ކޮންމެ ފަސް އަހަރަކުން އެއް ފަހަރަކު ކޮންމެ ވެސް އެއްބަޔަކު ނުކުމެ ދައުލަތުގެ ކުންފުނިތަކުގައި ހުރި ބޮޑެތި މައްސަލަތަކާއި އިސްލާހީ ފިޔަވަޅުތަކުގެ ވާހަކަ ދައްކަ އެވެ. އެކަމަކު ޖެހިގެން އަންނަ ފަސް އަހަރު ނިމިގެން ދަނީ ކުންފުނިތައް ހުލިކޮށްލައި ދަރަނިތައް ފުނި ޖައްސައިފަ އެވެ. އަނެއްކާވެސް އާ ސަރުކާރަކުން ތަފާތު ނަމެއްގައި އެއް މަސައްކަތެއް ކުރާ އާ ކުންފުނިތަކެއް އުފައްދަ އެވެ. އެ ކުންފުނިތައް ވެސް ޖެހެނީ ހަމަ އެއްތާކު އެވެ.
ސަރުކާރާއި ރައްޔިތުންގެ ފައިދާ އަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނިތަކުގެ މައްސަލަތަކުގެ ވާހަކަ ދައްކާނަމަ ކޮޅުން ނުލާނެ އެވެ. މިއީ ކުޑަ މިސާލެކެވެ.
ރާއްޖޭގެ ރަށްރަށުގައި ތާރު އެޅުމާއި މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ނަމުގައި ކުންފުންޏެއް އުފެއްދި އެވެ. ފަސް އަހަރު ނިމުން އިރު އެތައް މިލިއަނެއްގެ ކޮރަޕްޝަނާއި އިސްރާފާއި ބޮޑެތި ގެއްލުމާއި ދަރަންޏާ ހެދި ކުންފުންޏަށް އޮތީ ހިރި ނުލެވޭ ވަރުވެފަ އެވެ. އެންމެ ފަހުން މައްސަލަތައް އޮތް ގޮތަށް ބާއްވާފައި އެމްއާރްޑީސީ އުވާލި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަލުން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ނަމުގައި އެ ކުންފުނި އުފެއްދި އެވެ. މަގްސަދަކީ ހަމަ އެކައްޗެކެވެ. ރާއްޖޭގެ މަގު ހެދުމާއި ބްރިޖުތަކާއި ކޯސްވޭތަކާއި ތާރު އެޅުން ފަދަ މަސައްކަތް ކުރުމެވެ. ނަމަވެސް އެ ފަސް އަހަރު ނިމުނީ ވެސް އާރްޑީސީ މަގުން ކައްސާލައި ދަރަނިވެ, އަޑި ނޭނގޭ ވަރުގެ ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކާއެކު އެވެ. ރީބްރޭންޑް ވީ ހަމައެކަނި ކުންފުނީގެ ނަމާއި ލޯގޯ އެވެ.
މި ސަރުކާރުން އެ ކުންފުނި އެ ގޮތަށް ބާއްވައިގެން މިހާރު އަންނަނީ ބޮޑެތި އެތައް މަޝްރޫއެއް ހަވާލު ކުރަމުންނެވެ. ޕްރޮޖެކްޓުތަކުގައި ސޮއި ކުރުމުގެ ބޮޑެތި ރަސްމިއްޔާތުތަކެއް ބާއްވާ އިރު ފެންނަނީ މަގު ހެދުމުގެ ބަދަލުގައި މުޅިން އެހެން މަސައްކަތްތަކެއް އެ ކުންފުންޏާ ހަވާލު ކުރާ ތަނެވެ. ހޮސްޕިޓަލާއި ޕޮލިސް ސްޓޭޝަނާއި ސްކޫލު އެޅުމާއި ކުނި މެނޭޖު ކުރާ ތަންތަނާއި ދަނޑުތަކުގެ މަސައްކަތެވެ. މިއީ މަގު ހަދުމުގެ މަގްސަދުގައި އުފެއްދި ކުންފުނީގެ މެންޑޭޓުން ބޭރު ކަންކަމެވެ. އެކަމަކު އެތައް މަޝްރޫއެއް މިގޮތަށް ހަވާލު ކުރަމުން އަންނަ އިރު އާރްޑީސީ އަނެއްކާވެސް މަގު އޮޅުނީތޯ ބަލައިލަން ޖެހެ އެވެ.
