ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު މި މަހު 13 ވަނަ ދުވަހު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނެ ކަމަކަށް ގާނޫނުއަސާސީގައި ނެތެވެ.
"ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ވާހަކައެއް ނެތް ގާނޫނުއަސާސީއަކުއެއް. އަޅުގަނޑު ހަމަ މި ޖެހެނީ ކޮންމެ ކަމެއް، ކޮންމެ ފަހަރަކު އެކަންކަން ރަނގަޅު ކޮށްލަދޭން. އެ ވާހަކަ އެގޮތަށް ލިޔެފައި އެބައޮތްތޯ ގާނޫނުއަސާސީގައި؟ އެއްވެސް ތަނެއްގައި ހިއެއް ނުވޭ އޮންނާނެހެން."
މަޖިލިސް ރައީސް އަބްދުއްރަހީމް
ކްލައިމް 1: މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކޮށްގެން ގޮނޑި ގެއްލޭ ވާހަކައެއް ގާނޫނުއަސާސީގައި ނެތް
ފެކްޓްސް: މަޖިލީހުން 25 ގަޑިއިރު ހޭދަނުކޮށް ގާނޫނުއަސާސީ އަށް ގެނައި ބަދަލުތަކުގެ ތެރެއިން އެއް ބަދަލަކީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިތުރު ކުރި މާއްދާ (ބ) އެވެ. އެއީ މަޖިލިސް މެންބަރުންެ ގޮނޑި ގެއްލޭނެ ހާލަތްތަކެއް ގާނޫނުއަސާސީގައި ފުރަތަމަ ފަހަރަށް ކަނޑައެޅި މާއްދާ އެވެ.
73 ވަނަ މާއްދާގެ (ބ): ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކަށް އަންނަނިވި ހާލަތުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ;
- ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
- އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން.
ވާޑިކްޓް: ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ އިބާރާތް އޮތް ގޮތުން މެންބަރަކު އަމިއްލަ އިސްނެގުމަށް ޕާޓީ ބަދަލުކޮށްފި ނަމަ, އެ މެންބަރެއްގެ ގޮނޑި ގެއްލުނީ އެވެ. މިއީ, މިހާރު އޮތް ހާލަތެވެ. އެހެންކަމުން, އަބްދުއްރަހީމް ވިދާޅުވި ފުރަތަމަ ވާހަކައަކީ ދޮގެކެވެ.
އަބްދުއްރަހީމްގެ އެ ވާހަކަ އަށް ރައްދު ދެއްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު މަޖިލީހުގެ ތަޅުމަށް އިއްވައިފަ އެވެ. އަދި ވިދާޅުވީ, މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި މިހާރު އެބަ އޮތް ކަމަށެވެ.
މެންބަރުން ޕާޓީ އިން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ޝަމްހީދު ވިދާޅުވުމުން އަބްދުއްރަހީމް ތަފްސީލަށް ވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން އެކުލަވާލަން ޖެހޭ ގާނޫނެއްގެ ވާހަކަ އޮންނާނެ އެވެ.
"ހަމަ އޭގައި އޮންނާނެ އެ ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލާ ގުޅިގެން އެކުލަވާލަން ޖެހޭ ގާނޫނެއްގެ ވާހަކަ. އޭގައި އޮންނާނެ، އޮންނާނެ، އޮންނާނެ، އޮންނާނެ."
މަޖިލިސް ރައީސް އަބްދުއްރަހީމް

ކްލެއިމް 2: ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން ގާނޫނެއް އެކުލަވާލަން ޖެހޭ
ފެކްޓްސް: 73 ވަނަ މާއްދާގެ (ބ) ގެ 1 އަދި 2 ގެ އިބާރާތުގައި އޮންނަނީ "އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ވަކިކުރުމެވެ."
އެ މާއްދާގައި "ގާނޫނުގައި ބުނާ ގޮތުގެ މަތިން" ކަމަށް އޮތީ ހަމައެކަނި މެންބަރަކު ޕާޓީން ވަކި ކުރާ ހާލަތުގަ އެވެ. އެހެންވެ މެންބަރުން ޕާޓީން ވަކި ކުރުމުގެ އިޖުރާއަތްތައް ބަޔާން ކުރާ ގާނޫނެއް އޮންނަން ޖެހޭ ކަމާއި އެ ގާނޫނުގެ ދަށުން ނޫނީ މެންބަރުން ވަކި ނުކުރެވޭނެ ކަން އެ މާއްދާ އިން އެނގެ އެވެ.
މިފަދަ އިޖުރާއަތެއް މިހާތަނަށް އެއްވެސް ގާނޫނެއްގައި ނެތެވެ. އޮތީ އާންމު އުސޫލުން ޕާޓީގެ މެންބަރުން ވަކިކުރުމުގައި އެކި ޕާޓީތަކުން އަމަލުކުރާ އެ ޕާޓީތަކުގެ އަސާސީ ގަވައިދުތަކެވެ. އެއީ އެއްގޮތް ކަމެއް ނެތް، އެއިރަކު ބޭނުން ގޮތަކަށް ޕާޓީތަކުން ބަދަލުކުރާ އެއްޗެކެވެ.
އެކަމާ ގުޅޭ ގޮތުން "ސިޓިޒެން" އާ ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މަޖިލިސް މެންބަރަކު ޕާޓީއަކުން ވަކިކުރާ ހާލަތުގައި އެ މެންބަރަކު މެންބަރުކަމުން ވަކިކުރެވޭނެ އިޖުރާއަތު ބަޔާންކުރާ ގާނޫނެއްގެ ވާހަކަ ގާނޫނުއަސާސީގައި ލިޔެފައިވާ ކަމަށެވެ. އެ ގާނޫނުގެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވާޑިކްޓް: ޕާޓީން ވަކިކުރިޔަސް، މި ވަގުތު މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމާއި އެކަމަށް ގާނޫނެއް ހަދަން ޖެހޭ ކަން އެއީ ހަގީގަތެކެވެ. އެހެންކަމުން މި ކަމުގައި އަބްދުއްރަހީމް އެ ވިދާޅުވީ ތެދެކެވެ.
އެހެންކަމުން ސިޔާސީ ޕާޓީއަކުން މި ވަގުތު މަޖިލީހުގެ މެންބަރަކު އެ ޕާޓީއަކުން ވަކިކުރިޔަސް، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ގޮނޑިއެއް ނުގެއްލޭނެ އެވެ. މެންބަރެއްގެ ގޮނޑި ގެއްލޭނީ، ގާނޫނުގައި ބުނާ ގޮތުގެ މަތިން ޕާޓީން ވަކިކުރާ ހާލަތުގައި އެކަންޏެވެ. އެ ގާނޫނެއް އަދި ވުޖޫދަކު ނެތެވެ.