ފަނޑިޔާރުކަމުގައި ރާއްޖޭގެ ޖުޑިޝަރީގެ ތެރޭގައި ޑރ. އަޒްމިރަލްދާ ޒާހިރަށް ބޭއިންސާފާ ކުރިމަތިލާން ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ; ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި ހާލަތަށް ވެސް ފޮނުވާލީ ގަސްދުގަ އެވެ. އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށް, އަޒްމިރަލްދާ ގެއަށް ފޮނުވާލީ އޭނާއާ ދެކޮޅަށް އެއްވެސް ކަމެއް ސާބިތުވެގެން ނޫނެވެ. ބޭއިންސާފުން ހިންގި ތަހުގީގެއްގައި ކޮންމެހެން ވެސް އޭނާ މަގާމުން ދުރުކުރަން ބޭނުންވެގެންނެވެ.
ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ އެކު, ހަ ސަފުހާގެ ބަޔާނެއް އަޒްމިރަލްދާ ނެރުއްވި އެވެ. އެ ބަޔާނުގައި އޭނާ ވަނީ ރާއްޖޭގެ ޖުޑިޝަރީ އޮތް ހާލަތާއި އޭނާއަށް ދިމާވި ބޭއިންސާފުގެ އެތައް ވާހަކައެއް ވަރަށް ތަފްސީލްކޮށް ކިޔައިދެއްވައިފަ އެވެ. މިއީ އެ ބަޔާނުގެ ހުލާސާއެކެވެ.
އަޒްމިރަލްދާގެ ބަޔާން ފެއްޓެވީ މިހެންނެވެ؛ "އެއްވެސް އަސްލެއް އަސާސެއް ނެތް ދޮގު ތުހުމަތެއްގައި، ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް، ހައްގުތައް ނިގުޅައިގަނެ ސިއްރިޔާތުގައި ހިންގި އިޖުރާއަތްތަކަކަށްފަހު މިއަދު، 14 މެއި 2025 ގައި ރައްޔިތުންގެ މަޖިލިހުން މިވަނީ އަޅުގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން އަޒުލުކޮށްފައެވެ."
އޭނާ ވިދާޅުވި ގޮތުގައި އެ ނިންމެވުން ނިންމަވާފައިވަނީ އޭނާ އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލިހުގެ ސުޕަ މެޖޯރިޓީ މެންބަރުންނަށް ވެސް އެނގިވަޑައިގެން ތިބެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލައި ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެންނެވެ.

މަޖިލިސް މެންބަރުންނަކީ ކުދި ސޯބުތަކެއް ކަމަށް އަޒްމިރަލްދާ ސިފަ ކުރެއްވީ އޭނާއާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ތަހުގީގުގައި އިޖުރާއަތްތައް ފުރިހަމަނުވާ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ލަފާ ދެއްވާފައިވަނިކޮށް, އަދި އޭނާއަށް މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތެއް ވެސް ނުދީ, ކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް, މަތިން އޯޑަރު ލިބުނު ގޮތަށް މައްސަލައިގައި މެންބަރުން އަމަލުކޮށްފައިވާތީ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ސުލޫކީ މައްސަލަ ފެށިގެން އައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑި ގެއްލޭ ގޮތާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ދައުލަތުން އެދުނު ގޮތާ ހިލާފަށް ކުރިއަށް ގެންދަން ނިންމުމާ އެކު އެވެ. އެ މައްސަލައިގެ ދެވަނަ އަޑުއެހުމަށް ފަނޑިޔާރުން ޝަރީއަތަށް ވަދެ ވަދެ ތިއްބައި ކުއްލި ގޮތަކަށް އޭނާ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރީ އެވެ. ސަސްޕެންޝަން ބިނާވާ މައްސަލައިގެ ލިޔެކިޔުންތައް އަދި އަދަށް ދާންދެން ފަނޑިޔާރުންނަށް ނުލިބެ އެވެ. އަދި އަދަށްދާންދެން އެއްވެސް ސުވާލެއް އެ ކޮމިޝަނުން ކޮށްފައިނުވެ އެވެ.
