މޫސާ ރަޝީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮންމެ ނިންމުމަކާއެކު ދިވެހިން ނުކުމެ ބޭންކު "ނޮޅައި ކާލަނީ" ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އެތައް ދުވަހުގެ އާދޭހަށް ފަހު ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 500 އަށް ހިއްލާލުމަށް ފަހު އާންމުން އެންމެ ގިނައިން ބޭނުން ކުރާ އީ-ކޮމައިސް ސައިޓުތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ފެށީ އެވެ. މިކަން އާންމުންނަށް ވެގެން ދިޔައީ އެ އިތުރު ކުރި ލިމިޓް "ބޭނުން ނުކުރެވޭ" ގޮތް ހެދުމަކަށެވެ. ސޯޝަލް މީޑިއާގައި ހިންގާ ކުދި ވިޔަފާރި ޕޭޖްތައް އިނދަ ޖައްސާލުމަކަށެވެ. މަޖީދީ މަގުގެ އަގު ބޮޑު ފިހާރަތަކުން ދިވެހިން މިނިވަންވެ އަގު ހެޔޮކޮށް އެއްޗެހި ގަނެވެން އޮތް ދޮރު ބަންދު ކޮށްލުމަކަށެވެ.

މިއީ ފީކަޅާ ޝަކުވާތަކެއް ނޫނެވެ. އެންމެ ގިނަ މީހުން ބޭނުން ކުރާ ބޭންކުން ނިންމާ ކުޑަ ނިންމުމަކާ ހެދި އާންމު މީހާގެ ދިރިއުޅުމަށް ކުރާ އަސަރު ވަރަށް ބޮޑެވެ. ސޯޝަލް މީޑިއާ އަށް މި ބޭރުވަނީ އެ އުދާސްތަކެވެ.

އަނެއްކޮޅުން ބީއެމްއެލް އިން ދައްކާނީ ވެސް މުޅިއަކުން ގޯސް ވާހަކައެއް ނޫނެވެ.

ދިވެހި ރުފިޔާގެ ޑެބިޓް ކާޑަށް މަހަކު 45 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބީއެމްއެލް އިން ހަމަޖައްސަން ޖެހެ އެވެ. އޭގެ 75 ޕަސެންޓަކީ އީ-ކޮމާސް ވެބްސައިޓުތަކަށް ދިވެހިން ކުރާ ހަރަދެވެ. އަދި އޭގެ ތެރެއިން ވެސް ގިނައީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އަށް ދާ ޑޮލަރެވެ.

ބޭންކުން ދައްކާ އަނެއް ވާހަކައަކީ 30 ޕަސެންޓު ޗާޖެއް ނަގަނީ ހަމައެކަނި ޑެބިޓް ކާޑުން ކުރާ ވިޔަފާރި އެވެ. އެއީ ދިވެހި ފައިސާ އެކައުންޓެކެވެ. ޑޮލަރު އެކައުންޓުން ހުރަހެއް ނެތެވެ. ކްރެޑިޓް ކާޑުން ވެސް މިކަން ކުރެވިދާނެ އެވެ. އެހެންވެ އާންމުންނަށް ހުރި އޮޕްޝަންތައް މެދެއް ނޫނެވެ. ކުދި ވިޔަފާރިތަކަށް ވެސް އަސަރެއް ނުކުރާނެ އެވެ.

މި މައްސަލާގައި ދެކޮޅަށް ބަހުސް ކުރެވިދާނެ ގިނަ ކަންކަން އެބަހުއްޓެވެ. އެކަމަކު އެއްވެސް ބަޔަކު އަސްލު މައްސަލައިގެ ވާހަކައެއް ނުދައްކަ އެވެ. އެންމެ މުހިންމު ސުވާލެއް ނުކުރެ އެވެ.

މަލްޓި ބިލިއަން ޑޮލަރު ވަންނަ ދުނިޔޭގެ އެއް ވަނަ ޓޫރިޒަމް ޑެސްޓިނޭޝަނަށް އެންމެ ފަސް ލައްކަ މީހުން ބޭނުންވާ ވަރަށް ޑޮލަރު ހަމަޖައްސާ ނުދެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ އަހަރަކަށް ވުރެ އަހަރެއް ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު އިތުރުވިޔަސް ގައުމީ ބޭންކުން ދިވެހިންނަށް ދޭ ޑޮލަރު ތާށި ކުރަނީ ކީއްވެ ހެއްޔެވެ؟

މީގެ ކުރު ޖަވާބަކީ ފޫ ވެއްޓިފައިވާ ސިޔާސަތުތަކެވެ. އޭގެ ސަބަބުން ރާއްޖެ ވަންނަ ޑޮލަރު ދިވެހިންގެ އަތުގައި ނުޖެހި ބޭރު ވަނީ އެވެ. މިހެން ބްލީޑް ވާ އަދަދާ އަޅާ ކިޔާނަމަ ބޭންކުން އެ ބުނާ 45 މިލިއަން ޑޮލަރަކީ އެއްޗެއް ނޫނެވެ.

