މޫސާ ރަޝީދު

މިއީ އާންމު ކަމެއް ނޫނެވެ.

އެމެރިކާ އާއި ބައެއް އެހެން ގައުމުތަކުން ވެސް ވަރަށް ބަލާ ކަމެކެވެ. ގައުމުގައި ރައީސް ނުވަތަ ނައިބު ރައީސްގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު އަމިއްލަ ގައުމުގައި އަބަދުވެސް ހުންނަވާނެ އެވެ. ދެ ބޭފުޅުން އެއްފަހަރާ "ގައުމު ހުހަށް" ދޫކޮށްލާފައި ވަޑައިގަތުން ވަރަށް ބޮޑަށް އެވޮއިޑް ކުރެ އެވެ. އަދި މިއީ ރާއްޖޭގައި ވެސް ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެގެ ވަގުތެއްގައި ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފަ އެވެ. އަދި މީގެ ދެ ދުވަސް ކުރިން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަނީ ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިން އަށް ފުރާވަޑައިގެންފަ އެވެ. އެހެންވެ މިވަގުތު ގައުމުގެ އެންމެ އިސް މަގާމުގައި ތިއްބެވި ދެ ބޭފުޅުން ރާއްޖެއަކު ނެތެވެ.

މި ދެ ބޭފުޅުން ގައުމުގައި ނެތުމަކީ ގައުމު ހުއްޓިފައި އޮތުމެއް ނޫނެވެ. ނުވަތަ މަސައްކަތްތައް ވެސް ކުރިޔަށް ނުދިޔުމެއް ނޫނެވެ. އަދި ފިޒިކަލީ ގައުމުގައި ނެތް ނަމަވެސް ގިނަ ކަންކަމަކީ މިހާރު ފަސޭހައިން ކުރެވޭނެ ކަންކަމެވެ.

އެހެން ނަމަވެސް ގިނަ ގައުމުތަކުން މި ހާލަތު ނާންނާނެ ފަދަ ގޮތަކަށް ކަންކަން ރާވަނީ ގައުމަށް ދިމާވެދާނެ ކުއްލި ހާލަތެއް ނުވަތަ ގުދުރަތީ، ސިޔާސީ ނުވަތަ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކާ ހެދި އެވެ. އެންމެ މަތީ ނިންމުން ނިންމަން ހުންނެވި ދެ ބޭފުޅުން އެއްފަހަރާ ރާއްޖެއިން ބޭރުގައި ތިބެއްޖެ ނަމަ އޭގެ ރިސްކުތަކާއި އަވަސް ފިޔަވަޅުތައް އަޅަން އުނދަގޫވުމެވެ.

ރާއްޖޭގައި ވެސް މީގެ ކުރިން މި ހާލަތު ނާންނާނެ ގޮތަކަށް ދަތުރުތައް ރާވަ އެވެ. ރައީސް އޮފީހުގެ ޕްރޮޓޮކޯލް އިން ހާއްސަ ގޮތެއްގައި ބަލަނީ ނައިބު ރައީސްގެ ދަތުރުފުޅުތަކަށެވެ. އެ ދަތުރުތައް ހަމަޖައްސަވާ އިރު ރައީސްގެ ޝެޑިއުލް ހުންނަ ގޮތެއް ބަލަ އެވެ.

"އެމެރިކާގައި އޮންނަ ގޮތަށް ސްޓްރިކްކޮށް އެވަރަށް ނުއެއް ބަލާ. އެކަމަކު ކޮންމެވެސް ވަރަކަށް އޭތި ވިސްނުމުގައި ބައިންދައިގެން މަސައްކަތްތައް ރާވާފައި ހުންނަނީ." ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ގައުމީ ސަލާމަތާ ގުޅޭ ކަމެއް

މި ހާލަތު އެވޮއިޑް ކުރާ އެންމެ މުހިންމު އެއް ސަބަބަކީ ގައުމީ ސަލާމަތެވެ. ޖިއޯ ޕޮލިޓިކަލް ޓެންޝަނާއި އެތެރޭގެ ހަމަނުޖެހުންތަކާއި ސިޔާސީ ނުތަނަވަސްކަން ބޮޑު މާހައުކުތަކުގައި ގައުމުގެ ދެ ވެރިން އެއްފަހަރާ ނެތުމަކީ ތަޖުރިބާކާރުން ބުނާ ގޮތުގައި ސަރުކާރަށް އޮތް ރިސްކެކެވެ.

