މިދިޔަ 17 އަހަރު ތެރޭގައި 12 ސިޔާސީ ޕާޓީއެއް އުފައްދައި އެތައް ބަޔަކު ރިޔާސީ އިންތިހާބަށް ވާދަ ކުރިޔަސް ރައްޔިތުން ނުކުމެ ހޮވަނީ އެމްޑީޕީ ނުވަތަ ޑީއާރްޕީ ފިކުރުގެ ކެންޑިޑޭޓެކެވެ. ސިޔާސީ މަސްރަހުގައި މި ހަގީގަތް މިއަދާ ހަމައަށް ވެސް ބަދަލެއް ނުވެ އެވެ.
ބަދަލުވީ އެ ދެ ފިކުރުގެ ތެރެއިން އެކި ސަބަބުތަކާ ހެދި ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވިގެން "ބެކަޕް" ކެންޑިޑޭޓުންތަކެއް ނެރެން ޖެހުމެވެ. އެގޮތުން 2018 ގައި ޖަލު ހުކުމެއް އޮތުމުގެ ސަބަބުން އެމްޑީޕީން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވުނެވެ. އަދި 2023 ގައި ޖަލު ހުކުމެއް އޮތުމުގެ ސަބަބުން ޕީޕީއެމް އިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވުނެވެ.
ދެން އޮތް 2028 ގެ ރިޔާސީ އިންތިހާބަށް އަދި ތިން އަހަރު އޮތް އިރު މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ކުރީގެ އިންތިހާބުތަކުގައި ވާދަ ކުރަން ފުރުސަތު ލިބިވަޑައިނުގެންނެވި ދެ ފިކުރުގެ "އަސްލު ލީޑަރުން" ސިޔާސީ މައިދާނަށް ފެނިލައިފި އެވެ. އަދި އެނބުރި އަންނާނެ ކަން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިއުލާން ކުރައްވައިފި އެވެ. މިއާއެކު ސިޔާސީ އޮއެވަރަށް ބޮޑެތި ބަދަލުތަކެއް އަންނެ ކަމަށް ބެލެވެ އެވެ.
ޔާމީން ގެއިން ނުކުތުން، ޕީއެންސީ ހަރުގެއަށް ވަނުން!
ކޮރަޕްޝަންގެ ދައުވާތަކެއްގައި ޝަރީއަތްތައް ހިނގަމުން އަންނަ ޔާމީން ޕީޕީއެމް އިން ނުކުމެވަޑައިގެން އަމިއްލަ އަށް އުފެއްދެވި "ޕީއެންއެފް" ގެ ޖަލްސާތައް އަބަދުވެސް ބާއްވަމުން އަންނަނީ އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގައި ހުންނަވާ ޕީއެންއެފްގެ އޮފީސް ތެރޭގަ އެވެ. ކޮންމެ ހަފްތާއަކު ވެސް ޖަލްސާތަކެއް ބާއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔުމުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދެ އެވެ.
މިގޮތަށް އެތައް ދުވަހަކު ހުންނެވުމަށް ފަހު މި މަހު 13 ވަނަ ދުވަހުގެ ރޭ ޔާމީން ގެއިން ނުކުމެވަޑައިގެން "ޔޫތު ސިޓީ" އަށް ވަޑައިގަތެވެ. އެއާއެކު އެމަނިކުފާނު ފެއްޓެވި ހިޔާ ފްލެޓުތަކުގައި އުޅުނު ގިނަ އަދަދެއްގެ ބަޔަކު އެއްވެ ޔާމީން އާ ސަލާންކޮށް ތާއީދު އޮތް ކަން ދައްކައިލި އެވެ. ހީ ނުކުރާހާ ގިނަ މީހުން އެ ދުވަހު އެތަނަށް އެއްވި އެވެ.

މިކަން މިހާރު ތިބި ޕީއެންސީގެ ލީޑާޝިޕަށް ފެނުނީ "އިންޒާރުގެ ރަނގަބީލެއް" ގޮތުގަ އެވެ. ޖެހިގެން އައި ރޭ އެ ޕާޓީގެ ހެންވޭރު ހަރުގޭގައި ދުވަސްތަކަކަށް ފަހު އަނެއްކާވެސް ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާ އަށް ވީހާވެސް ގިނަ ބަޔަކު އައުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރި އެވެ. ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުން ވެސް ބައިވެރިވުމަށް އެދުނެވެ.
އެ ޖަލްސާގައި ނުސީދާ ގޮތެއްގައި ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތަކާއި ކޮރަޕްޝަނާއި މިފަދަ ވާހަކަތައް މެންބަރުން އަރައި ދެއްކެވި އެވެ.
ނަޝީދު އެނބުރި އައުން، އިބޫ ކެމްޕެއިނަށް ނުކުތުން!
ނަޝީދަށް 2018 ގައި ވާދަ ނުކުރެވުނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި އޮތް ހުކުމާ ގުޅިގެންނެވެ. އަދި 2023 ގައި އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިބުވި އެވެ. އާ ފިކުރެއް ނުދިރި ދަ ޑިމޮކްރެޓްސް އުފައްދަވައިގެން ވެސް އެމަނިކުފާނަށް ސިޔާސީ ގޮތުން މަގެއް ކޮށޭ ގޮތެއް ނުވި އެވެ. މީހުންގެ ތާއީދު އޮތީ އެމްޑީޕީއަށެވެ.
ތިމާވެށީގެ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތައް އެކުވެގެން އުފައްދާފައިވާ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް މަގާމާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު ރާއްޖެ ދޫކުރައްވައި ދެ އަހަރު ހޭދަ ކުރެއްވުމަށް ފަހު ރޭ ވަނީ އަލުން އެމްޑީޕީ އަށް ސޮއި ކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު އިއުލާން ކުރައްވާފައިވެ އެވެ.