ތާރެއް ނޭޅޭ، މަގެއް ނުނިމޭ!
"އާރުޑީސީ އިން މި ވަގުތު އަމިއްލަ އަށް ތާރު އެޅުމުގެ ކެޕޭސިޓީ ނެތުމާ އެކު، ތާރު އެޅުމުގެ މަސައްކަތް ނުފެށިފައި އޮތީ. އެ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރުޑީސީއާ އެކު މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން."
މިއީ ރާއްޖޭގެ މަގު ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ އާރްޑީސީ އޮތް ހާލަތާ ގުޅޭ ގޮތުން މިދިޔަ މަހު ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބް ވިދާޅުވި ވާހަކަ އެކެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރަށްރަށުގައި ފަށާފައިވާ މަގު ހެދުމުގެ މަޝްރޫއުތައް އެއްގޮތަކަށް ވެސް ކުރިޔަށް ނުދާ ކަމުގެ ޝަކުވާއާއެކު މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެއްވެސް މަސައްކަތްތަކެއް ކުރިޔަށް ނުގެންދާތީ މަޖިލިސް މެންބަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އިދިކޮޅު މެންބަރުން ވަނީ ސަރުކާރުން ގަސްތުގައި މަޝްރޫއުތައް ހުއްޓާލައިގެން ތިބި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އާރްޑީސީގެ މަސައްކަތް ހުއްޓިފައި އޮތީ އެ ކުންފުނީގެ ގާބިލްކަން ނެތް ވަރުން ކުރީ ސަރުކާރުން މަސައްކަތް ހަވާލު ކޮށްފައި އޮތުމެވެ. މަގު ހެދުމުގެ 37 މަޝްރޫއެއް ވަނީ ހަވާލު ކޮށްފަ އެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު މަސައްކަތަކަށް އައްޑޫ ލިންކު ރޯޑުގެ 67.58 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ވެސް ހަވާލު ކޮށްފައި އޮތީ އާރްޑީސީ އާއެވެ.
ސަރުކާރުން އެކި ފަހަރުގެ މަތިން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު އާރްޑީސީން ގިނަ މަސައްކަތްތައް ކުރިޔަށް ގެންދަނީ ވެސް ސަބް ކޮންޓްރެކްޓް ކޮށްގެނެވެ. އެގޮތަށް ބައެއް މަޝްރޫއުތައް އިންޑިއާގެ ކުންފުނިތަކަކާ ވެސް ވަނީ ހަވާލު ކޮށްފަ އެވެ. ނަމަވެސް އޭގެ ސަބަބުން މަސައްކަތް ލަސްވުމުގެ ބޮޑެތި މައްސަލަތަކެއް ދިމާވާ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
މިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ މާލޭގެ އަމީނީ މަގު ހެދުމުގެ މަޝްރޫއިންނެވެ. އާރްޑީސީން މަގު ކޮނެ ހޮޅި ވަޅުގައި ކާނު ހެދުމުގެ މަސައްކަތް ނިންމާލި ނަމަވެސް ތާރު އެޅުމާ ހަމައިން މަސައްކަތް މަޑު ޖެހުނެވެ. އެތައް މަސްތަކަށް ފަހު އެންމެ ފަހުން އެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީ އާއެވެ. މަގު ހަދާ ކުންފުންޏަށް މަގެއް ނުހެދެ އެވެ.
