މޫސާ ރަޝީދު

ބޮޑު ކުށަކަށް ތުހުމަތުވެފައިވާ ރައުދު އަހްމަދު ޒިލާލް "ސަލާމަތް ކޮށްދޭން" ނުވަތަ ކޮއްކޮ އަށް "ހިމާޔަތް ހޯދަން" އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުރި ދާއޫދު އަހްމަދު ސީދާ ގުޅީ ހޯމް މިނިސްޓަރު އަލީ އިހުސާން އަށެވެ. އެ ކޯލަށް އެޓެންޑުވުމުގެ އިތުރުން އިހުސާން ވަނީ ރައުދުގެ އައިޑީކާޑް މައުލޫމާތުތައް ފޮނުވަން އެދިފަ އެވެ. ތަހުގީގުގެ "ގޯލްޑަން އަވާ" ތެރޭގައި ފުލުހުން ރައުދު ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށް ދެވަނަ ފަހަރަށް މިނިސްޓަރަށް މެސެޖު ކުރުމުން ވެސް "އެބަ ބަލާލަން" ކަމަށް ވިދާޅުވެ ޖަވާބު ދެއްވި އެވެ.

އޭގެ ފަހުން ރައުދުގެ ގެ ބަލައި ފާސް ކުރަން އައި ފުލުހުން ޔަގީން ކަން ދިނީ އެއްބާރުލުން ދޭނަމަ ހައްޔަރު ނުކުރާނެ ކަމެވެ. އެ ވާހަކަ ދާއޫދު މިނިސްޓަރު އިހުސާން އަށް "އަޕްޑޭޓް" ކުރި އެވެ. އަދި ޖަވާބުގައި އިހުސާން ވަނީ ފުރިހަމަ އަށް އެއްބާރުލުން ދޭން ރައުދު ކައިރީ ބުނުމަށް އެދިފަ އެވެ.

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގު ލަސްވުމާއި ކަންކަން ހިނގައިދިޔަ ގޮތުން ފުރަތަމަ ދުވަހުން ފެށިގެން އެތައް ބަޔަކު އައީ މި ވާހަކަ ދައްކަމުންނެވެ. މިނިސްޓަރު އިހުސާން އާއި ސަރުކާރުގެ އެހެން ވެސް ބާރުގަދަ ފަރާތްތަކުން މައްސަލަ އަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ. ބާރުގެ ބޭނުން ކޮށްގެން ފުލުހުންގެ ތަހުގީގު ވެސް ގަޑުބަޑު ކޮށްފި ކަމުގެ ތުހުމަތެވެ.

އެ ތުހުމަތުތަކާއެކީ އެ ދުވަސްވަރު އެންމެ ބާރަށް ގޮވާލަމުން ދިޔައީ އިހުސާންގެ އިސްތިއުފާއަށެވެ. ނަމަވެސް އިސްތިއުފާ ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އިހުސާން ވިދާޅު ނުވެ އޮތް ވާހަކަ އެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި އިންކުއަރީން ވަނީ ހާމަވެފަ އެވެ.

މައްސަލައިގެ ތަހުގީގުގައި ފުލުހުން އޮތީ ފަރުވާ ކުޑަ ކޮށްލައި އިހުމާލުވެފަ އެވެ. އިހުސާން ވަނީ މިނިސްޓަރުގެ މަސްއޫލިއްޔަތުގައި ނުހިމެނޭ ކަންކަމުގެ ތެރެއަށް ވެސް ވަދެ ސީން އަށް ވެސް އެޓެންޑުވެފަ އެވެ. އަދި ތަހުގީގު ހިނގަމުން ދިޔަ އިރު މައްސަލައިގެ ޕްރައިމް ސަސްޕެކްޓުގެ އާއިލާ އާ ބަރާބަރަށް ދިޔައީ ވާހަކަ ދައްކަމުންނެވެ.

ބައެއް ބޭފުޅުން ދެކޭ ގޮތުގައި އެ ވަގުތު އެ މުއާމަލާތް އިހުސާން ކުރެއްވުމަކީ ތުހުމަތު ކުރެވޭ މީހަކަށް މަގާމުގެ ހައިސިއްޔަތުން ނާޖައިޒު ފައިދާއެއް ހޯދައިދިނުމެވެ. އެއީ ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ށ)އާ ހިލާފު ކަމެއް ކަމަށް ވެސް ގާނޫނީ ބައެއް ބޭފުޅުން ދެކެ އެވެ.

އެ މާއްދާގައި ބުނަނީ:

  • ވަޒީރުންގެ ޖިލީހުގެ އެއްވެސް މެންބަރަކު، މަގާމުގެ ހައިސިއްޔަތުން އެއިން މީހަކަށް ލިބިފައިވާ މައުލޫމާތެއްގެ ނުވަތަ އެ މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންކޮށްގެނެއް ނުވާނެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގައި ހިމެނެނީ މި ސަރުކާރު ވެރިކަމަށް ގެންނަން ކެމްޕެއިން ކޮށްދިން ޒުވާން ޓީމުގެ މީހުންނެވެ. އަދި އެންމެ ބޮޑަށް ތުހުމަތު އަމާޒުވެފައި އޮތީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދާއޫދުގެ ކޮއްކޮ އަށެވެ. އެ މީހުން މަސްތުވެގެން އުޅުނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގޭގަ އެވެ. މުޅި މައްސަލަ އޮތީ ހުރިހާ ކޮޅަކުން ސަރުކާރު "ނުފޫޒުގެ ގޮޅިއަކަށް" ފެތޭ ގޮތަށެވެ.

