މޫސާ ރަޝީދު

"މަގުމަތީ މި ތިބީ ގައުމު އިސްލާހު ކުރަން ބޭނުންވާތީ. ގައުމަށް ބޭނުން ވަނީ ރީފޯމް," ޖަނަވަރީ މަގާ ދިމާ މަޖީދީމަގުގައި އެއްވެ ތިބި ޒުވާނުން ގޮވަމުންދިޔަ އެވެ.

އެ ރޭ އެތައް ސަތޭކަ ޒުވާނުންނެއް އެތަނަށް ޖަމާވެފައި އޮތީ ގައުމާ މެދު ހިތާމަކުރާ ހާލުގަ އެވެ. އިހު ޒަމާނުންސުރެ އޮތް ތަފާތުކުރުމާއި ބޮޑުންގެ ދަރިންނަށް ލިބޭ އާދަޔާ ހިލާފު ރައްކާތެރިކަމާއި ގާނޫނީ ނިޒާމުގެ ތެރެއިން އެމީހުން އަބަދުމެ ރެކިގަންނަ ސަގާފަތާ މެދު އޮތް ޒުވާނުންގެ ނުރުހުމެވެ.

މި ނުރުހުމުގެ ޖަޒުބާތާއި އަސަރު ބަންޑުންވެގެން ދިޔައީ އުސް އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލު ކުރި ގޮތުންނެވެ. އެ ހާދިސާގައި ޔުމްނު އެހާ ހިސާބަށް ދިޔުމުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އާއިލީ ޒުވާނުން ހިމެނެ އެވެ. ފުލުހުންގެ ތަހުގީގުގައި އެ ޒުވާނުންނާ މެދު ހާއްސަ ގޮތަކުން އަމަލުކޮށް, އެމީހުން ސަލާމަތް ކުރަން އުޅުނު ކަމުގެ ޝަކުވާ ޒުވާނުންގެ އެބަ އޮތެވެ.

އާންމުކޮށް އެކްސް ޕްލެޓްފޯމްގައި ޝަކުވާ އުފުލަމުންދިޔަ ޒުވާނުން މި ފަހަރު ނުކުތީ މަގުމައްޗަށެވެ. އެއް އަޒުމެއްގައި އެއް އަމާޒެއްގައި ނުކުމެ ތިބި އެ ޒުވާނުންގެ އަދަދު ފެނިފައި ސަރުކާރު ވެސް ފެޔަށް ޖެހުނެވެ. ޒުވާނުންގެ އެ ހަރު އަޑުން މުޅި ދައުލަތް ގުޑުވާލި އެވެ.

އެ މައްސަލައިގެ ތަހުގީގު ފުލުހުން ސީރިޔަސް ކޮށް ނަގަން ފެށީ ޒުވާނުންގެ ބޮޑު އެއްވުމާއެކު ކަން އެންމެނަށް ވެސް އެނގެ އެވެ. ކުރިން ސިއްރުން ނުކޮށް ތިބި އެތައް ކަމެއް ކުރަން މަޖުބޫރުވި އެވެ. ޔުމްނާއާ އެކު އެ ރޭ އުޅުނު ރައުދު ޒިލާލު ހައްޔަރުކުރަން ޖެހުނެވެ. އެ ރޭ ޕާޓީ ބޭއްވި ކަމަށް ބުނާ ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގެ ބަލާފާސްކުރަން ޖެހުނެވެ. ޕާޓީ ކުރި ޒުވާނުން ބަލާފާސްކޮށް, އެމީހުން އެންމެ ފުރަތަމަ ސާމްޕަލް ނުދިން މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވަން ޖެހުނެވެ.

އެވަރުން ވެސް ޒުވާނުންގެ އަޑު މަޑެއް ނުވި އެވެ.

އެހެންވެ, ތަހުގީގުގެ ބޭރުން ވެސް ސަރުކާރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުކުރުވި އެވެ. ޒުވާނުންގެ ހަރަކާތް އިތުރަށް ފުޅާވެ ދިޔުން ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މުޅި މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަވާށެވެ. އެފަދަ ކޮމިޝަންތައް އުފެއްދުމަކީ އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަކަށް ނުވި ނަމަވެސް, މި މައްސަލާގައި ކުއްލި ގޮތަކަށް ކޮމިޝަނެއް އުފެއްދެވީ ޒުވާނުންގެ އިތުރުވަމުންދިޔަ ޕްރެޝަރުތަކާ އެކު އެވެ.

މި މައްސަލާގައި ސަރުކާރަށް އައި ޕްރެޝަރުތަކާއި ފުލުހުންގެ އިހުމާލުގެ އަޑު ޒުވާނުން ހުއްޓުމެއް ނެތި އިއްވަމުން ދިޔަ ގޮތުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިސްތިއުފާ ދެއްވި އެވެ. ޔުމްނު މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުންނެވި ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވެސް އެންމެ ފަހުން އެ މަގާމުން ދުރު ވެސް ކުރި އެވެ.

މި މައްސަލާގައި ހަމައެކަނި މުޅި ސަރުކާރު ޒުވާނުންގެ ކުރިމަތީގައި "ކުޑަކަކޫ" ޖަހަން ޖެހުނީކީ ނޫނެވެ. މުޒާހަރާގައި އެމްޑީޕީން މިހާރު ބައިވެރިވި ނަމަވެސް އެންމެ ފުރަތަމަ އެ ހާލަތުގެ ބޭނުން ހިފައިގެން ފުރަތަމަ އިދިކޮޅު އެމްޑީޕީން ދިދަ ހިފައިގެން މުޒާހަރާ އަށް ނުކުތުމުން ޒުވާނުން އެކަމާ ވެސް ދެކޮޅު ހެދި އެވެ. އެއްވެސް ސިޔާސީ ބަޔަކު މީގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށް އަންގައި އެ މީހުންނާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލަން ފެށި އެވެ.

މާލޭގައި މި ފަހުގެ ތާރީހެއްގައި ނުފެންނަ ވަރުގެ ބޮޑު މުޒާހަރާއެއް މަޖީދީ މަގުގައި ކުރީ ވެސް އެ ޒުވާނުންނެވެ.

މިއީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒުވާނުންތަކެއް ނުކުމެ ގެނައި އިންގިލާބެވެ. އެއީ ގައުމުގައި ނިޒާމީ ގޮތެއްގައި ހިނގާ ސީރިޔަސް މައްސަލަތަކަށް ވެސް ޒުވާނުންގެ ލޯ ހުޅުވި އެކަމާ ފިކުރު ކުރާ ނަމަ އެ މީހުންނަށް ގައުމު ހަމަ މަގަށް އެޅުވިދާނެ ކަމުގެ ހެއްކެކެވެ.

ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި ބާރުތަކަށް އުނިކަން އަންނަ ގޮތަށް ނިންމާ ނިންމުންތަކާއި ދައުލަތުގެ ތެރެއިން އެތައް މިލިއަނުން ކޮރަޕްޝަން ހިންގުމަށް ފަހު ސިޔާސީ ކޮންމެ މީހެއް ސަލާމަތްވާވުމާއި ބޯހިޔާވެހިކަމުގެ ދަޅައެއް ދައްކައިގެން އަންނަ އެއްވެސް ވެރިކަމެއްގައި އެ މައްސަލަތައް ހަލު ނުވެ އޮތް އޮތުން ފަދަ މައްސަލަތަކަށް ވެސް ޒުވާނުންގެ ލޯ ހުޅުވެން ޖެހެ އެވެ.