ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދުންފަތު ޖެނަރޭޝަނަލް ބޭންއެއް ތަންފީޒުކުރަން ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފަ އެވެ. އެ ތާރީހީ ނިންމުން ތަންފީޒު ކުރަން ފަށަން ޖެހޭނީ ގާނޫނުގައި ބުނާ ގޮތުން ތަސްދީގު ކުރާތާ ހަ މަސް ފަހުންނެވެ. އެހެންވެ ނޮވެމްބަރު، 1 2025 އިން ފެށިގެން ރާއްޖޭގައި 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ސިނގިރޭޓާއި ދުންފަތުގެ އެއްވެސް ބާވަތެއް ބޭނުން ކުރުމަކީ މަނާކެމެވެ.
ޖެނަރޭޝަނަލް ބޭން އަކީ މުޖްތަމައު ތެރޭގައި އާދެވެ މީހުން އެކަމަށް ދެވިހިފާފައިވާ މި މައްސަލަ އިން އެއްކޮށް ސަލާމަތްވުމަށް ބައެއް އެހެން ގައުމުތަކުން ވެސް އަޅާފައިވާ ފިޔަވަޅެކެވެ. ބޭނުމަކީ ކުއްލިއަކަށް މަނާ ކުރުމުގެ ބަދަލުގައި ސިނގިރޭޓަށް އަދި އެހާ ބޮޑަށް އެކްސްޕޯޒް ނުވާ އާ ޖެނަރޭޝަންތަކުން ފެށިގެން އެކަން މަނާ ކުރުމެވެ.
މިހާރު މި ގެނައި އިސްލާހު ދެމި އޮވެއްޖެ ނަމަ, މީގެ 30 އަހަރު ފަހުން ރާއްޖޭގައި އުމުރުން 48 އަހަރުން ދަށުގެ އެކަކަށް ވެސް ސިނގިރޭޓު ބުއިން ނުވަތަ އެ ފަރާތްތަކަށް ސިނގިރޭޓު ފަދަ ތަކެތި ވިއްކުން ވެސް މަނާވާނެ އެވެ. އެގޮތަށް ގޮސް އެއަށް ފަހުގެ ހުރިހާ ޖެނަރޭޝަން އަކަށް ދުންފަތް މަނާވެ، ރާއްޖެއަކީ ސްމޯކް ފްރީ ގައުމަކަށް ވާނެ އެވެ. މިއީ މުހިންމު އަދި ވަރަށް އުންމީދީ ނިންމުމެކެވެ. ނަމަވެސް, މި ބޮޑު ހުވަފެން ހަގީގަތަކަށް ހެދިދާނެތޯ އެއީ އުފެދޭ ސުވާލެކެވެ.
ގާނޫނުގައި ބުނަނީ ކީކޭ؟
ގާނޫނުގައިވާ ގޮތުން ސިނގިރޭޓާއި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުން ކުރުން ވަކި އުމުރުފުރާތަކަކަށް އެއްކޮށް މަނާވެ އެވެ. އަދި އެފަދަ ތަކެތި ވިއްކުމާއި އުފެއްދުން ފަދަ މުއާމަލާތްތަކުގައި ވެސް އެ ފަރާތްތައް ބައިވެރި ކުރުމަކީ ވެސް މަނާ ކަމެކެވެ. އެއީ؛
- ޖެނުއަރީ 1، 2007 ގެ ފަހުން އުފަންވާ އެންމެން
- 21 އަހަރުން ދަށުގެ މީހުން
ގާނޫނު ރަނގަޅަށް ތަންފީޒުވުން ކަށަވަރު ކުރުމަށްޓަކައި އެތަކެތި ވިއްކާ ފަރާޓްތަކުގެ ޒިންމާތަކެއް ވެސް ވަނީ ހިމަނައިފަ އެވެ. އެ ގޮތުން؛
- ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމުގެ ކުރިން ގަންނަ ފަރާތުގެ އައިޑީކާޑު ނުވަތަ ރަސްމީ ލިޔުމެއް ހޯދަން ޖެހޭ
- ގާނޫނުގެ ދަށުން ލައިސެންސް ލިބި އަދި ރަޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވާން ޖެހޭ.