އެ ކުންފުނިން ވެބްސައިޓުގައި އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާރު ވެސް ހަވާލު ކޮށްފައިވާ ގިނަ މަޝްރޫއުތައް އޮތީ ނުނިމި އެވެ. އެހެން ނަމަވެސް މި ސަރުކާރުން އަނެއްކާ ވަނީ އިތުރު ގިނަ މަޝްރޫއުތަކެއް އާރްޑީސީ އާ ހަވާލު ކޮށްފަ އެވެ.
ފޯކަސް މަގު ހެދުން ނޫން އެހެން ކަންކަމަށް
މި މަހު 10 ވަނަ ދުވަހު އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނަރަލް ރިޑަޔަޑް އަލީ ޒުހައިރު ދައުލަތުގެ މީޑިއާ، "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އެ ކުންފުނީގައި މިވަގުތު ނުނިމި ހުރި މަގު ހެދުމުގެ މަސައްކަތްތައް ނިންމުމުގެ މަސައްކަތް ކުރިޔަސް އެންމެ އިސްކަމެއް ދީގެން ކުރަނީ "ނިއު އިނީޝިއޭޓިވް" ގެ ދަށުން މި ސަރުކާރުން މި އަހަރު ނިންމަން ހަވާލު ކޮށްފައި ހުރި މަސައްކަތްތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޮލިސް ސްޓޭޝަން އެޅުމާއި ކުނި މެނޭޖް ކުރާ ތަންތަނާއި ބައެއް ފުޓްސަލް ދަނޑުތަކާއި ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތެވެ.
"..މަގު ހެދުމުގެ ކަންކަން ކުރިޔަށް ދާނެ. އޭގެ އިތުރުން މި އަހަރު ނިންމަން ޖެހޭ ބައެއް މަޝްރުއުތައް އެބަހުރި، އޭގެ ތޭރޭގައި ޕޮލިސްޓް ސްޓޭޝަން އެޅުމާއި އައިލެންޑް ވޭސްޓް އަށް އެންމެ ބޮޑު އިސްކަމެއް މި ދެނީ. އޭގެ އިތުރުން ބައެއް ދަނޑުތަކަކީ ވެސް އެއީ މި އަހަރު ނިންމަން ޖެހޭ ޕްރޮޖެކްޓުތަކުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ހުރި ޕްރޮޖެކްޓުތައް." ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ނިއު އިނީޝިއޭޓިވްގެ ތެރެއިން މިހާރު ވެސް 109 މަޝްރޫއެއް ހިންގަން ވަނީ ސޮއި ކޮށްފަ އެވެ. އޭގެ ތެރެއިން 68 މަޝްރޫއެއްގެ މަސައްކަތް މޮބިލައިޒް ކުރުމުގެ މަސައްކަތް ކުރިޔަށް ދެ އެވެ. އަދި މަގު ހެދުމުގެ މަޝްރޫއުތައް ނުލައި 28 މަޝްރޫއެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު މަގު ހެދުމުގެ މަޝްރޫއު ނޫން އެހެން މަސައްކަތްތަކަށް ވަރަށް ބޮޑަށް ފުޅާ ކޮށްފައިވާ އިރު އެ މަސައްކަތްތައް ވީހާވެސް އަވަހާލަށް ނިންމުމަކީ ކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން ވެސް މިހާރު ހުއްޓީފައި ހުރި މަސައްކަތްތައް އަލުން ފަށައިގެން ކުރިޔަށް ގެންދާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
ސަރުކާރުގެ ނިއު އިނީޝިއޭޓިވް ޕްލޭންގެ ތެރެއިން ރާވާފައި ވަނީ ރަށްރަށުގައި ހުރި ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތަކެއް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރުމުގެ ބަދަލުގައި ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ކުރުމަށެވެ. ސަބަބެއް ކަމުގައި ސަރުކާރުން ބުނެފައި ވަނީ ކޮސްޓް ވެލިއުގައި މަޝްރޫއުތައް ކުރިޔަށް ގެންދިޔުމެވެ. އޭގެ ސަބަބުން ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.
