ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅުއްވާ ކަން އެމްޑީޕީގެ ބައެއް މެންބަރުންނަށް ހާމަ ކުރެއްވި ހިސާބުން މީޑިއާ އަށް އެކަން ތިލަވެ އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ކެމްޕެއިން ފެއްޓެވި އެވެ. ނަމަވެސް ނަޝީދުގެ އެ މެސެޖަށް ލިބުނު ޖަވާބާއި އެމްޑީޕީގެ ތެރޭގައި އޭގެ ރިއެކްޝަން އައި ގޮތް ބައެއް މެންބަރުން ކައިރީ ސުވާލު ކޮށްލުމުން ލިބުނީ ތަފާތު ޖަވާބުތަކެކެވެ.
"ޕާޓީގެ ތެރޭގައި ވީ ކަންކަމާއި ޕާޓީ އަށް ލިބުނު ގެއްލުން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވޭ." އެމްޑީޕީގެ ދުވަސްވީ މެންބަރަކު ވިދާޅުވި އެވެ. "އެ މެސެޖަކީ އެއީ މަސްރަހު ޓެސްޓު ކޮށްލުމެއް. ރިއެކްޝަން ހުރި ގޮތަކުން އަދި ވާދަވެސް ނުކޮށްފާނެ."
"ޕާޓީގެ ތެރޭގައި އެކަމަށް މާ ބޮޑު ސަމާލު ކަމެއް ލިބުނު ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ކޮންމެ ގޮތެއް ވިޔަސް ނަޝީދުގެ ނަން އަންނަންޏާ އެއީ ކުޑަ ކަމެއް ނޫން. އެކަމަކު މެންބަރުންގެ ތާއީދު އެވަރަށް އޮންނާނެ ކަމަކަށް ނުބެލެވޭ." އެމްޑީޕީގެ ލީޑާޝިޕްގައި މިހާރު ހުންނެވި މެންބަރަކު ވިދާޅުވި އެވެ.
"ސިޓިޒެން" އާ ވާހަކަ ދެއްކެވި އެހެން މެންބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ބައެއް އިސް މެންބަރުން އެގޮތަށް ދެކިވަޑައިގަންނަވާ ސަބަބަކީ މިހާރު ޕާޓީގެ ތެރޭގައި ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަމެވެ. ނަޝީދަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ ޓިކެޓަށް މިހާރު އޮތް ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގަތުމެވެ. މިހާރު ގިނަ މެންބަރުން އެކި ކޮޅު ކޮޅަށް އަރައި ފެކްޝަންތައް ހަދާފައިވާ އިރު އޭގެ ތެރެއަށް ވަނުމާއި އަލުން އެމްޑީޕީގެ އިތުބާރު ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ނަޝީދުގެ ކަޅި ފެށުނީއްސުރެ ހުއްޓިފައި އޮތީ އެމްޑީޕީ އަށް ކަން މި އަހަރު ތެރޭގައި ކަންކަން ހިނގަމުން އައި ގޮތުން ސާފުވާ ކަމަށް އެ މެންބަރުން ދެކެ އެވެ.
އެއް ކަމަކީ ޑިމޮކްރެޓްސްގެ އިސް ގިނަ މެންބަރުންތަކެއް މި އަހަރު ކުއްލި ގޮތަކަށް އެމްޑީޕީ އާ ގުޅިވަޑައިގަތެވެ. އެ ޕާޓީއާ ކުރިން ޖެހުނު ހުރިހާ މައްސަލަތަކެއް "ހަނދާނުން ފޮހެލާފައި" އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް އާއި ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އަދި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ހުސެއިން އަމްރު އެ ޕާޓީ އާ ގުޅިވަޑައިގަތެވެ. މިއީ ނަޝީދާ އެންމެ އަރިސް މެންބަރުންނެވެ.