ނަޝީދު ޕާޓީ އަށް އެނބުރި އަންނާނެ ކަމުގެ ހަބަރާއެކު އެ ޕާޓީގެ ތެރޭގައި އަދިވެސް ވަރަށް ބޮޑަށް ނުފޫޒު އޮތް ކުރީގެ ރައީސް އިބޫ ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއްޔެގެ ވަގުތެއްގައި ރައީސް އިބޫ ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ. ރޭ އެމްޑީޕީން ބޭއްވި ރައީސް ނަޝީދަށް މަރުހަބާ ކިޔުމުގެ ޖަލްސާ އަށް އިބޫ ވަޑައިނުގެންނެވި އެވެ.
މާޒީން ފިލާވަޅެއް ދަސްވިތަ؟
ރައީސް މުއިއްޒު އާއި ޔާމީން އަދި ނަޝީދާއި އިބޫގެ ވާދަވެރިކަމާއެކު މައި ދެ ޕާޓީ އަށް އޮތީ ބޮޑު އިމްތިހާނެކެވެ. މިހާތަނަށް ރިޔާސީ އިންތިހާބުތަކުގައި ނާކާމިޔާބުވެފައި ވަނީ ބައިބައިވި ޕާޓީ އެވެ. ނަމަވެސް މި ފަހަރު ދެ ކޮޅުން ވެސް އޮތީ ފެކްޝަން އުފެދޭ ފަދަ ހާލަތެއްގަ އެވެ.
ނަޝީދު އެމްޑީޕީ އަށް ވަޑައިގަންނަވާ އިރު އެ ޕާޓީގެ ތެރޭގައި އިބޫ އާއި އެ ޕާޓިގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު ޝަމްހީދު އާއި މާލޭގެ މޭޔަރު އާދަމް އާޒިމްގެ ކަޅި ވެސް ހުރީ ރިޔާސީ ޓިކެޓަށެވެ. އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އިބޫ އާއި ފައްޔާޒް ދެމެދުގަ އެވެ.
ނަމަވެސް ނަޝީދު ޕާޓީ އަށް ވަޑައިގެންނެވުމާއެކު ފައްޔާޒް ވަނީ ނަޝީދާ ގުޅިގެން އިބޫ އާ ދެކޮޅަށް ނުކުމެވަޑައިގަތުމަށް ނިންމަވައިފަ އެވެ. އެ ދެ ބޭފުޅުންގެ ދެމެދުގައި ގިނަ މަޝްވަރާތަކެއް ކުރުމާއި ނަޝީދު ޕާޓީ އަށް އަނބުރާ ގެނައުމުގައި އެމްޑީޕީ ތެރެއިން އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ފައްޔާޒް އެވެ.
އޭގެ މައްސަލަތައް ރޭ ވެސް ފެންނަން ފަށައިފި އެވެ. ރޭގެ ޖަލްސާ އަށް އެމްޑީޕީގެ އެހެން ގިނަ މެންބަރުން ބައިވެރިވި ނަމަވެސް އިބޫ ބައިވެރިނުވުމަކީ މައްސަލަތައް ފެށުމުގެ ކޮޅުމަތި ކަމަށް ވެދާނެ އެވެ.
މި ވާދަވެރިކަމުގެ ތެރޭގައި އިތުރަށް ބައިބައިވެ އެމްޑީޕީ އެކީ ރޫޅިގެން ދިޔުމެވެ. ނުވަތަ ރިޔާސީ ޓިކެޓުގެ ވާދަވެރިކަމަށް ފަހު އަލުން ޕާޓީ އެކަތިގަނޑަކަށްވެ ވަރުގަދަ ވެގެންނާނީ އެވެ.
ޕީއެންސީގައި މިވަގުތު އޮތް އެންމެ ބޮޑު ބާރަކީ ސަރުކާރުގައި އޮތުމެވެ. މިވަގުތު އެ ޕާޓީގެ ގިނަ މެންބަރުން ތިއްބެވީ ސަރުކާރުގެ މަގާމްތަކުގަ އެވެ. އެހެންވެ މާ ބޮޑު ފެކްޝަނެއް ބޭރުފުށަށް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.
އެހެން ނަމަވެސް މިހާތަނަށް ދެ ދައުރު ފުރިހަމަ ކުރެވިފައި ނުވުމާއި ޔާމީންއާ ވާދަ އަށް ނުކުންނަން ޖެހިއްޖެ ނަމަ އަދިވެސް ގިނަ މެންބަރުން ފަހު ވަގުތު ޔާމީން ފަހަތަށް އަރުމަކީ ނުވާނެ ކަމެއް ނޫނެވެ. އެ ފުރުސަތު ވަރަށް ބޮޑެވެ. ނަމަވެސް އެކަން އެނގިތިބެ ސަރުކާރުން ވެސް ކުޅިބައި ރާވާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުން އެއީ ރައީސް މުއިއްޒު އަށް އޮތް އެންމެ ބޮޑު "ތްރެޓް" އެވެ.
އެހެންވެ ކުރިޔަށް އޮތް ދަވަސްތަކުގައި ރިޔާސީ އިންތިހާބަށް ސަރުކާރާއި އިދިކޮޅުގެ ވާދަވެރިކަމަށް ވުރެ ބޮޑަށް ފެނުން ގާތީ އެމްޑީޕީ އަދި ޑީއާރްޕީ ފިކުރުގެ ތެރޭގައި އޮތް ވާދަވެރިކަމެވެ. ސިޔާސީ ކަންކަން ވަރަށް ބޮޑަށް ބަދަލުވާތަން ފެންނާނެ އެވެ.