މޫސާ ރަޝީދު

ދުނިޔޭގެ ކަޅި މިވަގުތު ހުއްޓިފައި އޮތީ އިރާނާއި އިޒްރޭލުން ދެ ގައުމަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކަށެވެ. ބަދަލު ހިފުމުގެ ރޫހެއްގައި އަސްކަރީ ގޮތުން ވަރުގަދަ ދެ ބާރުން ސީދާ ހަމަލާތައް ބަދަލު ކުރަމުން އަންނަ އިރު މިއީ ޣައްޒާގެ ނަސްލު ނައްތާލުމުގެ ހަމަލާތަކަށް ފަހު މެދު އިރުމަތީގެ މަސްރަހު ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ ގޯސްވަމުންނެވެ. އަދި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތްތަނުގައި އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ.

މިފަދަ ކޮންމެ ހަމަނުޖެހުމެއް ނުވަތަ ހަނގުރާމައަކާއެކު ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުން އާދެ އެވެ. އެގޮތުން 2022 ގައި ރަޝިއާ އިން ޔޫކްރެއިން އަށް ހަމަލާ ދޭން ފެށުމާއެކު ތެޔޮ ފީފާއެއްގެ 100 ޑޮލަރަށް ބޮޑުވެގެން ދިޔަ އެވެ. އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަމަލާތަކާ ގުޅިގެން ޔަމަނުގެ ހޫތީން ރަތް ކަނޑުގެ ޝިޕިން ލޭންތަކަށް ދެމުން ގެންދާ ހަމަލާތަކާއެކު ވެސް ސަޕްލައި ޗެއިންގެ ލަސްވުމާއި އަގުތައް އަރައިގެން ދިޔުމުގެ މައްސަލަތައް ދިމާވި އެވެ.

ހަމަ އެގޮތަށް އިރާން އާއި އިޒްރޭލް އިން މިހާރު ފަށާފައިވާ ވަރުގަދަ ހަމަލާތަކާއެކު ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް އޭގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. މައިގަނޑު އެއް ސަބަބަކީ ރާއްޖެ އާއި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ތެޔޮ ބޭރު ކުރާ ކަނޑުއޮޅި، ސްޓްރެއިޓް އޮފް ހޮމްރޫޒް އެވެ. އެ ނުތަނަވަސްކަމާއެކީ ވެސް މިހާރު ތެލުގެ ބާޒާރަށް ލޮޅުންތަކެއް އަންނަން ވަނީ ފަށައިފަ އެވެ.

ހޮމްރޫޒް: ރާއްޖެ އަށް ތެޔޮ އެތެރެ ކުރާ މަގު

ހޮރްމޫޒް އަކީ ދުނިޔޭގެ އިގްތިސާދުގެ އެންމެ ނާޒުކު ކަނޑުއޮޅި އެވެ. ނުވަތަ ގްލޯބަލް އިކޮނޮމީގެ ޗޯކް ޕޮއިންޓް އެކެވެ. މުޅި ދުނިޔޭގެ ބާޒާރުތަކަށް ފޯރުކޮށްދޭ ތެލާއި ގުދުރަހީ ގޭހުގެ ފަސްބައިކުޅަ އެއްބައި ނުވަތަ އެއަށް ވުރެ ވެސް ގިނައިން އެ ކަނޑުއޮޅި ހުރަސް ކުރަން ޖެހެ އެވެ.

ކޮންމެ އަހަރަކު 33،000 އުޅަނދު އެ ހަނި ކަނޑުއޮޅި ހުރަސް ކުރެ އެވެ. އެއީ ގާތްގަނޑަކަށް ދުވާލަކަށް 90 އުޅަނދެވެ. އެ އުޅަނދުތަކުން 21 މިލިއަން ފީފާ ތެޔޮ އުފުލަ އެވެ. އެއީ 1.2 ބިލިއަން ޑޮލަރުގެ އަގު ހުރި ތެލެވެ.

