މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ މިހާރު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު ވަނީ ސަރުކާރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުކޮށް އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މި ހުރިހާ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވި ގޮތުގައި "އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ" އަދި "އިއްތިފާގެކެވެ." ރައީސްގެ މި ވާހަކަފުޅަކީ ކިހާ ވަރެއްގެ ހަގީގަތެއްތޯ ބަލައިލުމަށް މިދިޔަ ދުވަސްތަކުގައި ހިނގި ކަންކަމުގެ ޓައިމްލައިނެއް ބަލައިލަން ޖެހެ އެވެ.

މިއީ މަޖިލީހުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ހިނގި ކަންކަމުގެ ހުލާސާއެކެވެ.

ނޮވެމްބަރު 20، 2024 - ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރި އެވެ. މަޖިލީހުގައި ތިން ކިޔުން އެއްފަހަރާ އިއްވުމަށް ފަހު ބަހުސާއި ކޮމިޓީ މަރުހަލާތައް ނިންމައި ފާސްކޮށް އަދި ރައީސް އެ ބިލު ތަސްދީގު ކުރެއްވީ ނުވަ ގަޑިއިރު ތެރޭގަ އެވެ.


ނޮވެމްބަރު 24، 2024 - ގާނޫނުއަސާސީ އަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ.


ފެބްރުއަރީ 18، 2025 - މެންބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑު އެހުންތައް ފެށި އެވެ. އެ މައްސަލާގައި ދައުލަތުން ވަކާލާތު ކުރީ މަޖިލީހުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމެވެ. ނަމަވެސް ކޯޓުން ނިންމީ ދައުލަތުގެ އެ ނުކުތާ އަށް ފަހުން ގޮތެއް ނިންމުމަށާއި ގޮނޑި މައްސަލައިގެ ޝަރީއަތް ކުރިޔަށް ގެންދިޔުމަށެވެ.


ފެބްރުއަރީ 23، 2025 - ސުޕްރީމް ކޯޓާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ކޯޓުގެ ބެންޗު ފަހަކަށް މަދު ކުރުމަށާއި ހަތް ދުވަސް ތެރޭގައި ދެ ފަނޑިޔާރެއް ވަކި ކުރުމަށް ޕީއެންސީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅި އެވެ.


ފެބްރުއަރީ 23، 2025 - ޖޭއެސްސީ އަށް ރައީސް ކަނޑައަޅުއްވާފައި ހުންނަވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރައްވައި، އާ ބޭފުޅަކު އައްޔަން ކުރެއްވި އެވެ.


ފެބްރުއަރީ 25، 2025 - ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ވަގުތީ އަމުރަކަށް އަލީ ހުސެއިން އެދުނެވެ.


ފެބްރުއަރީ 25، 2025 - ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ފަހަކަށް މަދު ކުރުމަށް ހުށަހެޅި އިސްލާހު ޕީއެންސީން އެންޑޯޒްކޮށް އެ ބަލައިގަނެ ކުރިޔަށް ގެންދަން ފާސް ކުރި އެވެ.


ފެބްރުއަރީ 25، 2025 - ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބަދަލަށް ތާއިދު ނުކުރެއްވުމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގުރޫޕުން ނެރެ, މުހިންމު ކޮމިޓީތަކުން އެހެކެރިކުރި އެވެ.


ފެބްރުއަރީ 25، 2025 - ތްރީ ލައިން ވިޕާ އެއްވެސް މެންބަރަކު އެއްވެސް ފަހަރެއްގައި ހިލާފު ވެގެން ނުވާނެ ކަމަށް ސީދާ ރައީސް އެންގެވި ސްކްރީން ޝޮޓް ލީކުވި އެވެ.


ފެބްރުއަރީ 25، 2025 - ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުގެ އަޑުއެހުމެއް ތާވަލުކުރި އެވެ.


ފެބްރުއަރީ 26، 2025މަޖިލީހުގެ ކައުންސެލާ ޖެނަރަލް ފިލްޒާގެ ލަފަޔާ ވެސް ހިލާފަށް މަޖިލީހުން ފަނޑިޔާރުންގެ ބިލު ފާސް ކުރި އެވެ.


ފެބްރުއަރީ 26، 2025ބިލު ފާސް ކުރިތާ އިރުކޮޅެއްގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑް ކުރި އެވެ.


ފެބްރުއަރީ 26، 2025ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ވެސް ބަލަމުން އަންނަ ކަމަށް އެންގި އެވެ.


މާޗު 4، 2025ސުޕްރީމް ކޯޓަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ފަނޑީޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި އެވެ. އިސްތިއުފާ ސިޓި ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށެވެ. އޭގެ ފަހުން ޖޭއެސްސީ އަށް ވެސް އެ ސިޓި ފޮނުވި އެވެ.


މާޗު 5، 2025 - ޖުޑިޝަރީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ބުނެ ޕީއެންސީން ބަޔާނެއް ނެރުއްވި އެވެ.


މާޗު 11، 2025 - ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ކުޑަކުރާ ބިލް ރައީސް ތަސްދީގު ނުކުރައްވައި, އަނބުރާ މަޖިލީހަށް ފޮނުވާލެއްވި އެވެ.


އޭޕްރިލް 7، 2025 - ހުސްނުއްސުއޫދުގެ ބަދަލުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރެއްވި އެވެ.


އޭޕްރިލް 27، 2025ދެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވި އެވެ.


މެއި 12، 2025ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ނިންމާފައިވާ ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ތާއިދުކުރި އެވެ.


މެއި 13، 2025ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ޖޭއެސްސީން ހިންގާފައިވާ އިޖުރާއަތް ގޯސްކަމަށާއި އެކަމުގައި ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވި އެވެ.


މެއި 13، 2025ފިލްޒާގެ ލަފާ އެހެން އޮތް ނަމަވެސް, މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ނިންމި އަދި ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް އެ ކޮމިޓީން ފާސްކުރި އެވެ.


މެއި 13، 2025ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައްސަލަ މަޖިލީހުގެ ތަޅުމަށް އެޖެންޑާކުރި އަދި ބަހުސުގެ ވަގުތުގެ ގޮތުގައި ދެ ގަޑިއިރު ކަނޑައެޅި އެވެ.


މެއި 14، 2025 - ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކި ކުރަން ޕީއެންސީގެ 68 މެންބަރުންގެ ވޯޓުން ފާސް ކުރި އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.