މޫސާ ރަޝީދު

ހުޅުމާލޭގައި ގާއިމުކުރާ 4,000 ފްލެޓަކީ ހަމައެކަނި އިމާރާތެއް ނޫނެވެ; އެތައް ހާސް ރައްޔިތުންގެ އުއްމީދެވެ. އެމީހުންގެ ހުވަފެނެވެ. އެމީހުންގެ ހައްގެވެ. އެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލިތާ މިއަދަށް 1,077 ދުވަހެވެ. ރައްޔިތުންގެ ހިތަށް ތަސައްލީއެއް ނެތެވެ. ފެންނަން އޮތީ ސަރުކާރުގެ ލާހޫރޭ ސިޔާސަތެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ލިބޭ ގެއްލުމާއި ނާއުއްމީދާއި ހިތާމަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބަށް ގާތްވެފައިވަނިކޮށް ހުޅުވާލި ފްލެޓްތައް ލިބޭ މީހުންނަކީ ކޮބައިކަން އަންގައިދޭ ލިސްޓް, ވެރިކަމުގެ އެންމެ ފަހު ދުވަސްތަކުގައި ނެރުނެވެ. އެ ވެރިކަން ނިމި, ދެން އުފެދުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފްލެޓްތަކާ ގުޅޭ ވައުދެއްވެވަޑައިގެންނެވި އެވެ. ރައްޔިތަކަށް ލިބިފައިވާ ގޯއްޗެއް ނޫނީ ފްލެޓެއް އަތުނުލާނެ ކަމެވެ. ނަމަވެސް, ހައްގުވެރިންނަށް ދޭނެ ކަމަށް ވައުދުވުމަށް ފަހު މި ސަރުކާރުން ނިންމީ ކުރިން ނެރެފައި އޮތް ދާއިމީ ލިސްޓް ރިވިއު ކުރާށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން 4000 ފްލެޓު ލިބުނު 60 ޕަސެންޓު މީހުން ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައެޅި އެވެ. އެހެންވެ, ސަރުކާރުން ނިންމީ ފްލެޓް ކޮމިޓީއެއް ހަދައި, ފްލެޓް ލިސްޓުން އެއްކޮޅުން އަނެއްކޮޅަށް ރިވިއުކުރާށެވެ. އެ ފްލެޓް ކޮމިޓީއަށް މެންބަރުން އައްޔަންކޮށް އެކަން ވަރަށް ބާރަށް ފެށި އެވެ. އެކަމަކު, އެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ވެސް އެންމެފަހުން އެނދީ އެވެ. އެ ކޮމިޓީން ކުރީ އެއްވެސް ބޭނުމެއް ނެތް, ބޭކާރު މަސައްކަތެކެވެ.

އެކަމެއް އެހެން ހިނގާފައިވަނިކޮށްވަނިކޮށް ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަލީ ހައިދަރު މަގާމުން ދުރުކުރި އެވެ. ދެން ވަޑައިގެންނެވީ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. ހައިދަރު ވަޑައިގެންނެވި މަގުން މުއްތަލިބު ހިންގަވަން ބޭނުމެއް ނުވި އެވެ. ފްލެޓަށް ކުރިމަތިލި އެންމެން ރިވިއު ކުރުމުގެ ބަދަލުގައި މުއްތަލިބު ނިންމެވީ ދާއިމީ ލިސްޓްގައި އޮތް 4,000 މީހުން އެކަނި ރިވިއުކުރާށެވެ.

އެ ރިވިއުކުރުމުގެ މަސައްކަތް ނިންމައި, ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް ސަރުކާރުން ނެރުނެވެ. 4000 ގެ ތެރެއިން ޝަރުތު ހަމަވީ 1820 މީހުންނެވެ. އެތައް ހާސް ބަޔަކު, ޝަކުވާތައް މިނިސްޓްރީއަށް އޮއްސާލި އެވެ. ޖުމްލަ 7,000 އަށްވުރެ ގިނަ ޝަކުވާއެވެ. މިއީ އެތައް ރައްޔިތުންނެއްގެ ވަގުތާއި މަސައްކަތެވެ. ކުރާ އުއްމީދެއްގެ ބޮޑުކަމުން ކޮންމެ މީހަކު ވެސް ބެލީ އެމީހެއްގެ ޝަކުވާ އަވަހަށް ފޮނުވޭތޯ އެވެ.