އެ ދުވަހު ފަނޑިޔާރުން ސަސްޕެންޑްކުރުމާ އެކު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވާހަކަފުޅެއް ވިދާޅުވި އެވެ; "ދެން ތިބޭފުޅުން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެ," އެހެން ވިދާޅުވެ, އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކުރި ފަނޑިޔާރުންނާ އެކު ވަދާއީ ފޮޓޯއެއް ނެންގެވި އެވެ. އެ ފޮޓޯއަށް ދުރުގައި ބަލަން އިންނަވައި, އަޒްމިރަލްދާ ވިސްނަމުން ދިޔައީ މިދާ ގޮތަށް ކަންކަން ދާނަމަ، ކުއްލި ގޮތަކަށް މާދަމާ ވެސް ސުޕްރީމް ކޯޓުގެ ވަޒީފާއިން އޭނާ ވަކިކުރާނެ ކަމެވެ.
"އެއީ އެއްވެސް ކުށެއްނުކުރަނީސް، ހޭވެސް އަހާނުލައި ޖިނާއީ ތަހުޤީޤެއް ހިންގާކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކުރަން ކެރުނު ބަޔަކު، ޑިޔު ޕްރޮސެސް އެއްފަރާތްކޮށް ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ފަސްނުޖެހޭނެކަމަށް ގަބޫލުކުރެވޭތީވެ," އަޒްމިރަލްދާ ވިދާޅުވި އެވެ.
އަޒްމިރަލްދާ ވިދާޅުވި ގޮތުގައި ފެބްރުއަރީ 26، 2025 އިން ފެށިގެން މިއަދާ ހަމައަށް މިކުރެވުނީ ގޮންޖެހުންތަކާއި ހުރަސްތަކުން ފުރިގެންވާ ދަތުރެކެވެ. ސަބަބަކީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިނގުމެވެ. ގާނޫނުގެ ވެރިކަން ހިނގާނަމަ، ގާނޫނުގައި ބަޔާންކުރާ ގޮތަށް އަމަލުކޮށް، އަސާސީ ހައްގުތައް ކަށަވަރުކުރެވި، ނުހިނގާ ކަމެއް ހިނގިކަމަކަށް ހަދައިގެން ބަޔަކު އޭނާގެ މައްސަލަ ތަހުގީގު ނުކުރާނެ ކަމަށެވެ.
އޭގެ ތަފްސީލް ވެސް އަޒްމިރަލްދާ ދެއްވި އެވެ:
- ގާނޫނުއަސާސީ އިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ އެންމެ އަސާސީ އެއް ޙައްގުކަމަށްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްގު ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަނިކުރި
- ތުހުމަތުން ދިފާއުވުމަށް ބޭނުންވާ އަސާސީ ލިޔެކިޔުންތައް އެ ކޮމިޝަނުން ހިއްސާނުކޮށް ދިފާއުވުމުގެ ޙައްގުވަނީ ނިގުޅައިގަތް
- ދިފާއީ ހުރިހާ ހެއްކެއް ބަލައިނުގަންނަން ނިންމައި، ގޮތް ނިންމީ ހެއްކެއް ނެތަސް އެ ކޮމިޝަނުން ގަބޫލުކުރާ ހިތްވި ގޮތަށް.
- މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމުން.
ޖޭއެސްސީގެ އަޑުއެހުންތައް ސިއްރުކޮށް ގެންގޮސް, އެންމެފަހުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޝަނާ ހަމައަށް އައުމުން އެ ކޮމިޓީން ވެސް މައްސަލައިގައި ގޮތް ނިންމީ ތަޅުލައިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ. މިހާ ސިއްރިއްޔާތުގައި ގައުމުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަންޖެހުނު ސަބަބަށް ވިސްނާ ފިކުރުކުރަންޖެހެ އެވެ. މީގެ ޖަވާބު އަޒްމިރަލްދާއަށް ވަރަށް ސާފެވެ.
