ހުސައިން އަހުމަދު

ރާއްޖޭގެ ޓޫރިޒަމްއަކީ އޭގެ ޒާތުގައި ވެސް އިސްލާމިކް ފްރެންޑްލީ ޓޫރިޒަމް ނުވަތަ "ހަލާލް" ޓޫރިޒަމް އެކެވެ. ރަލާއި އޫރުމަސް ނެގުމުން ޖުމްލަކޮށް ދުނިޔޭގެ އެހެން އިސްލާމިކް ފްރެންޑްލީ ޓޫރިޒަމްގެ ބޮޑެތި ބާޒާރުތަކަށްވުރެ ދިވެހި ޓޫރިޒަމް މި މާކެޓަށް ހެޔޮވަރެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން ވުޖޫދުވި ރަށު ޓޫރިޒަމްއާއެކު ހަލާލް ޓޫރިޒަމްގެ ސިފަ ދިވެހި ޓޫރިޒަމްގައި ގަދަވި އެވެ.

ޓޫރިޒަމް ހިސާބުތައް ހާވާލުމުން މިހާރު ފެންނަ ހަގީގަތަކީ މިވަގުތު ވެސް ހަލާލް ޓޫރިޒަމްގެ ހުރިހާ ސިފަތަކެއް ކުރި 15،000 އެނދު ރާއްޖޭގައި އޮތް ކަމެވެ. މިހެން މިކަން އޮއްވައި ހަލާލް ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރަން ނިންމައި ސަރުކާރުން މިވަނީ ހަލާލް ޓޫރިޒަމަށް ރަަށްތަކެއް ނެރެން ނިންމާފަ އެވެ. މި ބަދަލާއެކު ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފަ އެވެ.

އެންމެ ބޮޑު ސުވާލަކީ ވަކިން ރަށް ނެރެ ހަލާލް ޓޫރިޒަމް ތައާރަފު ކުރުމަކީ ރާއްޖޭގައި ހުރި އެއްޗެއް ނެތް ކަމަށް ބުނުމަށް ނުވާނެ ހެއްޔެވެ؟ އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އަށް ގެއްލުމެއް ނުވާނެ އެވެ؟ މި ރަށްތައް މާރުކޭޓަށް ނެރުމާއި އެ ރަށްތައް އިސްތިހާރު ކުރަން ކުރަން ޖެހޭ މަސައްކަތް ގިނަވެ ޓޫރިޒަމްގެ ފޯކަސް ގެއްލުމުގެ ފުސަތެއް ނެތް ހެއްޔެވެ؟

"ރާއްޖޭގައި އެބައޮތް މިހާރު ވެސް ރަލާއި އޫރުމަހާ ނުލައި ވަރަށް ބޮޑު ސެގްމެންޓެއް. ގެސްޓް ހައުސްތައް އެއޮތީ އެގޮތަށް. ރިސޯޓުތަކުން ވެސް މުސްލިމުން ބޭނުންވާ ހިދުމަތްތައް ލިބޭ. އެހެން ގައުމަތަކާ އަޅާބަލާއިރު ނިސްބަތުން ރަނގަޅު. އެހެން އެކަން އޮތްއިރު، ބޭރު ގައުމުތަކުން މުސްލިމުން ކުރިމަތިލާންޖެހޭ އިސްލާމޯފޯބިއާ މައްސަލަތައް ރާއްޖެއަކުން ކުރިމަތިނުވޭ. ރާއްޖޭގައި ހުރިހާ އެންމެންނަށް ވެސް އިހުތިރާމްކުރޭ." ރާއްޖޭގައި ހަލާލް އިންޑަސްޓްރީއެއް އުފައްދަން 2016 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފް) ކުންފުނީގެ އިބްރާހިމް ދީދީ ވިދާޅުވި އެވެ.

"މާނައަކީ ރާއްޖޭގައި ކުރަންޖެހޭ ކަމަކީ މުސްލިމުންނާ ރައްޓެހި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިސްތިހާރުކުރަންވީ. އޭގެ ބަދަލުގައި، ވަކިން ރަަށްތަކެއް ނެރެފަ ހަލާލް ޓޫރިޒަމޭ ބުނީމަ މި ދެވެނީ ވަރަށް ގޯސް މެސެޖެއް،" އޭނާ ވިދާޅުވި އެވެ.

