ހަބަރާއި މައުލޫމާތުން ސޯޝަލް މީޑިއާ ފުރި, ތެދާއި ދޮގު އަދި ގަސްތުގައި އޮޅުވާލަން ފަތުރާ ޕްރޮޕެގެންޑާތަކާއި އެޖެންޑާ ވަކިކުރަން ނޭނގޭ މިންވަރަށް މިސްއިންފޮމޭޝަން ފެތުރިފައި އޮތް ޒަމާނެއްގައި ކަމެއްގެ ހަގީގަތް ހޯދައި ބެލުމަކީ އާދައިގެ ރައްޔިތަކަށް ފަސޭހަ ކަމެއް ނޫނެވެ.
ސިޓިޒެން މީޑިއާއަކީ އެ ކަން ހައްލު ކުރުމުގެ ނިޔަތުގައި ޒުވާން ނޫސްވެރިންގެ ޓީމަކުން ފަށާފައިވާ ޒަމާނީ މީޑިއާ ޕްލެޓްފޯމެކެވެ.
އަސްލު މައްސަލަތަކަށް ފޯކަސްކޮށް، ފަރުދާގެ ފަހަތުގައި ހިނގާ ކަންކަމުގެ ފުނަށް ފީނައި ތަހުގީގު ކުރުމާއި އޮޅުންބޮޅުން ބޮޑު މައްސަލަތައް އާދައިގެ މީހާއަށް ވެސް ސާފުވާނެ ގޮތަށް ސިޓިޒެން އިން ތިލަކޮށްދޭނެ އެވެ. އަދި މިއީ އިތިސްނާއެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކީ ހަގީގަތް ފޯރު ކޮށްދޭނެ ޕްލެޓްފޯމެވެ.
ސިޓިޒެން މީޑިއާ މަސައްކަތް ކުރަނީ ކިހިނެތް؟
ކޮންމެ ދުވަހަކު އަންނަ އެތައް ހަބަރުތައް ފުންޏަކަށް ގެނެސްދިނުމާއި ބްރޭކިން ނިއުސްތަކުން ހާސްކޮށްލުމުގެ ބަދަލުގައި ސިޓިޒެންގެ އަމާޒަކީ މައްސަލަތަކުގެ ފުނަށް ވަދެ ކަންކަން މީހުންނަށް ފަހުމުކޮށްދިނުމެވެ. އަދި އެކަން ކުރާނީ ކިޔަން ބޭނުންވާ ފަރާތްތަކަށް ތަފްސީލީ ދިގު ރިޕޯޓުތަކެއްގެ ގޮތުގަ އާއި ކުރު އެކްސްޕްލެއިނާ ވީޑިއޯ ސްޓައިލަށް އަދި ހަމައެކަނި އަޑު އަހާލަން ބޭނުންވާ ފަރާތްތަކަށް ޕޮޑްކާސްޓްގެ ޒަރިއްޔާ އިންނެވެ.
ސިޓިޒެން މީޑިއާ އަށް ފަންޑު ކުރަނީ ކޮން ބައެއް؟
ސިޓިޒެމް މީޑިއާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ހައްލު ގެނެސް މިނިވަން ނޫސްވެރިކަމެއް ކުރުމުގެ މަގްސަދުގައި އުފައްދާފައިވާ މީޑިއާއެކެވެ. އެހެންވެ މީޑިއާ އުފައްދާފައި ވަނީ އެއްވެސް ސިޔާސީ މީހެއް ނުވަތަ ވިޔަފާރިވެރިއެއްގެ އެހީއާ ނުލަ އެވެ.. އޭގެ ބޭނުމަކީ ސިޓިޒެން އިން ގެނެސްދޭ ކޮންޓެންޓުގެ މިނިވަންކަމަށް އެއްވެސް އަސަރެއް ނުކުރާ ގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔުމެވެ.
މީޑިއާ ހިންގަން ފައިސާ ހޯދާނީ ކިހިނެތް؟
ސިޓިޒެން މީޑިއާ އިން އާމްދަނީ ހޯދަން ގަސްތު ކުރަނީ މި މީޑިއާގެ އެޑިޓޯރިއަލް ޕޮލިސީ އާ ހިލާފު ނުވާ ގޮތަށް އުފައްދާ އެޑްވަޓޯރިއަލް ކޮންޓެންޓުންނެވެ. މި މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެއީ ގެނެސްދޭ އެއްވެސް ކޮންޓެންޓަކަށް ނުފޫޒު ފޯރުވޭނެ ޒަރިއްޔާއަކަށް ނުވުމަކީ ސިޓިޒެން އިން ކަށަވަރު ކުރާނެ އެންމެ މުހިންމު އެއް ހަމަ އެވެ. އޭގެ އިތުރުން އިންޓަނޭޝަނަލް ތަފާތު ފަންޑުތަކުންނާއި ކުރިޔަށް އޮތްތަނުގައި ހުޅުވާލާ މެންބަޝިޕްގެ ތެރެއިން އާންމުންނަށް ވެސް ސިޓިޒެން އަށް ފަންޑު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އޭގެ ބޭނުމަކީ ވަކި ކޮޅަކަށް ބުރަ ނުވާ, ކޮލިޓީ ނޫސްވެރިކަމުގެ ސަގާފަތެއް ރާއްޖޭގައި އުފެއްދުމެވެ.
ސިޓިޒެން އިން އަމަލުކުރާނެ ހަމައަކީ ކޮބާ؟
ސިޓިޒެން މީޑިއާގެ މައިގަނޑު ތަރުތީބު އޮންނާނީ އިސްލާމް ދީނު ތަރަހައިގެ ތެރެއިން ތެދު ހޯދާއި ތެދު ރިޕޯޓް ކުރުމުގެ ތެރޭގަ އެވެ. އަދި އެ ތަރުތީބުގެ ރޫހަކީ އެންމެނަކީ އިހުތިރާމް ލިބުން ހައްގު ބައެއް ކަމުގައި ދުށުމާއި ރައްޔިތުންނަށް ކަންކަން އެންގުން ފިޔަވައި އިތުރު މަސްލަހަތެއް ނެތުމެވެ.