"އަޑުއެހުންތައް ހުޅުވާލައިގެން ގެންދެވުނުނަމަ އަޅުގަނޑުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ދައުލަތުގެ އިދާރާތަކުން އުފައްދާފައިވާ ޚިޔާލީ މައްސަލައެއްކަން ދިވެހި އެންމެހައި ރައްޔިތުންނަށް އޮޅުމެއްނެތި ހާމަވެގެންދާނެ އެވެ."
އަޒްމިރަލްދާ ވިދާޅުވި ގޮތުގައި މިއަދު އޭނާ އާއި އޭނާގެ ފިރިމީހާ ވެފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި ފްރޭމްކުރުމުގެ އޮޕަރޭޝަނެއްގެ ޝިކާރައަކަށެވެ. ސިއްރުކޮށްގެން އަޑުއެހުން ބާއްވައި އޭނާގެ މައްޗަށް ގޮތް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އެތައް އަސާސީ ހައްގުތަކެއް ނިގުޅައިގަތުމަށްފަހު އެވެ. އަޑުއެހުންތައް ހުޅުވާނުލީ އޭނާގެ ސުލޫކާމެދު އެއްވެސް ތުހުމަތެއް ނެތީމައެވެ. އޭނާގެ މައްޗަށް ހަގީގަތުގައި ވެސް ސުލޫކީ މައްސަލައެއް އޮތްނަމަ، އަޑުއެހުން ހުޅުވާލައި، ރައްޔިތުންގެ ކުރިމަތީގައި އޭނާ ފަޟީހަތްކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތު އެބޭފުޅުން ދޫކޮށްނުލައްވާނެކަން ކަށަވަރު ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.
ދަށު ކޯޓުގެ ގާޒީންނަށް ނުގުޅާ ކަމުގެ ފުރިހަމަ ޔަގީންކަން
އަޒްމިރަލްދާގެ މައްޗަށް ސާބިތުކޮށްފައިވާ ސުލޫކީ މައްސަލައަކީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމެވެ. ނަމަވެސް, އެކަން އޭނާ ނުކުރައްވާ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަ އެވެ. އޭގެ ހެކި ވެސް އޭނާގެ އަތުގައި އެބަ ހުއްޓެވެ.
އަޒްމިރަލްދާ ވިދާޅުވާ ގޮތުގައި, ކްރިމިނަލް ކޯޓުގެ ނުވަތަ އެހެން ކޯޓެއްގެވެސް އެއްވެސް ފަނޑިޔާރަކަށް އެއްވެސް އިރަކު އެއްވެސް ޒަމާނެއްގައި ނުފޫޒު ފޯރުވަން އޭނާ ގުޅާފައެއް ނުވާނެއެވެ. އަދި މީހަކު ލައްވައި ގުޅުވާފައިވެސް ނޯންނާނެ އެވެ. އޭނާގެ މުޅި ހަޔާތުގައި ވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅާފައިވާނީ އެންމެ ފަހަރެކެވެ. އެއީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން ޖުޑީޝަލް ސިމްޕޯސިއަމްއަކަށް ތައްޔާރުވުމަށް ކްރިމިނަލް ކޯޓުގެ އޮންލައިން އަޑުއެހުންތަކާބެހޭ މައުލޫމާތު ހޯދުމަށް އެ ކޯޓުގެ އިސްގާޒީއަށް ކަމަށް ވަރަށް ސާފުކޮށް ވިދާޅުވި އެވެ.