ވަކިން ޕްރޮމޯޓް ކުރުން: ގެއްލުން ބޮޑުވާނެ

ސަރުކާރުން ވަނީ ހަލާލް ޓޫރިޒަމް ތައާރަފު ކުރަން ނިންމައި ފަސް ރަށެއް ހާއްސަ ކޮށްފަ އެވެ. މި ރަށްތައް ހާއްސަކޮށްފައިވަނީ މާލެ އާ ދުރު އަދި ޓޫރިޒަމް ނެތް އަތޮޅުތަކުންނެވެ. މި ރަށްތަކަށް އިންވެސްޓަރުން ހޯދަން ހުޅުވާލަން ތައްޔާރުވަމުންދާއިރު މިހާރު އޮތް ސުވާލަކީ މިއީ ރާއްޖޭގައި ކިހާ ކާމިޔާބު އަދި ރާއްޖެ އަށް ފައިދާހުރި ކަމަށްވާނެބާ އެވެ؟ މިހާރުވެސް އަތުގައި އޮތް އެތި މާކެޓު ނުކުރެވިގެން އުޅޭއިރު މިހާރު އޮތް އެއްޗެއް ނެތް ކަމަށް ދައްކައިން އަލުން ނެރުމަކީ މުޅި ސިނާއަތަށް އޭގެން ގެއްލުންތަކެއްވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ.

އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ލަންޑަން، ބާމިންހަމް އަދި މެންޗެސްޓާ ފަދަ ސިޓީތަކުގައި މުސްލިމް މޭޔަރުންނާއި ބޮޑެތި މުސްލިމް ޖަމާއަތްތައް އުޅޭ ތަންތަނުގައި ވެސް ހަލާލު ޓުވަރިޒަމު ފަދަ އިސްލާމީ ފަތުރުވެރިކަމާއި، ސިޓީ ބްރޭންޑިންއިން ނުފެންނައިރު ރާއްޖޭގައި އެކަން މައްޗަށް ނެގުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އަދި ދުނިޔެއަށް ރާއްޖެ ހުށަހަޅާ ގޮތުގެ މައްޗަށް އަޅުގަނޑުމެން ސީރިއަސް އަދި ސްޓްރެޓެޖިކް ނަޒަރަކުން ބަލަންޖެހެ އެވެ.

އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު -- ފޮޓޯ: އަވަސް

"ހަލާލް ފަތުރުވެރިކަމަކީ ހަމައެކަނި ކާނާއެއް ނޫން އެއީ ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ތަޖުރިބާތަކާއި މުސްލިމް ދަތުރުވެރިންގެ ސިކުނޑީގެ ހަމަޖެހުމަށް އިހުތިރާމް ކުރުން. އެކަން މިހާރު ވެސް އަޅުގަނޑުމެން މިދަނީ ހަމަ ހެސްކިޔާފައި ކުރަމުންކަން ޔަގީން،" ފިރާގު ވިދާޅުވި އެވެ.

ވަކިން ރަށްތަކެއް ނެރެ އިސްތިހާރު ކުރުމުން ސީރިއަސްވާ ހިސާބަކީ މިއީ އެވެ. ރާއްޖޭގެ ޓޫރިޒަމް 1972 ގައި ތަރައްގީ ވެގެން އައިސްފައިވަނީ ހުޅަނގު ޔޫރަޕުގެ "ރަހަތަކާ" އެކުގަ އެވެ. އެހެންވެ މިއަދާ ހަމައަށް ވެސް ޓޫރިޒަމްގައި ރަހަ ގަދައީ ޔޫރަޕުގެ ރަހަތަކެވެ. އަދި ޓޫރިޒަމް ބައްޓަން ވެފައި ވަނީ ޕާސަނަލް އަދި އަންނަ ފަތުރުވެރިޔާއަށް ޓާގެޓް ކޮށް ހިދުމަތްދޭ ސިނާއަތެއްގެ ގޮތުގަ އެވެ. މިހެން އޮއްވައި ވަކިން ސިނާއަތެއް ހަދައި އެ ރިސޯޓްތަކަށް ބޮޑެތި ރެސްޓްރިކްޝަން ތަކެއްލުމަކީ ރާއްޖޭގެ ބްރޭންޑަށް ގެއްލުންވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ޓޫރިޒަމް ދާއިރާގެ އެހެން ތަޖުރިބާކާރެއް ނަން ނުޖަހަން އެދި ވިދާޅުވި ގޮތުގައި ހަލާލް ޓޫރިޒަމް ގެނެސް ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި އޮންނަ ގޮތަށް ކަންކުރަން އުޅެފިނަމަ މުޅި ޓޫރިޒަމަށް ހަޑި ނަން ލިބިގެންދާނެ އެވެ.

