މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފްލޯ އިން ފުރާޅެއްގެ މައްޗަށް ވެއްޓުނު ހައްވާ ޔުމްނުގެ މައްސަލައަކީ މުޅި ގައުމުގެ ސަމާލުކަން ލިބި, އެ މައްސަލައިގެ ތަހުގީގާއި ކަން ހިނގި ގޮތާ މެދު އާންމުންގެ ތެރޭ ބޮޑެތި ސުވާލުތައް އުފެދިގެން ދިޔަ މައްސަލައެކެވެ. އެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ސަރުކާރުގެ އިސް ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުވާއިރު, އިސް ބޭފުޅުންގެ މަސްލަހަތު ވެސް މި މައްސަލައިގައި އޮތް ކަމުގެ ވާހަކަތަކުގެ އަޑު ގަދަވި އެވެ.
އެއާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފައްދައވައި މައްސަލަ ތަހުގީގު ކުރަން ހަވާލު ކުރެއްވި އެވެ. އެ ކޮމިޝަނުން ވަނީ ޔުމްނު ވެއްޓުނު ގޮތާއި އޭގެ ވަށައިގެންނާއި ފަހުން ހިނގައިދިޔަ ހުރިހާ ކަމެއް ވެސް ބަލައިފަ އެވެ. އެ ކޮމިޝަނުން އެކުލަވައިލި ރިޕޯޓު ރޭ އާންމު ކޮށްފައިވާ އިރު އެ ރިޕޯޓުގައި އެ ޒުވާނުންތައް މަސްތުގެ ހާލުގައި އުޅުނު ގޮތާއި ޔުމްނު ވެއްޓުނު ވަގުތުން ފެށިގެން ތަހުގީގުގައި ކަންކަން ހިނގި ގޮތުގެ ތަފްސީލުތައް ވަނީ އާންމުކޮށްފަ އެވެ.
މަސްތުވާން މިނިސްޓަރު ގޭގެ ޓެރަހަށް
އިންކުއަރީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭޕްރިލް 17 ގެ ރޭ 11:00 ހާއިރު ޔުމްނު ބުނެގެން ރައުދު އޭނާ ދިރިއުޅޭ ގެއަށް ދިޔަ އެވެ. އެއީ ރައްޓެހިންނާއެކީ މއ. މާންދޫގޭދެކުނުގޭ (ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެ) ގައި އެ ރޭ ރައްޓެހިން ބައްދަލުކުރުމަށެވެ.
ޔުމްނު އާއި ރައުދު ފުރަތަމަ ދިޔައީ ލަޔާލީ އިގްބާލް ގެއަށެވެ. އެ ގޭގައި އިޒުދިޔާން މުހައްމަދު މައުމޫން ވެސް ހުރި ކަމަށް ރައުދު ދިން ބަޔާނުގައި ބުންޏެވެ. އެ ގެއިން ކައިގެން މިނިސްޓާރު އަމީން މެން ގޭ ޓެރަހަށް ދާން ހަތަރު މީހުން ނުކުތެވެ. ލަޔާލީ އާއި ޔުމްނު ދިޔައީ ހިނގައިފަ އެވެ. އަދި ރައުދު އާއި އިޒުދިޔާން ދިޔައީ އެހެން ދިމާލަކަށް ސައިކަލުގަ އެވެ.
ޔުމްނު އާއި ލަޔާލީ ފުރަތަމަ ގޮސް ވަނީ މަޖީދީ މަގުގައި ހުރި ފިހާރައަކަށް ޖޫސް ޕެކެޓުތަކެއް ގަތުމަށެވެ. ޖޫސް ޕެކެޓުތަކެއް ގަނެގެން އެ މީހުން ހިނގައިގަތީ މާންދޫގޭދެކުނު ގެއަށެވެ.
ސައިކަލުގައި އެހެން ދިމާލަކަށް ދިޔަ ރައުދު އާއި އިޒްދިޔާން މިނިސްޓަރު އަމީން މެން ގެއަށް ވަތް އިރު ރައުދުގެ އަތުގައި އެތެރެ ނުފެންނަ ބޮޑު ކޮތަޅެއް އޮތް ކަން ސީސީޓީވީ ފުޓޭޖް އިން ފެނެ އެވެ. އެ ދެ މީހުން ވަތް ފަހުން ލަޔާލީ އާއި ޔުމްނު ވެސް އެ ގެއަށް ވަނެވެ.
އިޒްދިޔާން، ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު އަށް ގުޅައި އެ ގޭ ޓެރަހަށް އަންނަން ބުންޏެވެ. އަދި އޭނާ ދިން ބަޔާނުގައި ބުނެފައިވާ ގޮތުން ޔައްސާރު އާއި އައިމިނަތު ޖުނައިނާ ޖަމްޝީދު ޓެރަހަށް ދިޔަ އިރު އެތަނުގައި ތިބީ؛
- ޔުމްނު
- ލަޔާލީ
- ރައުދު
- އިޒުދިޔާން
- ޔޫސުފް އަހުމަދު އަކްރަމް.