- ކާކުކަން ނޭނގޭ ގޮތަށް ނުވަތަ ވެންޑިން މެޝިނަކުން އަދި އޮންލައިންކޮށް ވިއްކުމަކީ މަނާ ކަމެއް.
- 2007 ގެ ފަހުން އުފަންވާ މީހުންނާއި 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކަން އަންގައިދޭ ލިޔުމެއް ވިޔަފާރި ކުރާ ތަންތަނުގައި ހަރުކުރަން ޖެހޭ
- ދުންފަތުގެ ބާވަތެއް އުފެއްދުމަށް ބޭނުން ކުރާ މެޝިނަރީ ނުވަތަ އާލާތެއް ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެއް.
އަލަށް ގެނައި އިސްލާހުގެ ދަށުން ވޭޕް ބޭނުން ކުރުމާ ދެކޮޅަށް ކުރިން އަޅާފައި ހުރި ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށި ކޮށްފަ އެވެ. އަދި ތަންފީޒު ކުރަން ބައެއް ބާރުތައް ވަނީ އިދާރާތަކަށް ދީފަ އެވެ. އެގޮތުން؛
- ވޭޕް ނުވަތަ އީ ސިނގިރޭޓް އަތުލުމުގެ ބާރު ފުލުހުންނަށް.
- ވޭޕް ނުވަތަ އީ ސިނގިރޭޓު ރާއްޖެ އެތެރެ ކޮށްފި ނަމަ އަތުލުމުގެ ބާރު ކަސްޓަމްސަށް.
ގައުމުތަކުގެ ތަޖުރިބާ ހިތި
ރާއްޖެ އަކީ މި ސަރަހައްދުގައި ޖެނަރޭޝަނަލް ބޭންއެއް ގެނައި ފުރަތަމަ ގައުމެވެ. އެހެން ނަމަވެސް އެކަމަކީ ބައެއް ގައުމުތަކުގައި ތަޖުރިބާ ކޮށްފައިވާ ކަމެކެވެ.
އޭގެ އެއް މިސާލަކީ ނިއުޒިލެންޑެވެ. އެ ގައުމުން 2022 ވަނަ އަހަރު 2009 އަކުން ފެށިގެން އުފަންވާ މީހުންނަށް ދުންފަތް ވިއްކުން މަނާ ކުރި އެވެ. އެ ނިންމުމާ އެކު އެ ގައުމަށް ފުރަތަމަ ބޮޑެތި ތައުރީފުތަކެއް ލިބުން ނަމަވެސް, ދުންފަތް ގަނެ ވިއްކާ ފަރާތްތަކުގެ ޕްރެޝާ ވަރަށް ބޮޑުވި އެވެ.

އޭގެ ނަތީޖާއަކަށް 2023 ވަނަ އަހަރުގެ ފަހުކޮޅު އާ ސަރުކާރުން އެ ގާނޫނު އުވާލުމެވެ. ސަބަބެއް ކަމުގައި ބުނީ ދުންފަތް މަނާ ކުރުމުން ޓެކްސްގެ ގޮތުގައި ކުރިން ލިބެމުން އައި ބޮޑު އާމްދަނީއެއް ގެއްލިފައިވުމެވެ. އަދި އެއްކޮށް މަނާ ކުރުމުން ކަޅު ބާޒާރެއް އުފެދުމުގެ ބިރު އޮތް ކަމަށް އެ ސަރުކާރުން ބުންޏެވެ.
މެލޭޝިއާ ވެސް ކުރީ އެފަދަ ތަޖުރިބާއެކެވެ. އެ ގައުމުން ޖެނަރޭޝަނަލް ބޭންއެއް ގެންނަން ކެބިނެޓުން 2022 ވަނަ އަހަރު ނިންމި އެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ހަމަހަމަކޮށް އަމަލު ކުރަން ޖެހޭނެ ކަމަށް އެ ގައުމުގެ ގާނޫނުއަސާސީގައި ބުނާ މާއްދާއާ ހިލާފު ކަމަށް އެޓާނީ ޖެނަރަލް ނިންމެވި އެވެ. އެހެންވެ ދުންފަތް މަނާ ކުރުމުގެ ބިލުން ޖެނަރޭޝަނަލް ބޭންގެ ބައި ވަކި ކުރަން ޖެހުނެވެ. އަދި މިހާރު އެ އޮތީ އެ އޮތްގޮތަށް ހުއްޓިފަ އެވެ.