އެމްސީއައިއެފް ކުންފުނީގެ އެމްޑީ ޑީޑީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އަކީ ވަރަށް ޔުނީކް ޕްރޮޑަކްޓެކެވެ. އޭގެ އެހެންވެ ބްރާންޑް އެކުއިޓީ ހިފަހައްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕްރޮޑަކްޓުގެ ސިފަ ގެއްލުވާ ނުލައި މުސްލިމް މާކެޓަށް ވެސް ބްރޯޑްކޮށް ކޭޓާ ކުރެވޭ ގޮތަށް ކުރިޔަށް ގެންދަން ޖެހޭ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.

ރާއްޖެ އަންނާނީ މޫދަށް އެރިލާ ބީޗުގައި ސަން ޓޭންކޮށްލަން. އެ ހޯދަން އަންނަ މީހާ ކައިރީ ކަލެއަށް މިކަން ނުކުރެވޭނެއޭ މިކަމޭ ކުރެވޭނީ. އެފަދަ ރެސްޓްރިކްޝަނެއް އޮންނަނަމަ ގެއްލުންވާނެ -- ތަޖުރިބާކާރެއް

ވަކިން ރަށް ތަކެއް ނެރެގެން ކުރިމަތިވާނެ އިތުރު މައްސަލަ ތަކެއް ވެސް އެބަހުއްޓެވެ. އެ ނުކުންނާނެ އެންމެ ބޮޑު މައްސަލައަކީ ހަލާލް މާކެޓު ތަކުން އަންނަ މީހުންގެ އަދަދު މަދުވުމެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރޭން މުސްލިމުންގެ ޕަސެންޓޭޖަކީ ކިހާވަރެއް ތޯ ބަލައިލާއިރު މެދުއިރުމަތިން މިހާތަނަށް އަހަރެއްގެ މައްޗަށް އެންމެ ގިނައިން އައިސްފައިވަނީ 80،000 ޓޫރިސްޓުންނެވެ. މުސްލިމް މެޖޯރިޓީ އޮތް އިންޑޮމޭޝިއާ ފަދަ ގައުމުތަކާއެކު މި އަދަދު ލައްކައަކަށް އަރަނީ ކިރިޔާ އެވެ.

ދުރު ރަށްތަކަށް އިންވެސްޓަރުން ހޯދަން ދަތިވާނެ

މި ވަރުގެ ކުޑަ މާކެޓަކަށް 80 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކެއް ހަދަން ރަަށް ނެރުމަކީ ދެކޮޅު ޖެހޭނެކަމެއް ނޫނެވެ. ސަބަބަކީ މިވަގުތު ހުރި އިންވެސްޓްމަންޓްތަކަށްވެސް އިންވެސްޓަރުން ނުލިބިގެން އުޅޭއިރު އާ ކޮންސެޕްޓަކަށް އަދި މާކެޓު ސައިޒު މި ވަގުތު ރާއްޖޭގައި ކުޑަ ސެގްމަންޓަކަށް އިންވެސްޓަރުން ލިބިދާނެ ހެއްޔެވެ؟