ޑޮލަރު ލީކުވާ ބާގަނޑުތައް

ވަރަށް އާދައިގެ ގޮތަކަށް ވިސްނާލިޔަސް އެއް ކަމަކާ ދެބަހެއް ނުވެވޭނެ އެވެ. އެއީ ކަސްޓަމަރުން ބޭނުންވާ އަދަދަކަށް ޑޮލަރު ލިބޭނީ އެ ކުންފުންޏެއްގައި ވެސް ޑޮލަރު ހުރި މިންވަރަކަށެވެ. ނަމަވެސް އެކަން އެހެން ނުވަނީ ދިވެހިންނަށް ލިބެން ޖެހޭ ޑޮލަރު ދިވެހިންނަށް ވުރެ ގިނައިން ބޭރު މީހުންގެ އަތުގައި ޖެހޭތީ އެވެ. ސަބަބުތައް ވަރަށް ބައިވަރެވެ؛

އިމްޕޯޓް: ރާއްޖެ އަކީ ބޭރުން އެތެރެ ކުރާ މުދަލަށް ބަރޯސާ ވެފައި އޮންނަ ގައުމެކެވެ. ތެލާއި ކާބޯތަކެއްޗާއި އިމާރާތް ކުރާ ސާމާނާއި މިހެން ގޮސް ހުރިހާ އެއްޗެއް ވެސް ގެންނަނީ އެހެން ގައުމުތަކުންނެވެ. އެއްވެސް އެއްޗެއް ރާއްޖޭގައި އަމިއްލަ އަށް އުފައްދައިގެން ބޭނުމެއް ނުކުރެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންވެ ރާއްޖެ އަށް ވަންނަ ޑޮލަރުގެ ގިނަ ޑޮލަރު އަނެއްކޮޅުން ނުކުންނަނީ ބޭރަށެވެ.

އެމްޕީއެލް ސަރަހައްދު--ފޮޓޯ: މިހާރު

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު އޭޕްރިލް މަހާ ހަމައަށް އެކަނި ވެސް އިމްޕޯޓަށް 18.7 ބިލިއަން ރުފިޔާ ހަރަދު ވެއްޖެ އެވެ. އެއީ ހަތަރު މަސް ތެރޭ ދިވެހިންގެ އަތުން ބޭރުވާ 1.2 ބިލިއަން ޑޮލަރެވެ.

  • ޖެނުއަރީ - 5.2 ބިލިއަން ރުފިޔާ
  • ފެބްރުއަރީ - 4.4 ބިލިއަން ރުފިޔާ
  • މާޗް - 4.4 ބިލިއަން ރުފިޔާ
  • އޭޕްރިލް - 4.7 ބިލިއަން ރުފިޔާ

މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލަށެވެ. ކަރަންޓާއި ސައިކަލާއި ކާރާއި މަތިންދާ ބޯޓުތަކާއި އުޅަނދުތަކާ ހުރިހާ ކަމަކަށް ތެޔޮ ބޭނުންވާ އިރު ރާއްޖެ އަށް ޑޮލަރުން ވަންނަ އާމްދަނީގެ 60 ޕަސެންޓު އެކަމަށް ހަރަދުވެ އެވެ. މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު 1.1 ބިލިއަން ޑޮލަރުން 700 މިލިއަން ޑޮލަރު ހަރަދު ކުރީ ހަމައެކަނި ތެލަށެވެ.

އެކަމަކު މި އުޅެނީ އިމްޕޯޓަށް ވެސް ބޭނުންވާ ވަރަށް ޑޮލަރު ނުލިބިގެންނެވެ. ޑޮލަރުގެ ތާށިކަން ބޮޑުވެ ބްލެކް މާކެޓުން ބޮޑު ރޭޓުގައި ގަންނަން ޖެހުން ފަދަ ކަންކަމާ ހެދި މުދަލުގެ އަގު އުފުލެ އެވެ. މީގެ އަސަރު ވެސް ސީދާ ކުރަނީ ހަމަ އާންމު މީހާގެ ޖީބަށެވެ.

