމުގެ ތެރެއިން މަޝްރޫއު އަށް ބުރޫ އަރާފައި އޮތް ކަމަށް ތުހުމަތު ކުރެވުނެވެ.

އެ މަސައްކަތުގެ ބައެއް ވިޔަސް ނިންމައި ދައްކާލާނެ ކަމަށް ޑަޗް ޑޮކްލޭންޑްސް އިން އެކި ތާރީހުތައް ދެމުން ދިޔަ ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ނުނިމެ އެވެ. ރާޢްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެން މޮކަޕެއް ހެދި އެވެ. އެ މޮކަޕް އަދިވެސް އޮންނަނީ ހުޅުމާލެ ފަޅުގައި އަޅައިފަ އެވެ. ރައިސް ސޯލިހުގެ ވެރިކަން ނިމުނީ ވެސް ފްލޯޓިން ސިޓީ ނިންމާނެ ކަމުގެ އާ ތާރީހަކާއެކީ އެވެ.
ފްލޯޓިން ސިޓީ:
- 5،000 ހައުސިން ޔުނިޓް
- 35 ލަގްޒަރީ ވިލާ
- 1،500-900 އަކަފޫޓުގައި ދެ ފްލޯ ހަދާ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް
- އެޕާޓްމަންޓެއްގެ އަގު - ދެ މިލިއަނާއި ހަތަރު މިލިއަން ރުފިޔާ ދެމެދުގައި

މިދިޔަ 15 އަހަރުގެ ތެރޭގައި ފްލޯޓިން ސިޓީގެ ވާހަކަ ބަދަލުވެފައި އޮތީ "ފްލޯޓިން ސްކޭމް" އަކަށެވެ. ސަބަބަކީ ޑަޗް ޑޮކްލޭންޑްސް އިން މިހާތަނަށް ކޮށްފައިވާ އެހެން މަސައްކަތްތަކެއް ފެންނަން ނެތުމާއި އަދި ރާއްޖޭގައި ހިންގަން އުޅުނު މި މަޝްރޫއު ވެސް އެއްވެސް ކޮޅެއްގައި ނުޖެހި ދިޔުމެވެ. މާލޭގައި ބޮޑު އޮފީހެއް ނަގައި ލޯންޗާއި މުވައްޒަފުން ނަގައިގެން އެ ކުންފުނި އަދިވެސް އެބަ ހިންގަ އެވެ. ނަމަވެސް އަމަލީ ގޮތުން މިހާރު ކުރަމުން އަންނަނީ ކޮން މަސައްކަތެއް ކަމެއް ސާފެއް ނުވެ އެވެ.
އެހެން ނަމަވެސް އަދިވެސް އެ ކުންފުނިން އަންނަނީ ބޭރުގެ ބައެއް މީޑިއާތަކުގައި މި ވާހަކަ ދައްކައި ޕްރޮމޯޓް ކުރަމުންނެވެ. އަދިވެސް ދައްކަނީ މަޝްރޫއު ނިންމާނެ އާ ތާރީހުތަކުގެ ވާހަކަ އެވެ.
ފްލޯޓިން ސިޓީ ޓައިމްލައިން
މާޗު 4، 2010 - ފްލޯޓިން ކޮންވެންޝަން ސެންޓަރަކާއި ގޮލްފް ކޯހެއް އަޅަން ސަރުކާރުން ޑަޗް ޑޮކްލޭންޑް އާއެކު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
ޖަނުއަރީ 28، 2011 - މާލެ އަތޮޅުގެ ފަސް ފަޅެއް ޑަޗް ޑޮކްލޭންޑް މޯލްޑިވްސް އަށް 50 އަހަރަށް ދިނުމަށް ސޮއި ކުރި އެވެ.
މެއި 14، 2021 - ރައީސް ނަޝީދުގެ ވެރިކަން ނިމުމާއެކު ހުއްޓިފައި އޮތް ފްލޯޓިން ސިޓީ ޕްރޮޖެކްޓް އަލުން އިފްތިތާހު ކުރި އެވެ.
ފެބްރުއަރީ 12، 2022 - ފްލޯޓިން ސިޓީގެ ބައެއް ހަދަން ބައިސަން މޯލްޑިވްސް ކުންފުންޏާ ހަވާލު ކުރި އެވެ.
ފެބްރުއަރީ 12، 2022 - އެ އަހަރު މެއި 1 އަކަށް މަސައްކަތް ނިންމައި މީހުންނަށް ދައްކާލާނެ ކަމަށްއެ ކުންފުނިން ބުންޏެވެ.
މާޗު 3، 2022 - ޓޫރިޒަމް އަށް ދޫކުރާ ފަޅުތަކުގައި އިމާރާތް ކުރާ ފްލޯޓިން ރަށްތަކުގެ ކުލި ނަގާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އާންމު ކުރި އެވެ.
މާޗު 30، 2022 - ފްލޯޓިން ސިޓީން މާލެ ރައްޔިތުންނަށް އަގު ހެޔޮކޮށް ބޯހިޔާވެހިކަން ފޯރުކޮށްދޭން މާލެ ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އޭރު މޭޔަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޖޫން 22، 2022 - ފްލޯޓިން ސިޓި މަޝްރޫއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުރަސް އަޅާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.
ޖޫން 22، 2022 - ފްލޯޓިން ސިޓީ އަކީ ބޮޑު ސްކޭމެއް ކަމަށް އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި އެވެ.
ޖޫން 23، 2022 - އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކަށް ބަދަލުކޮށް ފްލޯޓިން ސިޓީ އާއެކު އިތުރު އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.
ޖޫން 23، 2022 - ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް އޯގަސްޓު މަހުގެ މެދުތެރޭ ހުޅުވޭނެ ކަމަށް ޑަޗް ޑޮކްލޭންޑް އިން ބުންޏެވެ.
ފެބްރުއަރީ 20، 2023 - ފްލޯޓީން ސިޓީގެ މޮކަޕް ޔުނިޓް ހުޅުމާލެ ފަޅުގައި އެޅި އެވެ.
މާޗު 9، 2023 - ޑަޗް ޑޮކްލެންޑްސް މޯލްޑިވްސް އަށް ދިން ޖުމްލަ ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް ވިއްކާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޖޫން 21، 2023 - އަނެއްކާޥެސް އާ ތާރީހަކާއެކު ފްލޯޓިން ސިޓީގެ މަސައްކަތް 2028 އަށް ނިންމާނެ ކަމަށް އެ ކުންފުނިން އިއުލާން ކުރި އެވެ.
އޮކްޓޯބަރު 16، 2023 - ފްލޯޓިން ސިޓީގެ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް އޮޑިޓާ ޖެނަރަލް އޮފީހުން ބުންޏެވެ.