މިދިޔަ އަންގާރަ ދުވަހު އޮޑިޓާ ޖެނަރަލް އޮފީހުން ވަނީ ފެނަކަ ކޯޕަރޭޝަން އިން މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތައް ދީފައިވާ ގޮތާ ގުޅޭ ހާއްސަ އޮޑިޓެއް އާންމު ކޮށްފަ އެވެ.
ބައެއް ރަށްރަށުގެ އާބާދީގެ ބޮޑުބައި ފެނަކަ ވަޒީފާގައި އުޅޭ ކަމާއި ކޮންމެ އިންތިހާބަކާ ދިމާކޮށް ފެނަކަ އިން އެތައް ބަޔަކަށް ވަޒީފާތަކެއް ދީ ސިޔާސީ ފައިދާ ނަގަމުންދާ ކަމުގެ ތުހުމަތު އަބަދުވެސް އޮވެ އެވެ. އަދި އެ ކުންފުންޏަށް ނުކަތާ ވަރަށް މީހުން ވައްދައި ބޮޑެތި ގެއްލުންވާ ވާހަކަ ވެސް އަޑު އިވެ އެވެ.
ނަމަވެސް އެ އޮޑިޓް ރިޕޯޓުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ފޮރުވިގެން ތިބ ހިންގި ހިޔާނާތްތަކާއި އެ ކުންފުނީގެ އަސްލު ހާލަތު ހާމަވެފަ އެވެ.
ކޮންމެ އިންތިހާބަކަށް 1500 އެއްހާ ވަޒީފާ
އޮޑިޓް ރިޕޯޓުގައި ބުނެފައި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބާ ދިމާކޮށް ފެނަކަ އިން ގިނަ ބަޔަކު ވަނީ ވަޒީފާ އަށް ވައްދައިފަ އެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ކުންފުންޏަށް ނެގި އިރު އިތުރު އާ މަސައްކަތްތަކެއް ނެތް ކަމަށާއި އެހެންވެ އެއީ ބަޔަކަށް ގިނަ ވަޒީފާތަކެއް ދިނުމުގެ ބޭނުމުގައި ކޮށްފައި އޮތް ކަމެއް ކަމަށް އޮޑިޓުން ހާމަވި އެވެ.
އެގޮތުން 2023 ވަނަ އަހަރު އޭޕްރިލް އާއި ސެޕްޓެމްބަރު ދެމެދުގައި 1501 މީހުންނަށް ވަޒީފާ ދީފައިވެ އެވެ. އެއީ ރިޔާސީ އިންތިހާބު ބާއްވާ ތާރީހުތައް ރަސްމީކޮށް އިއުލާން ކުރުމާއި ކެމްޕެއިންތައް ފަށައިގެން ގޮސް އިންތިހާބު ބޭއްވި މުއްދަތާ ހަމައަށް ނެގި މުވައްޒަފުންގެ އަދަދެވެ.

ކުރީ ސަރުކާރުން ފެނަކަ އަށް ގެއްލުންވާ ގޮތަށް ވޯޓަށް ވަޒީފާ ބެހި ކަމަށް ތުހުމަތު ކުރުމަށް ފަހު މި ސަރުކާރު ހަވާލުވި ގޮތަށް އެ ކުންފުނީގެ ވަގުތީ މުވައްޒަފުންގެ ގޮތުގައި ތިބި 1217 މީހަކު ވަކި ކުރި އެވެ. އެހެން ނަމަވެސް އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ޖެހިގެން އައި އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާން ކުރި ދުވަސްވަރުން ފެށިގެން އިންތިހާބު ނިމެންދެން މި ސަރުކާރުން ވެސް ފެނަކަ އަށް އިތުރު 1468 މުވައްޒަފުން ވެއްދި އެވެ.