ބޭސް ފަރުވާ: 2017 ވަނަ އަހަރު ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް ކުރަމުން ދިޔަ އޭރުގެ ސަރުކާރުން ވެސް އެމްއެމްއޭ އިން ވެސް އެންމެ ގިނައިން ކުރާ ޝަކުވާއަކީ އެތައް މިލިއަން ޑޮލަރެއް ރާއްޖެއިން ބޭރުވުމެވެ. އަދި އެގޮތަށް ބޭރުވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ބަލިކަށިކަމުން އެތައް ހާސް ޑޮލަރެއް ހިފައިގެން އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ބޭސް ފަރުވާ އަށް އިންޑިއާ އާއި ލަންކާ އާއި މެލޭޝިއާ ނުވަތަ ބެންކޮކަށް ދިޔުމެވެ.

އެ މައްސަލަތައް ހައްލު ކުރަން ކާޑިއެކް ސެންޓަރެއް ހުޅުވުމާއި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމާއި ކެންސަރާއި އެހެނިހެން ގިނަ ކަންކަން ރާއްޖޭގައި ތައާރަފް ކުރި އެވެ. ބޭނުމަކަށްވީ ދިވެހިން ރާއްޖެއިން ބޭރަށް ނުގޮސް ބޭސްފަރުވާ ހޯދުމެވެ. ނަމަވެސް އެ ދާއިރާގައި ކުރިއެރީ އިމާރާތްތަކުގެ އުސް މިނެވެ. ސިއްހީ ހިދުމަތުގެ ފެންވަރު ވަސީލަތްތައް ވެސް ރަނގަޅަށް ގާއިމް ނުވެ އޮވެ ހިތާމަވެރި އެތައް ހާދިސާއަކާ ހެދި ދިވެހިން އަދިވެސް ސިއްހީ ދާއިރާއަކަށް އިތުބާރެއް ނުކުރެ އެވެ. އަދިވެސް އެތައް ހާސް ޑޮލަރެއް ހިފައިގެން ދިވެހިން ބޭސްފަރުވާ އަށް ފުރަނީ ބޭރަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް -- ފޮޓޯ: ދެން

މި ސަރަހައްދުގެ އެހެން ހުރިހާ ގައުމަކުން މެޑިކަލް ޓޫރިޒަމްގެ ބޭނުން ފުޅާކޮށް އެތައް ބިލިއަން ޑޮލަރެއް އެ ވައްދަނީ އެވެ. އެ މީހުންގެ ބޮޑު ކަސްޓަމަރުންނަކީ ދިވެހިންނެވެ. ރާއްޖޭގައި އެ ދާއިރާ ފުޅާ ކުރެވޭނެ ވާހަކަ އޮންނަނީ މެނިވެސްޓޯތަކުގަ އެވެ. އަދިވެސް ބާރުއަޅަނީ އިތުރު ގައުމުތަކަށް ދިވެހިން ފޮނުވޭ ގޮތަށް އާސަންދަ ހަމަޖެއްސުމަށެވެ. އެ ފައިސާ އިން އަމިއްލަ ގައުމުގެ ސިއްހީ ނިޒާމް ރަނގަޅު ކުރުމެއް ނޫނެވެ.

ރެމިޓެންސް: މި ބާގަނޑުގެ ފުން މިނެއް ދައުލަތަކަށް ވެސް ނޭނގެ އެވެ. ދިވެހިން ދިރިއުޅުމުގެ ހުރިހާ ހިސާބެއްގައި އޮތީ ބިދޭސީންނެވެ. ގޭގައި ގެންގުޅޭ މެއިޑް އިން ފެށިގެން ރިސޯޓާއި ވެރިންނަށް މިތިބީ ބިދޭސީންނެވެ. ރެސްޓޯރަންޓުތަކާއި އަދި މި ހުރިހާ ދުވަހު ބީއެމްއެލް ފަދަ ބޮޑެތި ބޭންކުތަކާއި ކުންފުނިތަކުގެ ވެރިންނަށް ވެސް ތިބީ ޑޮލަރުން ބޮޑު މުސާރަ ނަގާ ބިދޭސީންނެވެ. ޑޮކްޓަރުންނާއި ޓީޗަރުންނާއި ލޭބަރުންނާއި މިހެން ގޮސް ހުރިހާ ދިމާލެއް އޮތީ "ހިސޯރު" ކުރަން ދޫކޮށްލައިފަ އެވެ.

