ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ތައްޔާރުވުމާއެކު އާންމު އުސޫލުން ކްރެޑިޓް ހޯދުމުގެ ބަހުސް ފަށައިފި އެވެ.
އެއް ބަޔަކު ބުނަނީ އެއާޕޯޓް ހުޅުވުމުގެ ކްރެޑިޓް ހައްގީ މި ސަރުކާރަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ޕްރޮޖެކްޓަށް އިސްކަން ދިން ވަރުންނެވެ. އިދިކޮޅުން ބުނަނީ ކްރެޑިޓް ހައްގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެއީ އޭގެ ކުރީގެ ސަރުކާރު ނިމުން އިރު އޮތީ ތޮށިގަނޑެއް ކަމަށެވެ. މިކަމާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން ރުޅިގަދަވެ ހަޅޭއްލަވަނީ އެވެ. މަޝްރޫއު ތަސައްވުރު ކުރައްވައި ފައިނޭންސް ހޯދައި އަދި ފެއްޓެވީ ވެސް އެ ސަރުކާރުން ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ސުވާލަކީ މިކަން ކުރީ ކޮން ސަރުކާރަކުން ހެއްޔެވެ؟ ކުރީ ސަރުކާރު ހެއްޔެވެ؟ މި ސަރުކާރުން ހެއްޔެވެ؟ ނޫނީ ޔާމީންގެ ސަރުކާރު ހެއްޔެވެ؟
އެއަށް ވުރެ މުހިންމު ސުވާލެއް އެބައޮތެވެ. ކޮންމެ ބަޔަކު ކުރިއަސް ރައްޔިތުންނަށް ކޮން ކަމެއް ހެއްޔެވެ؟ އެއާޕޯޓު ބޮޑުކޮށްގެން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވިދާނެ ހެއްޔެވެ؟ ހަމަ ގައިމު ވެސް އެ މަޝްރޫއަށް ނެގި ބޮޑު ދަރަނި ހުރިހާ ރައްޔިތުން ތަހަންމަލު ކުރާނެ އެވެ.
ކޮންމެ ފަހަރަކު ބޮޑު އާ މަޝްރޫއެއް ނިމޭ އިރަށް މި ސިޔާސީ ބޭކާރު ސުވާލުގައި ރައްޔިތުން ޖައްސައިގެން ހިފަހައްޓަ އެވެ. މި މަޝްރޫއުތަކާއި އެހެނިހެން މަސައްކަތްތަކާ ގުޅޭ އަސްލު ސުވާލުތަކާއި ރައްޔިތުން ވިސްނުން ބަހައްޓަން ޖެހޭ ދިމާލަށް ވިސްނާކަށް ޖާގައެއް ނުދެ އެވެ. އެ ވާހަކަ ނުވެސް ދައްކަ އެވެ.
މިއީ އަލަށް ފެށި ބަހުސެއް ވެސް ނޫނެވެ. މި ފަހުގެ ތާރީހަށް ބަލާނަމަ ހިޔާ ފްލެޓަށް މީހުން ވަތް ދުވަހު މި ބަހުސް ކުރި އެވެ. މާލެ-ހުޅުމާލެ ބްރިޖު އެޅުމުން ވެސް ބަހުސް ކުރި އެވެ. ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވި ދުވަހު ވެސް އޮތީ މި ބަހުސް އެވެ.
އޭގެ އިތުރުން ކޮންމެ އިންތިހާބަކަށް ރަށްރަށަށް އަރައި ވެސް އޮންނަނީ މި ވާހަކަ އެވެ. ނަރުދަމާ އެޅީ ކާކު ހެއްޔެވެ؟ ބަނދަރު ފެށީ ކޮން ބައެއް ހެއްޔެވެ؟ މަގު ހެދުން ނިންމީ ކޮން ސަރުކާރަކުން ހެއްޔެވެ؟ ނަމަވެސް ހަގީގަތަށް ބަލައިއިރު ކަން ހިނގާފައި އޮންނަނީ މުޅިން އިދިކޮޅަށެވެ.
އޭގެ އެއް މިސާލަކީ މިދިޔަ ތިން ސަރުކާރުން ވެސް ރާއްޖެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއު ހިންގުން ފާހަގަ ކުރި އެވެ. ދެން އެހެން އެއްވެސް ސަރުކާރަކަށް އެކަން ކުރާކަށް ނުޖެހޭނެ ކަމަށް ބުނި އެވެ. މަސައްކަތް ނުނިމެނީސް އެ ކްރެޑިޓް ހުރިހާ ސަރުކާރަކުން ނެގި އެވެ. ނަމަވެސް އަދިވެސް އޭގެ މަޝްރޫއުތައް ނުނިމި ކުރިޔަށް ދެ އެވެ. ދެން އަންނަ ކޮންމެ ސަރުކާރަކުން ވެސް ފެނާއި ނަރުދަމާގެ އާ މަޝްރޫއުތަކެއް ހަވާލު ކުރެ އެވެ.
