"ޖަވާބު"ގެ އެމްޑީ މުހައްމަދު ޖައިލަމްއަށް ޝައިހު އިބްރާހިމް ފަރީދު މިދިޔަ އާދިއްތަ ދުވަހު ގުޅުއްވީ ވަރަށް ގިނަ ދުވަހަށް ފަހު އެވެ. ހުޅުމާލޭގެ ދިއްދޫ ހޮޓަލުގައި މެންދުރުގެ ކެއުމަށް އިންސާފުކޮށް ޝެއިހާ އެކު ހޭދަކުރި އެ ވަގުތުކޮޅަކީ އެފަދަ އެންމެ ފަހު ބައްދަލުވުމުން ކަމުގެ އިހްސާސެއް އޭރު ޖައިލަމަށް ނުކުރެވޭނެ އެވެ. އެކަމަކު, ކަންވީ އެހެނެވެ. އޭގެ 24 ގަޑިއިރު ފަހުން އިއްޔެ ކުއްލިއަކަށް ލިބުނީ ލޮބުވެތި ޝެއިހް ފަރީދު އަވަހާރަވި ހަބަރެވެ.
އެ ހަބަރާ އެކު ޖައިލަމްގެ ހަނދާނަށް އައީ ޝެއިހް ފަރީދު ކެއުމުގެ ތެރެއިން ވިދާޅުވި ވާހަކައެކެވެ; ޖައިލަމް އޭނާގެ ވިޔަފާރި ޕްލޭންތަކުގެ ވާހަކަތައް ޝެއިހްއާ ހިއްސާކުރަމުން "އަޅުގަނޑުމެންގެ އަމާޒަކީ..." މިހެން ބުނެ އެކަން ސާފުކޮށްދޭން މަސައްކަތްކުރި އެވެ. އެ ޖުމްލަ އެހާ ހިސާބުން ޝެއިހް ހުއްޓުވައި ފުރިހަމަކޮށް ދެއްވި އެވެ.
"...އިސްލާމް ދީން ފެތުރުން. އިސްލާމް ދީނަށް ނަސްރު ހޯދުން." ޖައިލަމްގެ ޖުމްލަ ޝެއިހް ފުރިހަމަކޮށްދިނީ މިހެނެވެ.
އެއީ ޝެއިހް ފަރީދެވެ. އެންމެންނަށް އެނގޭ ޝެއިހް ފަރީދެވެ. އެންމެން ވެސް ކިޔައިދެނީ ޝެއިހް ފަރީދުގެ އެ ވާހަކަ އެވެ. އިސްލާމް ދީނަށް ނަސްރު ހޯދަން އޭނާ ކުރެއްވި އާދަޔާހިލާފު މަސައްކަތުގެ ވާހަކަ އެވެ.
ޝެއިހް ފަރީދުގެ ވާހަކަ ފަށަން އެންމެ ފުރަތަމަ 2000ގެ އަހަރުތަކުގެ ކުރީކޮޅަށް ޖެހިލަންޖެހެ އެވެ. އެއީ, ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން ކުއްލިއަކަށް ވަރަށް ބޮޑަށް ފެތުރިގެންދިޔަ ދުވަސްވަރެކެވެ. ދީނީ އިލްމްވެރިން އެކި ދަރުސްތައް ދޭން ފެއްޓެވި ދުވަސްވަރެވެ. އިހުގައި ގަބޫލުކޮށްގެން ތިބި އެތައް ކަމަކީ ދީނާ ފުށުއަރާ ކަމެއް ކަން އެނގި, އެކަންކަން ދިވެހިން ދޫކޮށްލަން ފެށި ދުވަސްވަރެވެ.