ރާއްޖެ އާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ ވެސް ތާރީހުން ފެންނަން އޮތީ އެފަދަ ބޮޑެތި ބަޣާވާތާއި ސިޔާސީ ފުރޮޅުންތަކާއި ނުވަތަ ބޭރުގެ ތްރެޓްތައް ގިނަ ފަހަރަށް އަންނަނީ ގައުމު އެންމެ ބަލިކަށިވާ ހެން ހީވާ ވަގުތުތަކުގަ އެވެ.

އޭގެ އަނެއް މިސާލަކީ ރައީސް އާއި ނައިބު ރައީސް އެއްފަހަރާ އެއް ފްލައިޓަކަށް އެރުން ވެސް ބައެއް ގައުމުތަކުން މަނާ ކޮށްފައި އޮތުމެވެ. ކަމެއް ހިނގިޔަސް ބާރުތައް ދެމި އޮންނާނެ ގޮތް ގާނޫނުއަސާސީގައި ލިޔެފައި އެބައޮތެވެ. އެހެން ވިޔަސް މިއަށް ވުރެ މާ ބޮޑަށް ސްޓޭބަލް ޑިމޮކްރަސީތަކުގައި ވެސް އަމަލު ކުރާ ސެކިއުރިޓީ ޕްރޮޓޮކޯލް އެކެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ވެސް ޒަމާޏުއްސުރެ ހިފަހައްޓަމުން އަންނަ އުސޫލެކެވެ.

ސިޔާސީ ހުސްކަމެއް؟

މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ބައެއް އެހެން ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މިގޮތަށް ގައުމުގެ އެންމެ އިސް މަގާމް ހުސްކޮށް އޮތުމަކީ އޭގެ ސަބަބުން ސިޔާސީ ގޮތުން ވެސް ގެއްލުންތަކެއް ހުރި ކަމެކެވެ.

ހާއްސަކޮށް ޑިމޮކްރަސީތަކުގައި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ ވަގުތުތަކުގައި ގައުމުގެ ދެ ވެރިން ރާއްޖެއިން ބޭރުގައި ތިބެއްޖެ ނަމަ މިއީ ސިޔާސީ ގޮތުން "ބީރު ކަންފަތެއް" ދީގެން ތިބުން ގޮތުގައި މީހުން ދެކެ އެވެ. އަދި ގައުމުގައި ހިނގާ ކަންކަން ރަނގަޅަށް ނުބަލައި އެވަރަށް ސަމާލުކަން ނުދޭ ކަމެއްގެ ގޮތުގައި ދެކެ އެވެ. އޭގެ ސިޔާސީ ފައިދާ އިދިކޮޅު ފަރާތްތަކުން ވެސް ނަގާ ކަމެކެވެ.

ގުދުރަތީ ކާރިސާތަކާއި މަދަނީ ހަމަނުޖެހުންތައް ނުވަތަ އަސްކަރީ ނުރައްކާތަކާއި އިގްތިސަދީ ގޮތުން އަންނަ ކުއްލި ބޮޑެތި ލޮޅުންތަކުގެ ސަބަބުން ނިންމަން ޖެހޭ މުހިންމު އަވަސް ފިޔަވަޅުތަކެއް ގައުމުގެ ދެ ވެރިން ވެސް ރާއްޖެއިން ބޭރުގައި ތިބުމުން ނިންމަން އުނދަގޫވެދާނެ އެވެ.

މީގެ ތެރެއިން ބައެއް ކަންކަމަކީ އޮންލައިންކޮށް ކޯޑިނޭޓް ކޮށްގެން ނިންމޭނެ ވަރުގެ ކަންކަމެއް ނޫނެވެ. ކުއްލިއަކަށް ދަތުރު ކެންސަލް ކުރުމަށް ފަހު އެނބުރި އައުމުގައި ބޮޑެތި ދަތިތަކާއި ލަސްތަކެއް ވުމުގެ ފުރުސަތު އެބައޮތެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ގައުމުގެ ރައީސް ނެތް ހާލަތުގައި ދެން ވެރިކަމާ ހަވާލު ވާނީ ނައިބު ރައީސް އެވެ. އަދި ނައިބު ވެސް ނެތް ހާލަތެއްގައި ވަގުތީ ގޮތުން ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.

ރާއްޖެ އާ އެއްގޮތަށް މި ވާހަކަތައް ސާފުކޮށް ބަޔާން ކޮށްފައިވާ އެހެން ގައުމުތަކުގައި ވެސް އެކަމަށް ސަމާލު ކަން ދޭ ގޮތަށް ރާއްޖޭގައި ވެސް އެކަން އެގޮތަށް ރޭވުން މުހިންމު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.