އޭގެން އެނގެނީ ފުރަތަމަ ނަގަނީ ކްރެޑީޓް އެވެ. ސިޔާސީ ޕޮއިންޓު ހޯދަނީ އެވެ. އަސްލު މަސައްކަތް އޮންނަނީ އޮތްތަނުގަ އެވެ. ފަސް އަހަރު ނިމޭ އިރު މަޝްރޫއުތަކެއް ނުނިމެ އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ ފައިދާ ވަނީ "ގާތް" ކުންފުނިތަކަކަށެވެ.
އަނެއް ކަމަކީ ސަރުކާރު ބަދަލުވާ އިރަށް ދެން އަންނަ ސަރުކާރަކުން ކުރީ ސަރުކާރުގެ މަޝްރޫއުތައް ހުއްޓާލުމެވެ. ނުވަތަ ލަސް ކުރުމެވެ. ހިޔާ ފްލެޓަށް ވެސް ވީ އެހެންނެވެ. މިދިޔަ ފަސް އަހަރު ތެރޭގައި އެއާޕޯޓް މަޝްރޫއަށް ވެސް ވީ ހަމަ އެހެންނެވެ. ނަމަވެސް ކްރެޑިޓް ނަގާކަށް ލަހެއް ފަހެއް ނުކުރާނެ އެވެ. މަޝްރޫއުތައް ލަސްވުމުން ކުރަން ޖެހޭ އިތުރު ހަރަދާއި ނުވަތަ ނެތް ސަރުކާރު ނިމުމުގެ ކުރިން ފަސް އަހަރު ތެރޭގައި ނިންމަން ނެތް ފެންވަރު ކުރާ އިތުރު ހަރަދަށް ހޭދަވާ ފައިސާ އިން ހުރިހާ ގެއްލުމެއް ދެން ވެސް އޮތީ ދައުލަތަށެވެ. ރައްޔިތުންނަށޭވެ.
މި ބަހުސްގެ އަނެއް ފަރާތް ރައްޔިތުންގެ މަޖިލީހަށް ބަލައިލުމުން ފެންނާނެ އެވެ.
ކޮންމެ ކަމަކާ ގުޅޭ ބިލެއް، ކުއްލި މައްސަލައެއް ނުވަތަ ގަރާރެއް ހުށާހެޅުނަސް މަޖިލީހުގައި އޮންނާނީ އެންމެ ވާޙަކަ އެކެވެ. ކުރީ ސަރުކާރުން ކަންތައް ކުރި ގޮތާއި މި ސަރުކާރުން އަމަލު ކުރާ ގޮތެވެ. ގާނޫނީ ނުވަތަ ރިލެވެންޓް ރަނގަޅު ވާހަކައެއް ދައްކާލާނީ ދެތިން މެންބަރެކެވެ. ދެން އޮންނާނީ އެއް ރާގަކަށް ދަމާ ފަތިވަރެކެވެ.
ދެކޮޅަށް ހަޅޭއްލެވުމާއި ކުއްލި މައްސަލަ ނެގުމާއި ޒުވާބު ކުރުމެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހެއް ނިންމާލާފައި ސައި ބޯލައިގެން ބޮޑު މުސާރަ ނަގައިގެން ދިޔުމެވެ.
އާންމު ގޮތެއްގައި ކަމެއްގައި ގޯސް ވާނީ ސަރުކާރެވެ. ސަރުކާރުން އިހުމާލުވެފައިވާ ކަންކަމުގެ ވާހަކަ އެންމެ ގަދަ އަށް ދައްކާނީ އިދިކޮޅު ފަރާތްތަކެވެ. ސަރުކާރުގެ ސަޕޯޓަރުން ދައްކާނީ އިދިކޮޅު ފަރާތްތައް ސަރުކާރު ހިންގި އިރު ކަންކަން ކޮށްފަ ހުރި ގޮތެވެ. ނަމަވެސް ވެރިކަން އެނބުރުމުން ހަމަ އެ ތުހުމަތުތައް ވެސް އަނެއްކޮޅަށް އެނބުރޭނެ އެވެ. ކަމެއް ބަދަލެއް ނުވާނެ އެވެ. މިއީ އޭގެ ބައެއް މިސާލުތަކެކެވެ؛
- ޖޭއެސްސީ ބަދަލު ކުރުން: ކޯޓުތައް ސިޔާސީ "ވަކިތަކުން" މިނިވަން ކުރަން މިވަގުތަށް އެންމެ މުހިންމީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމެވެ. މިކަން އެންމެނަށް އެނގެ އެވެ. އެންމެނަށް މިކަން އެނގެނީ ވެސް ސިޔާސީ ފަރާތްތަކާއި ދާއިރާގެ އެހެން މީހުން މި ވާޙަކަ ދައްކާތީ އެވެ. ނަމަވެސް މިވާޙަކައަކީ އަބަދުވެސް އިދިކޮޅު ޕާޓީ އަށް ވުމަށް ފަހު ދައްކާ ވާހަކައެކެވެ. ސަރުކާރާ ހަވާލުވުމަށް ފަހު އޮތީ ހަނު ހުރުމެވެ. ނުވަތަ ކުރީ ސަރުކާރުގެ ވާހަކަ ދެއްކުމެވެ. އަނެއްކާވެސް އިދިކޮޅަށް ގޮސް ޝަކުވާ ކުރުމެވެ.