ޝަކުވާތައް ފޮނުވާފައިވަނިކޮށް, އަނެއްކާވެސް ސަރުކާރުގެ ސްޓޭންޑްވީ ބަދަލެވެ. މިނިސްޓަރު އިއުލާން ކުރެއްވީ ފްލެޓް ދޭނީ ކުރީ ސަރުކާރުން ނެރެފައި އޮތް ފައިނަލް ލިސްޓަށް ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަނުވާ މީހުން އުނިކުރާނީ އެވެ. އެއީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. ލިސްޓުން ވަކިކުރާ މީހުންނަށް ޝަކުވާ ހުށަހަޅަން ފުރުސަތު ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ކުރީ ސަރުކާރުގެ ލިސްޓަކީ ފައިނަލް ލިސްޓް ކަމަށް ބުނި ނަމަވެސް, އޭގައި ތިބި މީހުންނަށް އަދިވެސް ޔަގީންކަމެއް ނެތެވެ. ހަދަންވީ ގޮތެއް, ކުރަންވީ އުއްމީދެއް ނޭނގެ އެވެ. އަނެއްކާވެސް ރިވިއު ކުރަނީ އެވެ. އަނެއްކާވެސް ޝަކުވާ ހުށަހަޅަން ފުރުސަތު ދެނީ އެވެ. އިސްތިއުނާފުކުރަން ވެސް ފުރުސަތު ދެނީ އެވެ. މިއީ ކުރިން އެތައް ފަހަރަކު ކޮށް ނިމިފައި އޮތް ކަމެކެވެ. މި އުޅެނީ ނިމުމެއް ނެތް ބުރެއްގަ އެވެ.

"އެމްޑީޕީގެ ލިސްޓު އަލުން ރިވިއުކޮށް، ބަޔަކު އުނިކޮށްފައި ވަގުތީ ލިސްޓެއް ނެރެ، ޝަކުވާ ހުށަހަޅުވާފައި، ދައިމީ ލިސްޓު ނެރެ އަނެއްކާވެސް އެ އުނި ކުރާ މީހުންނަށް ޝަކުވާ ހުށަހަޅަން/އިސްތިއުނާފް ކުރަން ފުރުސަތު ދިނުމުން އެކަމެއް މިކުރެވެނީ ތަކުރާރު ނޫން ހެއްޔެވެ؟," ފްލެޓް މައްސަލާގައި ވަކާލާތު ކުރާ އާންމު މީހުންގެ ޖަމިއްޔާގެ މިދުއަމް ސައުދު ބުންޏެވެ.

މިނިސްޓަރު މުއްތަލިބު ކުއްލިއަކަށް ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި, މިކަން އިއުލާން ކުރެއްވީ "އިއްތިފާގަކުން" ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިތާ ގަޑިއިރުތަކެއް ފަހުންނެވެ. އެ ބައްދަލުވުމުގައި އަލީ ހުސެއިން ވަނީ ފްލެޓްތަކުގެ ހައްގުވެރިންނަކީ ކުރީ ސަރުކާރުން އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 4،000 މީހުން ކަމަށާއި އެމީހުންގެ އަތުން ފްލެޓް އަތުލާނަމަ, އަތުލެވޭނީ ކޯޓަށް ގޮސްގެން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ނޫން ގޮތަކަށް އަމަލުކުރާ ނަމަ, ސަރުކާރާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށް, ފްލެޓް ދޭނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓަށް ކަމަށް ތަކުރާރުކޮށް އަޑު ހަރުކޮށް މިނިސްޓަރު ވިދާޅުވަމުން ގެންދެވީ އެކަމުން ސަލާމަތްވުމަށް ކަމަށްވުމަކީ ހަމައެކަނި އިއްތިފާގަކަށް ނުވާނެ އެވެ. ރައްޔިތުންގެ ތިބީ ސަރުކާރުގެ ލާހޫރޭ ސްޓޭންޑްތަކާ އެކު އުއްމީދު ގެއްލުމުގެ ކޮޅުމަތީ އެވެ.

ބައެއް އުސްއަލިތައް:

  • ފްލެޓަށް ކުރިމަތިލާން ހުޅުވާލިތާ 1077 ދުވަސް
  • ދެ ފްލެޓް ކޮމިޓީ އުފެއްދި
  • ވަގުތީ ދެ ލިސްޓް ނެރުނު
  • ދާއިމީ ދެ ލިސްޓް ނެރުނު
  • ހަތަރު ފަހަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލި
  • 14.000 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅި
  • ފްލެޓް ދޭން ނިންމީ 60 ޕަސެންޓް ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ލިސްޓަށް

ތިރީގައި މި ވަނީ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓް ދޫކުރާ ގޮތާ މެދު ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއި ސްޓޭންޑް ބަދަލުވަމުން ދިޔަ ގޮތުގެ ޓައިމްލައިނެވެ.

ޖޫން 26، 2022 - ހުޅުމާލެ އިން ދޫކުރާ ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި އެވެ.


އޮކްޓޯބަރު 16، 2022 - މުއްދަތު ހަމަވި އިރު ފްލެޓު ހޯދަން 20،697 މީހުން ކުރިމަތިލި އެވެ.


ފެބްރުއަރީ 22، 2023 - ފޯމްތައް އިވެލުއޭޓް ކުރަން ކޮމިޓީއެއް އެކުލަވައިލި އެވެ.


އޮގަސްޓް 8، 2023 - ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރި އެވެ.