"...2024 ވަނަ އަހަރުގެ ތެރޭގައި އިތުރު އެއްވެސް ޕްރޮޖެކްޓެއް ފަށާފައި ނުވުމުން އިތުރު މުވައްޒަފުން ކުންފުންޏަށް ވައްދާފައި ވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާވުމުގެ ސަބަބުން އިތުރު މަސައްކަތްތަކެއް ހުރުމުން ކަމަށް ބެލެވެން ނެތް ކަމާއި އެހެންކަމުން އެ ދުވަސްވަރު ކުންފުންޏަށް އިތުރު މުވައްޒަފުން ވައްދާފައި ވަނީ ހަމައެކަނި އިތުރު ވަޒީފާތައް އުފައްދައި ގިނަ ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވެ އެވެ." އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް އޮފީހުން ބުނި ގޮތުގައި އެގޮތަށް މީހުންނަށް ވަޒީފާ ދިނުމުގެ ސަބަބުން ކުންފުންޏަށް ތެލާއި އިންޖީނުގެ ސްޕެއާ ގަތުމާއި ދެމެހެއްޓެނިވި ގޮތުގައި ކުންފުނި ހިންގުމަށް އޮތީ ހުރަސް އެޅިފަ އެވެ.
އެކަންކަމަށް ހަރަދު ނުކޮށް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރަން ޖެހޭ ހަރަދު މާ ބޮޑެވެ. އަދި ބޮޑެތި މުސާރަ އާއި އިނާޔަތްތައް ލިބެމުން އަންނަ އެ މުވައްޒަފުން ކުރާނެ މަސައްކަތެއް ވެސް ނޯންނަ ކަމަށް އޮޑިޓް ރިޕޯޓުން ދެއްކި އެވެ.
54 ޕަސެންޓު ވަޒީފާ ދިނީ އިއުލާން ނުކޮށް
އޮޑިޓުން ހާމަވި ގޮތުގައި 2021-2024 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ އަށް ޖުމްލަ 4557 މުވައްޒަފުން ވައްދާފައިވާ އިރު އާންމުކޮށް އިއުލާން ނުކޮށް އެ މުއްދަތުގައި 2480 މުވައްޒަފުން ވަނީ ވައްދައިފަ އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން އާންމުކޮށް އިއުލާން ނުކޮށް މުވައްޒަފުން ނެގޭ ގޮތަށް މުވައްޒަފުންގެ ގަވައިދު ވަނީ އިސްލާހު ކޮށްފަ އެވެ.

"...އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނެގޭ ގޮތަށް ކަނޑައަޅާފައި އޮތުމަކީ ކުންފުނީގެ މެނޭޖްމަންޓުގައި ތިބޭ ފަރާތްތަކުގެ އަމިއްލަ މަސްލަހަތާ އެއްގޮތަށް ނާޖާއިޒް ނުފޫޒު ބޭނުން ކޮސްގެން ވަޒީފާތައް އެކި ފަރާތްތަކަށް ދިނުމަށް މަގުފަހި ކޮށްދޭ ކަމެއް." އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓުން ހާމަވި ގޮތުގައި އެ ކުންފުނިން އިއުލާން ނުކޮށް މުވައްޒަފުން ނަގާ އަދަދު ކޮންމެ އަހަރަކު ދިޔައީ އިތުރުވަމުންނެވެ.
އެގޮތުން 2021 ވަނަ އަހަރު އިއުލާން ކޮށްގެން 803 މުވައްޒަފުން ވައްދާފައި ވަނީ އިއުލާން ކޮށްގެންނެވެ. އަދި 2022 ވަނަ އަހަރު އިއުލާން ކޮށްގެން 574 ދާއިމީ މުވައްޒަފުން ނަގާފައިވާ އިރު އިއުލާން ނުކޮށް 446 މުވައްޒަފުން ނެގި އެވެ. އަދި 2023 ވަނަ އަހަރު އިއުލާން ކޮށްގެން 518 މުވައްޒަފުން ނަގާފައިވާ އިރު އިއުލާން ނުކޮށް 788 މުވައްޒަފުން ނެގި އެވެ. މިދިޔަ އަހަރު އިއުލާން ކޮށްގެން 182 މުވައްޒަފުން ނެގި އިރު އިއުލާން ނުކޮށް 1246 މުވައްޒަފުން ނަގާފައިވާ ކަމަށް އޮޑިޓުން ހާމަވި އެވެ.
