ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ އެކީ ހޭދަ ކުރެއްވި 12 ގަޑިއިރު ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ މާ ގިނަ ތަފްސީލެއް ނުދެއްވަ އެވެ. ކުރިޔަށް އޮތް ދެ އަހަރަކީ ރާއްޖެ އަށް މާލީ ގޮތުން ކްރިޓިކަލް ދެ އަހަރު ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ އިރު ރައީސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑަށް އަލިއަޅުއްވާލެއްވީ އެ ދެ އަހަރު ތެރޭގައި ސަރުކާރުން ކުރިޔަށް ގެންދާނެ މަޝްރޫއުތަކަށެވެ.
އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކް ޕޭމަންޓަށް ފައިސާ ހޯދަން ސަރުކާރުން ރާވާފައި ވަނީ މި އަހަރު ތެރޭގައި ބޮޑެތި ރިފޯމްތައް ގެނެސް ދައުލަތުން ކުރާ ހަރަދުތަކުން އޭގެ ބޮޑު ބައެއް ސަލާމަތް ކުރުމަށެވެ.
އޭގެ ތެރޭގައި އާސަންދަ ނިޒާމުން ގަންނަ ބޭހުގެ އަގު ދަށް ކުރުމާއި ތެޔޮ، ކަރަންޓު އަދި ކާޑަށް ޓާގެޓް ޑައިރެކްޓް ސަބްސިޓީ ދިނުމާއި ޕޭ ހާމަނައިޒް ކުރުމާއި ސަރުކާރުގެ އިދާރީ ހަރަދު ކުޑަ ކުރުމަށް ފިޔަވަޅު އެޅުމާއި ޑަބަލް ޕެންޝަން އުވާލުން ހިމެނެ އެވެ. އަދި ވެލްފެއާ ނިޒާމުގެ ތެރެއިން އެހީތައް ޓާގެޓް ކުރުމާއި ޕީއެސްއައިޕީ މަޝްރޫއުތައް ޕްރައިއޮރަޓައިޒް ކޮށްގެން ހިންގަން ސަރުކާރުން ވަނީ ރާވައިފަ އެވެ.
އެ ފިޔަވަޅުތަކުން ހަތް ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާ ކޮށްފަ އެވެ.
އެހެން ނަމަވެސް އަހަރުގެ މެދަކާ ހަމައަށް އައިއިރު އެ ކަންކަން އަދިވެސް އޮތީ ތަންފީޒު ނުވެ އެވެ. އަދި އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން "ސިޔާސީ ގެއްލުން ބޮޑުވާތީ" ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އަނބުރާ ގެންގޮސްފަ އެވެ.
މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ކުރިން ރޭވި ރިފޯމް ޕްލޭންގެ ތެރެއިން އާސަންދައިގެ އިސްރާފު ކުޑަ ކުރުން ފިޔަވަައި ދެން ކުރި ކަންކަމަކީ "ކުރާނެ ކަންކަމެއް ނޫނެވެ."

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން މިހާރު ހުރީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލު ގެނެސް އޭގެ ތެރެއިން ފައިދާއެއް ނެރުމެވެ.
އެގޮތުން މަޝްރޫއުތައް ހިންގާނީ ސަރުކާރުގެ ކުންފުނިތަކާ ހަވާލު ކޮށްގެން އޭގެ ކޮސްޓު ވެލިއުގައި ކަމަށް ރައިސް ވިދާޅުވި އެވެ. އޭގެ ބޭނުމަކީ ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލު ކުރުމުން ފައިދާގެ ގޮތުގައި އެ ކުންފުނިތަކުން ނަގާ އަދަދު ސަލާމަތް ކުރުމެވެ. އެގޮތަށް އެކަން ކޮށްފި ނަމަ ކޮންމެ މަޝްރޫއަކުން އެތައް މިލިއަނެއް ސަލާމަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރިފޯމްގެ ތެރެއިން ކަޓް ކުރެވުނު ކޮސްޓު އަޅުގަނޑުމެންނަށް އެބަ އެޗީވް ކުރެވޭ މިގޮތަށް ޕްރޮޖެކްޓުތައް އަގުހެޔޮކޮށް ހިންގީމަ." ރައީސް ވިދާޅުވި އެވެ.