އެ ހުރިހާ ކަމެއް އެހެން އޮއްވާ މައްސަލަ އެހާ ބޮޑަށް ލަސްވުމުގެ އިތުރުން "ސީރިޔަސް ތަހުގީގެއް" ފަށަން ނިންމީ ވެސް ސޯޝަލް މީޑިއާގައި އެކަން ފަޅައިގެން ދިޔުމުންނެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ތެރޭގައި އެންމެ އިސް ޒިންމާއެއް އޮތް ފުލުހުންގެ މުއައްސަސާ ޖަވާބުދާރީވާ ވުޒާރާގެ ވެރިޔާ އަށް ފުރަތަމަ ދުވަހުން ފެށިގެން އޮތީ ހޫނު ފެނުގަ އެވެ. އެއީ؛

  1. މައްސަލާގައި ސީރިޔަސްކޮށް ނުބަލާ ގިނަ ދުވަސްވުން.
  2. ހޫނުވެ ކަންކަން ފަޅާ އެރުމުން ރައުދާއި ތުހުމަތުވާ އެހެން މީހުން ވަނަވަރު ހާމަ ނުކުރުމާއި މޫނު ފޮރުވުން.
  3. އޭރު ވިކްޓިމް އެއް ކަމަށް ބެލެވުނު ޔުމްނުގެ ވީޑިއޯތައް އާންމު ކުރަން ނިންމުން.
  4. މައްސަލާގައި ސީދާ ނުފޫޒު ފޯރުވި ކަމުގެ އެތައް ތުހުމަތެއް ކުރުން.
  5. ފުލުހުންގެ އިހުމާލު ބޮޑުވުމުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރުން.

މިއިން އެއްވެސް ކަމަކަށް މިނިސްޓަރުގެ ސަމާލު ކަމެއް ނެތެވެ. އަދި މިއަދު އެ މެސެޖުތައް އާންމުވުމުން އެކަމާ ގުޅިގެން ސަރުކާރުން ވަނީ ދާއޫދު މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް މި މައްސަލައިގައި ވެސް އިހުސާންގެ އެއްވެސް މައްސަލައެއް ނުވަތަ ނުފޫޒެއް އޮތް ކަމަކަށް ނުހެދި އެވެ.

ބޮޑެތި ތުހުމަތު: މިއީ ފުރަތަމަ ފަހަރެއް ނޫން

ނަމަވެސް މިއީ އާ ކަމެއް ނޫނެވެ. އެންމެ ފަހުން ޕީއެންސީން މެންބަރުން އިތުރު ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ވެސް ފެނިގެން ދިޔައީ އިހުސާންގެ ބޮޑެތި މައްސަލަތަކަކާއި ތުހުމަތެވެ.

އެންމެ ފުރަތަމަ އެތައް ބައެއްގެ މައުލޫމާތު ހުއްދަ އާ ނުލައި ބޭނުން ކުރުމާއި ސޮއި ފޯޖު ކުރުމުގެ އެތައް މައްސަލަތަކެއް ފެންމަތިވި އެވެ. މިއީ ޖިނާއީ ބޮޑު ކުށްތަކެކެވެ. އަދި ފުލުހުން ތަހުގީގު ވެސް ކުރަން ޖެހޭ މައްސަލައެކެެވެ. ނަމަވެސް އެ މައްސަލަތައް ފުލުހުން ތަހުގީގެއް ނުކުރި އެވެ. އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅާފައެއް ނެތެވެ.

ފަހުން ހާމަވީ ދައުލަތުގެ އޮފީހެއްގެ ތެރޭގައި އެ މަސައްކަތުގައި އަވަދިނެތި އުޅުނު ޓީމް ލީޑު ކުރެއްވީ އިހުސާން ކަމެވެ. އަދި "ހޯމް ޓީމް" ގެ ފަރާތުން އެތައް ފޯމެއް ފުރަން އިހުސާން ލަފާ ދެއްވި ގޮތާއި އެ މަސައްކަތްތައް އައިޑިކާޑުގެ މައުލޫމާތު ބަލަހައްޓާ ޑީއެންއާރް ތެރޭގައި ކުރި ގޮތް އެތަނުގެ ވެރިންގެ އަމިއްލަ އިއުތިރާފުން ހާމަވި އެވެ. އިހުސާން އާއެކު "ޕިއްޒާ ކާން" ތިބެ ސޮއި ކުރަން ތިބި ތަނާއި އިނގިލީގެ ނިޝާންތައް އެތައް ފޯމަކަށް ޖަހަމުން ދިޔަ ކަމުގެ ފޮޓޯތައް ލީކުވި އެވެ.

މައްސަލަ ހޫނުވެ އިހުސާންގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ފަރާތްތައް މަޖިލީހަށް ލި ނަމަވެސް, ގިނަ ކަންކަމަށް އެއްބަސްވުމަށް ފަހު ވެސް އިހުސާން ސަލާމަތްވި އެވެ.

އެހެންވެ މި ފަހަރު ވެސް ނުފޫޒުގެ ތުހުމަތަށް އިހުސާންއާ މެދު އެއްވެސް ފިޔަވަޅެއް އަޅާނެކަމާ މެދު ސުވާލު އުފެދެ އެވެ.