ބޫޓާން އިން ވެސް 2004 ވަނަ އަހަރު ދުންފަތް ބޭނުން ކުރުން އެއްކޮށް މަނާ ކުރަން ނިންމި އެވެ. ނަމަވެސް އެ ގާނޫނު އެއްގޮތަކަށް ވެސް ތަންފީޒު ނުކުރެވިގެން 2021 ވަނަ އަހަރު ބަދަލު ކުރި އެވެ. އެ ގައުމުން ހެދި ދިރާސާތަކުން ދެއްކި ގޮތުގައި ދުންފަތް މަނާ ކުރި ފަހުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 22 ޕަސެންޓު ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އެކަން ކުރަނީ އުފެދިފައި އޮތް ބޮޑު ބްލެކްމާކެޓްގެ ސަބަބުންނެވެ.
ގިނަ ގައުމުތަކަށް ދިމާވަނީ މައިގަނޑު ތިން މައްސަލައެކެވެ. އެއް ކަމަކީ އެފަދަ ނިންމުމެއް ނިންމުމުން އެ ވިޔަފާރި ކުރާ ފަރާތްތަކުގެ ޕްރެޝާ ބޮޑުވުމެވެ. އަދި ދެވަނަ ކަމަކީ ސަރުކާރުތައް ބަދަލުވެގެން އައުމުން އެ ޕްރެޝަރުތަކާއެކު ކުރީ ސަރުކާރުގެ ނިންމުން ބަދަލު ކުރާ މައްސަލަ އެވެ. އަދި އެންމެ ބޮޑު ކަމަކަށް މިކަން ތަންފީޒު ކުރަން މަސައްކަތް ކުރި ކޮންމެ ގައުމެއްގައި ބޮޑު ބްލެކްމާކެޓެއް އުފެދި އެ މާކެޓް ނުހުއްޓުވޭ މައްސަލަ އެވެ.
ތަންފީޒު ކުރެވިދާނެތޯ ސުވާލު
މިއީ ވަކި ސަރުކާރަކަށް ނުވަތަ ވަކި ބައެއްގެ ވާހަކައެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑަށް ތަންފީޒު ނުވާ އެއް ގާނޫނުތަކުގެ ތެރޭގައި ދުންފަތުގެ ކޮންޓްރޯލް ކުރުމުގެ ގާނޫނު ހިމެނޭނެ އެވެ. ވަކިވަކިން ސިނގިރޭޓު ވިއްކަން މަނާ ކުރިޔަސް އެކަން ކުރެ އެވެ. ސިނގިރޭޓު ބުއިން މަނާ ކަމާއި 500ރ. ގެ ޖޫރިމަނާގެ ވާހަކަ ލިޔެފައި ހުންނަ ބޯޑުތައް ކައިރީ ވެސް މީހުން ސިނގިރޭޓޫ ބޮއެ އެވެ. އެ ގާނޫނާ ހިލާފުވުމަކީ އެއީ މާ ބޮޑު ކަމަކަށް ނުވަނީ އެއްވެސް ފިޔަވަޅެއް ނޭޅި މޮނިޓާ ވެސް ނުކުރެވޭތީ އެވެ.
އެހެންވެ ޖެނަރޭޝަނަލް ބޭން އާ ގުޅޭ ގޮތުން އެންމެ ގިނަ ބައެއްގެ ސުވާލަކަށްވީ މި ގާނޫނު ގެނައުމުގެ ނިޔަތް ރަނގަޅަށް ތަންފީޒު ކުރެވިދާނެތޯ އެވެ. 2007 ގެ ފަހަށް އެއްވެސް ބަޔަކަށް ސިނގިރޭޓު ނުވިއްކާނެ ހެއްޔެވެ؟ އަދި 21 އަހަރުން ދަށުގައިތޯ ބަލައި އައިޑީކާޑު ޗެކް ކުރާނެތޯ އެވެ. އެކަން ނުކޮށްފި ނަމަ ސަރުކާރުތަކަށް ވިޔަފާރިތަކާ ދެކޮލަށް ފިޔަވަޅު އަޅާފާނެ ހެއްޔެވެ.