"ކޮންމެހެން ރައްޔިތުންނަށް ދެމުންގެންދާ އެއްޗެއް އުނި ކޮށްލައިގެން އެ ސަލާމަތް ކުރުމުގެ ބަދަލުގައި އާ މޮޑަލްގެ ދަށުން މަޝްރޫއުތައް ހިންގައިގެން އެ ބައި ސަލާމަތް ކުރާ ގޮތަށް. އެއީ އަޅުގަނޑުމެންގެ ޕްލޭނަކީ."
ޕީއެސްއައިޕީ ކޮސްޓް ވެލިއުގައި ހިންގައިގެން އެކަނި ރާއްޖެ ދަރަނިން ސަލާމަތް ކުރުމަކީ ކިހާ ރިއަލިސްޓިކް ވާހަކައެއްތޯ ސުވާލު އުފައްދައި ބަހުސް ކުރެވިދާނެ އެވެ. އެހެން ނަމަވެސް އެއީ ހަމައެކަނި އޮތް ޕްލޭން ނޫން ކަން ޖެހިގެން އައި ދުވަހު ހިނގި ކަންކަމުން މުޅި ދުނިޔެ އަށް ސާފުވެގެން ދިޔަ އެވެ.
އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑަވެސް އިޝާރާތެއް ނުކުރައްވައި ޖެހިގެން އައި ރޭ ރައީސް ހުންނެވީ ގަތަރުގެ ޝާހީ އާއިލާ އާ ގުޅުން އޮތް އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުނިން ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝިއަލް ސެންޓަރެއް ގާއިމް ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގަ އެވެ.
އިގްތިސާދީ ގޮތުން ނާޒުކު ހާލަތެއްގައި ރާއްޖެ އޮއްވާ 8.8 މަޝްރޫއެއް ފައްޓާ ވާހަކަ ބައިނަލްއަގުވާމީ މީޑިއާގެ ސަމާލު ކަމަށް ވެސް އައެވެ. އަދި ރިފޯމް ދޫ ކުރައްވައި ރައީސް ވިދާޅުވި ކަންކަމުގެ އިތުރުން ވެސް ފައިނޭންޝިއަލް ސެންޓަރެއް ގާއިމް ކުރުމަކީ ދަރަނި ދެއްކުމުގެ "ބެކަޕް ޕްލޭން" އެއް ކަމަށް އެ މީޑިއާތަކަސް ސަރުކާރުން ދެއްވި އިންޓަވިއުތަކުން ފާހަގަވެ އެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ "ފައިނޭންޝިއަލް ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގޮތުގައި ކުރިޔަށް އޮތް ދެ އަހަރު ތެރޭ ދައްކަން ޖެހޭ ބޮޑު ދަރަންޏަކީ ރާއްޖެ އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
"މި މަޝްރޫއު [ފައިނޭންޝިއަލް ސެންޓަރު] ވެގެން ދާނީ އަޅުގަނޑުމެންނަށް މިވަގުތު ހުރި އުނދަގޫތަކުން ނުކުތުމަށް ކޮންޓްރިބިއުޓް ކުރާނެ އެއް ކަންތަކަށް." އޭނާ ވިދާޅުވި އެވެ.