ސްޓްރެއިޓް އޮފް ހޮމްރޫޒް

ސްޓްރެއިޓް އޮފް ހޮރްމޫޒްގެ އެންމެ ހަނި ހިސާބުގައި އޭގެ ފުޅާމިނަކީ އެންމެ 33 ކިލޯމީޓަރެވެ. އެތަނުގައި އޮންނަނީ ދެ ޝިޕިން ލޭން އެކެވެ. އެއް ލޭން އިން ތެޔޮ ބޯޓުތައް އެތެރެވާއިރު އަނެއް ލޯން އިން ބޭރު ވެ އެވެ. އަދި ކޮންމެ ލޭނެއްގެ ފުޅާ މިނަކީ ތިން ކިލޯމީޓަރެވެ.

ގަލްފުގެ ގާތްގަނޑަކަށް 90 ޕަސެންޓު ހުރިހާ ތެލެއް ހޮމްރޫޒް އިން ނުކުމެގެން އަންނަ އިރު އެ ކަނޑު އޮންނަނީ އިރާން އާ ޖެހިގެންނެވެ.

އެ ސަރަހައްދުގެ މަސްރަހު ހޫނުވާ ކޮންމެ ފަހަރަކު އިރާނުން އެ ކަނޑުއޮޅި ބަންދު ކުރާނެ ކަމުގެ އިންޒާރު ދެމުން އަންނަ އިރު ރާއްޖެ އަށް ވެސް އެންމެ ގިނައިން ތެޔޮ އެތެރެ ކުރަމުން އަންނަނީ މެދުއިރުމަތިންނެވެ. އަދި އެ ތެޔޮ ހުރަސް ކުރަން ޖެހެނީ ވެސް ހޮމްރޫޒް އިންނެވެ. އެހެންވެ އެ ލޭން ބަންދު ކޮށްފި ނަމަ ނުވަތަ ކޮށްފާނެ ކަމުގެ ބިރު އޮތް ނަމަ ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އައިސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް ވަރަށް ބޮޑަށް އޭގެ ގެއްލުން ވާނެ އެވެ.

މިވަރުގެ ލޮޅުމަކަށް ރާއްޖެ ތައްޔާރެއް ނޫން

އިޒްރޭލް އާއި އިރާންގެ ހަމަނުޖެހުން ހިނގަން ފެށި ހިސާބުން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި މިދިޔަ ދެތިން ދުވަސް ތެރޭގައި ތެލުގެ ބާޒާރަށް ލޮޅުން އަރައިފި އެވެ. އެގޮތުން ހަމަލާތައް ދޭން ފެށުމާއެކު ތެލުގެ އަގުގެ މިންގަނޑު ކަނޑައަޅައި ބްރެންޓް ކްރޫޑް އޮއިލް ވަނީ 10 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ. އަދި ތެޔޮ ފީފާއެއްގެ އަގު ހުރީ 74.23 ޑޮލަރުގަ އެވެ. މިއީ ކުރިމަތިލުންތައް ފެށުމުގެ ކުރިން ހުރި އަގަށް ވުރެ ހަތް ޕަސެންޓް އިތުރުވުމެކެވެ.

އެކަމާ ގުޅޭ ގޮތުން "އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު "ސިޓިޒެން" އަށް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ރާއްޖެ އަށް ލިބެނީ އަހަރަކު 1.1 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 700 މިލިއަން ނުވަތަ 60 ޕަސެންޓު ހޭދަ ކުރަނީ ތެޔޮ އެތެރެ ކުރުމަށެވެ.

މި ހަމަނުޖެހުމުގެ ތެރެއިން ސަޕްލައި ޗެއިން އަށް އަންނަ ބަދަލުތަކާއެކު ތެލުގެ އަގު 100 އިން މައްޗަށް ގޮސްފި ނަމަ ރާއްޖެ އަށް ލިބޭ ޑޮލަރުގެ ވަރަށް ބޮޑުބައި ހޭދަ ކުރަން ޖެހި ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާރު ވެސް ވިޔަފާރިތަކަށް ޑޮލަރު ލިބުން އިންތިހާ އަށް ތާށިވެފައިވާ އިރު ޑޮލަރުގެ ބާޒާރަށް އޭގެ އަސަރުކޮށް މުދަލުގެ އަގު އުފުލުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އަމްރު ވިދާޅުވި އެވެ. އަދި ރާއްޖެ އަކީ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ބޭރުން އެތެރެ ކުރާ ބަޔަކަށް ވާއިރު ދުނިޔޭގެ ޝިޕިން ލޭނަށް އަރާ ބުރޫތަކާ ހެދި ވެސް އިމްޕޯޓް އަގަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު: ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާ ހެދި ރާއްޖެ އަށް ބޮޑެތި ގެއްލުން ވެދާނެ ކަމަށް ވިދާޅުވި--ފޮޓޯ: މިހާރު