ރަސްމީ ހިސާބުތަކަށް އެކަނި ބަލާއިރު ބިދޭސީންގެ މުސާރަ އިން ރެމިޓެންސްގެ ގޮތުގައި މަހަކު 500 މިލިއަން ޑޮލަރު ރާއްޖެއިން ބޭރުވެ އެވެ. އަދި ތަޖުރިބާކާރުން ބުނާ ގޮތުން އެއަށް ވުރެ ނުރަސްމީ އަދަދުތައް އެތައް ގުނައެއް ބޮޑު ވާނެ އެވެ. ސަބަބަކީ ބިދޭސީން ރާއްޖެ އައިސް އިތުރު ގިނަ މަސައްކަތްތައް ކުރެ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް އެހާ ގިނަ އެވެ. ބިދޭސީން ވަގަށް ޑޮލަރު ސްމަގަލް ކުރާ އަދަދު ވެސް އިންތިހާ އަށް ބޮޑެވެ. މިއީ ކޮޅެއް ފެންނަން އޮތް ދިމާލެއް ނޫނެވެ.

އެސްބީއައި ބްރާންޗެއް ކައިރީ ބިދޭސީންތަކެއް--

މީގެ އިތުރުން ރާއްޖެއިން ޑޮލަރު ވަންނަ ގާތްގަނޑަކަށް ހަމައެކަނި ޓޫރިޒަމް ދާއިރާ އިންނެވެ. ޒަމާނުއްސުރެ އެ ނިޒާމް ތަރުތީބު ކޮށްފަ އޮތީ ޓޫރިސްޓުން އަތުން ލިބޭ ޑޮލަރު ރާއްޖެ އަށް ނުވަދެ ސީދާ ބޭރުގެ ބޭންކުތަކަށް ވަންނަ ގޮތަށެވެ. އެއްވެސް ޑޮލަރެއް މާރު ނުކޮށް ރާއްޖޭގެ ބޭންކުތަކުގައި އެ ފައިސާ ހައެއްކަ މަސް ބަހައްޓަން ޖެހޭ ގޮތް ހެދިޔަސް މި މައްސަލަ ވަރަށް ބޮޑަށް ހައްލު ވާނެ އެވެ. ދިވެހި ބޭންކުތަކަށް ލިބެން ޖެހޭ ވަރަށް ޑޮލަރު ރޯލް ވާނެ އެވެ.

މި ހުރިހާ ކަމަކާ އަޅައި ކިޔާއިރު ޓޭމޫ އާއި ޝިއެން އިން ދިވެހިން ގެންނަ މުދަލަށް ކުރާ ހަރަދަކީ އެއްޗެއް ނޫނެވެ. ވަރަށް ކުޑަ އަދަދެކެވެ. އެކަމަކު ޑޮލަރުގެ ތާށިކަން ހައްލު ކުރަން ނުވަތަ ގައުމުގައި ޑޮލަރު ހިފަހައްޓަން، މި ހުރިހާ ކަމެއް ބަހައްޓާފައި އަބަދުވެސް ފިތާލަނީ އާންމު މީހާގެ "ކަރަށެވެ." އެހެންވެ އާންމުން މި މައްސަލާގައި ރުޅި އަންނަން ރަނގަޅެވެ.

އެކަމަކު މީހުންނަށް ހަމައެކަނި މި ފެންނަނީ ބޭންކުތަކުން ނިންމާ ނިންމުންތަކެވެ. ކަން އޮތް ގޮތް ރަނގަޅަށް އޮޅުން ފިލުވައި ނުދީ ކޮށްލާ ޕޯސްޓުތަކުން ދެން ވެސް ރޯ ފިލާނީ ބޭންކުތަކެވެ.

އޭގެ ބަދަލުގައި އެ ނިންމުންތަކުގެ ފަހަތުގައި ހިނގާ ކަންކަމަށް ވެސް ވިސްނަން ޖެހެ އެވެ. ސިޔާސަތުތައް ހަދާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ހޮވަން އާންމު މީހާ އަށް ވެސް ފުރުސަތު ލިބެ އެވެ. ޕްރެޝަރު އެ ދިމާލަށް ވެސް ގެންގޮސްގެން ނޫނީ ދެން ވެސް ތިބެން ޖެހޭނީ ޝަކުވާ ކޮށްލަ ކޮށްލަ އެވެ.