އޮގަސްޓް 8، 2023 - ޝަރުތު ހަމަވާ އެންމެނަށް ފްލެޓު ދޭން ނިންމި އެވެ.


ސެޕްޓެމްބަރު 26، 2023 - ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރި އެވެ.


ސެޕްޓެމްބަރު 26، 2023 - ދާއިމީ ލިސްޓަށް ވެސް ޝަކުވާ ހުށަހަޅަން ފުރުސަތު ދޭން ނިންމި އެވެ.


ނޮވެމްބަރު 4، 2023 - ފުރަތަމަ ދޫކުރާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރި އެވެ.


ނޮވެމްބަރު 5، 2023 - އެ ލިސްޓާ ގުޅިގެން މީހުންގެ ކަންބޮޑުވުން ގިނަވުމުން އަނެއްކާވެސް ޝަކުވާ ހުށަހަޅަން ހުޅުވައިލި އެވެ.


ނޮވެމްބަރު 11، 2023 - ފްލެޓް ލިސްޓާ ގުޅިގެން މިނިސްޓްރީ އަށް 7،421 ޝަކުވާ ހުށަހެޅި އެވެ.


ނޮވެމްބަރު 15، 2023 - ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ތިން ވަނަ ފަހަރަށް ނެރުނެވެ.


ނޮވެމްބަރު 15، 2023 - އުސޫލުން ބޭރުން ފްލެޓު ދިން ކަމަށް ބުނެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އެންގި އެވެ


ނޮވެމްބަރު 16، 2023 - އޭސީސީގެ އެންގުމާ ހިލާފަށް ފްލެޓު ލިޔުންތައް ދޫކުރަން ފެށި އެވެ.



ނޮވެމްބަރު 20، 2023 - އާ ސަރުކާރުން ފްލެޓު ލިސްޓު ރިވިއު ކުރަން ނިންމި އެވެ.


ނޮވެމްބަރު 29، 2023 - ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓު ދިން މައްސަލަތައް އޭސީސީން މަޖިލީހުގައި ހާމަކުރި އެވެ.


ޖެނުއަރީ 4، 2024 - ފްލެޓު ލިޔުން ދޭނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވި އެވެ.


ފެބްރުއަރީ 5، 2024 - 4000 ފްލެޓު ލިބުނު 60 ޕަސެންޓު މީހުން ޝަރުތު ހަމަ ނުވާ ކަމަށް އޭސީސީން ބުންޏެވެ.


މާޗު 14، 2024 - ފްލެޓު ކޮމިޓީއެއް އުފައްދަން ސަރުކާރުން ނިންމި އެވެ.


ޖުލައި 29، 2024 - ފްލެޓް ލިސްޓު އޮކްޓޯބަރުގައި ނެރޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.


އޮކްޓޯބަރު 28، 2024 - ފްލެޓު ލިސްޓު ނޮވެމްބަރުގައި ނެރޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.


ނޮވެމްބަރު 16، 2024 - ފްލެޓު ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ނިންމި އެވެ.


ޑިސެމްބަރު 12، 2024 - ހައުސިން މިނިސްޓްރީ އަލިފާނުގެ ހާދިސާ އިން ފްލެޓު ލިސްޓަކަށް ނުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.


ޖެނުއަރީ 9، 2025 - ރޯދަ މަހުގެ ކުރިން ފްލެޓް ލިސްޓު އާންމު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ޖެނުއަރީ 14، 2025 - 20،000 ހުށަހެޅުން ރިވިއު ނުކޮށް، ފްލެޓް ލިބުނު 4000 ގެ ލިސްޓު އަލުން ރިވިއު ކުރަން ނިންމި އެވެ.


ފެބްރުއަރީ 27، 2025 - އާ ފްލެޓު ލިސްޓު އާންމު ކުރި އެވެ. 4000 ގެ ތެރެއިން ޝަރުތު ހަމަވީ 1820 މީހުންނެވެ.


މާޗު 1، 2025 - ފްލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވައިލި އެވެ.


އޭޕްރިލް 17، 2025 - ފްލެޓު ލިސްޓަށް 7000 އަށް ވުރެ ގިނަ ޝަކުވާ ލިބުނު ކަމަށް ހައުސިން އިން ބުންޏެވެ.


މެއި 29، 2025 - ހައްގުވެރިންނަކީ ކުރީ ސަރުކާރުގެ ލިސްޓުގެ 4000 މީހުން ކަމާއި އެ ނޫން ބަޔަކަށް ދީފި ނަމަ ކޯޓަށް ދާނެ ކަމަށް ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވި އެވެ.


މެއި 29، 2025 - މި ސަރުކާރުން ފްލެޓް ރިވިއު ކުރަން ހުއްޓާލައި ކުރީ ސަރުކާރުގެ 4000 މީހުންގެ ލިސްޓަށް ފްލެޓު ދޭން ނިންމި އެވެ. އަދި އިތުރު ލިސްޓެއް ވެސް ނުނެރެން ނިންމި އެވެ.