"ކަންމިހެން ހުރިއިރު، އަޅުގަނޑަށް އަޅުގަނޑުގެ ފިރިމީހާ ބަންދުން ދޫކޮށްލިކަން އެ ވަގުތު އަޅުގަނޑަށް އެނގުނު ގޮތުގެ ހެއްކާއި، ދޫކޮށްލި ވަގުތު އެނގޭނެހެން އޮތް ބަންދުން ދޫކޮށްލި އަމުރުގެ ކޮޕީއާއި އަޅުގަނޑުގެ ފޯން ކޯލް ލޮގްތަކާއި އަދި ވަޓްސްއެޕް މެސެޖްތަކަށް ދާންދެން ހެކީގެ ގޮތުގައި ޖޭއެސްސީއަށް ހުށަހެޅީމެވެ. އެ ދުވަހު އަޅުގަނޑު އުޅުނު ގޮތް އެނގޭނެ އަދި ވާހަކަ ދެއްކި މީހުން ހެކިވެރިންގެ ގޮތުގައި ހުށަހެޅީމެވެ. އަދި މުޅި ތުހުމަތު އުފެދުނު ސަބަބަކީ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލައެއްގައި ނުފޫޒު ފޯރުވުމަށްކަން ސާބިތުކުރުމަށްޓަކައި ޝަފަހީ ހެކި ހުށަހެޅީމެވެ." އަޒްމިރަލްދާ ވިދާޅުވި އެވެ.
ނަމަވެސް ޖޭއެސްސީ އިން ނިންމާފައި ވަނީ އެ ހެކިތައް ހުށަހެޅި ނަމަވެސް އެ ކޮމިޝަނުން މައްސަލަ ނިންމަން ގަސްތު ކޮށްފައިވާ ގޮތް ބަދަލު ނުވާނެ ކަމަށެވެ.
"އަޅުގަނޑު ގާނޫނީ، ޝަރުއީ ދާއިރާގައި މި ހޭދަކުރި 24 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދުވަހަކުވެސް މަގާމުގެ ނަހަމަ ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށްޓަކައި ނުވަތަ އެހެން މީހެއްގެ ފައިދާއަކަށްވެސް އެއްވެސް ފަރާތެއްގެ މައްޗަށް ނުފޫޒު ފޯރުވާފައެއް ނޯންނާނެއެވެ. އަދި އެފަދަ ކަމެއް ކުރިކަމަށް ބުނެ ހެކި ދެއްކޭނެ މީހަކުވެސް ނުހުންނާނެއެވެ. މިއަދު އަޅުގަނޑު ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ އަޅުގަނޑުގެ މައްޗަށް ތަހުގީގު ކުރުމުގެ މާކުރިން ނިޔާ ކަނޑައަޅާފައިވާ މައްސަލައެއްގައެވެ," އަޒްމިރަލްދާ ދެކެވަޑައިގެންނަވަނީ މިހެނެވެ.
މި ހުރިހާ ކަމެއްގެ ތެރޭގައި ވެސް ނުފޫޒަށް ނުވަތަ ޕްރެޝަރަށް ދީލައިނުލައި، ވަކި ފިކުރަކަށް ބައިއަތު ނުހިފައި، އަޅުގަނޑުގެ އަބުރާއި ނަފްސު ދިފާއުކުރުމަށް ނިކުތީ މި މައްސަލަ ނިމޭނީ މި ނަތީޖާއިންކަން ނޭނގޭތީއެއް ނޫން ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ. އޭނާ ބޭނުންވީ ބޭނުންވީ ރާއްޖޭގައި ފަނޑިޔާރުން ތިބޭ ނިކަމެތި ހާލަތު މުޅި ގައުމަށް ފެންނާށެވެ. އިންސާފު ގާއިމުކުރަން ތިބޭ މީހުން އަޅުދާސްކުރުމަށް ސިޔާސީ މީހުން ގެންގުޅޭ އުކުޅުތައް މުޅި ގައުމަށް ފެނި ހާމަވެގެން ދާށެވެ. ސުލޫކީ މައްސަލަ ބެލުމުގެ ނަމުގައި ފަނޑިޔާރުންނަށް ބިރު ދައްކާގޮތް ހާމަވާށެވެ. އަދި ބުނާގޮތް ނަހަދައިފިނަމަ ފަނޑިޔާރުގެ ކެރިއަރުގެ ބާކީ އޮތްބައި ހަލާކުވެގެންދާ ގޮތް އާއްމުންނަށް ފައުޅުވާށެވެ.
ތިން ބާރު ވަކިވެފައި، އެކަމަކު އަދުލުއިންސާފުގެ ބާރުގައި މިނިވަންކަމެއް ނެތް!
އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް މިނިވަންކަން އޮތީ ހަނިކޮށްފައި ކަމަށް އަޒްމިރަލްދާ ވިދާޅުވެ, އޭގެ ސަބަބުތައް ވެސް ދެއްކެވި އެވެ. އިދާރީ އެންމެހައި ކަންކަމާއި މާލީ އެންމެހައި ކަންކަން އޮންނަނީ އަނެއް ދެ ބާރަށް ގޮތް ކަނޑައެޅުން އޮތީ ޝާމިލުވާ ގޮތަށެވެ. އަނެއް ދެ ބާރުގައި ތިއްބަވައި ވަކި ވަކި ފަރުދުންނާ ޚިލާފަށް، ރާއްޖޭގެ ކޮންމެ ފަނޑިޔާރެއްގެ ވަޒީފާ އޮންނަނީ ސިޔާސީ ފަރާތްތަކުގެ ނުފޫޒުގައި ދަށުވެފައެވެ. ސުލޫކީވާނެ ފަދަ ކަމެއް ނުކުރިޔަސް ވަރިހަމައެވެ. އެވަގުތެއްގައި ތިއްބަވާ ސިޔާސީ ބޭފުޅުން ހިތްޕުޅާނުވާ ހުކުމެއްކޮށްފި ނަމަ ތުރާލާއި ފުރައްސާރައިގެ ޝިކާރައަކަށް ފަނޑިޔާރު ވެގެންދެއެވެ.
"ގާނޫނުއަސާސީއަށް އިސްލާހު ގެނެވިގެން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު، ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ލިބިދެވެންޖެހެއެވެ. އަނެއް ދެ ބާރު ދަށުނުވާ، އެކަމަކު އެ ދެ ބާރުން ފާރަވެރިވާ ބާރެއްގެ ގޮތުގައި އޮންނަންޖެހެއެވެ," އޭނާ ވިދާޅުވި އެވެ.
ދެ ފަހަރު ލިބުނު ބޭއިންސާފު!
މިއަދު އަޒްމިރަލްދާ ތަޖުރިބާ ކުރައްވާ ކަންތައްތަކަކީ މީގެ ކުރިން ވެސް އޭނާއަށް ތަޖުރިބާ ކުރަން ޖެހުނު ކަމެކެވެ. މީގެ ނުވަ އަހަރު ކުރިން މެއި 12، 2016 ގައި ހަމަ މި ސަރުކާރުގެ ސިޔާސީ ފިކުރުގެ ޖަމާއަތަކުން އޭނާ ވަޒީފާގައި ދެމިހުރުމުގައި ދަތިތައް ކުރިމަތިކުރުވުމުގެ ނަތީޖާއެއްގެ ގޮތުން މަޖުބޫރީ ހާލަތެއްގައި ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި އެވެ.
"...އެފަހަރު އަޅުގަނޑަށް އެ މަޖުބޫރީ ހާލަތަށް ގެންދިޔުމަށް އަޅުގަނޑާ ދެކޮޅަށް ބޭނުންކުރީ އަޅުގަނޑުގެ ތުއްތު ދަރިންނެވެ. ކުޑަ ދެކުދިން ގޮވައިގެން މުއްދަތެއް ނެތް ގޮތަށް ހައިކޯޓުގެ ދެކުނު ގޮތްޕަށްކަމަށް ބުނެ އައްޑޫ ހުޅުމީދޫއަށް އަޅުގަނޑު ފޮނުވާލިއެވެ. އެފަހަރުވެސް ސުޕްރީމް ކޯޓާއި، ޖުޑިޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލިހަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ސިޓީ ފޮނުވީމެވެ. އެފަހަރު ވެސް އެއްވެސް އިދާރާއަކުން އިޖާބައެއް ނުދިނެވެ. އޭރު މަޖިލިހުގައި ތިއްބެވި ބައެއް މެންބަރުން މިއަދު ވެސް ހަމަ އެ މަޖިލިހުގައި އެބަ ތިއްބެވިކަން ހިތާމައާއެކު ފާހަގަކުރަމެވެ," އަޒްމިރަލްދާ ވިދާޅުވި އެވެ.