"ރާއްޖެ އަށް އެކަންޏެއް ނޫން، މުޅި ދުނިޔެ އަށް މީގެ އަސަރު ފޯރާނެ. އެހެން ގައުމުތަކުގެ އިންފްލޭޝަން މަތިވުމާއި ހާލަތު ގޯސްވަމުން ދާވަރަކަށް ރާއްޖޭގެ ޓޫރިޒަމަށް ވެސް އެބަ އަސަރު ކުރޭ." އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު މިވަގުތު އޮތީ ދުނިޔެ އަށް އަންނަ އެވަރުގެ ބަދަލެއް ހިފަހައްޓާލެވޭ ގޮތަކަށެވެ ނޫނެވެ. އިގްތިސާދީ ހާލަތު ގޯސްވެ އަންނަ އަހަރު ބޮޑު ދަރަންޏެއް ދައްކަންވެފައި އޮތް އިރު އެ ދަރަނި ދެއްކުމަށް ވެސް ޑޮލަރު ހޯދާނެ މަގެއް އަދި ނުދައްކަ އެވެ. ސަރުކާރުން ދަރަނި ދައްކަން އިތުރު ދަރަނިތައް އެހެން ގައުމުތަކުން ނަގަމުން އައި ނަމަވެސް ރާއްޖޭގެ ރޭޓިން ދަށްވުމާއި ދުނިޔޭގެ މަސްރަހު ހޫނުވެފައި އޮތުމުން އެހެން ގައުމުތަކުން ވެސް އެފަދަ އެހީތައް ލިބުން އިތުރަށް ދަތިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު އޮތް ހާލަތުން ސަލާމަތް ވުމަށް ހަރަދުތައް ކުޑަ ކުރުމާއި އިސްލާހީ ފިޔަވަޅުތައް އަޅަން މާލީ އިދާރާތަކުން ގޮވާލަމުން އަންނަ އިރު ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާ ހެދި ރާއްޖެ އިން ތެލާއި އެހެނިހެން އިމްޕޯޓަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމަކީ އެއީ ރާއްޖެ އަށް މިވަގުތު ހިފަހައްޓާލެވޭނެ ގެއްލުމެއް ނޫނެވެ.

ލޮޅުންތައް އާންމުންނަށް އިހުސާސް ނުވަނީ ކީއްވެ؟

ވޭތުވެދިޔަ ދުވަސްތަކުގައި ވެސް ދުނިޔޭގައި ބޮޑެތި ހަމަނުޖެހުންތައް އައުމާއި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އައި ނަމަވެސް ދިވެހިންގެ އާންމު ދިރިއުޅުމަށް މާ ބޮޑު އަސަރެއް ކުރާ ކަމަކަށް ގިނަ ބަޔަކު ނުދެކެ އެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ބޭރުން އަންނަ ހުރިހާ ލޮޅުންތަކުގެ ހުރިހާ ޑެމޭޖެއް އުފުލަނީ ސަރުކާރުންނެވެ. ގެއްލުންވާ ބައި ފޫ ބައްދާފައި އާންމުންނަށް ހެޔޮ އަގެއްގައި ކަންކަން ފޯރު ކޮށްދިނުމަށް ގިނަ ހިދުމަތްތައް ސަބްސިޑައިޒް ކޮށްފައި އޮންނާތީ އެވެ.

ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަޔަސް ކަރަންޓު ބިލުން އެކަން ނުފެންނަ އެއް ސަބަބަކީ އެއީ އެވެ. ބިލު ބޮޑުވާ ހަމައެކަނި މައްސަލައަކީ ސްޓެލްކޯ އިން ބުނާ ގޮތުން ހޫނު ގަދަވުމެވެ. ހަނގުރާމަތަކާ ހެދި އަންނަ ލޮޅުންތަކުގެ އަސަރު ނުކުރަނީ ސަރުކާރުން ވަރަށް ބޮޑަށް ސްޓެލްކޯ އަށް ޑައިރެކްޓް ސަބްސިޑީ ދީފައި އޮންނާތީ އެވެ.

ހަމަ އެގޮތަށް މަސްވެރިންނަށް ވިއްކާ ތެލުގެ އިތުރުން ރާއްޖޭގައި ބޭސްފަރުވާ އާއި ގިނަ ކަންކަމަކީ ސަރުކާރުން ހަރަދު ކުރާ ކަންކަމެވެ.

"ސަރުކާރުން ގިނަ ކަންކަން މި ކޮނޑުގަ އަޅައިގެން މި ހުންނަނީ. ހަމައެކަނި އިމްޕޯޓު ބޮޑުވެގެން ތަކެތީގެ އަގު އުފުލުނީމަ ރައްޔިތުންނަށް މި އިހުސާސް ކުރެވެނީ" އިގްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"ސަރުކާރުން މިހާރު ވެސް އޮތީ ހަރަދު ކުޑަ ކުރަން ޖެހިފަ. ބައެއް ސަބްސިޑީ ކަނޑާލަން ވެސް ރާވައިގެން ކުރިން ތިބީ. މިހެން ތިއްބާ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާ ހެދި އޭތި ހިފަހައްޓާ ނުލެވިއްޖެ އާ ކުއްލިއަކަށް އެ ހުރިހާ ސަބްސިޑީއެއް ކަނޑާލަން ޖެހޭނީ. ރައްޔިތުންނަށް އިހުސާސްވާއިރު ވާނީ ބޮޑުކޮށް." އޭނާ ވިދާޅުވި އެވެ.

ތައްޔާރު ވާން ކުރަން ޖެހޭނީ ކޮން ކަމެއް؟

އަމްރު އަދި މި މައްސަލާގައި "ސިޓިޒެން" އާ ވާހަކަ ދެއްކެވި އެހެން ބޭފުޅުން ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ މިހާރު އޮތް ހާލަތާ ގުޅޭ ހަގީގީ ސާފު މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމެވެ. ރާއްޖޭގެ ރިޒާވް ހުރި މިންވަރާއި އެހެނިހެން މައުލޫމާތުތައް ހާމަ ކުރުމެވެ. އަދި އަޅަން ގަސްތު ކުރާ ފިޔަވަޅުތައް ވެސް ކުރިއާލާ ހާމަ ކުރުމެވެ.

އެއާއެކީ ދައުލަތުގެ ހިންގުމުގެ ހަރަދުތައް ކުޑަ ކުރުމުގެ މަސައްކަތް ކުރަން ޖެހެ އެވެ. އަދި ސަރުކާޜުން ކުރިން ރާވާފައިވާ ގޮތަށް އިސްލާހީ ފިޔަވަޅުތައް އެޅަން ޖެހެ އެވެ. އަދި ކޮރަޕްޝަނާއި އިސްރާފާ ހެދި ދައުލަތުން އެތައް ފައިސާއެއް ގެއްލިގެން ދިޔުން ކުޑަ ކުރުމަށް ފިޔަވަޅުތައް އަޅަން ޖެހެ އެވެ.

މެދުއިރުމަތީގެ ގައުމުތަކާއި އަވަށްޓެރި ގައުމުތަކުން ދޭ ލޯނުތަކާއި އެހީތަކަށް އެކަނި ބަރޯސާ ނުވެ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެ ނޫން ނަމަ ކުއްލިއަކަށް އަންނަ ޝޮކަކުން ގެއްލުން ތަހަންމަލު ކުރަން ދަތިވާނެ އެވެ.