އެ މެންބަރުންނަށް މަރުހަބާ ވިދާޅުވެ ޕާޓީގެ މިހާރުގެ ޗެއާޕާސަން އަދި ފައްޔާޒް އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްތެއްގައި ވިދާޅުވި ގޮތުގައި "މުސްތަގުބަލު އޮތީ އެމްޑީޕީގަ އެވެ." އެ ވާހަކައަށް ތާއީދު ކުރައްވައި ނަޝީދު ވަނީ އެ ޕޯސްޓު ޝެއާ ކުރައްވައިފަ އެވެ. އެ ދުވަސްވަރު ބައެއް ފަރާތްތަކުން ގަބޫލު ކުރައްވާ ގޮތުގައި މިއީ ނަޝީދު ވެސް އެމްޑީޕީ އަށް އެނބުރި އަންނާނެ ކަމުގެ އަލާމާތެކެވެ.
ޖެހިގެން އައި ދުވަހު ޖެނުއަރީ 13، 2025 ގައި ނަޝީދު އެކަސްގައި ދިގު ޕޯސްޓެއް ކުރެއްވި އެވެ. އަދި ވިދާޅުވީ "އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއް ކަހަލަ ޕާޓީއެކެވެ." އެ ޕާޓީ ވަރުގަދަ އަށް އޮތުމަކީ އަބަދުވެސް އެދޭނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގައި މިވަގުތު އަމަލީ ގޮތުން ހަރަކާތްތެރި ނުވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހާ މުޅިއަކުން ދުރުވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވާނެ މީހެއް ނޫން. އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއް ފަދަ ޕާޓީއެއް. އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އަޅުގަނޑު އެދޭނެ ކަމެއް. އަދި ފަހުން އަޅުގަނޑު ބައިވެރިވި ޑިމޮކްރެޓްސް އަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް." ނަޝީދު ވިދާޅުވި އެވެ.
އޭޕްރިލް 5، 2025 ގައި ވެސް ނަޝީދު ވަނީ އެފަދަ ޕޯސްޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމެވެ.
މި ވާހަކަތަކަށް ފަހު ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައި ނަޝީދު އެމްޑީޕީގެ ބައެއް މެންބަރުންނަށް ފޮނުވި މެސެޖުން އެއް ކަމެއް އެނގެ އެވެ. ނަޝީދު ބަލައިލަން ބޭނުންވީ އެމްޑީޕީގެ މެންބަރުންގެ ވިސްނުން ހުރި ގޮތެވެ. އެ ޕާޓީގެ ތެރެއިން ތާއީދު ލިބިދާނެތޯ އެވެ. އެމްޑީޕީގެ ޓިކެޓު ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތްތޯ އެވެ.
އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ -- ނަޝީދު
އަލުން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް
2013 - އެއްވެސް ސިޔާސީ ޕާޓީއަކާ ކޯލިޝަން ނުހައްދަވައި އެމްޑީޕީގެ ޓިކެޓުގައި ނަޝީދު އެކަނި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަތެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުގައި ނަޝީދަށް 46.9 ޕަސެންޓް ލިބިވަޑައިގަތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހޯއްދެވުނީ 29 ޕަސެންޓެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ އިންތިހާބު ބާތިލް ކުރި އެވެ. އަދި ދެވަނަ ބުރަށް ބޭއްވި އިންތިހާބުގައި ކޯލިޝަން ޕާޓީތަކާއެކު ޔާމީން އިންތިހާބު ކާމިޔާބު ކުރެއްވީ 51.3 ޕަސެންޓުންނެވެ. އަދި ނަޝީދަށް ލިބިވަޑައިގަތީ 105،181 ވޯޓެވެ. އެއީ 48.6 ޕަސެންޓެވެ.
2018 - ޔާމީންގެ ވެރިކަމުގެ ފަހު އަހަރާ ޖެހެންދެން އެމްޑީޕީން އިއްތިފާގުވާ ކެނޑިޑޭޓަކީ ނަޝީދެވެ. ނަމަވެސް އޮތް ހަމައެކަނި ހުރަހަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި އޮތް ހުކުމެވެ. އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރައްވައި ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އަދި ފަހު ވަގުތާ ޖެހެންދެން ވެސް ނަޝީދަށް ވާދަ ކުރުމުގެ ފުރުސަތެއް ލިބިވަޑައިނުގަތެވެ. އެންމެ ފަހުން އެމްޑީޕީން ނިންމެވީ އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދެއްވުމަށެވެ.
2023 - ޖެހިގެން އައި ފަސް އަހަރު ތެރޭގައި އޮތީ އެމްޑީޕީގެ ތެރޭގައި ބައިބައިވުމާއި ވާދަވެރިކަމެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހު ދެމެދުގެ ވާދަވެރިކަން ބޮޑުވެ މައްސަލަތައް ޖެހި ޕާޓީ ދެބައިވި އެވެ. އެންމެ ފަހުން ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަ ކުރައްވާނީ ކޮން ބޭފުޅެއްތޯ ނިންމެވުމަށް ބޭއްވި ޕްރައިމަރީގައި ނަޝީދާއި ސޯލިހު ވާދަ ކުރެއްވުމުން ނަޝީދު ނާކާމިޔާބުވި އެވެ. ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ތުހުމަތު ކުރެއްވި ގޮތުގައި ނާކާމިޔާބުވީ ޕާޓީން އޭނާ އަށް ތާއީދު ކުރައްވާ 40،000 އަށް ވުރެ ގިނަ ފަރާތްތައް ވަކި ކޮށްފައި ހުރުމުންނެވެ. އެ މައްސަލަ ބޮޑުވެ އެންމެ ފަހުން ނަޝީދު އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވި އެވެ.
2028: އެމްޑީޕީ ތެރޭ ރިޔާސީ ޓިކެޓަށް ކިއޫއެއް!
މިދިޔަ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން ދެއްކެވި އެއް ވާހަކައަކީ ދެ ޕާޓީ އަށް ވެސް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ދެބައިވެ ވަކިވެގެން ރިޔާސީ އިންތިހާބަށް ނުކުތުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވޯޓުތައް ދެބައިވެގެންނެވެ. ދެން ވެސް އިންތިހާބެއް ކާމިޔާބު ކުރެވެން އަންނަނީ ދެ ބައި ގުޅިގެންނެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ނަޝީދުގެ ނަން އޮންނާނެ ހިސާބެއް ކަނޑައަޅާނެ އެންމެ މުހިންމު ސުވާލަކީ އެއީ އެވެ. މިދިޔަ ރިޔާސީ އިންތިހާބުން ފިލާވަޅު ލިބިގަނެ ދެ ޕާޓީ އެއްގަލަކަށް އަރާނެތޯ އެވެ. އަދި އެމްޑީޕީގެ ތެރެއިން ނަޝީދަށް ފުރުސަތެއް ލިބިވަޑައިގަންނަވާނެތޯ އެވެ.
"ކުރިން ނަޝީދުގެ ވާދަ ކުރަން އޮތީ ހަމައެކަނި ސޯލިހާ. މިހާރު އެތެރޭގެ ވާދަވެރިކަން އަދި މާ ބޮޑު. ޑިމޮކްރެޓްސް އިން ޕާޓީ އަށް ގުޅިވަޑައިގަތް ބޭފުޅުންނާއި އަދި އެހެން ބައެއް ފަރާތްތަކުގެ ތާއީދު އަދިވެސް ނަޝީދަށް އޮންނާނެ އެކަމަކު ހަގީގަތަކީ މިހާރު ނަޝީދަށް އޮތް ފުރުސަތު ވަރަށް ހަނި." އެމްޑީޕީގެ އިސް މެންބަރަކު "ސިޓިޒެން" އަށް ވިދާޅުވި އެވެ.
އެމްޑީޕީގެ "ރަން ޓިކެޓަށް" ކަޅި އަޅައިގެން ތިއްބެވި ފަރާތްތަކުގެ ތެރޭގައި އެއް ނަމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ހުންނެވީ ޕާޓީގެ ޓިކެޓު ހޯއްދަވައިގެން ދެވަނަ ދައުރެއް ކާމިޔާބު ކުރައްވަން ތައްޔާރަށެވެ. އަދި އެކަމަށްޓަކައި ވަރަށް ކުރިން މަސައްކަތް ފައްޓަވައި ޕާޓީ ތެރެއިން އިސް ފަރާތްތަކުގެ އެންޑޯޒްމަންޓު ވެސް ހޯއްދަވައިފި އެވެ.
ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ދެވަނަ ބޭފުޅަކީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. ފައްޔާޒް ވެސް ވަނީ ވަރަށް ކުރިން ޕާޓީގެ ތެރޭގައި ތާއީދު ހޯދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އަދި ރަށްރަށަށް ދަތުރު ކުރައްވައި އޭނާ އަށް ތާއީދު އިތުރު ކުރުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ.
ފައްޔާޒް އާއެކު ދާދި އެކީ އެ ކަމަށް ނުކުމެވަޑައިގެން މަސައްކަތް ފައްޓަވާފައި ވަނީ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އޭނާ ވެސް ވަނީ ވަރަށް ގިނަ މަސައްކަތްތައް ފައްޓަވައި ޕާޓީގެ ލީޑާޝިޕުން ބައެއް އޭނާގެ ފަޅިއަށް ގެންނަވައިފަ އެވެ.
މީގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވަނީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައި އެކަން އިއުލާން ކުރައްވައިފަ އެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި އިއުލާން ނުކުރެއްވިޔަސް މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް އެ މަސައްކަތް ކުރައްވައި ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވާ ކަމަށް އެ ޕާޓީގެ މެންބަރުން ވިދާޅުވެ އެވެ.
މި ހުރިހާ ބޭފުޅުން ޓިކެޓަށް ވާދަ ކުރެއްވިޔަސް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ނަޝީދުގެ ނަން އަންނަ ހިސާބުން ޕާޓީގެ ތެރޭގެ ހުރިހާ ކަމެއް ބަދަލުވާނެ އެވެ.
ރައީސް ސޯލިހަށް ގިނަ ރައްޔިތުން ނޫނެކޭ ބުނެފި. ދެން އިތުރު ފުރުސަތެއް އެމްޑީޕީ ތެރެއިން ލިބުން ނާދިރު. ފައްޔާޒާއި ޝާހިދަކީ ރައީސް ނަޝީދާ އަޅައި ކިޔާލާއިރު މާ ބުރަދަނެއް ހުރި ނަންތަކެއް ނޫން. -- އެމްޑީޕީ މެންބަރެއް
"ރައީސް ސޯލިހަށް ގިނަ ރައްޔިތުން ނޫނެކޭ ބުނެފި. ދެން އިތުރު ފުރުސަތެއް އެމްޑީޕީ ތެރެއިން ލިބުން ނާދިރު. ފައްޔާޒާއި ޝާހިދަކީ ރައީސް ނަޝީދާ އަޅައި ކިޔާލާއިރު މާ ބުރަދަނެއް ހުރި ނަންތަކެއް ނޫން. އެހެންވެ ދެން ވެސް ނަޝީދު މީގެ ތެރެއަށް ވަންނަ ހިސާބުން ޓިކެޓު ޔަގީންވުން ގާތް." ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ މި އިންތިހާބުގައި އެހެން ހުރިހާ ކަމަކަށް ވުރެ ވާދަވެރިކަން ބޮޑުވާނެ ޓިކެޓެވެ. އެއީ މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާ އަށް ބަލައި އިރު އަބަދުވެސް އެޑްވާންޓޭޖް ބޮޑީ އިދިކޮޅު ފަރާތްތަކަށެވެ. އަދި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ އެވެ. އެގޮތަށް ބަލާނަމަ ޕާޓީގެ ކެންޑިޑޭޓަކީ ދެން ރާއްޖޭގައި ވެރިކަން ކުރާނެ ފަރާތަށް ވުން ވެސް ދުރެއް ނޫނެވެ.
ސުވާލަކީ އެކަން ނަޝީދު ކާމިޔާބު ކުރައްވައި 20 އަހަރު ފަހުން އެނބުރި ވެރިކަމަށް އާދެވޭނެތޯ އެވެ.
ކަވަރ ފޮޓޯ އޮރިޖިނަލް: ހުސައިން ވަހީދު