މިފަހަރުގެ ސަރުކާރުން ޚިޔާރުކުރީ އަޒްމިރަލްދާގެ ފިރިކަލުންގެ މައްޗަށް ޖިނާއީ ތުހުމަތެއް ކޮށް އެކަން އޭނާއާ ދެކޮޅަށް ބޭނުންކުރުމަށެވެ.
"އޭނާ ނުކުރާކަމެއް އޭނާ ބޮލުގައި އަޅުވައި، އަޅުގަނޑުވެސް ނުކުރާކަމެއް އަޅުގަނޑު ބޮލުގައި އަޅުވައި ދެމަފިރިންގެ އަބުރު ކަތިލީއެވެ," އަޒްމިރަލްދާ ވިދާޅުވި އެވެ.
މި ފަހަރު ވެސް ޝަކުވާގެ ސިޓީތައް އަޒްމިރަލްދާ އިދާރާތަކަށް ހުށަހެޅުއްވި އެވެ. ނަމަވެސް, ރާއްޖޭގެ އެއްވެސް އިދާރާއަކުން އޭނާ ހުށަހެޅި ޝަކުވާއެއް ނުބެލި އެވެ. ޖޭއެސްސީ އިން ހިޔާރުކުރީ އޭނާ މަގާމުން ވަކިކުރުމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޚިޔާރުކުރީ ކޮރަޕްޝަން ހިންގައި ސުޕްރީމް ކޯޓު ވައުކޮށްލުމަށެވެ. ފުލުހުންނަށް ފެނުނީ ބަލަންޖެހޭ ޖިނާއީ މައްސަލައެއް ނެތް ކަމަށެވެ. ބާ ކައުންސިލަށް ފެނުނީ ވަކީލުން އިންތިޚާބުކުރި މެންބަރު ބައިވެރިވުމާ އެކު ދޮގު ރިޕޯޓެއްގެ މައްޗަށް ފަނޑިޔާރަކު މަގާމުން ވަކިކުރުން ސުލޫކީ މައްސަލައަކަށް ނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލިހަށް ފެނުނީ ގާނޫނުއަސާސީއާއި ގާނޫނުތައް މުގުރާލައި، އަސާސީ ހައްގުތަކެއް ނިގުޅައިގަނެފައިވާ މައްސަލައެއްގެ ބަދަލުގައި ޑިޔު ޕްރޮސެސްއާ އެއްގޮތަށް ހިންގާފައި އޮތް މައްސަލައެކެވެ.
"އަޅުގަނޑަށް މިއަދު އިންސާފެއް ނުލިބުނެވެ." -- އަޒްމިރަލްދާ
"މިއީ ހަމައެކަނި އަޅުގަނޑާއި ފަނޑިޔާރު މަހާޒާއި ސުއޫދުއަށް ފަރުދީ ގޮތުން ރައްދުވި ހަމަލާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރާއްޖޭގެ ޖުޑިޝަރީއަށް އަނެއްކާވެސް ދިން ހަމަލާއެކެވެ.
"ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. ލުއި ގޮތަކަށް އަތުން ފޮޅާލެވޭވަރު ކަމެއް ނޫނެވެ. އަޅުގަނޑު އުންމީދު ކުރަނީ މި ގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައި ހުރި ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވޭނެކަމަށް," އަޒްމިރަލްދާގެ އުއްމީދަކީ މިއީ އެވެ.
އިދާރާތަކުން އޭނާއަށް އިންސާފު ނުލިބުނަސް, މި އުނދަގޫ ދަތުރުގައި އޭނާއަށް ހިތްހަމަޖެހުން ލިބުނު ކަމެއް އެބަ އޮތެވެ; ކިތަންމެ ދަތި އުނދަގޫ ހާލަތްތަކެއްގައި ވިޔަސް ރާއްޖޭގެ އެންމެހައި މެއިންސްޓްރީމް މީޑިއާތަކުން އޭނާގެ މައްސަލަތަކުގެ ޚަބަރުތައް ތަފްޞީލުކޮށް ރިޕޯޓު ނުކުރެއްވިނަމަ، ސިއްރިޔާތުގައި މީގެ މާކުރިން އޭނާ ހުންނާނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.

ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު: ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެވުނީ 04 ސެޕްޓެންބަރު 2019 ގައި
"މީޑިއާއިން މި މައްސަލައަށް ދެއްވި ސަމާލުކަމަށާއި ޙަގީގަތްތައް ރައްޔިތުންނާ ހަމައަށް ގެނެސް ދެއްވުމުގައި އަދާކުރެއްވި ދައުރަށް ޝުކުރު ދަންނަވަމެވެ. މީޑިއާތަކުން މި މައްސަލައަށް މިހާ ޝައުޤުވެރިކަން ދެއްވީ އެއީ ހަތަރުވަނަ ބާރަށްވާތީވެ، ގާނޫނުއަސާސީއާއި ގާނޫނުތައް ދަމަހައްޓައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ފާރަވެރިއަކަށްވާތީކަމުގައި ދެކެމެވެ." އޭނާ ވިދާޅުވި އެވެ.
މީޑިއާއިން ނެންގެވީ އަޅުގަނޑުގެ ކޮޅެއް ނޫނެވެ. ގާނޫނުގެ ކޮޅެވެ."
ނަމަވެސް, އޭނާގެ ވަޒީފާއާ ހެދި ފިރިކަލުންނާއި އާއިލާ ތަހައްމަލު ކުރަންޖެހުނު ކަހަލަ ކަންކަން އެހެން އެއްވެސް މީހެއްގެ މައްޗަށް އަންނާކަށް އޭނާ ނޭދެ އެވެ. އެއީ އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ތަކުލީފެވެ. އެ ތަކުލީފުގެ ތެރެއިން އަޒްމިރަލްދާގެ އޮތީ އުއްމީދެކެވެ;
"ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މައުސޫމް މީހުން ފްރޭމްކުރުމުގައި ބައިވެރިވެ ކުށްކުރި މީހުންނަށް ކޮންމެވެސް ދުވަހަކުން އިންސާފުވެރި އިޖުރާއަތަކުން ހައްގު އަދަބު ލިބޭތަން ދެކެން އަޅުގަނޑު ބޭނުމެވެ," އަޒްމިރަލްދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާ ފާޅުގައި ދައުލަތުގެ އެކި އިދާރާތަކުގައި ތިބި ވެރިންނާއި މުވައްޒަފުން މިފަދަ ޢަމަލުތައް ކުރުމަށް މަގުފަހިވަނީ މިފަދަ އަމަލުތައް ކުރާ މީހުންގެ މައްޗަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު ނޭޅޭތީ އެވެ. ވެރިއަކަށް ފާޅުގައި ކޮރަޕްޓްވާ މިންވަރަށް ބާރު ލިބެނީ ދަށުގައި ތިބޭ އެންމެން އެކަމަށް ވާގިވެރިވުމުންނެވެ. އަދި ބަސް ބުނަންޖެހޭ މަގާމުތަކުގައި ތިބޭ އެހެން މީހުންނާއި މުވައްޒަފުން އެކަމަށް ދެކޮޅު ނަހަދާ ހަނު ތިބޭތީ އެވެ. ރާއްޖޭގައި މަދު ފަހަރެއްގައި ނަމަވެސް ބައެއް ވެރިންގެ މައްޗަށް ފިޔަވަޅު އެޅޭއިރު، ގާނޫނުގެ ދިގު އަތް، ވެރިންގެ ދަށުގައި ތިބޭ އަދި ގާނޫނާ ޚިލާފު އަމަލުތައް ހިންގުމަށް އަމަލީގޮތުން އެހީތެރިވި މުވައްޒަފުންގެ މައްޗަށް ނުފޯރާ ކަމަށް އަޒްމިރަލްދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދައިން ގާނޫނުގެ އަތް ފޯރާނަމަ މިހާ ފާޅުކަން ބޮޑު ގޮތަކަށް ގާނޫނު މުގުރާލަން ޖެހިލުންވާނެ އެވެ.