އޭގެ އިތުރުން 2021-2023 އަށް ވަޒީފާ އަށް ވައްދާފައިވާ މުވައްޒަފުންގެ ތެރެއިން 210 މުވައްޒަފުން ވަޒީފާ އަށް ވެއްދުމުގެ ކުރިން ބޭނުންވާ ޑިޕާޓްމަންޓަކުން ރިކުއެސްޓް ފޮނުވާފައިވޭތޯ ބެލި އިރު 103 މުވައްޒަފެއް ވަޒީފާ އަށް ވައްދާފައި ވަނީ ރިކުއެސްޓަކާ ނުލަ އެވެ. އަދި އޭގެ ތެރެއިން 124 މުވައްޒަފަކު ވަޒީފާ އަށް ވައްދާފައި ވަނީ އިންޓަވިއު ވެސް ނުކޮށެވެ. އަދި 67 މުވައްޒަފަކަށް ވަޒީފާ ދީފައި ވަނީ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހޯދައި ފައިލް ނުކޮށެވެ.
1398 މުވައްޒަފުންނަށް ޕްރޮމޯޝަން
އޮޑިޓް ރިޕޯޓުން އެނގުނު ގޮތުގައި 2021-2023 ދެމެދުގައި 1398 މުވައްޒަފުންނަށް ވަނީ ވަޒީފާގެ ކުރިއެރުން ދީފަ އެވެ. އޭގެ ތެރޭގައި ކުންފުނީގެ މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އަހަރެއް ތެރޭގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވަޒީފާގެ ކުރިއެރުން ދީފައިވާ މުވައްޒަފުންނާއި ޕަފޯމަންސް އެޕްރައިޒަލް ފުރިހަމަ ނުކޮށް ވަޒީފާގެ ކުރިއެރުން ދީފައިވާ މުވައްޒަފުން ހިމެނެ އެވެ. އެގޮތުން؛
ވަޒީފާގައި އުޅޭތާ ނުވަތަ އެންމެ ފަހުން ޕްރޮމޯޝަން ދިންތާ އަހަރެއް ވުމުގެ ކުރިން 72 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވެ އެވެ. އަދި ވަޒީފާ ދިން ތާރީހު ނުވަތަ ޕްރޮމޯޝަން ދިން ތާރީހުން ފެށިގެން އެއް އަހަރާއި ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި 223 މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވެ އެވެ. ހަމަ އެގޮތަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގައި 321 މީހަކަށް އަދި ވަޒީފާގައި އުޅޭތާ ނުވަތަ އެންމެ ފަހުން ޕްރޮމޯޝަން ދިންތާ ހަތަރު އަހަރު ފަހުން 782 މީހަކަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ.
އޮޑިޓް އޮފީހުން ބުނި ގޮތުގައި ވަޒީފާގެ ކުރިއެރުން ދީފައިވާ މުވައްޒަފުންގެ ތެރެއިން 231 މުވައްޒަފުންނަށް ކުރިއެރުން ދީފައިވާ ގޮތް އޮޑިޓް ސާމްޕަލިން އުސޫލުން ބެލި އިރު އޭގެ ތެރެއިން 22 މުވައްޒަފުންނަށް އެއް އަހަރު ތެރޭގައި ދެ ފަހަރަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ. އަދި އޭގެ ތެރެއިން 131 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ދީފައި ވަނީ ޕަފޯމަންސް އެޕްރައިޒަލް ފުރިހަމަ ނުކޮށް ކަމަށް އޮޑިޓުން ދެއްކި އެވެ.