އަދި ފަހުން އިޖާޖު ޖާއިޒް އާއި ހުސެއިން ހަމީސް އަލީ ވެސް އެތަނަށް ދިޔަ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ހަމީސް ދިން ބަޔާނުގައި ބުނެފައި ވަނީ އެ މީހުން ޓެރަހަށް ދިޔަ އިރު އެންމެން ތިބީ މަސްތުގެ ހާލުގަ އެވެ. އަދި ކްރޭންބެރީ ޖޫސް ޕެކެޓުތަކެއް ވެސް ހުއްޓެވެ. އެ މީހުން މަސްތުވާން ރަލާއި ޖޫސް ޕެކެޓު މިކްސް ކޮށްގެން ބޭނުން ކުރި ކަމަށް އޭނާ ބުންޏެވެ.
ޓެހަރުގައި އެއް ބަޔަކު ތިބީ ކާޑު ކުޅެންށެވެ. އަނެއްބަޔަކު ތިބީ ވާހަކަ ދައްކައި މަޖާ ކުރަން ކަމަށް އޭނާ ބުންޏެވެ.
އެ ގެއިން ޔޫސުފް ޔައްސާރު އާއި އާމިނަތު ޖުނައިނާ އާއި ޔުމްނު އަދި ރައުދު ނުކުތީ އެ ރޭ ފަތިހު 4:00 ހާއިރެވެ. އެ ވަގުތު އެ ހަތަރު މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ވައްޓާލީއެއް, ފުންމާލީއެއް ނޫން އެކަމަކު ވެއްޓުނީ
ކޮމިޝަންގެ ރިޕޯޓުގައި ފްޓޭޖްތަކާއި ހެކިންގެ ހެކިބަހުގެ މައްޗަށް ރިއާޔަތްކޮށް ޔުމްނު ވެއްޓުނު ގޮތާ މެދު އެ ކޮމިޝަނަށް ދެކޭ ގޮތް ވަނީ ބަޔާން ކޮށްފަ އެެވެ. ނަމަވެސް ހާދިސާއާ ގުޅޭ ގޮތުން ޔުމްނުގެ ބަހެއް ނުލިބުނެވެ. އޭނާއާ އެކު އެ ރޭ އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލު ވެސް ވަނީ އެ ރޭ ހިނގި ކަންކަން ހަނދާން ނެތް ކަމަށް ބުނެފަ އެވެ. ޔުމްނު ވެއްޓުނު ވަގުތުގެ ފުޓޭޖެއް ނެތެވެ.
ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުންޏެވެ. އެގޮތަށް ކަނޑައެޅި މައިގަނޑު ހަތަރު ސަބަބެއް ރިޕޯޓްގައިވެ އެވެ. އެއީ:
- ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތުމާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށްވުން
- ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތުން
- ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގެން އޮތުން
- ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވުމާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތުން
އެހެންވެ، ރައުދު ގަސްދުގައި ޔުމްނު ފުރާޅުމައްޗަށް ވައްޓާލިކަމަށް ނުފެންނަ ކަމަށް ރިޕޯޓްގައިވެ އެވެ. ހަމައެއާ އެކު ޔުމްނު އަމިއްލައަށް ފުރާޅުމައްޗަށް ފުންމާލީ ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ. އެއީ އަމިއްލަ ނަފުސަށް ގެއްލުންދިނުމަށް އޭނާ އެ ރޭ އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތީމަ ކަމަށް ރިޕޯޓްގައި ބުންޏެވެ.
ނަމަވެސް, ކޮމިޝަނުން ބުނީ ބޮޑަށް ބުރަވެވޭ ގޮތުގައި ޔުމްނު ފުރާޅުމައްޗަށް ވެއްޓުނީ އެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުން ކަމަށާއި އެ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބުންޏެވެ.
ހާދިސާއާ ގުޅޭ ގޮތުން ރިޕޯޓްގެ ނިންމުމެއްގެ ގޮތުގައި ކޮމިޝަނުން ދެކަމެއް ފާހަގަކުރި އެވެ;
1- ޔުމްނު އާއު ރައުދު މަސްތުގެ ހާލަތަށް އައީ އެ ދެމީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ އެމީހުން އުފުލަން ޖެހޭނެ ކަމަށް
2- ޔުމްނު ވެއްޓުމުގެ ކުރިން ދެމީހުންގެ ހަރަކާތްތަކަށް ބަލާއިރު އަދި އެ ރޭ ހިނގި ކަންކަން ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށް
މިނިސްޓަރުންގެ މެސެޖްތަކާއި ފޯނު ކޯލް އަދި ދޮގު ބަޔާން
ޔުމްނު ވެއްޓުނު މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވި ރައުދަކީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އަދި, އެމީހުން އެންމެ ފުރަތަމަ ޕާޓީ ކުރި ގެއަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގެއެވެ. އެހެންވެ, ފެށުނީންސުރެ ވެސް މައްސަލައަށް އެކި ނުފޫޒުތައް ވަންނަމުންދިޔަ ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ.