ހަލާލް ރިސޯޓް ހަދަން އިންވެސްޓްމަންޓް ހޯދަން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފިނޭންސް (އެމްސީއައިއެފް) އިން 2016 ވަނަ އަހަރު މިފަދަ ކޮންސެޕްޓެއް ގެންނަން މަސައްކަތް ކުރި އެވެ. އެފަހަރު އެކަންވީ ފެއިލް އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުގައި ރިޔާސީ ވައުދުތައް ފުއްދަވާނެ ގޮތުގެ ތަފްސީލުތައް ހިމެނޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައިވާ ގޮތުން، ދުނިޔޭގެ ޓޫރިޒަމްގެ ބޮޑު މާކެޓެއް ހިއްސާ ކުރާ ހަލާލް ޓޫރިޒަމް ނުވަތަ މުސްލިމް ފްރެންޑްލީ ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން އެކަމާ ގުޅުން ހުރި ގަވާއިދުތަކާއި ގާނޫނުތައް އިސްލާހު ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކުރަން އެ ސަރުކާރުންވެސް ފަސް ޖެހުނެވެ. އަދި ށ. ގާކޮށިބީގައި އޭޑީކޭ ކުންފުނިން ތުރުކީ ކުންފުންޏަކާ ގުޅިގެންވެއސް މަަސައްކަތް ކުރި އެވެ. ނަމަވެސް އެ ފަހަރު އެކަން ކުރެވޭ ގޮތެއް ނުވި އެވެ.

މި ހުރިހާ ކަނެއް އައިސް ވަށައި ޖެހެނީ ހިސާބުތަކުން ދައްކާ އަދަދުތައް ދިމާ ނުވުމާ އެވެ. ހަގީގަތުގައި މިއީ 270 ބިލިއަން ޑޮލަރުގެ މާކެޓެއްގެ ގޮތުގައި ދެއްކި ނަމަވެސް 100 މިލިއަން ޑޮލަރުގެ ބޮޑެތި ރިސޯޓްތައް ހަދައިގެން ހިންގޭނެ ގޮތެއް ނުފެނުމެވެ. މިއީ މިކަން ނުވެ އޮތް ސަބަބެވެ.

ރަށްތައް ބަޔަކު ނަގާފާނެ އެކަމަކު ނިމިގެންދާނީ ހަމަ އާދައިގެ ރިސޯޓެއްގެ ގޮތުގަ -- އެމްސީއައިއެފް ކުންފުނީގެ އެމްޑީ ޑީޑީ

ޑީޑީ ވިދާޅުވި ގޮތުގައި މާލެއާ ދުރުގައި ހުންނަ މި ރަށްތަކަށް އިންވެސްޓަރުން ހޯދުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ. އަދި އާހިރުގައި މި ރަށްތައް ކޮންވެންޝަން ޓޫރިޒަމްގެ ރިސޯޓްތަކަށް ބަދަލު ކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެންމެންނަށް ވިއްކާއިރު ދުރުގައި ހުރި ރިސޯޓްތަކަށް މި އޮކިއުޕެންސީ ހިފަހެއްޓެނީ ކިރިޔަ ކިރިޔާ. އެކި ދީންތަކުގެ އެކި އެންމެން ގެނެސްގެން. ސުވާލަކީ ހަމައެކަން މެދުއިރުމަތި ނޫނީ މުސްލިކް ގައުމުތަކަށް ހަމައެކަނި ޓާގެޓް ކުރާ ރިސޯޓްތަކަށް އިންވެސްޓް ކުރާނެ ބަޔަކު އަންނާނެހޭ. ހިއެއް ނުވޭ އަންނާނެ ހެނެއް،" ޑީޑީ ވިދާޅުވި އެވެ.

ހަލާލް ޓޫރިޒަމް ގެންނަން އޮތީ ހުސް ހުރަހެވެ. މި ހުރަސްތައް އައިސް ވަށައި ޖެހެނީ ދިވެހި ޓޫރިޒަމްގެ ހައި ބްރޭންޑާ އެވެ. މިހާރުވެސް ހަލާލް ޓޫރިޒަމް ރާއްޖޭގައި އެބައޮތެވެ. އެފަދަ ހޮޓާތައް ހިންގަ އެވެ. އެގޮތަށް ޕްރޮމޯޓްވެސް ކުރެ އެވެ. އެހެންވެ ވަކިން ރަށް ނެރެ މިއީ ހަލާލް ރިސޯޓެކޭ ބުނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިކަމުގައި އެއްވެސް މޮޅެއް ނޯންނާނެ ކަމަށް ތަޖުރިބާކާރުން ދެކެނީ މިހެންވެ އެވެ.