- ދައުލަތުގެ ވަސީލަތް ބޭނުން ކުރުން: މިއީ ކޮންމެ އިންތިހާބަކާ ދިމާކޮށް ދައްކާ ވާހަކަ އެކެވެ. ސަރުކާރުގައި ތިބޭ ފަރާތްތައް ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕެއިން ކުރާ މައްސަލަ އެވެ. އޭގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް އޮންނަ ޑިސްއެޑްވާންޓޭޖް ބޮޑީ އެވެ. މި ވާހަކަ ދައްކަ ދައްކައި މުޒާހަރަކޮށް އިލެކްޝަންސް އަށް މައްސަލަ ހުށަހަޅަ އެވެ. ނަމަވެސް އެކަން ކޮށްގެން ވެރިކަން ލިބުމުން އާ ސަރުކާރުން ވެސް އެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރެ އެވެ.
- ސިޔާސީ މަގާމްތައް: ކުރީ ސަރުކާރު އޮތް އިރު އިދިކޮޅު ފަރާތްތައް ވަރަށް ބޮޑަށް ކުރި ޝަކުވާއެކެވެ. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 700 އަށް ވުރެ ގިނަ ސިޔާސީ މީހުން ތިބި މައްސަލަ އެވެ. މަތި ބަރުވުމުގެ ވާހަކަ އޭރު އެންމެ ގަދަ އަށް ދައްކަމުން ދިޔައީ މަޖިލީހުގައި ތިއްބެވި މިހާރުގެ މިނިސްޓަރުންނެވެ. ނަމަވެސް މިހާރު އެ މިނިސްޓަރުން ހިންގާ މިނިސްޓްރީތަކުގައި ތިބި ސިޔާސީ މީހުންގެ އަދަދު އިންތިހާ އަށް ގިނަ އެވެ. އެއީ ކިހާ ވަރެއް ކަން ވެސް ނުބުންޏެވެ.
- މައުލޫމާތު ހާމަ ނުކުރުން: ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ރައީސް ޔާމީން ސަރުކާރުން މިކަން ނުކުރާ ވާޙަކަ ދައްކައިގެންނެވެ. އަދި ވައުދުވީ "އިސްވެ މައުލޫމަތު ހާމަ ކުރާ" ސަރުކާރަކަށް ވާނެ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމަކީ ވެސް މައުލޫމަތު ހާމަ ނުކުރުމެވެ. އިންޑިއާ ސިފައިންނާއި އެއްބަސްވުންތަކާއި ސަރުކާރުގެ އެހެނިހެން ކަންކަމުގައި ހުށަހެޅުނު އާރްޓީއައިތަކަށޤ ޖަވާބު ނުދޭން ނޫސްވެރިން ގެންދިޔައީ ކޯޓަށެވެ. މި ސަރުކާރުން އެކަން ގޯސް ކުރުމަށް ފަހު ވެރިކަމަށް އައިސް ހިނގަނީ ހަމަ ކުރީ ސަރުކާރު ހިނގި މަގުންނެވެ.
- ކޮރަޕްޝަންތައް: މިއީ މި ގޮތަށް އެންމެ ގަދަ އަށް ބަހުސް ކުރާ މައްސަލަ އެވެ. އިދިކޮޅުގައި އޮންނަ އިރު ކޮރަޕްޝަން ގޯސްވެ އެވެ. ވެރިކަމަށް އައިސްފައި ފެންނަނީ ކުރީ ސަރުކާރުގެ ކޮރަޕްޝަނެވެ. ވެރިކަމުގައި ހިނގަމުން އަންނަ ކަންކަމަށް ތިބެނީ ލޯ މަރާލައިގެންނެވެ. ވެރިކަން ބަދަލުވުމުން ވެސް ކަންކަން ހިނގަނީ ހަމަ އެގޮތަށެވެ. ކޮރަޕްޝަން ބަލާ އޭސީސީ ވެސް އޮންނަނީ ކޮންޓްރޯލް ކޮށްފަ އެވެ.
ކްރެޑިޓްގެ ބަހުސް ކުރާ ނަމަ މި ކަންކަމަށް ކްރެޑިޓް ނަގަންވީ އެވެ. ނުވަތަ ޒިންމާ ވާންވީ އެވެ.
އެކަމަކު މި ވާހަކަ އެއްވެސް ބަޔަކު ނުދައްކާނެ އެވެ. ދައްކާކަށް ބޭނުމެއް ވެސް ނުވާނެ އެވެ. ބޭނުންވަނީ ސިޔާސީ ޕޮއިންޓު ހޯދަން ކްރެޑިޓް ނެގުމުގެ ބަހުސެއްގައި ރައްޔިތުން ޖައްސައިގެން ހައްލައިގެން ބޭތިއްބުމެވެ. ގައުމުގެ އަސްލު ހާލަތާއި ވާ ކަންކަމަކަށް ލޯ ހުޅުވޭކަށް ބޭނުމެއް ނުވެ އެވެ.