އެގޮތުން ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާ އެމްޓީސީސީ އާއި އާރްޑީސީ އަދި ފެނަކަ ކޯޕަރޭޝަން އާ ވާނީ ހަވާލު ކޮށްފަ އެވެ. އޭގެ ތެރޭގައި 18 ރަށެއްގެ ސްކޫލް އިމާރާތް އެޅުމާއި 77 ރަށެއްގައި ކުޅިވަރު މަޝްރޫއުތައް ހިންގުން ވެސް ހިމެނެ އެވެ.
"މެންޑޭޓުން ބޭރުވާނަމަ ވާނީ ގެއްލުން"
އެކަމާ ގުޅޭ ގޮތުން "ސިޓިޒެން" އާ ވާހަކަ ދެއްކެވި ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އާރްޑީސީން މަގު ހެދުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭ އިރު އެ ދާއިރާ އިން ކުންފުނި ތަރައްގީ ކުރުމުގެ ބަދަލުގައި އެކަން ދޫކޮށް ކޮންސްޓްރަކްޝަން އާއި އެހެނިހެން ދާއިރާތަކަށް ދިޔުމަކީ ކުންފުނީގެ ހާލަތު އިތުރަށް ގޯސްވާނެ ކަމެކެވެ.
"އަމީނީ މަގު މިހާރު އެ އޮތީ ހަލާކުވެފަ. އަލުން ހަދަން ސަރުކާރަށް އިތުރު ހަރަދުތަކެއް ކުރަން ޖެހިފައި. އަދި މުޅިން އާ މަސައްކަތް އަލަށް ކުރަންޏާ މިފަދަ ކަންކަން ދިމާވުމުގެ ފުރުސަތު ބޮޑު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ކަމަކަށް މިހާރު ހަވާލު ކޮށްފައިވާ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރާނެ މެޝިނަރީ އެއް އަދި އިކުއިޕްމަންޓެއް ވެސް ނޯންނާނެ އެވެ. އަދި އެކަމުގެ "ނޯހައު" އެނގޭނެ ގާބިލް މީހުން ވެސް އެ ކުންފުނީގައި ނުތިބޭނެ އެވެ. އެކަންކަން ވާނީ އާރްޑީސީ އަށް މުޅިން އާ މަސައްކަތްތަކަކަށެވެ. އޭގެ ސަބަބުން މަސައްކަތް ލަސްވެ ދައުލަތަށް އިތުރަށް ގެއްލުން ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަސައްކަތް ކުރާ ތަޖުރިބާ ހުރި އަމިއްލަ ކުންފުންޏަކަށް ސައިޓެއް މޮބިލައިޒް ކޮށްލަން އެހާ އުނދަގުލެއް ނުވާނެ. މަސައްކަތް އަވަސް ވާނެ. އެކަމަކު އާރްޑީސީ ޖެހޭނީ މީގެ ގިނަ ކަންކަން ސުމަކުން ފަށަން. މިހާރު ވެސް ނުނިމޭ އެތައް މަޝްރޫއެއް އޮތް އިރު މިކަންކަން ދިގުލައިގެން ދާ ވަރަކަށް ގެއްލުން ވާނީ ދައުލަތަށް." އޭނާ ވިދާޅުވި އެވެ.
އާރްޑީސީގެ އެމްޑީ ވެސް ޕީއެސްއެމްގެ އިންޓަވިއު ތެރެއިން އެކަމަށް އިޝާރަތް ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސްކޫލްތަކާއި ހޮސްޕިޓަލް ހެދުން ފަދަ ކަންކަމަކީ މަގު ހެދުމާ ވަރަށް ތަފާތު ވަކި ފަންނެކެވެ. މިކަމަށް ބޭނުންވާ އާކިޓެކްޓުންނާއި އިންޖީނިއަރުންނާއި އެހެން ފަންނަނީ މުވައްޒަފުން އެ ކުންފުންޏަށް މިހާރު އޮތީ ވަރަށް ބޮޑަށް ބޭނުން ޖެހިފަ އެވެ.

