މޫސާ ރަޝީދު

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ބޭލުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެ ސިފައިން އޮޕަރޭޓްކުރަމުންދިޔަ ތިން ޕްލެޓްފޯމް ދިވެހިންގެ ފުލް ކޮންޓްރޯލްގެ ދަށަށް ގެނައުމަކީ ވެސް އެ ވައުދުގެ މުހިންމު ހިއްސާއެކެވެ. އިންޑިއާ ސިފައިން ރާއްޖޭން ބާލުވައިފި އެވެ! އެކަމަކު, ޕްލެޓްފޯމްތަކަށް އަދިވެސް ދިވެހިންގެ ފުލް ކޮންޓްރޯލެއް ނެތެވެ.

އިންޑިއާގެ ކޮންމެ ސިފައިންގެ މީހަކަށް އިންޑިއާއިން މަދަނީ މީހެއް ގެނަ އެވެ. ތިން ޕްލެޓްފޯމް އޮޕަރޭޓް ކުރަން މިހާރު ތިބީ އެމީހުންނެވެ. އެއީ އެއްބަސްވުމެއްގެ ދަށުން ވަކި މުއްދަތަކަށް ގެނައި ބައެކެވެ: މިއީ ސަރުކާރުން ރަސްމީކޮށް ހާމަ ވެސް ކޮށްފައިވާ މުއްދަތުތަކެވެ. 

މިދިޔަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހާމަކުރެެއްވި މުއްދަތުތައް: 

  • ލ. ކައްދޫ އާއި ސ. ގަމަށް ގެނައި މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު ކަނޑައަޅާފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަަށް
  • ހދ. ހަނިމާދޫގައި ތިބި މަދަނީ މީހުންގެ މުއްދަތު ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް

މިނިސްޓަރު ޒަމީރު އެ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ  އެ މުއްދަތުތައް ދެ ގައުމުން ބަދަލުނުކުރާހާ ހިނދަކު، މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު އޮންނާނީ އެގޮތަށެވެ. އޭގެން ދޭހަވާން އޮތް ކަމަކީ މުއްދަތު ހަމަވުމަށް ފަހު މަދަނީ މީހުންނަށް ވެސް ރާއްޖޭގައި ތިބުމުގެ ހުއްދައެއް ނޯންނާނެ އެވެ. 

އެއްވެސް އެއްބަސްވުމެއް ނޫނީ ހުއްދައަކާ ނުލައި ރާއްޖޭގައި އެގޮތަށް ބަޔަކަށް ނުވެސް ތިބެވޭނެ އެވެ. އެ ޕްލެޓްފޯމްތައް އޮޕަރޭޓްކުރަން އިންޑިއާ ސިފައިން ވެސް ތިބީ އެއްބަސްވުމެއްގެ ދަށުން, އެއްބަސްވުމުގެ މުއްދަތު ވެސް އެކި ފަހަރު މަތިން އިތުރުކޮށްގެންނެވެ. 

މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން ކަނޑައެޅި މުއްދަތުގެ ތެރެއިން ލ. ކައްދޫ އާއި ސ. ގަމަށް ގެނައި މަދަނީ މީހުން ރާއްޖޭގައި ތިބުމުގެ މުއްދަތު ވަނީ މިދިޔަ ފެބްރުއަރީ މަހަށް ހަމަވެފަ އެވެ. މިއީ މެއި މަހެވެ. 

އެކަމާ ގުޅޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްެވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލުކުރި އެވެ. 

ސުވާލު: މުއައްޒިން ނާޒިމް, ދައުރު - މަދަނީ މީހުންނާ ގުޅޭ ބައެއް އެއްބަސްވުންތަކުގެ މުއްދަތު ހުރީ ހަމަވެފައި. މުއްދަތު އިތުރު ކުރަން ވެސް ޖެހިފައި. ގަބޫލުކުރައްވަންތޯ ރައްޔިތުންނަށްވީ ވައުދު ފުއްދުނު ކަމަށް, އަދިވެސް އިންޑިއާގެ މަދަނީން އެ އުޅަނދުތައް ދުއްވަމުންދާތީ؟ 

"މިހާރަކު ނުތިބޭނެ އިންޑިއާގެ ސިފައިންނެއް. މަދަނީ ބޭފުޅުން އެ ތިބީ. އެހެންވީމަ ވައުދު ހަމަ ވަރަށް ރަނގަޅަށް ފުއްދާ ނިމިއްޖެ. މިހާރު މި ގައުމުގައި އެއްވެސް ގައުމެއްގެ ބޭރު ސިފައިންނެއް ގާއިމްވެ ނެތް,"

ރައީސް މުއިއްޒު

ސުވާލު: މުއައްޒިން ނާޒިމް, ދައުރު: މަދަނީއާ ގުޅޭ އެއްބަސްވުން މިހާރު ހަމަވެފައި ވަނީ, އަދިވެސް އެމީހުން އެބަތިބި. އެއްބަސްވުމުގެ މުއްދަތު އެކްސްޓެންޑް ކުރެވިފައިތޯ ވަނީ؟  

"އަޅުގަނޑުމެން ވާހަކަ ދައްކަމުން މިދަނީ އެކަމުގައި ހައްލެއް ހޯދަން," 