ފައިނޭންޝިއަލް ސެންޓަރު މަޝްރޫއުގެ ތެރެއިން ދަރަނީގައި "މަލަން އަޅަން" ސަރުކާރުން އުންމީދު ކުރި ނަމަވެސް އެ މަޝްރޫއު އޮތީ ފުރަތަމަ ދުވަހުން ފެށިގެން ބޮޑު ސުވާލު ފުންޏެއް ތެރޭގަ އެވެ. އަދި އެކަންކަމަށް ސަރުކާރު އަދިވެސް ތިބީ އެއްވެއް ޖަވާބެއް ނުދެއްވާ ހިމޭން ކަމެއްގެ ތެރޭގަ އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން އެންމެ ބޮޑަށް ސުވާލު އުފެދުނު ހިސާބަކީ އޭގެ އެއް އިންވެސްޓަރެއްގެ ގޮތުގައި ރައީސް އާ ބައްދަލު ކުރެއްވި ފަހަދް ސައުދު އަލްޝަލަން އަކީ ޕްރިންސްއެއް ކަމަށް ސަރުކާރުން ބުނުމެވެ. ނަމަވެސް އެ ވާހަކަ ގިނަ މީޑިއާތަކުން މިހާރު ޑިބަންކް ކޮށްފައިވާ އިރު އެ މަޝްރޫއުގައި ބައިވެރިވުމަށް ރައީސް އާ ބައްދަލު ކުރެއްވި އެހެން ފަރާތްތަކުގެ ކްރެޑިބިލިޓީ އާ މެދު ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.
މި މަޝްރޫއަކީ ބޮޑު "ސްކޭމެއް" ކަމާއި ރައީސް އާ ބައްދަލު ކުރެއްވީ "ކޮން އާޓިސްޓުން" ކަމަށް ބުނެ ބައެއް ހަގީގީ ވާހަކަތަކާއި ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ވެސް ދައުރު ކުރެ އެވެ. ސަރުކާރުން މިކަމަށް އެއްވެސް ރިއެކްޓެއް ނުކުރާތީ ކޮންމެ ވާހަކައެއް ފެތުރުމުގެ ދޮރު އޮތީ ހުޅުވިފަ އެވެ. އެއްވެސް ހަގީގަތެއް އަދި މަޝްރޫއުގެ ތަފްސީލެއް ވެސް ސަރުކާރުން ނުދެ އެވެ.
އެކަމާ ގުޅޭ އެހެން ވަރަށް ގިނަ ސުވާލުތައް ވެސް ކަމާބެހޭ ފަރާތްތަކުން އުފައްދަ އެވެ. މި ސަރަހައްދުގައި އިންޑިއާ އާއި މޮރިޝަސް އާއި އެހެނިހެން ފައިނޭންޝިއަލް ސެންޓަރުތައް ހުރި އިރު ރާއްޖެ އަށް ފައިނޭންޝިއަލް ސެންޓަރެއް ބޭނުންވޭތޯ އެވެ؟ ފައިނޭންޝިއަލް ސެންޓަރު ގާއިމް ކުރަން 8.8 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓެއް ގެނެވިދާނެ ހެއްޔެވެ؟ އަދި ދުނިޔޭގެ ކޮންމެ ފައިނޭންޝިއަލް ސެންޓަރެއްގައި ރިއަލް އެސްޓޭޓް ކޮމްޕޯނަންޓް އޮތް އިރު ރާއްޖޭގައި އެކަން ކުރުމަށް ގާނޫނީ ގޮތުން ހުރީ ކޮން ހުރަހެއްތޯ އެކަންކަމަށް ސަރުކާރުން އެޑްރެސް ކުރާނެ ގޮތެއް ވެސް ސާފެއް ނުވެ އެވެ.
އެނގޭހާ ވެސް ކަމަކީ ސަރުކާރުން ރިފޯމް ޕްލޭންތަކާ ދުރަށް ދިޔުމަކީ މި މަޝްރޫއު ކުރިމަތީ ފެންނަން އޮތުމުން ކަމަށްވުން ގާތެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގެ އިގްތިސާދު އެކަމަށް ބަރޯސާވާ ވަރުގެ ކަމެއްތޯ ކުރިޔަށް އޮތް ދުވަސްތަކުގައި އެނގިގެން ދާނެ އެވެ.