އާރްޑީސީ މެދުވެރިކޮށް މި މަސައްކަތް ކުރުމަކީ ސަރުކާރުން ހަރަދު ކުޑާ ކުރުމަށް ފަށާފައިވާ އާ ސިޔާސަތުގެ ދަށުން ކުރާ ކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ މައްސަލަތަކާ ހެދި ދައުލަތަށް އިތުރަށް ހަރަދު ބޮޑުވެ ގެއްލުން ވުމުގެ ފުރުސަތު އެބައޮތެވެ. އަދި ގިނަ މަސައްކަތް ސަބް ކޮންޓްރެކްޓު ކުރަން ބޭނުން ވިޔަސް މެޓީރިއަލް ހޯދުމާއި އެކިއެކި ކަންކަމަށް މިހާރު ވެސް އަމިއްލަ އެތައް ކުންފުންޏަކަށް އާރްއެފްކިއުތައް ވަނީ ފޮނުވައިފަ އެވެ.
"މިއީ ފައިސާ ލިބޭނެ ކުންފުންޏެއް ނޫން. ކޮސްޓް ވެލިއުގަ ކުރަން އެ ރާވަނީ. އެހެންވެ ފައިސާއެއް ނުލިބޭނެ ކުންފުންޏަކަށް މަސައްކަތް ކޮށްދިނުމުގެ ބޭނުމެއް ވެސް ނެތް." އަމިއްލަ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި އެވެ.
އާރްޑީސީ އަށް އެތައް މަޝްރޫއެއް ހަވާލު ކުރަމުން އަންނަ އިރު ސަރުކާރުން އެއް ކަމަކަށް އޮތީ އަޅައި ނުލައި ދޫކޮށްލައިފަ އެވެ. އެއީ އެ ކުންފުނީގެ އަޑި ނޭނގޭ ކޮރަޕްޝަންގެ މައްސަލަތަކެވެ .އެތައް އަހަރެން ވަންދެން އޮޑިޓް ނުހަދާ އޮތް މައްސަލަ އެވެ. އެތެރޭގައި ހިނގާ ކޮރަޕްޝަންތައް ބަލައި އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނާޅާ ތިބުމަކީ ވެސް ކުންފުނި ހަމަ މަގުން ނެއްޓި އިތުރު ގެއްލުންތައް ވާން މެދުވެރިވާ ސަބަބެކެވެ.
ސަރުކާރާއި ރައްޔިތުންނަށް ފައިދާ އަކަށް އުފައްދާފައިވާ މި ކުންފުނިތަކުގެ ސަބަބުން ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް ވަނީ ގެއްލުމެވެ. ސަރުކާރުން އެތައް މިލިއަނެއް ހަރަދު ކޮށްގެން ނޫނީ މި ކުންފުނިތަކެއް ނުހިންގެ އެވެ. އޭގެ މައްޗަށް ކޮރަޕްޝަންތަކާއި އިސްރާފާއި ސިޔާސީ ވަޒީފާ ދިނުމުގެ އެތައް މައްސަލަތަކެއް އޮވެ އެވެ.
މި މައްސަލަތައް ހައްލުކޮށް އާރްޑީސީއަކީ ރާއްޖޭގައި މަގު ހަދާ އެންމެ ވަރުގަދަ ކުންފުންޏަށް ހެދުމާއި އެ ދާއިރާގެ މެޝިނަރީތަކާއި އެކްސްޕަޓީޒް އެ ކުންފުންޏަށް ގެނެސްގެން ތަރައްގީ ކުރުމުގެ ބަދަލުގައި އަދިވެސް އަމާޒު ހުރީ މުޅިން ކަމާ ނުގުޅޭ މަސައްކަތްތައް ކުރުވުމެވެ. އަދި އެކި ނަން ނަމުގައި އެއް މަސައްކަތެއް ކުރާ އިތުރު ކުންފުނިތަކެއް މި ސަރުކާރުން ވެސް ހަދައިފި އެވެ. މިއީ ހަމަ މަގަށް އަޅުވަން ޖެހޭ ކަންކަމެވެ.