މީހުން ދިރިއުޅޭ އަށް ރަށް އޮންނަ މ. އަތޮޅަކީ ދަތުރުފަތުރުގެ ނިޒާމް އޮތް ގޮތުން ތަރައްގީގެ މަގުޗާޓުން އެކަހެރިވެފައި އޮތް އަތޮޅެކެވެ. އަތޮޅުގެ ރަށްތަކުގެ މީހުންނަށް އެ ރަށްތަކުން ބޭރަށް ދިޔުން އޮތީ ތަކުލީފަކަށްވެފަ އެވެ. އެކަމަކު, އެ ރަށު ބަންދަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގެ އުއްމީދު އިއްޔެ ވަނީ އަތޮޅުގެ ރައްޔިތުންނަށް ކުރުވައިފަ އެވެ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މ. މުލީގައި އިއްޔެ ރަސްމީކޮށް ހުޅުވައިފި އެވެ.

މުލީ އެއާޕޯޓަށް އިއްޔެ ފްލައިޓެއް އެ ޖެއްސީ އެކަމަށް މަސައްކަތް ކުރާތާ 11 އަހަރުވި ފަހުންނެވެ. ހިތްގައިމު ޓާމިނަލަކާ އެކު މުލީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި އެއާޕޯޓާ އެކު އެ މަޝްރޫއުގެ ކްރިޑިޓާ މެދު ސޯޝަލް މީޑިއާގައި ވަނީ ބަހުސެއް ފެށިފަ އެވެ.

މިއީ މުލީ އެއާޕޯޓްގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ޓައިމްލައިނެވެ.

ސެޕްޓެމްބަރު 4، 2014 - ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މުލީ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަން އެމްޓީސީސީން މެލޭޝިއާގެ ކުންފުންޏަކާ ސަބް ކޮންޓްރެކްޓް ކުރި އެވެ.


ސެޕްޓެމްބަރު 17، 2016 - މުލީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރު ފަހުން އަލުން ފެށި އެވެ.


ޖުލައި 18، 2018 - ދެވަނަ ދައުރެއް ދީފި ނަމަ މ. މުލީގައި އެއާޕޯޓެއް އަޅައި ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންނެވި އެވެ.


ނޮވެމްބަރު 13، 2020 - މުލީގައި އެއާޕޯޓް އަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއުލާން ކުރެއްވި އެވެ.


ނޮވެމްބަރު 13، 2020 - މުލީގައި އެއާޕޯޓު އަޅަން ނިންމައި އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރީ ރައީސް އަބްދުﷲ ޔާމީން ކަމަށް އޭރު މާލޭގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.


ފެބްރުއަރީ 28، 2021 - މުލީގައި އެއާޕޯޓު އަޅަން އެމްޓީސީސީ އާ ހަވާލު ކުރި އެވެ.


އޭޕްރިލް 6، 2021 - މުލީގައި އެއާޕޯޓު އެޅުމަށް ސައިޓް މޮބިލައިޒްކޮށް އަމަލީ މަސައްކަތް ފެށި އެވެ.


ފެބްރުއަރީ 3، 2022 - މުލީ އެއާޕޯޓްގެ މަސައްކަތް ލަސްވުމުގެ ޝަކުވާ ކައުންސިލުން ކޮށްފައި ވަނިކޮށް، އެ އަހަރުގެ ނޮވެމްބަރަށް ނިންމަން އަމާޒު ހިފާފައިވާ ކަމަށް އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވީ އާދަމް އާޒިމް ވިދާޅުވި އެވެ.


ސެޕްޓެމްބަރު 13، 2022 - މުލީ އެއާޕޯޓުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އޭގެ ތެރޭގައި ފަޔާ ބިލްޑިން ޕްލާސްޓާ އެޅުމުގެ މަސައްކަތުގެ 68 ޕަސެންޓާއި ރަންވޭއަށް ބޭނުންވާ ބިބް ހިއްކުމުގެ މަސައްކަތުގެ 42 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.


އޭޕްރިލް 13، 2024 - މުލީ އެއާޕޯޓް ޖުލައި 26 ގައި ހުޅުވަން އެމްޓީސީސީން އަމާޒު ހިފި އެވެ. އޭރު އެ ކުންފުނިން ބުނި ގޮތުގައި ނުނިމި ބާކީ އޮތީ އެއާޕޯޓަށް ބޭނުންވާ ބިމުގެ ތެރެއިން ނުހިއްކައި ބާކީ އޮތް ސަރަހައްދު ހިއްކުމާއި ޓާމިނަލްގެ ފިނިޝިން ކަންކަމެވެ.


އޭޕްރިލް 25، 2025 - މުލީ އެއާޕޯޓްގެ މަސައްކަތް ނިންމައި ކާމިޔާބުކަމާއެކީ ޓެސްޓު ފްލައިޓެއް ޖެއްސި އެވެ.


20 މެއި، 2025 - ރައީސް ޑރ. މުހައްމަދު މުއިއްޒު މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވި އެވެ.