"...ވަޒީފާގެ ކުރިއެރުން ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުން މުވައްޒަފުންގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަ އުސޫލު ގެއްލިގެން ދިޔުމަށައި ވަކި މުވައްޒަފަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް މަގުފަހި ވާނެ." އޮޑިޓް އޮފީހުން ބުންޏެވެ.
މަޝްރޫއު ހުއްޓިފަ، މުވައްޒަފުންނަށް އިތުރަށް 247 މިލިއަން ރ-
އޮޑިޓް ރިޕޯޓުން ފާހަގަވި އަނެއް ކަމަކީ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ އެ ކުންފުނިން އިންޖީނުގެ އެޅުމާއި އޮފީސް އިމާރާތް އެޅުމާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމަށް 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އެހެން ބަޔަކާ ހަވާލުނުކޮށް އިންހައުސްކޮށް 80 މަޝްރޫއެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޖީނުގެ އާއި އޮފީސް އިމާރާތް އެޅުމުގެ 62 މަޝްރޫއަކާއި ފެނާއި ނަރުދަމާ އެޅުމުގެ 18 މަޝްރޫއެކެވެ.
އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ނުނިމި ގިނަ ދުވަސްވެފައިވީ ނަމަވެސް އެ މަސައްކަތް ކުރުމަށް ނެގި މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 437.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.
އެގޮތުން 2024 ވަނަ އަހަރު ލ. ހިތަދޫ ޕަވާ ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތާއި ގދ. މަޑަވެލި-ހޯޑެއްދޫ ސެންޓްރަލް ޕަވަ ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތާއި އެ އަަތޮޅު ހޯޑެއްދޫ އިންޖިނު ގޭގެ އޮފީސް މަރާމާތް ކުރުމަށް ނެގި މުވައްޒަފުންނަށް އެ އަހަރު ތެރޭގައި 13.5 މިލިއަން ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓުން ދެއްކި އެވެ. ނަމަވެސް އެ މުވައްޒަފުން ކޮށްފައިވާ މަސައްކަތްތަކަކީ؛
ހިތަދޫ މަޝްރޫއު - ބިން ސާފު ކުރުމާއި މެޓީރިއަލްތައް ސައިޓަށް ގެންދިޔުން.
މަޑަވެލި ހޯޑެއްދޫ މަޝްރޫއު - ފައުންޑޭޝަން އަޅަން ކޮނުމާއި ތަކެތި ބަހައްޓާނެ ތަނެއް ހެދުން.
ހޯޑެއްދޫ މަޝްރޫއު - އެއްވެސް މަސައްކަތެއް ނުކުރޭ.

އޮޑިޓް އޮފީހުން ބުނި ގޮތުގައި ބައެއް މަޝްރޫއުތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިޔަށް ގެންދިޔަ ނަމަ ނިންމުމަށް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ މުއްދަތަށް ވުރެ އިތުރަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި މުސާރަ އާއި އިނާޔަތުގެ ގޮތުގައި 247.3 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 55 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވަނީ މިދިޔަ އަހަރެވެ.
އަމަލީ މަސައްކަތް ފަށާފައި ނުވާ މަޝްރޫއުތަކުގެ މަސައްކަތް ނިންމުމަށް ހޭދަވާނެ ކަމަށް ލަފާ ކުރެވޭ މުއްދަތަށް ވުރެ އިތުރަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި މުވައްޒަފުންނަށް 261.3 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އޮޑިޓުން ދެއްކި އެވެ.
އޭގެ އިތުރުން އިންހައުސް ޕްރޮޖެކްޓުތަކަށް ނެގި ދާއިމީ މުވައްޒަފުންނަށް ރަސްމީ ވަޒީފާ އާއި މުސާރައިގެ އިތުރުން ހާޢްސަ އެލަވަންސްއެއް ދީފައިވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެ އެލަވަންސްގެ ގޮތުގައި ހަތަރު އަހަރު ތެރޭގައި 646 މުވައްޒަފަކަށް 19 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.