ކޮމިޝަންގެ ތަހުގީގު ރިޕޯޓުން އެ ތުހުމަތުތަކުގައި ހަގީގަތެއްވާ ކަން ވަނީ ހާމަވެފަ އެވެ. އެގޮތުން,
1- ރައުދުގެ މައްޗަށް ތުހުމަތު އޮއްވައި, ދާއޫދު ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއަށް ތަކުރާރުކޮށް ގުޅައި, މެސެޖްކޮށް ވާހަކަ ދައްކާފައިވޭ
2- ހޯމް މިނިސްޓަރު އިހުސާން ވެސް ދާއޫދާ މުއާމަލާތްކޮށްފައިވާއިރު, ރައުދުގެ އައިޑީކާޑް ފޮނުވަން ބުނެފައިވޭ
3- ރައުދުގެ މައްސަލައާ ގުޅިގެން ސަރުކާރުގެ އިސް ބޭފުޅަކާ ވާހަކަ ދައްކާފައިނުވާނެ ކަމަށް ދާއޫދު ބަޔާން ދިން. އަދި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ކަމެއް ނޭނގޭ ކަމާއި ރައުދު އެ ވާހަކަ އޭނާ ކައިރީ ނުބުނާ ކަމަށް ބުނެފައިވޭ
4- ނަމަވެސް, ކޮމިޝަނުން ބުނި ގޮތުގައި ދާއޫދު ދީފައިވަނީ ދޮގު ބަޔާނެއް, އެހެންވެ, ދޮގު މައުލޫމާތު ދިން މައްސަލަ ބަލައި ތަހުގީގު ކުރަން ކޮމިޝަނުން ލަފާދީފައިވޭ
5- ޔުމްނު ހޯދުމުގެ މަސައްކަތުގައި އުޅުނު ރައުދު އެ ރޭގެ ކަންކަން ހަނދާން ނެތް ކަމަށް ބުނެފައިވަނީ ދާއޫދާ ބައްދަލުވި ފަހުން
6- ޔުމްނު ވެއްޓުނު ވާހަކަ ދާއޫދު ކައިރީގައި ރައުދު ބުނެފައިވާނެ ކަމަށް ބެލެވޭއިރު, އެކަން އިދާރާތަކަށް ނޭންގުމުގެ ނަތީޖާއެއްގެ ގޮތުން ޔުމްނު ފުރާޅުމައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް
7- ރައުދުއާ އެއްވަރަށް އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދާއި ރައްޓެހިންގެ ބައިވެރިވުން ހިމެނޭކަމަށް ފެންނާތީ، އެ ކަން އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ލަފާދިން
މައްސަލައިގެ ތަހުގީގު ލަސްވެ, އާންމުންގެ ފާޑުކިޔުން ބޮޑުވުމުން މިނިސްޓަރު އަމީންގެ ގެ ފާސްކުރަން ފުލުހުން ނިންމި އެވެ. އެ ގެ ފާސްކުރަން ފުލުހުން ދިޔަ ވަގުތަކީ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތެވެ. އެ ވަގުތު މިނިސްޓަރު, އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ތަކުރާރުކޮށް ފޯނު ކުރެއްވި ކަން އޮތީ ހާމަވެފަ އެވެ.