އެ ސުވާލު ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ތަންފީޒީ އިދާރާތައް ކިތަންމެ ވަރުގަދަ ކުރިޔަސް މިކަމުގައި އެކަށީގެންވާ ނަތީޖާއެއް ނުކުންނާނީ އެންމެން ވެސް އެއް އަޒުމެއްގައި މަސައްކަތް ކޮށްގެންނެވެ.

އެހެން ނަމަވެސް ކަސްޓަމްސް އާއި ފުލުހުންގެ ވަސީލަތްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށާއި އަންނަ އަހަރަށް ބަޖެޓު ހަދާ އިރު އިތުރު ހާޢްސަ ކަމެއް މިކަމަށް ދީގެން އެ އިދާރާތައް ވަރުގަދަ ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރާނީ މިކަމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ބޭނުމަކީ ފިޔަވަޅު އަޅައި ބަޔަކު ކުށްވެރި ކުރުމެއް ނޫން. އަޅުގަނޑު ބޭނުން ވަނީ ހޭލުންތެރި ކުރަން. ހޭލުންތެރި ކަމަށް ވެސް ބޮޑު ހަރަދެއް ކުރާނެ. ޕަބްލިކް އެވެއާނަސް އަށް ހަރަދެއް ކުރާނެ. ވަރަށް ބޮޑު އަދަދެއް ހެލްތު ސެކްޓާ އަށް ހަރަދު ކުރެވޭނެ." ރައީސް ވިދާޅުވި އެވެ.
"ބޭނުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ކަންކަމާ އަމިއްލަ އަށް ދުރުވޭތޯ މަސައްކަތް ކޮށްދިނުން." އެމަނިކުފާނު ވިދާޅުވި އެވެ.
އެ ސުވާލު ނޫސްވެރިން ކުރުމުން ރައީސް ތަކުރާރުކޮށް ދެއްވީ އެކަން އެމަނިކުފާނު ފުރިހަމަ ގޮތެއްގައި ތަންފީޒު ކުރަމުން ގެންދާނެ ކަމަށެވެ.
ބިލު ޑްރާފްޓް ކުރުމުގެ މަރުހަލާގައި އެކަމާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓު އޮފް ކަސްޓަމްސް އަހުމަދު ސިމާހު ވިދާޅުވި ގޮތުގައި ރާއްޖެ އެތެރެކުރާ ކޮންމެ ވޭޕް ޑިވައިސް އަކަށް 10،000ރ. ގެ ޖޫރިމަނާއެއް އަރާއިރު، އެ ޑިވައިސްތައް ރާއްޖެ އެތެރެ ކުރުމުގެ އަދަބެއްގެ ގޮތުން ވަކިވަކި ފަރުދުން 40 މިލިއަން ރުފިޔާ އިން ވެސް ޖޫރިމަނާ ކުރަންޖެހޭނެ އެވެ.
ޖޫރިމަނާކޮށް ތަންފީޒު ކުރާއިރު އެއީ ލިބޭނެ އަދަދެއްތޯ ވިސްނާލަންޖެހޭ ކަމަށް ސިމާހު ވިދާޅުވި އެވެ. އެހާ ބައިވަރު ފައިސާ ދައުލަތަށް ލިބިދާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް. ތަންފީޒު ކުރެވިދާނެ. ފެނުނީމާ އެ ވަގުތަށް ޖޫރިމަނާ ކުރެވިދާނެ. އެހެން ނަމަވެސް އެ ފައިސާ ހޯދުމާއި އެ ލިބޭނެތޯ ވެސް އަޅުގަނޑުމެން ހީވަނީ [އެއީ] އިތުރަށް ވިސްނާލަންޖެހޭ ކަމެއް ހެން،" ސިމާހު ވިދާޅުވި އެވެ.
އެހެން ގައުމުތަކަށް ވެސް މި މައްސަލަ ދިމާވާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ރައީސް ޔަގީން ކުރައްވާ ކަމަކީ ފަސް ލައްކައެއްހާ އާބާދީއެއްގެ މި ރާއްޖެ އަކީ ތަފާތު ޔުނީކް ގައުމެކެވެ. އެހެން ގައުމުތަކާ ހިލާފު އެތައް ސިފަތަކެއް އެބަހުއްޓެވެ. އެހެންވެ ތަފާތު ތަޖުރިބާއެއް ކުރެވި މިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަން އެމަނިކުފާނަށް އެބައޮތެވެ.