ރައީސް މުއިއްޒު

ސުވާލު: މުހައްމަދު ޝަހުޒާން, އަދަދު - ފެބުރުއަރީގައި އެއްބަސްވުން ހަމަވެއްޖެ, މިއަދާ ހަމައަށް ވެސް އޭތި ދުއްވަމުން އުއްދުއްސަމުން ގެންދަނީ އެއްވެސް އެގްރިމެންޓެއް ނެތި. ސަރުކާރުގެ ރުހުމުގައިތޯ ނުރުހުމުގައިތޯ އެކަން އެ ކުރަނީ ސާފުކޮށް ދެވިދާނެތޯ؟  

"ދެ ގައުމުގެ ގުޅުން ވަރަށް ރަނގަޅު އިރާދަކުރެއްވީތީ, ދެ ގައުމުގެ ގާތް ގުޅުމުގެ ތެރެއިން އެ ނީޑް ޖެހޭ ވަގުތެއްގައި މިސާލަކަށް މީހަކު ގެއްލިގެން ހޯދަން ޖެހުނީ. އެކަހަލަ ކަމެއް އައިސްގެން ނޫނީ ބަލި މީހަކު އުފުލަން ޖެހުނީ. އެ އޮންނަ ޕްރެސެސް ތެރެއިން އެ އެހީތެރިކަން ހޯދަމުން ދަނީ" 

ރައީސް މުއިއްޒު

ސުވާލު: މުހައްމަދު ޝަހުޒާން, އަދަދު - އެއް އެއާކްރާފްޓްގެ އެއްބަސްވުން އޭގެ މުއްދަތު ފެބުރުއަރީ މަހަށް މި ވަނީ ހަމަވެފައި. ފެބުރުއަރީ މަހުގެ ފަހުން ވެސް އެ އުދުއްސަމުންނޭ ދަނީ. ކޮން ހުއްދައެއްގެ ދަށުންތޯ އެ އުއްދުއްސަމުން ދަނީ؟  

"އަޅުގަނޑު ފޮރިން މިނިސްޓްރީއާ ވާހަކަ ދައްކާފައި ބަލާލާނަން. ހަމަ ޔަގީނުން ވެސް ދެ ގައުމުގައި އެބަ އޮތް ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް, އަންޑަސްޓޭންޑިންއެއް. އެއަކު ނެތް ޑައުޓެއް ވެސް. ދެން މިހާރު އިތުރު އަންޑަސްޓޭންޑިންއެއް ލިޔުމެއްގެ ތެރެއިން ހަމަޖެހިގެންތޯ ކިހިނެއްތޯ… ޔަގީނުން ވެސް ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން ބޭނުންވާ ކޮންމެ އިރަކު އެ އެބަ ބޭނުން ހިފޭ. އަޅުގަނޑު ހަމަ ދަންނަވާނަން އެ ވެސް ހަމަ ލިޔުމުން ތިޔަ ބޭފުޅުންނަށް އަރުވަން,"  

ރައީސް މުއިއްޒު

އިންޑިއާގެ މަދަނީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ތިބި ޕްލެޓްފޯމްތަކުގައި ތިބީ ކޮން އުސޫލަކުން ކަން ހާމަކޮށް ލިޔުމުން ނޫސްވެރިންނަށް ޖަވާބު ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ވެސް ވަނީ ހަމަ މި ސުވާލު އަމާޒުކޮށްފަ އެވެ. 

ސުވާލު: ވައިކަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޒިޔާދު - ފެބުރުއަރީ އެއް ހެލިކޮޕްޓަރުގެ އެއްބަސްވުން ހަމަވެފައި އޮތީ. އޭގެ ފަހުން އެ ހެލިކޮޕްޓަރު ބޭނުން ކުރެއްވިކަން ވަޒީރަށް އެނގިވަޑައިގަންނަވާތޯ؟  

"ތި އެއްބަސްވުން އިތުރު ކުރި ކަމެއް ނޫނީ ހަމަވިކަމެއް އިއްޒަތްތެރި މެންބަރަށް ކިހިނެއްތޯ އެނގިވަޑައިގެންނެވީ؟ ރައީސުލްޖުމްހޫރިއްޔާ އެ ދުވަހަކު ވިދާޅެއް ނުއެއްވޭ އެއްބަސްވުން ހަމަވެފައި ކަމަކަށް. ރައީސުލްޖުމްހޫރިއްޔާއާ ކޮންމެވެސް ބޭފުޅެއް ކުރެއްވި ސުވާލެއްގެ ބައެއް އެއީ. މިހާރު ވެސް ކުރިއަށް އެ ދަނީ ދެ ގައުމުގެ ތެރޭގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވެފައި އޮތީ. ހައިލެވެލް ކޮމިޓީގެ މަސައްކަތުގެ ތެރެއިން އެކަން އެގޮތަށް ކުރިއަށް އެ ދަނީ,"  

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން

މަޖިލީހުގައި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާގެ މަދަނީ މީހުން ރާއްޖޭގެ ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވަމުން ދަނީ ދެ ގައުމުގެ ދެމެދު އެކުލަވާލާފައިވާ ހައިލެވެލް ކޮމިޓީގެ މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް, މިނިސްޓަރު ވިދާޅުވި ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް މި އަހަރުގެ ތެރޭގައި ބާއްވާފައިވާ ކަން އެނގޭކަށް ނެތެވެ.