މިކަމާ ގުޅިގެން ކޮމިޝަނުން ބުނީ;
- އަމީނަށް ބޮޑުބޭބެ ކިޔާ ދެ ކުއްޖަކު ވެސް އެ ޓެރެސް މަތީގައި ޔުމްނުއާ އެކު ޕާޓީ ކުރިކަން އެނގޭއިރު، މިއީ ފުލުހުންގެ ތަހުގީގުން ބަލަމުންދިޔަ ކަންކަން ކަމަށް ވާތީ، މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ލައިވްކޮށް ކުރިއަށް ގެންދަނިކޮށް، ފުލުހުންގެ އެއްވެސް އޮފިސަރަކަށް ގުޅައި، މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމަކީ، އާންމު މީހެއްގެ ވިސްނުމުން ބެލިޔަސް، ބަލައިގަންނަން ދަތިކަމެއް ކަމަށް
ހޯމް މިނިސްޓަރު އަލީ އިހުސާން ތަހުގީގުގެ ތެރެއިން އަމަލު ކުރެއްވި ގޮތާ މެދު ކޮމިޝަނުން ބުނީ:
1- ހާދިސާ ހިނގި ކުށުގެ ވެއްޓަށް އިހުސާން ޒިޔާރަތް ކުރައްވައި، ފޮޓޯ ނަންގަވައި ސީން އޮތް ގޮތް ބެލުމުގައި އޭނާ ހަރަކާތްތެރިވެވަޑައިގެންފައިވާ ކަމަށް
2- އެއީ ގާނޫނުއަސާސީގެ ދަށުން ވެސް އަދި ފުލުހުންގެ ގާނޫނުގެ ދަށުން ވެސް ހޯމްލޭންޑް މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް
3- ކުށުގެ ވެއްޓަށް ވަޑައިގެން، މައްސަލައެއްގައި ގާތުން މަސައްކަތް ކުރުމަށް އެކަމަށް ހާއްސަ އިޖުރާއަތުތަކެއް ކަނޑައެޅުން މުހިންމު ކަމަށް
އިހުސާން އާއި ދާއޫދުގެ ޗެޓްލޮގް
Dhaudh: I couldn't find the physical ID, Are these details ok
Ihusaan: Ok
Dhaudh: Police are saying Raud is the prime suspect and trying to incriminate my brother, but think all of this is an accident
Ihusaan: Let me check
Dhaudh: Thank you, Minister
Dhaudh: Minister there are joumalists outside my house. I don't know how they got my address
Dhaudh: Minister, they didn't arrest my brother tonigh. only searchede my house and asked questions they said, as long as my brother co-operates, then they won't ty to arrest him
Ihusaan: Tell your brother to fully corporate
ފުލުހުން ފަރުވާކުޑަ, އިހުމާލަށް ފިޔަވަޅު އަޅަންޖެހޭ
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ކޮމިޝަންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ކޮމިޝަނުން ދެކޭ ގޮތުގައި ފުލުހުން އަމަލުކޮށްފައިވަނީ ފަރުވާކުޑަކޮށެވެ.
1- އިންވެސްޓިގޭޓިވް އޮފިސަރަށް (އައިއޯ) އަށް ކޮމާންޑް ސެންޓަރުން މައުލޫމާތު ދީފައިވަނީ ރިޕޯޓް ލިބިގެން އެކަމަށް އެޓެންޑްވިތާ ގަޑިއެއްހާއިރު ފަހުން
2- އައިއޯ އަށް އެތަނަށް ދެވިފައިވަނީ ކުށުގެ ވެށިން ތަހުގީގަށް ނަގަންޖެހޭ ހެއްކާއި ގަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުން
3- އެހެންކަމުން، ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކިތައް އެ ވަގުތު ހޯދިފައި ނުވޭ
4- ޕެޓްރޯލް ބީޓުން އެތަނަށް ދިޔަ ފުލުހުން، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައަޅާފައި ނެތް އަދި ކުށުގެ ވެށި ރަނގަޅަށް ރައްކާތެރި ކޮށްދީފައެއް ވެސް ނުވޭ
5- ކްރައިމް ސީން އޮފިސަރު ސާޖަންޓް އަޒްހަދު ހަސަން މަނިކު، ފުލުހުންގެ މެނުއަލްއާ އެއްގޮތަށް، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސް ކޮށްފައެއް ނުވޭ
6- ޔުމްނު ވެއްޓިފައި އޮތް ހ. މިޓާޒްގެ ފުރާޅުމަތި ވެސް ރަނގަޅަށް ނުބަލައި، ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލާފައިވާ ދިޔަ
7- އެ ދުވަހުގެ ހަވީރު ފުލުހުން އެތަނަށް ދިޔަ ނަމަވެސް، މިޓާޒްގެ ފުރާޅުމައްޗަށް އަރައި، އެތަނުން ހެއްކެއް ލިބޭތޯ ވެސް ބަލާފައެއް ނުވޭ
8- ގުދަނެއް ހިންގައި މިޓާޒްގޭގެ އެތެރެއަކީ ވެސް މުހިންމު ތަނެއް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭއިރު، އެ ގުދަނުގެ އެތެރެ ވެސް ފުލުހުން ބަލާފައި ނުވޭ
އެހެންވެ, ހާއްސަ ކޮމިޝަނުން ވަނީ ފުލުހުންގެ ފަރާތުން މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ޑިޕާޓުމަންޓުތަކުގެ އެސްއޯޕީއަށް އެ ފުލުހުން އަލުން އަހުލުވެރިކޮށް އިތުރަށް ތަމްރީން ކުރަންޖެހޭ ކަމަށް ލަފާދީފަ އެވެ. ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް ވެސް ބުންޏެވެ.