އެ ދުވަސްވަރު ދީނީ އިލްމްވެރިންނަށް ޖަލުގެ ބިރު ވަރަށް ބޮޑަށް އޮތެވެ. ލިޔުއްވާ ފޮތަކުން, ދެއްވާ ނަސޭހަތަކުން ޖަލުގެ އަނިޔާއާ ކުރިމަތިލާން ޖެހުނެވެ. އެ އަނިޔާ އެންމެ ބޮޑަށް ލިބުނު އެއް ބޭފުޅަކީ ފަރީދެވެ. ޖަލުގެ އެ އަނިޔާތަކުން ވެސް ފަނޑުނުވީ ދީނަށް ނަސްރު ހޯދަން ފަރީދު ކުރެއްވި މަސައްކަތެވެ. އެފަދަ ކަމެއްގައި ޖަލުގައި އިންނަވަނިކޮށް އޭނާގެ ވަކީލެއްގެ ހައިސިއްޔަތުން ޖަލަށް ވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ފަރީދަކީ އިސްލާމް ދީނަށް ނަސްރު ހޯދުމަށް ކަނޑަނޭޅި މަސައްކަތްކުރި އަދި ސަރުކާރުގެ ވޭންދެނެވި ގަދަ އަނިޔާއަށް ކެތްކުރެއްވި ފަހުލަވާނެއް ކަމަށެވެ.
ޝެއިހް މުހައްމަދު އަނީލް ވިދާޅުވި ގޮތުގައި ފަރީދަކީ 2000ގެ ކުރީކޮޅު އުފެދިގެން ދިޔަ ދީނީ ހޭލުންތެރިކަމުގެ އޮއިވަރުގައި އެންމެ ބޮޑު ހިއްސާދާރެވެ. އެކަމަށް އެތައް ބަޔަކު ހެކިދެ އެވެ. ފަރީދުގެ ދަރިވަރުންނެވެ. އެކުވެރިންނެވެ. އާއިލާ މެންބަރުންނެވެ. ހެޔޮ މަގު ލިބުނު މީހުންނެވެ.
ފަރީދާ މެދު ޝުއޫރުތައް:
- ރައީސް ޑރ. މުހައްމަދު މުއިއްޒު - އިސްލާމް ދީނުގެ ކަންކަން އޮޅުން ފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ފަރީދަކީ، ހުލްގު ހެޔޮ، އަޅުވެރިއެއް. ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް.
- ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް - ޝައިހު ފަރީދު ވަކިވެދިއުމަކީ ދިވެހި ގައުމަށް އަދި އިސްލާމީ ހިދުމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް. ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވޭ އުސްތާޒެއް، ހިދުމަތްތެރި ޝަހްސިއްޔަތެއް. އިސްލާމް ދީނުގެ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް ވަރަށް ބޮޑު ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެއް.
- މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - ފަރީދަކީ ދީނީ ދަރުސް ދެއްވުމުގައި ނުހަނު ހިންމަތް ކުރެއްވި އަދި އެ ގޮތުގައި ދެމިހުންނެވި ހިދުމަތްތެރި ބޭފުޅެއް.
- އިސްލާމިލް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު - ފަރީދަކީ ބައްދަލުވާ ކޮންމެ ފަހަރަކުމެ، ހެޔޮ ނަސޭހަތް ދެއްވާ ބޭފުޅެއް ކަމަށާއި ޝައިހް ވަކިވެދިއުމަކީ އިސްލާމީ ހިދުމަތަށް ލިބިގެން ދިޔަ ދެރައެއް ކަމަށް. ޝައިހް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޒެއް. ހިދުމަތްތެރި ޝަހްސިއްޔަތެއް. ވަރަށް ބޮޑު ގުރުބާނީތަކެއްވެ ވަޑައިގެންފައިވާ ބޭފުޅެއް.
- ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފަރީދަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އާލިމެއްގެ އިތުރުން ސިޔާސީ އިސްލާހީ ހަރަކާތުގަައި އެހާމެ މުހިންމު ދައުރެއް އަދާކުރެއްވި ހިތްވަރުގަދަ ބޭފުޅެއް.
- ކުރީގެ ރައީސް މުހައްމަދު ނަޝީދު - ބިރު ދެއްކުމަކަށް ފަހަތަށް ޖެހިވަޑައިނުގެންނެވި، އިސްލާހީ މަސައްކަތުގެ ބައިވެރިއެއް.
- އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު - ފަރީދަކީ ރާއްޖެ އަށް ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގެނައުމަށް ކުރި މަސައްކަތުގެ ބައިވެރިއެއް ކަމަށާއި އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ އިތުރުން އިސްލާހީ މަސްކަތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެއް.
- ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު - ފަރީދަކީ އިސްލާމް ދީނަށް ނަސްރު ހޯދުމަށް ކަނޑަނޭޅި މަސައްކަތްކުރި އަދި ސަރުކާރުގެ ވޭންދެނެވި ގަދަ އަނިޔާއަށް ކެތްކުރެއްވި ފަހުލަވާނެއް.
ހަމައެކަނި ދީނީ މަސައްކަތުގައި އެކަންޏެއް ނޫނެވެ. ރާއްޖެ ޑިމޮކްރަސީއަށް ކުރި އިސްލާހީ މަސައްކަތުގައި ވެސް ފަރީދުގެ ނަމަކީ ރަން އަކުރުން ލިޔެވިގެންދާނެ ނަމެކެވެ. އިސްލާހީ ހަރަކާތުގެ އެންމެ ފާހަގަކޮށްލެވީ އޮގަސްޓް 12 / 13 ގެ ހަރަކާތުގައި ކުރީ ސަފުގައި ހުންނެވި ފަރީދު އެ ފަހަރު ވެސް ހައްޔަރުކުރި އެވެ. ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް, އޭގެ ފަހުން ގޭބަންދުގައި ވެސް ބެހެއްޓި އެވެ.
އޭރު ވެސް ޝެއިހް ފަރީދަކީ އިތުބާރު ލިބިފައިވާ ތާއިދު އޮތް ލީޑަރެކެވެ.
ސިޔާސީ އިސްލާހީ ހަރަކާތުގެ ތެރެއިން ޕާޓީ ނިޒާމް ރާއްޖެއަށް ތައާރަފުވެ އުފެދިގެން ދިޔަ އެމްޑީޕީގައި ފަރީދު ވަރަށް އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެ ޕާޓީގެ އިސްލާމީ ގޮފި, އުފައްދައި އެ ތަން ހިންގުމުގައި އިސްކޮށް ފަރީދު ހުންނެވި އެވެ. އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެވެ.
ސިޔާސީ މައިދާނުގައި ފަރީދަށް އޮތް އިތުބާރު ދައްކުވައިދެނީ ތާރީހީ ދިރާސާތައް ކުރައްވާ ނާޖިހު ދީދީގެ މި ހަނދާނެވެ;
އެއީ 2005 ވަނަ އަހަރު އަދާލަތު ޕާޓީ ވުޖޫދުކުރަން ގިނަ އިލްމްވެރިންތަކެއް މަސައްކަތް ކުރެއްވި ދުވަސްވަރެވެ. އޭރު ގޭބަންދުގައި ހުންނެވި ފަރީދުގެ އަރިހަށް އޭނާގެ ގެއަށް އިލްމްވެރިން ވަޑައިގެންނެވި އެވެ. އެ ބޭފުޅުން ވަޑައިގެންނެވީ ބޮޑު ހުށަހެޅުމަކާ އެކު އެވެ. އެއީ އަދާލަތު ޕާޓީގެ ރައީސްކަމާ ފަރީދު ހަވާލުވުމަށެވެ. އެތައް ގިނަ އިލްމްވެރިންނެއް އިސްކޮށް އުޅުނު އަދާލަތު ޕާޓީގެ ރައީސްކަން ފަރީދަށް ހުށަހަޅާނީ އޭނާއާ މެދު އޮތް އިތުބާރުގެ ބޮޑުކަމުންނެވެ.
އެކަމަކު, ޕާޓީއެއްގެ ރައީސްކަމުގެ މަގާމަށް ފަރީދަށް އޭރު ވެސް މުހިންމުވީ އޭނާގެ މަސައްކަތެވެ. އަދާލަތު ޕާޓީގެ ރައީސްކަމުގެ ހުށަހެޅުން ގަބޫލު ނުކުރައްވާ ފަރީދު އިލްމްވެރިންނަށް ދެންނެވީ, ނާޖިހު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއަށް ސަޕޯޓްދީ, އެ ޕާޓީގައި ދެމިތިބުން ކަމަށެވެ.
ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެން, މިފަހުން ފަރީދު އުޅުއްވީ މުޅިން ވެސް ދީނީ ދައުވަތުގެ މަސައްކަތުގަ އެވެ. ތައިބާ އުމްރާ ގުރޫޕުގައި އެތައް ބަޔަކަށް އުމްރާ ކުރަން ފުރުސަތު ދެއްވި އެވެ. އެ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ކޮންމެ މީހެއްގެ ވެސް ތައުރީފް އޮތީ ޝެއިހްގެ ފަރީދުގެ މަސައްކަތަށެވެ. އުމްރާ ދަތުރުގެ ތެރެއިން ދެއްވި ނަސޭހަތާއި ފިލާވަޅަށެވެ.
ޝެއިހަށް އޮތް ލޯތްބާއި އިތުބާރު ދައްކުވައިދޭ އަނެއް ކަމަކީ, މީހުންގެ ކަށު ނަމާދު އިމާމްވެ ކުރުމަށް ޝެއިހް ފަރީދަށް ބަރޯސާވާ މިންވަރެވެ. ކަށު ނަމާދު އިމާމްވެ ޝެއިހް ކުރެއްވުމަށް ގިނަ ބައެއްގެ އެދުމަކަށްވެ އެވެ. ޝެއިހް ކަށު ނަމާދު ކުރައްވައި, މައްޔިތާ ވަޅުލުމަށް ފަހު ހެޔޮ ދުއާ ކުރުމާއި ދެއްވާ ނަސޭހަތުގެ އެތައް ވީޑިއޯއެއް ފެންނަން އެބަ ހުއްޓެވެ. އެކަންކަމުން ވެސް ދައްކުވައިދެނީ ހަމަ ކޮންމެ ވަގުތަކު ވެސް ޝެއިހް ނަންގަވައިދެއްވަނީ ހެޔޮ ފިލާވަޅެއް ކަމަށެވެ.
އާސަހަރާ މިސްކިތުގެ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު ބުނި ގޮތުގައި އެންމެ ގިނައިން އޭނާއަށް ލިބޭ އެއް ފޯނު ކޯލްއަކީ ޝެއިހް ފަރީދުގެ ފޯނު ނަންބަރު ހޯދަން ކުރާ ކޯލެވެ.
"އެއީ އެމީހެއްގެ ގާތް މީހަކު ނިޔާވެގެން އިމާމުވެ ކަށުނަމާދު ކުރުވާށެވެ. ސަބަބުތަކެއް ވެސް އޮތީމައެވެ. އެއީ ކަށުނަމާދުގެ ކުރިންނާއި މައްޔިތާ ވަޅުލާ ވަގުތު ޝައިޚުގެ ފަރިތަ ދޫފުޅުންދޭ އަސަރުގަދަ މެސެޖުތަކުގެ ސަބަބުންނެވެ. އެއަޑު ކަންފަތުގައި ޖެހުމުން އެވަގުތު ކުރެވޭ އިހުސާސްތަކެއްގެ ސަބަބުންނެވެ. ދުނިޔެއާއި އާޚިރަތުގެ ކުރު ޚުލާސާއެއްދީ މަރު ހަނދުމަކޮށްދޭލެއް ފުރިހަމަކަމުންނެވެ. އަދި މީގެ އިތުރުން ޖަނާޒާ ތަކުގައި ކުރަމުންދިޔަ ދީނާއި ޚިލާފު ކަންކަން ނައްތައިލުމަށް ބާރު އެޅުއްވިކަމީ ޝައިޚު ވަރަށް އިސްކަމެއްދެއްވި ކަމެކެވެ," މުނައްވަރު ފޭސްބުކްގައި ލިޔުނެވެ.
ފަރީދުގެ ހަނދާން ރާއްޖޭގެ ތާރީހުން ފަނޑުވެގެން ނުދާނެ އެވެ. އޭނާގެ ނަން ލިޔެވިގެންދާނީ ދީނަށް ނަސްރު ދެއްވުމުގައި ކެރިގެން މަސައްކަތް ކުރެއްވި ހިތްވަރު ގަދަ, އެންމެންގެ ލޯތްބާއި ތާއިދު ލިބުނު ލީޑަރެއްގެ ގޮތުގަ އެވެ.
ކަވަރ ފޮޓޯ: ސަން އޮންލައިން